ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތާ ހަތަރު މަސްދުވަސް ވީއިރު އެންމެގިނައިން އިވޭ އެއް އަޑަކީ ޞިއްޙީ ނިޒާމުތަކަށް ބުރަ ނުވާނެ ގޮތަކަށް މިބަލީގެ ގުދު ތިރިކުރުމުގެ ނުވަތަ ކަރވް ފްލެޓްކުރުމުގެ މުހިއްމު ވާހަކައެވެ. ދައުލަތަށް ނުތަކާ މިންވަރެއްގައި ކަރވް މައްޗަށް އަރައިގެން ދިޔަ ނުދިނުމަށްޓަކައި އެކިޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއި އެފިޔަވަޅުތަކަށް ރައްޔިތުން ބޯލެނބުން މުހިއްމު ވާހަކައެވެ. މިމަޒްމޫނުގައި އެޕިޑެމިކް ކަރވް އަކީ ކޮބާކަމާއި އެކަރވްއިން ފޯރުކޮށްދޭ މުހިއްމު ބައެއް މެސެޖް ޙިއްޞާ ކޮށްލާނަމެވެ.
އެޕިޑެމިކް ކަރވްއަކީ ކޮބާ؟
އެޕިޑެމިކް ކަރވްއަކީ ތަނެއްގައި ބަލި ފެތުރިގެން ދާގޮތާއި މިންވަރު ދެނެގަތުމަށް ބޭނުންކުރާ ވަރަށް މުހިންމު ވަޞީލަތެކެވެ. ބަލިމަޑުކަމެއް ފެތުރިގެންދާއިރު ވަކި މުއްދަތަކަށް ނުވަތަ ވަގުތަކަށް ލަފާ ކޮށްގެން ބަލިޖެހޭ މީހުންގެ ޢަދަދު ގްރާފަކުން ނުވަތަ ގްރާފްތަކަކުން ދައްކުވައިދެއެވެ. ގްރާފްގެ ހުރަހަށް އޮންނަ ރޮގުގައި ވަގުތު ނުވަތަ މުއްދަތު ދައްކުވައިދޭއިރު ބަލިޖެހޭ މީހުންގެ ޢަދަދު ޖަހާފައި ހުންނަނީ އޮލަނބަށް ހުންނަ ރޮގުގައެވެ. މިގްރާފްގައި ވަގުތުގެ ގޮތުގައި ބަލި ރިޕޯޓް ކުރާދުވަސް ނުވަތަ ބައްޔަށް ފައްސިވާ ދުވަސް ނުވަތަ ބަލީގެ އަލާމާތް ފެންނަން ފަށާ ވަގުތު(ގަޑި، މިނެޓް، ދުވަސް)ވެސް ބޭނުން ކުރެއެވެ. އަދި ކޮންމެދުވަހަކު ނުވަތަ ގަޑިއަކު ބަލިވާ މީހުންގެ ޢަދަދު ގްރާފްގައި ފާހަގަ ކުރެއެވެ. ތިރީގައި އެވަނީ ކޯވިޑް-19ބަލީގެ ދިވެހިރާއްޖޭގެ އެޕިޑެމިކް ކަރވްއެވެ.
(ފިގަރ 1: ކޯވިޑް-19 ބަލީގެ ދިވެހިރާއްޖޭގެ އެޕިޑެމިކް ކަރވް (މައުލޫމާތު ނަގާފައިވަނީ މިނިސްޓްރީ އޮފް ހެލްތްގެ ކޯވިޑް- 19 ޑޭޝްބޯޑުންނެވެ.)
އެޕިޑެމިކް ކަރވްއަކުން އަންގައިދެނީ ކޮން އެއްޗެއް؟
އެޕިޑެމިކް ކަރވުން އެބަލިމަޑުކަމެއް ފެތުރިފައިވާ މިންވަރު (މެގްނިޓިއުޑް) ދައްކުވައިދެއެވެ. މިސާލަކަށް ރާއްޖޭގައި މިހާތަނަށް ބަލިޖެހިފައިވަނީ ކިހާ މީހުންނަށްކަމާއި އޭގެ މަދު ގިނަ މިންވަރު ބުނެދެއެވެ. އަދި ދުވަހުން ދުވަހަށް ނުވަތަ ހަފްތާއިން ހަފްތާއަށް ބަލި އިތުރުވަމުންދާ މިންވަރުވެސް ދައްކުވައިދެއެވެ. މީގެ އިތުރުން ބަލިމަޑުކަން ފެތުރިގެންދާ ގޮތް ވެސް ދައްކުވައިދެއެވެ. މިސާލަކަށް ބަލި އިތުރަށް ފެތުރޭނަމަ ނޫނީ މަޑުޖެހިފައިއޮތްނަމަ ނޫނީ ބަލިޖެހޭ ޢަދަދު މަދުވެގެންދާނަމަ އެކަންއަންގައި ދެއެވެ. ބަލިޖެހޭމީހުންގެ އުމުރު ނުވަތަ ޖިންސް ނުވަތަ ދިރިއުޅޭ ރަށްރަށް ވަކިވާގޮތަށް އެޕިޑެމިކް ކަރވް ކުރަހައިފިނަމަ ބަލި ޖެހެމުންދަނީ އެންމެ ގިނައިން ކޮން ޢުމުރެއްގެ މީހުނަށްތޯ ނުވަތަ ކޮން ޖިންސެއްގެ މީހުންނަށްކަންވެސް ބެލެއެވެ. މީގެ އިތުރުންވެސް އެޕިޑެމިކް ކަރވް ބޭނުންކޮށްގެން ބަލީގެ ވައިރަހަށްމީހަކު ހުށަހޮޅުމާއި ބަލީގެ ޢަލާމާތްތައް ފެނުމާއި ދެމެދުގައިވާ މުއްދަތު (ބަލީގެ އިންކިއުބޭޝަން ޕީރިއަޑް) އަށް ބަލާ ބައްޔަށް ހުށަހޮޅުނު ޛަރީޢާ (ގޮތް ނުވަތަ ތަނެއް) ވެސް ލަފާކުރެވިދާނެއެވެ. ބަލިޖެހޭގޮތް ނުވަތަ ޛަރީޢާދެނެގަނެވުމުން ދުރާލާ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އަޅައި ތައްޔާރުވުމަށް ވަގުތު ލިބިގެންދެއެވެ.
އެކި ގޮތްގޮތަށް ޖެހޭ ބަލިތަކުގެ އެޕިޑެމިކް ކަރވްގެ ތަފާތު:
ގައިންގަޔަށް އަރާ ބަލި ފެތުރެނީ މައިގަނޑު ތިން ގޮތަކަށެވެ. ފުރަތަމަ ގޮތަކީ ކާ އެއްޗަކުން ނުވަތަ ހުށަހޮޅޭ ވިހަ މާއްދާއެއްގެ ސަބަބުން އެއެއްޗަކަށް ހުށަހޮޅުނު މީހުންގެތެރޭ ބަލިފެތުރޭ ފެތުރުމެކެވެ. ނުވަތަ ޕޮއިންޓް ސޯސް އައުޓްބްރޭކްއެވެ. މިފަދައިން ފެތުރޭ ބަލިތަކުގެ އެޕިޑެމިކް ކަރވް ހުންނާނީ ފިގަރ 2 ގައި އެވާ ގޮތަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބަޔަކަށް ބަލިޖެހި އެކަމަކަށް ހުށަހޮޅުނު އެންމެން ނުވަތަ ގިނަމީހުން އެބަލިމަޑުކަމުން އަރައިގަނެވިފައެވެ. މިފަދައިން ފެތުރޭ ބަލިތަކުގެ ކަރވް ގިނަ ފަހަރަށް ދެމިގެންދަނީ އެއް އިންކިއުބޭޝަން ޕީރިއަޑްގެ މުއްދަތަށެވެ.
ދެވަނަ ގޮތަކީ ދިގު މުއްދަތަކަށް ދެމިގެންދާގޮތަށް ވަކިއެއްޗަކަށް ނުވަތަ މާއްދާއަކަށް ހުށަހޮޅިގެން ބައެއްގެ ތެރޭގައި ފެތުރޭ ބައްޔެވެ. ނުވަތަ ކޮމަންސޯސް އައުޓްބްރޭކްއެވެ. މިސާލަކަށް ނުސާފު ފެން ބުއިމުގެ ސަބަބުން މުޖުތަމަޢުއެއްގައި ކޮލެރާ ފަދަ ބައްޔެއް ފެތުރިއްޖެނަމަ އެކަން ދެނެގަނެވި ރައްކާތެރި ބޯފެން ލިބި ޞިއްޙީ ފަރުވާލިބެންދެން ބަލިމަޑުކަން ފެތުރި ދިގުލައިގެންދެއެވެ. މިގޮތަށް ވަކިއެއްޗަކުން ނަވަތަ މާއްދާއަކަށް ހުށަހޮޅިގެން ފެތުރޭ ބަލިތަކުގެ އެޕިޑެމިކް ކަރވް ހުންނާނީ ފިގަރ 3ގައިވާ ގޮތަށް އެއް އިންކިއުބޭޝަން ޕީރިއަޑް އަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންގޮސްފައެވެ.
ތިންވަނަ ގޮތަކީ ހަށިގަނޑުގައިވާ ތެތްކަން މެދުވެރިވެގެން ނުވަތަ މަދިރިފަދަ ސޫތްޕަކުން ނުވަތަ ބޭނުން ކުރާ ސާމާނުން އެކަކުގެ ގައިން އަނުކަކުގެ ގަޔަށް އަރާ ބަލިތަކެވެ. ނުވަތަ ޕްރޮޕަގޭޓަޑް އައުޓްބްރޭކްއެވެ. މިފަދަ ބަލިތަކުގެ އެޕިޑެމިކް ކަރވް ހުންނާނީ ކޮންމެ ދެއިންކިއުބޭޝަން ޕީރިއަޑް ދެމެދު ބަލިޖެހޭ މީހުންގެ އަދަދު މައްޗަށް އަރައިގެން ދިއުމަށްފަހު އަދަދު ދަށްވާގޮތަށް ތަކުރާރުވަމުންދާ ކަރވްއެއްގެ ގޮތުގައެވެ. ފިގަރ 4އަދި ފިގަރ 1ގައިވާ ކޯވިޑް-19 ގެ ކަރވް އަކީ މިދެންނެވިފަދަ ކަރވްއެވެ. މިގޮތަށް މައްޗަށް އަރާ ތިރިޔަށް ފައިބާ ކޮންމެ ބުރަކަށް ކިޔަނީ އެއް ޖެނެރޭޝަންއެވެ. މިފަދަ ޖެނެރޭޝަންތަކަކަށް ކަރވް ދެމިގެންގޮސްފައި ބަލިމަޑުކަމުން ސަލާމަތްވަނީ ގިނަ ބަޔަކަށް އެބަލީގެ ރައްކާތެރިކަން ވެކްސިން އަކުން ލިއްބައިދީގެން ނުވަތަ އެބަލި ޖެހިފަސޭހަ ވެގެންނާއި(ހަރޑް އިމިއުނިޓީ ލިބުމުން) ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާ އަވަސް އަދި ހަރުދަނާފިޔަވަޅު ތަކެއްގެ ސަބަބުންނެވެ.
އެޕިޑެމިކް ކަރވްއަށް ބަދަލު ގެނެވިދާނެތަ؟
ބައްޔެއްގެ އެޕިޑެމިކް ކަރވްއަށް ބަދަލު ގެނެވޭއެއްގޮތަކީ ބަލި ދެނެގަތުމަށް ކަނޑައަޅާ މިންގަނޑު ނުވަތަ “ކޭސް ޑެފިނިޝަން” އަށް ބަދަލު ގެނައުމުންނެވެ. ޗައިނާގައި ކޯވިޑް-19 ފެތުރިގެން ދިޔަ ދުވަސްވަރު،7 ފަހަރެއްގެ މަތިންވަނީ ބައްޔަށް ފައްސިވާ މީހުން ދެނެގަތުމަށް ބޭނުންކުރި މިންގަނޑަށް އެގައުމުގެ ނެޝަނަލް ހެލްތް ކޮމިޝަނުން ބަދަލު ގެނެސްފައެވެ (ޓްސޭންގް .ޓީ.ކޭ އީޓީއެލް 2020). އަދި މިއިން ކޮންމެ ބަދަލަކާ ގުޅިގެން ރިޕޯޓް ކުރެވުނު ބަލިޖެހުނު މީހުންގެ ޢަދަދަށް ބަދަލު އައިސްފައިވާކަމަށް މަތީގައި ދެންނެވި ރިސަރޗުން ދައްކާފައިވެއެވެ. މީގެ މާނައަކީ މިންގަނޑަށް އަންނަ ކޮންމެ ބަދަލަކާއެކު އެޕިޑެމިކް ކަރވްވެސް ބަދަލު ވެގެންދާނެ ކަމެވެ. ބައްޔެއްގެ އެޕިޑެމިކް ކަރވްއަށް ބަދަލު ގެނެވޭ އަނެއްގޮތަކީ ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކާއި އެފިޔަވަޅުތަކަށް ރައްޔިތުން ޢަމަލު ކުރާ މިންވަރެވެ. މީގެ ތެރޭގައި ބައްޔަށް ޓެސްޓްކުރާ މިންވަރު އިތުރުވުމާއި، ބަލި ރިޕޯޓްކުރާ މިންވަރު މަތިވުމާއި، ބަލިން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަ މިންވަރު ހިމެނެއެވެ. ކޯވިޑް-19 އާ ގުޅިގެން ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ތައްޔާރު ކުރެއްވި ރެޕިޑް ރެސްޕޮންސް ޕްލޭންގައި މައިގަޑު ހަތަރު ކަމެއް ކުރުމަށް، ޤައުމުތަކަށް ލަފާ އަރުވާފައިވެއެވެ(ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ، 2020). އެއީ
ހ. އެކަކު ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރުން މަދު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައް (މިސާލަކަށް މީހުން ހޭލުންތެރި ކުރުވުމާއި، ކަމާބެހޭމީހުން ތަމްރީނު ކުރުމާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް ތައްޔާރު ކުރުންފަދަ ކަންކަން)
ށ. ބަލިޖެހޭ މީހުން ހޯދާ އެކަހެރިކޮށް ފަރުވާ ދިނުން (މިސާލަކަށް ކޭސް ބޭސްޑް އަދި އެކްޓިވް ސަވެއިލަންސް ބޭނުންކޮށްގެން ބަލިޖެހިދާނެ ފަދަމީހުން ހޯދުމާއި ކޮންޓެކްޓް ޓްރޭސިންގ ހެދުމާއި މީހުން ކަރަންޓީނު ކުރުމާއި، އެމީހުން މޮނިޓަރ ކުރުން)
ނ. ލެބޯޓަރީ ޓެސްޓް ކުރެވޭ މިންވަރު އިތުރު ކުރުން
ރ. ޕަރސަނަލް ޕްރޮޓެކްޓިވް ސާމާނު އަދި ބޭސް ފަދަ ތަކެތި ހޯދުން
ފިގަރ 5ން ދައްކުވައިދެނީ ޗައިނާގައި ފުރަތަމަ ފަހަރަށް ކޯވިޑް-19 ރިޕޯޓް ކުރެވުނު ތާރީޚުން ފެށިގެން އެކިގައުމުތަކުގައި އެބަލީގެ ފުރަތަމަމީހާ ރިޕޯޓްކުރި ދުވަހާ ދެމެދު ވީ މުއްދަތެވެ. އޭޕްރިލް 2020ގެ ނިޔަލަށް ލިބެންހުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޯވިޑް-19 ބަލިން އެކިޤައުމުތަކަށް ރައްކާތެރި ވެވުނީ 43 ދުވަހާއި 100 ދުވަހާ ދެމެދުގެ މުއްދަތަކުންނެވެ. ރާއްޖެއަށް ކޯވިޑްބަލި އައިސްފައިވަނީ ދުނިޔޭގައި އެބަލި ފެތުރެން ފެށިތާ 90 ދުވަސް ނުވަތަ ތިންމަސް ދުވަސް ފަހުންނެވެ. މިއިން ދައްކުވައިދެނީ އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ހަރުދަނާކަމެވެ.
ފިގަރ 5: ޗައިނާގައި ފުރަތަމަ ފަހަރަށް ކޯވިޑް-19 ރިޕޯޓް ކުރެވުނު ތާރީޚުން ފެށިގެން އެކިގައުމުތަކުގައި އެބަލީގެ ފުރަތަމަ މީހާ ރިޕޯޓްކުރި ދުވަހާ ދެމެދު ވީ މުއްދަތު (މަޢުލޫމާތު ނަގާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ކޯވިޑް-19 ސިޓުއޭޝަން ރިޕޯޓްތަކުންނެވެ.)
މީގެ އިތުރުންރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެންމެ ގިނައިން މީހުންކޯވިޑް-19 ބައްޔަށް ޓެސްޓް ކުރާ ޤައުމެވެ. ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ބަލާއިރު، ބަހުރެއިން، މޮރިޝަސް އާއި ސިންގަޕޫރަށްފަހު އެންމެ ގިނައިން މީހުން ޓެސްޓް ކުރާ ޤައުމަކީވެސް ރާއްޖެއެވެ (ޓޭބަލް 1). ގިނައިން ޓެސްޓް ކުރާ މިންވަރަކަށް ބަލިޖެހިފައިވާ މީހުން ފެންނަ ޢަދަދު ގިނަ ކުރެވި، އެމީހުންގެ ފަރާތުން ބަލިޖެހިދާނެ އިތުރު މީހުން ހޯދުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އަދި ބަލި ފެތުރުން ކުޑަކުރެވެއެވެ.
ޓޭބަލް 1: އޭޕްރިލް 2020 އާ ހަމަޔަށް ކޯވިޑް-19 ގެ ތަފާސް ހިސާބް (ވަރލްޑޯމީޓަރ ގެ ވެބްސައިޓުން ނަގާފައިވާ މައުލޫމާތު)
ފިގަރ 6 ގައިއެވަނީ 2017 ވަނަ އަހަރު ދިވެހިރާއްޖެ ތަޖުރިބާކުރި އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަންގެ އައުޓްބްރޭކްގެ އެޕިޑެމިކް ކަރވްއާއި 2020ވަނަ އަހަރުގެ ކޯވިޑް-19ގެ އެޕިޑެމިކް ކަރވްއެވެ. މިއިން ހާމަކޮށްދެނީ ބަލިން ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ އަދި އެފިޔަވަޅުތަކަށް މީހުން ބޯލަބާނަމަ، ގައިން ގަޔަށް އަރާ ބަލިތަކަކީވެސް ޞިއްޙީ ނިޒާމަށް ތަޙައްމަލު ކުރެވޭ ވަރެއްގައި ބަލީގެ އެޕިޑެމިކް ކަރވް ހިފެހެއްޓިދާނެ ބަލިތަކެއް ކަމެވެ. އަދި ގިނަ ބަޔަކު ބަލިން ރައްކާތެރި ކުރެވިދާނެ ކަމެވެ.
ފިގަރ 6: 2017 ވަނަ އަހަރު ދިވެހިރާއްޖެ ތަޖުރިބާކުރި އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަންގެ އައުޓްބްރޭކްގެ އެޕިޑެމިކް ކަރވް އަދި 2020ވަނަ އަހަރުގެ ކޯވިޑް-19ގެ އެޕިޑެމިކް ކަރވް. (މައުލޫމާތު ނަގާފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިންނެވެ.)
ބަލިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން މިހާތަނަށް އެޅުއްވި ފިޔަވަޅުތަކާ ރައްޔިތުން އެފިޔަވަޅުތަކަށް މިހާތަނަށް އަމަލުކޮށްފައިވާ މިންވަރުން، ރާއްޖޭގެ އެޕިޑެމިކް ކަރވް، ވޭތުވެ ދިޔަ 73 ދުވަހުވަނީ ވަރަށް ތިރީގައި ހިފެހެއްޓިފައެވެ. ކޯވިޑް-19 ފަދަ ގައިންގަޔަށް އަރާ ބަލިތަކުގެ އެޕިޑެމިކް ކަރވްއަކީ ގިނަ ޕީކްތަކަކުން (މަލްޓިޕަލް ޕީކް) ބަލިމަޑުކަން ނިމިގެންދާނެ ބަލިތަކެކެވެ. ރާއްޖޭގެ އެޕިޑެމިކް ކަރވްގެ އެންމެ މަތީ ޢަދަދުތައް (ޕީކްތައް) މަތިވާނީ ނުވަތަ ދަށްކުރެވޭނީ ކިހާ މިންވަރަކަށްކަން ބަރޯސާވާނީ ރައްޔިތުންގެ އުޅުމާއި ޢަމަލުތަކުގެ މައްޗަށެވެ. ވީމާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާ އަޑުއަހައި އެއަށް ޢަމަލު ކުރުން ވަރަށް މުހިންމެވެ. ގިނަގިނައިން އަތް ސާފުކޮށްދޮވެ، ކޮންމެހެން ގެއިން ނިކުންނަން ޖެހޭ ޙާލެއްގައި ނޫނީ ބޭރަށް ނުގޮސް، ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައިވެސް ވީހާވެސް ބޮޑަށް ގައިދުރުކަން ބަހައްޓައިގެން އުޅެން އާދަކޮށްގެން މެނުވީ އެޕިޑެމިކް ކަރވްގެގުދު ތިރިކޮށެއް ނުބޭއްވޭނެއެވެ.
*****************************************
ޙަވާލާ ލިސްޓު:
މިނިސްޓްރީ އޮފް ހެލްތް.(2020).ކޯވިޑް-19 ޑޭޝްބޯޑް،ނެގީ https://covid19.health.gov.mv/en/ ން
ޓްސޭންގް .ޓީ.ކޭ އީޓީއެލް.(2020). އިފެކްޓް އޮފް ޗޭންޖިންގ ކޭސް ޑެފިނިޝަންސް ފޮރ ކޯވިޑް-19 އޮން ދަ އެޕިޑެމިކް ކަރވް އެންޑް ޓްރާންސްމިޝަން ޕެރެމީޓަރސް އިން މެއިންލަންޑް ޗައިނާ، ދަ ލެންސަޓް ޕަބްލިކް ހެލްތް،5. ނެގީ
ންhttps://doi.org/10.1016/S2468-2667(20)30089-X
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ. (2020). ޑިޒީޒް ސަރވެއިލަންސް ޑޭޓާ.
ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ.(2020).ކޯވިޑް-19 ސްޓްރެޓެޖިކް ޕްރިޕެއަރޑްނަސް އެންޑް ރެސްޕޮންސް ޕްލޭން. ނެގީhttps://www.who.int/docs/default-source/coronaviruse/covid-19-sprp-unct-guidelines.pdf?sfvrsn=81ff43d8_4ން
ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ.(2020).ކޯވިޑް-19 ސިޓުއޭޝަން ރިޕޯޓް، ނެގީhttps://www.who.int/emergencies/diseases/novel-coronavirus-2019/situation- ންreports/?gclid=EAIaIQobChMIhJHIp9u86QIVmKuWCh1sqw4lEAAYASABEgL_t_D_BwE
ވަރލްޑޯމީޓަރ. (2020). ރިޕޯޓަޑް ކޭސަސް އެންޑް ޑެތްސް ބައި ކަންޓްރީ، ޓެރިޓަރީ،އޯ ކޮންވެޔަންސް،ނެގީ