ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކޮށް ރަސްމީ ޙަފްލާއެއް ބާއްވައިފި

މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ ރަސްމީ ޙަފްލާ މިޔަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓުރޭޝަން އޮޑިޓޯރިއަމްގައި ބާއްވައިފިއެވެ. މިހަފްލާގެ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުއްﷲ ނާޠިމް އިބްރާހިމްއެވެ.

މި ޙަފްލާގައި ޞިއްޙަތާބެހޭ ވުޒާރާއާއި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔުނިއަންގެ އިތުރުން އެކި ކޮލެޖްތަކުގެ ދަރިވަރުންގެ ޖަމްޢިއްޔާތަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މިފަދަ ހަރަކާތެއްގައި ދަރިވަރުން އިސްވެ އުޅުމަކީ ޤައުމެއްގެ މުސްތަޤްބަލް ބައްޓަން ކުރުމުގައި އެޅިގެންދާނެ ވަރަށްވެސް މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ދަށުން ލޭ ހަދިޔާކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި އަންނަނިވި ކަންތަށްތައް އެކުލެވިގެންވޭ:

  1. ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، އުގަންނައިދިނުމުގެ ތެރެއިންނާއި، އާންމުންގެ އެއްބާރުލުން ހޯދައިގެން ހިލޭސާބަހަށް ލޭ ހަދިޔާކުރުމަށް އެހީތެރިވެ، އެކަން ކުރިއެރުވުމަށް މަސައްކަތްކުރުން
  2. އަޅުގަނޑުމެންގެ މެންބަރުންނާއި، މުވައްޒަފުންނާއި، އަދި މުޖުތަމަޢުގެ އެހެން ފަރާތްތައް ގަވާއިދުން ހިލޭސާބަހަށް ލޭ ހަދިޔާކުރާ ބަޔަކަށް ހެދުމަށް ހިތްވަރުދިނުން
  3. ލޭ ހަދިޔާކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ޤައުމީ އިދާރާތަކާއި ކަމާގުޅޭ ޖަމްޢިއްޔާތަކާއެކު މަސައްކަތްކުރުން
  4. ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތަށްޓަކައި ހިލޭސާބަހަށް ލޭ ހަދިޔާކުރާ މީހުންގެ އަގުވަޒަންކުރުން
  5. ލޭ ބޭނުންވާ އެންމެންނަށް ރައްކާތެރި، އިތުބާރުހުރި އަދި އެކަށީގެންވާ މިންވަރަށް ލޭ ލިބޭކަން ކަށަވަރުކުރުމަށް އެކި ދާއިރާތަކާއި މުޢައްސަސާތަކާއެކު މަސައްކަތްކުރުން

މިނިސްޓަރ އޮފް ހެލްތް ޢަބްދުއްﷲ ނާޠިމް އިބްރާހިމް ވާހަކަފުޅުގައި މި ކެމްޕޭންގެ ސަބަބުން ލޭ ހަދިޔާކުރާ މީހުންގެ އަދަދު އިތުރުވެ، ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ލޭ ލިބުމުގެ ދަތިކަން ކުޑަވެގެންދާނެ ކަމަށްވިދާޅުވިއެވެ. އަދި މިއީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރެވޭނެ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.

Related Posts