ސައިންސް އުނގެނޭނީ އަދި އުނގަންނައިދޭނީ ކިހިނެއް؟

Maldives National University > Teaching and Learning > ސައިންސް އުނގެނޭނީ އަދި އުނގަންނައިދޭނީ ކިހިނެއް؟

ސައިންސް ކިޔެވުމުގެ މުހިންމު ކަން އަދުގެ ދުނިޔޭގައި ވަރަށް ރަނގަޅަށް ހާމަވަމުން އެބަދެއެވެ. ކޮވިޑް-19ގެ އާލަމީ ވަބާ ބޮޑުވަމުން ގޮފިފަޅަމުން އާންމުދިރިއުޅުމަށް އަސަރުކުރުވަމުން ދާއިރު، ދުނިޔެއަށް ދިމާވެފައިވާ މޫސުމީ ބަދަލުުތަކުންދިމާވާ ކާރިސާތަކާމެދު އެންމެން ކަންބޮޑުވުން ބޮޑުވާާއިރު، ޓެކްނޮލޮޖީގެ ކުރިއެރުންތައް ހަލުވިކަމާއެކު ދުނިޔެއަށްފެތުރި ފުޅާވާއިރު، އެކަންކަމަށްް ފަރުދީ ގޮތެއްގައި، އެއް ރައްޔިތެއްގެ ގޮތުގައި އަދި އެއްގައުމެއްގެ ގޮތުތައި އަމަލުކުރުން މިއަދުވަނީ އަހަރުމެނަނަށް ލާޒިމުވެފައެވެ. ކުދި ބޮޑު އެންމެނަށްވެސް މިއަދު މައުލޫމާތުހޯދާ ލިބިގަތުމުގެ ގޮތްތައް ތަނަވަސްވެފައިވާއިރު، އެމައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން ވަނީ މުހިންމުވެފައެވެ. އެހެނީ އެމައުލޫމާތަކީ މިއަދު އަހަރުމުންގެ ދިރިއުޅުން ބައްޓަންކުރުމުގެ ސަމުގާއަށްވީ ހިނދު އެމައުލޫމާތަކީ ތެދު، ސައްހަ މައުލޫމާތުކަން ޔަގީންކޮށްގެން ނޫނީ އެމައުލޫމާތުގެ އަލީގައި ކުރެވޭ އަމަލުތައް ރަނގަޅެއް ނުވާނެއެވެ. މިގޮތުން ސައިންސްގެ މައުލޫމާތާއި، ސައިންސް އުނގެނުމުން ލިބިދޭ ހުނަރުތަކުން މިފަދަ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް އަހަރުމެނަށް ގާބިލިއްޔަތުކަން ލިބިގެންދެއެވެ.

ސައިންްސް އުނގެނުމުން ދަސްވާ މައުލޫމާތަށްވުރެ، ސައިންސްއިން އަށަގަނުމާ ހުނަރުތަކަކީ އަދުގެ ދުނިޔޭގައި ނިހާޔަތަށް މުހިންމު ހުނަރުތަކެކެވެ. އެހެނީ ސައިންސްވެރިން އަހަރުމެންނާ ހިސާބަށް ފޯރުކޮށްދީފައިމިވާ މައުލޫމާތު އެއްކުރީ މިފަދަސިފަތަކާއި ހުނަރުތައް ބޭނުންކޮށްގެންނެވެ. މި ހުނަރުތަކަކީ ސައިންސްގެ މުގުލެވެ. އެހެންކަމުން މިހުނަރު ތަކަކީ އަދުގެ އަސާސީ ތައުލީމުގެ ސައިންސް މަންހަޖުތަކުގައި މުހިންމުކަމެއްދީގެން ދަރިވަރުންނަށް އުނގަންނައިދެވޭ އެންމެ ހަރުދަނާ އަދި ބޭނުންތެރި ފިލާވަޅުތަކަށްވަނީވެފައެވެ. މިހުނަރުތަކުގެ ސަބަބުން ދަރިވަރުންނަށް ސާނަވީ އަދި މަތީ ސަނަވީ މަރުހަލާތަކުގައި ސައިންސް އުނގެނުމަށް މަގުފަހިވެގެންދެއެވެ. އަދި، މިހުނަރުތަކަކީ ސައިންސް އުނގެނުމުން ދަސްވާ ހުނަރުތަކަކަށްވީ ނަމަވެސް މިހުނަރުތަކަކީ ހުރިހާ ދާއިރާއެއްގައި ބޭނުން ހިފޭނޭ އަގުހުރި ހުނަރުތަކެކެވެ.

މިހުނަރުތަކަކީ ކޮބާހެއްޔެވެ؟ މިހުނަރުތައް ބެހިގެންދަނީ ދެބަޔަކަށެވެ. ފުރަތަމަ ބަޔަކީ އަސާސީ ސައިންސް ހުނަރުތަކެވެ. ދެވަނަބަޔަކީ ގުޅިފައިވާ ސައިންސް ހުނަރުތަކެވެ. އަސާސީ ހުނަރުތަކުގެ ތެރޭގައި، އޮބްޒާވްކުރުން(ބެލުން)، ކްލެސިފައިކުރުން(ގިންތިކުރުން)، މެޝާ ކުރުން (މިނެކިރުން)، އަދި ޕްރެޑިކްޓް ކުރުން (ލަފާކުރުން) ހިމެނެއެވެ. ގުޅުންހުރި ހުނަރުތަކުގެ ތެރޭގައި އެންމެ މުހިންމު ހުނަރަކީ އިންވެސްޓިގޭޝަން (ތަހުލީލު ކޮށް ދިރާސާ ކުރުމުގެ) ހުނަރެވެ. މިހުނަރަކީ ކުދިކުދި ތަފާތު އަސާސީ ހުނަރުތަކަކުން އެކުލަވާލެވިފައިވާ، އަދި ދަސްވާ ހުނަރެކެވެ. މައުލޫމާތުގެ އަލީގައި ލަފާކުރުން، މަންސަތައް ފާހަގަކޮށް އޭގައި ހުރި ގުޅުންތައް ފާހަގަކުރުން، ދިރާސާ ކުރުމަށް ރޭވުން، މައުލޫމާތު އެއްކޮށް، މިންކޮށް، މާނަކޮށް، ނަތިޖާ ނެރުން، އަދި ނަތިޖާގެ މާނަ ދޭހަކޮށް އެއިން އަސަރުފޯރުވާ ކަންމަށް ބަހުސްކުރުން ހިމެނެއެވެ. ސައިންސް އުނގަންނައިދިނުމުގެ މާހިރުން ފާހަގަކުރާގޮތުގައި މިހުނަރުތައް ދެމިހުންނަގޮތަކަށް، އަދި ގުޅުންހުންނަ ގޮތަކަށް ސައިންސް ފިލާވަޅުތަކުގެ މައުލޫމާތާ ގުޅުވައިގެން ގެންދިޔުމުން މިހުނަރުރުތައް ދަރިވަރުންގެ ކިބައިގައި އަށަގަނުވައި، އެމައުލޫމާތުތަށް ހަރުދަނާ ގޮތެއްގައި ދަސްވެއެވެ. މިގޮތުން ސައިންސްގެ ފިލާވަޅުތަކަކީ އަމަލީ ފިލާވަޅުތަކަކަށް ވެދެއެވެ.

ވީމާ، ސައިންސް އުނގަންނައިދިނުމުގެ ހުރިހާ ފިލާވަޅެއްގައި ވެސް މިހުނަރުތަކަށް ރިއާޔަތް ކުރުން މުހިންމުވެގެން ދެއެވެ. މިފަދަ ހުނަރުތަކާ ގާބިލިއްޔަތުކަން ދަރިވަރުންގެ ކިބައިގައި އަށަގެންނުވުމަށް ބާރުފޯރުވާގޮތަށް މުދައްރިސުން ރޭވުންތެރިކަމާއެކު ސައިންސް ފިލާވާޅުތައްބައްޓަން ކުރުން މުހިންމެވެ. މިގޮތުން އެދުވަހެއްގެ ފިލާވަޅުގައި އަލިއަޅުވާ މައުލޫމާތުގެ ލަނޑުދަނޑިތައް ފާހަގަކުރާ ގޮތަށް އުނގަންނައިދޭން ރާވާ ހުނަރުތައްވެސް ފާހަގަކޮށް ލެސަން ޕްލޭންގައި ނޯޓުކުރުން މުހިންމެވެ. އަދި މައުލޫމާތާއި ހުނަރު ގުޅި ލާމެހިގެންް ދަރިވަރުން އުނގެނޭނޭ ހަރަކާތްތައް ފަރުމާކޮށް ކިލާހުގައި ތަންފީޒުކުރުން މުހިންމެވެ. މިގޮތަށް ކަން ކުރާނަމަ ސައިންސް ފިލާވަޅުތައް ހަރުދަނާވެ، ދަރިވަރުންނަށް ބޭނުންތެރި ފިލާވަޅުތަކަށްވުމުގެ އިތުރުން، އުފާވެރި މާހައުލެއްގައި، އުނގެނުމަށް ސިކުނޑި ހުޅުވިގެން، ދަރިވަރުން އެކަކު އަނެކަކާއި ގުޅިގެން، އަމަލީގޮތުން ބައިވެރިވެގެން އުނގެނޭ، ދަސްވާ މައުލޫމާާތާއި ހުނަރު ދިރިއުޅުމުގެ މާހައުލަށް އަސަރުކުރުވާނެ ގޮތްގޮތަށް ކުރިއަށްދާ ފިލާވަޅުތަކަށްވާނެ ކަން ޔަގީނެވެ.

Related Posts

Leave a Reply