ރައްކާތެރި މުޖުތަމަޢު " ޕްރޮގްރާމެއް ކ. ދިއްފުށީގައި ބާއްވައިފި"

ތާރީޚް: 20 އޮގަސްޓް އިން 22 އޮގަސްޓް 2026

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އާއި، ކ. ދިއްފުށީ ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން “ރައްކާތެރި މުޖުތަމަޢު” ގެ ނަމުގައި ކުރިއަށްގެންދިޔަ ޢާއިލީ އަދި އިޖުތިމާޢީ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2026 އޮގަސްޓް 20 އިން 22 އަށް ކ. ދިއްފުށީގައެވެ.

މި ހަރަކާތަކީ ދިއްފުށީގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުންނަށް ޚާއްޞަކޮށްގެން، ދީނީ އަދި އިޖުތިމާޢީ ގޮތުން މުހިންމު މައުޟޫޢުތަކަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވުނު ޕްރޮގްރާމެކެވެ. އެގޮތުން، ޢާއިލީ ގުޅުން ބަދަހިކުރުމާއި، ނަމާދުގެ ފިޤުހާއި، މުޖުތަމަޢުގެ ބާއްޖަވެރިކަން ދެމެހެއްޓުމުގެ އިތުރުން، ޢިލްމުގެ މަތިވެރިކަމާއި ރީތި އަޚުލާޤާ ގުޅޭގޮތުން އަގުހުރި ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ޕްރޮގްރާމްގެ ސެޝަންތައް ޚާއްޞަ ކުރެވިފައިވަނީ މުޖުތަމަޢުގެ ބަދަހިކަން ވަރުގަދަކޮށް، ފަރުދުންގެ ދީނީ އަދި އިޖުތިމާޢީ ވިސްނުން ތަރައްޤީކުރުމަށެވެ. ވަކިން ޚާއްޞަކޮށް، އިސްލާމީ ރިވެތި އުޞޫލުތަކުގެ މަތީގައި ޢާއިލީ ދިރިއުޅުން ބައްޓަންކުރާނެ ގޮތްތަކާއި، އަޅުކަންތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެވުނެވެ. އަދި ހެޔޮލަފާ އުންމަތެއް ބިނާކުރުމުގައި ޢިލްމާއި ރިވެތި އަޚުލާޤުގެ ދައުރާ ގުޅޭގޮތުން ދެވުނު މަޢުލޫމާތުތަކަކީ ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި މުޅި ރަށުގެ މުޖުތަމަޢަށް ނުހަނު ފައިދާކުރަނިވި މަޢުލޫމާތުތަކެކެވެ.

މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އޭގެ ތެރޭގައި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނާއި، އެ ފެކަލްޓީގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް ސްޓަޑީޒްގެ ހެޑް، އައްޝައިޚް ޢަޡުމަތު ޖަމީލެވެ.

މި ޕްރޮގްރާމް ނިމިގެންދިޔައީ ދިއްފުށީގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ދަރިވަރުންގެ ބޮޑު ތަރުޙީބަކާއެކުގައެވެ.

Related Posts