އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ދެމެދެ ވެވޭ ފަހުމުނާމާގައި ސޮއިކުރުން

އޮކިއުޕޭޝަނަލް ތެރަޕިސްޓުންނަކީ އުފެދުމުގައި ހުންނަ ކަމަކުން ނުވަތަ އަނިޔާވެފައިވާ ނުވަތަ ބަލިވެފައިވާ ނުވަތަ ނުކުޅެދުންތެރިކަމެއް ލިބިފައިވާ ފަރާތްތަކަށް އާންމު ދިރުއުޅުމުގެކަންކަމުގެ ނުވަތަ އެމީހަކު ކުރާމަސައްކަތްތައް މިނިވަންކަމާއި އެކު ކުރުމަށް ލުއިފަސޭހަގޮތްތައް އުނގަންނައިދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަންނީ ހިދުމަތްތެރިންނެވެ. އަދި އެފަދަ ބަލިމީހުންނަށް، އެމީހުންގ ބަލިން ނުވަތަ އަނިޔާއިން ނުވަތަ ނުކުޅެދުންތެރިކަމާއެކު އާންމު ދިރިއުޅުމުގައި މިނިވަންކަމާއިއެކު އުޅުމަށް ބޭނުން ކުރެވޭނެ ފަސޭހަގޮތްތަކާއި ހުނަރުތައް ދަސްކޮށްދީ ދިރިއުޅުމާއި މަސައްކަ ތެރިކަމުގައި ގެންގުޅެވިދާނެ އުކުޅުތައް ދަސްކޮށްދިނުންފަދަ މަސްޢޫލިއްޔަތުތައް މި ފަންނުގައި ހިމެނެއެވެ. ހުރިހާ އުމުރެއްގެ މީހުންނަށްވެސް އޮކިއުޕޭޝަނަލް ތެރަޕީ ހިދުމަތްތައް ފޯރުކޮށްދެވެއެވެ. އޮކިއުޕޭޝަނަލް ތެރަޕިސްޓުން އާންމު ގޮތެއްގައި މަސައްކަތްކުރަނީ ހޮސްޕިޓަލު ތަކުގައާއީ، ރިހިބިލިޓޭޝަން ސެންޓަރުތަކުގައާއި، ނަރސިންގ ފެސިލިޓީތަކުގެ އިތުރުން ސުކޫލް މާހައުލުގައެވެ.

މިއަދު ސޮއި ކުރެވުނު ފަހުމުނާމާގައި އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ޗެއަރޕާސަން އަލްފާޟިލާ އާމިނަތު ތޫހާ އަދުލީ އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ވައިސް ޗާނަސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްއެވެ. މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ޔުނިވަސިޓީ އާއި ދިވެހިރާއްޖޭގައި މަސައްކަތްކުރާ އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ގުޅިގެން ގައުމަށް ބޭނުންވާ ތެރަޕިސްޓުން ތަމްރީނުކުރުމެވެ.  މިވަގުތު ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އޮކިއުޕޭޝަނަލް ތެރަޕިސްޓުންގެ އަދަދަކީ 3 އެވެ. އެހެންކަމުން މިދާއިރާއަށް ބޭނުންވާ ފަންނީ ހިދުމަތްތެރިން ތަމްރީނުކުރުމަކީ ޔުނިވަރސިޓީ އިން އިސްކަމެއް ދީގެން ކުރާމަސައްކަތެކެވެ.

ގައުމީ ޔުނިވަސިޓީއިން ފަރުމާކޮށްފައިވާ 4 އަހަރުގެ އޮކިއުޕޭޝަނަލް ތެރަޕީ ޑިގްރީ ކޯހަކީ ދާއިރާގެ ފަންނީބޭފުޅުންގެ ލަފާޔާއިއެކު އިންޓަނޭޝަނަލް ޔުނިވަރސިޓީތަކާއި ބެންޗްމާރކް ކޮށް އަދި ވޯލްޑް ފެޑެރޭޝަން އޮފް އޮކިއުޕޭޝަނަލް ތެރަޕީގެ މިނިމަމް ސްޓޭންޑަރޑްތަކާއި އެއްހަމަކޮށްގެން އެކުލަވާލާފައިވާ ކޯހެކެވެ. މިއީ މިދާއިރާއިން ދިވެހިރާއްޖޭގައި ފަށާ ފުރަތަމަ ކޯހެވެ. އަދި ހަމަ މިއާއި އެކު އޮކިއުޕޭޝަނަލް ތެރަޕީ ކޯހުގެ އިންޓަނޭޝަނަލް އެކްރެޑިޓޭޝަން ލިބުމަށް ކުރަންޖެހޭ ފުރަތަމަ މަރުހަލާ މިއަދު ސޮއިކުރެވުނު ފަހުމުނާމާއިން ކާމިޔާބުވީއެވެ. ޥޯލްޑް ފެޑެރޭޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ތަމްސީލު ކުރާ ޖަމާއަތަށް އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން ވާނެތީއެވެ.

މި ކޯސް ވެގެންދާނީ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ފުރަތަމަ އިންޓަނޭޝަނަލީ އެކްރެޑިޓަޑް ކޯހަށެވެ.އަދި އޮކިއުޕޭޝަނަލް ތެރަޕީގެ މި ކޯސްވާނީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލާއި ވޯލްޑް ފެޑެރޭޝަން އޮފް އޮކިއުޕޭޝަނަލް ތެރަޕީ އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހަކަށެވެ. އިންޑަސްޓްރީ އާއި ގާތްގުޅުމެއް އޮތުމަކީ އަޅުގަނޑުމެންގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމަށް ލިބޭ ފަހި ފުރުސަތެކެވެ. އަދި ކޯހުން ނިކުންނަ ދަސްވެނީންގެ ގާބިލުކަން ކަށަވަރު ކުރެވޭނެ އިތުރު މަގެއް، އަދި ވަޒީފާގެ މާހައުލަށް ލޯހުޅުވިފައިވާ މިންވަރު އިތުރު ކޮށްދޭނެ ކަމަކަށެވެ. މިއަދު މި ސޮއިކުރެވުނު ފަހަމުނާމާއިން މިކަންކަމަށް މަގުފަހިވެ ދެ ފަރާތުން އެކީގައި ރާއްޖޭގެ އޮކިއުޕޭޝަނަލް ތެރަޕީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާނެއެވެ.

މިހާރު ކޯސްފަރުމާކުރުމުގެ ފައިނަލް ސްޓޭޖުގައި، ހުއްދަތައް ހޯދުމަށް މަސައްކަތްކުރަމުން ދާއިރު، އުއްމީދަކީ 2025 ވަނަ އަހަރުގެ 2 ވަނަ ޓާމުގައި މިކޯސް ފެށުމެވެ. މިގޮތުން ފެކަލްޓީއިން ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި ކޯހަށް ބޭނުންވާ ކޯ ޓެކްސްޓް ފޮތްތައް ހޯދުން، އޮކިއުޕޭޝަނަލް ތެރަޕީ ލެބޯޓަރީ ގާއިމުކުރުން އަދި ދެމެހެއްޓިނިވި ގޮތެއްގައި ކިޔަވާދިނުމަށް ބޭނުންވާ ދާރިސުން ހޯދުމާއި މިދާއިރާއިން ޔުނިވަރސިޓީގެ މުވައްޒިފުން ތަމްރީނު ވުމަށް ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.