ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ޔުނާން އޯޕަން ޔުނިވާސިޓީއާ ގުޅިގެން މޯލްޑިވްސް ޗައިނީސް ލެންގުއޭޖް ސެންޓަރު ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން، ދެ ގައުމުގެ މެދުގައި ބަދަހި ގުޅުމެއް ބިނާކުރުމުގައި ބަހާއި ތައުލީމުގެ މުހިންމުކަން ފާހަގަކުރައްވައި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކޮންގް ޝިއަންހުއާ ވަނީ އަލިއަޅުވާލައްވާފައެވެ. ސަފީރު ކޮންގް ފާހަގަކުރެއްވި ގޮތުގައި މި މަރުކަޒަކީ ރާއްޖެގެ ދަރިވަރުންނަށް ޗައިނާ ބަސް ދަސްކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއް ކަމަށާއި އަދި ދެފަރާތުގެ ވިސްނުމާއި އެކުވެރިކަން ފުންކުރުމަށް ފާލަމެއްގެ ގޮތުގައި ވެސް ހިދުމަތް ކުރާނެ ތަނެއް ކަމަށެވެ.
ޔުނާން އޯޕަން ޔުނިވާސިޓީގެ ފަރާތުން ނައިބު ރައީސް ޕްރޮފެސަރު ޒިއޮންގް ލިއަންގްލިން އާއި ޑީން މިސްޓަރ ސޮންގް ޔިމިންގް މޯލްޑިވްސް ޗައިނީސް ލެންގުއޭޖް ސެންޓަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިޔާތުގައި ބައިވެރިވަޑައިގެންފައިވެއެވެ. މި ރަސްމިއްޔާތުގެ ތެރެއިން ޔުނާން އޯޕަން ޔުނިވާސިޓީން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަށް 63،000 ޔުއާންގެ އަގުހުރި ތައުލީމީ ސާމާނު ދީލަތިކަމާއެކު ހަދިޔާކޮށް، ދިވެހިރާއްޖޭގެ ތައުލީމާއި ތަރައްގީއަށް އެހީތެރިވުމަށް ޗައިނާއިން ދެމިއޮތްކަމުގެ ވައުދު ރަމްޒުކޮށްދީފަ އެވެ.
ޕްރޮފެސަރު ޒިއޮންގް އާއި ޑީން ސޮންގް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ-ޗައިނާ ގެ ގުޅުމުގެ މުސްތަގުބަލަށް އުންމީދު ބޮޑުކަމަށް ހިއްސާކުރައްވައި، ސަގާފީ ބަދަލުކުރުންތައް ފުޅާކުރުމާއި، ތައުލީމީ އެއްބާރުލުން އިތުރުކުރުމާއި، ޗައިނާގެ ބަހާއި ސަގާފަތް ގާތުން ތަޖުރިބާކުރުމުގެ ފުރުސަތު ރާއްޖޭގެ ދަރިވަރުންނަށް ހޯދައިދިނުމުގައި މި ސެންޓަރުގެ ދައުރު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ޗައިނީސް ލެންގުއޭޖް ސެންޓަރު އުފެއްދުމަކީ ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ތައުލީމީ އެއްބާރުލުމުގެ އާ ބާބެއް ތަމްސީލުކޮށް، ދަރިވަރުންގެ ހުނަރާއި ޢިލްމާއި ބައިނަލްއަޤްވާމީ ނަޒަރިއްޔާތު ފުޅާކުރުމުގެ އަގުހުރި ފުރުޞަތުތަކެއް ލިބިގެންދާނެ ކަމެކެވެ.