ޑިޖިޓްއޭޝިޔާ: ސުމޭކު ފަންނިއްޔާތާ އެކު އޭޝިޔާގެ މަތީ ތަޢުލީމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް އަމާޒުހިފުން

އެޑިޔުކޭޝަން 5.0 އާއެކު އޭޝިއާގެ މަތީ ތަޢުލީމީ މުއައްސަސާތައް ބާރުވެރިކުރުވުން

ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ތިން މުއައްސަސާއަކާއި އޭޝިޔާގެ މަތީ ތަޢުލީމު ފޯރުކޮށްދޭ ގިނަ ޔުނިވަރސިޓީތަކަކާއި ޔޫރަޕުގެ ދެ ގައުމެއްގެ ތަޖުރިބާކާރުންނާ އެކުގައި “ޑިޖިޓްއޭޝިޔާ” މި ނަމުގައި ސުމޭކު ވަސީލަތްތަކުން އިތުރު ބާރުވެރިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން އާ އީޖާދީ މަޝްރޫއެއް މިއަދު ރާއްޖޭގައި އިފްތިތާޙުކުރެވިއްޖެއެވެ.

މިއީ ޔޫރަޕިއަން ޔޫނިއަންގެ އެރަސްމަސް ޕްލަސް ޕްރޮގްރާމުން މާލީ އެހީ ލިބިގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، އެޑިޔުކޭޝަން 5.0 ގެ އުޞޫލުތަކަށް މަތީ ތަޢުލީމު ދޭ ފަރާތްތަކާއި މުއައްސަސާތައް އަހުލުވެރިކުރުވައި، ޝާމިލު، ފަސޭހައިން ލިބެންހުންނަ އަދި ފެންވަރު ރަނގަޅު ތަޢުލީމީ ތަޖުރިބާތައް ކަށަވަރުކޮށްދިނުމެވެ. މި މަޝްރޫޢު ރަސްމީކޮށް ފެށިފައިވައިވަނީ ފެބްރުއަރީ 11 އިން 14 އަށް ސްރީލަންކާގައި ބޭއްވުނު ޕްރޮޖެކްޓް ކިކް-އޯފް ބައްދަލުވުމާ އެކުއެވެ.

އެރަސްމަސް ޕްލަސް ކެޕޭސިޓީ ބިލްޑިންގ އިން ހަޔަރ އެޑިޔުކޭޝަން އޮނިގަނޑުގެ ދަށުން ފެށިފައިވާ މި މަޝްރޫޢުގެ ސަބަބުން ޝާމިލު، ފަސޭހައިން ލިބެންހުންނަ، އަދި ފެންވަރު ރަނގަޅު އުނގެނުމުގެ ތަޖުރިބާތައް ދަރިވަރުންނަށް ކަށަވަރުކޮށްދިނުމަށް ބޭނުންވާ އީޖާދީ ގޮތްތަކަށް ކޯސްތައް ފަރުމާކުރެވޭނެއެވެ. މިގޮތުން ޑިޖިޓްއޭޝިއާ މަޝްރޫޢު އަމާޒު ހިފައިފައިވަނީ ސުމޭކު ފަންނިއްޔާތު ބޭނުންކޮށްގެން މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތައް ނިޒާމީ ގޮތެއްގައި ބަދަލުވުމުގެ ބޭނުންތެރިކަން އަންގައިދިނުމަށާއި، ޖޯގުރަފީގެ ގޮތުން ވަކިވަކިން އޮންނަ ސަރަޙައްދުތަކުގައި ސުމޭކު ވަސީލަތްތަކުގެ ތަފާތު ކުޑަކުރުމަށާއި، އަދި ދަރިވަރުން ސިނާޢީ 5.0 އަދި މުޖުތަމަޢު 5.0 އަށް ތައްޔާރުކުރުން ފަދަ މުހިންމު ކަންކަމަށެވެ.

 

މި މަޝްރޫޢުގައި ހިމެނެނީ ހަތަރު މަޤްޞަދެވެ. އެއީ ދަރިވަރުންނަށް ބަރޯސާވެގެން ތައްޔާރު ކުރެވޭ ހައިބްރިޑް ކޯސްތައް ފަރުމާކުރުމާއި، ސުމޭކު އުފެއްދުންތެރިކަމާ އެކު އުނގެނުން ފަހިކޮށްދޭނެ ގޮތްތަކަށް އެހީތެރިވާނޭ ޓޫލްކިޓެއް ތައްޔާރުކުމާއި، ސުމޭކު އުފެއްދުންތެރިކަމާ އެކު އީޖާދީ ގޮތްތަކާ އެކު އަލުން ފަރުމާކޮށް އެކުލަވާލެވޭ ކޯސްތައް ޕައިލެޓްކުރުމާއި ބައިވެރިވާ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި ސަރަޙައްދީ އެއްބާރުލުން ކުރިއެރުވުމެވެ. 

ތިން އަހަރު ދުވަހަށް ކުރިއަށްދާ މި މަޝްރޫޢަކީ ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢެކެވެ. މިގޮތުން މިއީ ދުނިޔޭގެ ހުޅަގާއި ދެކުނު ގުޅުވައިދޭ މަޝްރޫއަކަށް ވެގެންދާނެއެވެ. އަދި ތަފާތު ޤައުމުތަކެއް ގުޅިގެން އެކުގައި ކުރެވޭ ވަރަށް މުޙިއްމު އަދި ޚާއްޞަ  ޕާރޓްނަރޝިޕް މަސައްކަތްތަކަކަށް ވެގެންދާނެއެވެ. މި މަޝްރޫޢުގައި ، އޭޝިއާގެ ޤައުމުތައް ކަމުގައިވާ ދިވެހިރާއްޖެ، ސްރީލަންކާ އަދި މެލޭޝިއާއާ އެކު ޔޫރަޕްގެ ތަޖުރިބާކާރުން ކަމަށް ވާ ސްޕެއިނާއި ކްރޮއޭޝިއާގެ ދެ ޔުނިވަރސިޓީ އަކުން މަސައްކަތްކުރެއެވެ.

މި މަޝްރޫޢުގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ އިސް ތިން މަރުކަޒު ކަމުގައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ވިލާ ކޮލެޖް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވެގެން ދިއުމެވެ. އަދި މިފަރާތްތަކުން ގުޅިގެން އެކުގައި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމަށް އިންގިލާބީ ހެޔޮ އަދާހަމަ ބަދަލުތަކެއް ގެނެވިގެންދާނެއެވެ.

ޑިޖިޓްއޭޝިއާ ޕްރޮޖެކްޓްގެ ތެރެއިން، އަދުގެ ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ފަހި ޙައްލުތަކެއް ތަރުތީބު ގޮތެއްގައި ހޯދުމުގެ މަސައްކަތްތައް ކުރެވޭނެއެވެ. މިގޮތުން ޤުދުރަތީ ގޮތުންނާއި އެނޫން ވެސް ސަބަބުތަކާއި ހުރެ  މަތީތަޢުލީމު ފޯރުކޮށްދިނުމުގައި ދަތިތައް އެކުލެވޭ، ދުރު ސަރަޙައްދުތަކުގައި ހުރި ސުމޭކު ފަރަގު ކުޑަކުރުމާއި، އަދި ދަރިވަރުން ސިނާޢީ 5.0 އަދި އިޖުތިމާޢީ 5.0 އަށް ތައްޔާރުކުރުން ފަދަ މުހިންމު މައްސަލަތަކަށް މި ޕްރޮޖެކްޓްގެ ތެރެއިން ޙައްލު ހޯދުމަށް މަސައްކަތްތައް ކުރެވޭނެއެވެ.