ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި އިންޑިއާ އެންމެ ކާމިޔާބު އެއް ސްޓޭޓް ކަމުގައިވާ ކެރެލާ ސްޓޭޓްގެ ކޮޗިން ސިޓީއަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކްލްޓީ އޮފް އާޓްސްގައި ދެމެހެއްޓެނިވި ތަރާއްޤީ ކިޔަވަމުންދާ މާސްޓަރ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސާއި މާސްޓަރ އޮފް އާޓްސް އިން ސޯޝަލް ޕޮލިސީގެ ދަރިވަރުން ތަޖުރިބާގެ ދަތުރެއްގައި މިއަދު ފުރައިފިއެވެ.
ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކެރެލާ ސްޓޭޓްގެ ކޮޗިން ސިޓީގައި ހިންގޭ ބޮޑެތި މަޝްރޫޢުތައް ހިންގޭ ތަންތަނަށް މި ދަރިވަރުން ޒިޔާރަތްކޮށް ދިރާސާކޮށް، މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އާދެމެދު ޢިލްމީ ދިރާސާ އާއި އެހެނިހެން ހަރަކާތްތައް ދެ ޔުނިވަރސިޓީ ގުޅިގެން ކުރިއެރުވުމަށް ހެދިފައިވާ ފަހުމުނާމާއެއްގެ ދަށުން އިންތިޒާމްކުރެވުނު ތަޖުރިބާގެ ދަތުރެކެވެ.
ދަރިވަރުން މި ދަތުރުގައި ސައްތަ އިން ސައްތަ ދެމެހެއްޓެނިވި ސޯލަރ ހަކަތައިން ހިންގާ ކޮޗިން އިންޓަރނޭޝަނަލް އެއާޕޯރޓަށް ޒިޔާރަތް ކޮށް މަޢުލޫމާތު އެއްކުރުމާއި އަދި ދުނިޔޭގައި ފުރަތަމަ ފަހަރަށް ކަނޑުމަގުން ރަށްތައް ގުޅުވާލުމަށް ހިންގޭ ވޯޓަރމެޓްރޯ މަޝްރޫޢުވެސް ބަލާލުން އޮންނެއެވެ.
ހަތަރު ދުވަހަށް ކުރިއަށްދާ ތަޖުރިބާގެ މިދަތުރުގައި ތިމާވެށިރައްކާތެރި ކުރުމުގެ ގޮތުން ހިންގޭ މަޝްރޫޢުތައް ބަލައި ދިރާސާކުރާނެއެވެ. މީގެ އިތުރުން ކޮޗިން ސިޓީ އިން ހިންގާ ދެމެހެއްޓެނިވި ތަރައްގީ އާ ބެހޭ ގިނަ މަޝްރޫޢުތަކެއްގެ މަޢުލޫމާތު ހޯދުމަށް ކޮޗިން ސިޓީ ކައުންސިލަށް ޒިޔާރަތްކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ކޮޗިން ސިޓީގެ މޭޔަރވެސް ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާ މުހާތަބުކުރައްވަވައި ތަގުރީރުކުރެއްވުމަށްވެސް ރޭވިފައިވެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުން ކޮޗިންއަށް ކުރާ ދަތުރުގެ ޕްރޮގްރާމް ވަރަށް ފުރިހަމައަށް ރާވާދެއްވަވާފައިވަނީ ކޮޗިން ޔުނިވަރސިޓީއިންނެވެ. ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް މަރުޙަބާކިއުމުގެ ޚާއްސަ ހަފްލާއެއް ކޮޗިން ޔުނިވަރސިޓީގައި ބާއްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިހަފްލާގައި ދިވެހިރާއްޖޭގެ ޘަޤާފަތާއި، އާދަކާދައާއި ތަރިކަ އާއިބެހޭގޮތުން ދަރިވަރުން ޕްރެޒެންޓޭޝަންތަކެއް ހުށަހެޅާނެއެވެ. ޘަޤާފީ މިއުޒިކްގެ ހަރަކާތަކާއި ދިވެހި އަދަބިއްޔާތުގައި ހިމެނޭ ރައިވަރު ކިއުމާއި ބަނދިހުށަހަޅާދިނުންވެސް ބޭއްވޭނެއެވެ.