ޔުނިވަރސިޓީގެ ލައިބްރަރީ ދުވަސް ފާހަގަ ކުރަނީ ޔުނިވަރސިޓީގެ އަހަރީ ދުވަސްކަމުގައިވާ 1 ސެޕްޓެމްބަރާއި ގުޅުވައިގެން ނެވެ. ލައިބްރަރީއަކީ ޔުނިވަރސިޓީގެ ދަރިވަރުން އަދި މުވައްޒަފުންގެ ތަޢުލީމީ ހަޔާތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އިލްމީ ދަންމަރެވެ. މިތަނުގައި ބޭނުން ހިފާ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް އަދި އުފަލާއި ހިތްހަމަޖައްސާލުމަށް އަމާޒުކޮށްގެން ލައިބްރަރީ ދުވަސް ފާހަގަ ކުރަނީ އެދުވަހުގެ ހަރަކާތްތަކުގެ ތެރެއިންވެސް މަޢުލޫމާތާއި، ތަފާތު ހުނަރު ތަރައްޤީ ކުރެވޭފަދަ އެތަކެއް ޚަރަކާތްތަކަކާއި އެކުގައެވެ. ވަރަށް ބުރަކޮށް އުގެނުމުގެ ޚަރަކާތްތަކެއްގެ ތެރޭގައި އުޅޭ ފަރާތްތަކަށް ތަފާތު ތަޖްރިބާއެއް ހޯދައިދިނުމުގެ ފުރުޞަތު ލައިބްރަރީ ދުވަހު ދެވޭނެއެވެ.
މިއަހަރުގެ ލައިބްރަރީ ދުވަހުގެ ތީމްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރެޓްރޯ ތީމެވެ. އެއީ 1970، 1980 އަދި 1990ގެ އަހަރުތަކުގެ ހަނދާންތައް އައުކޮށްދޭ ޚަރަކާތްތަކެއް ހިމަނައިގެންނެވެ. އެދުވަސްތަކުގައި ބޭނުން ކުރެވުނު ތަކެއްޗާއި، މިއުޒިކާއި، ކުޅެއުޅުނު ކުޅިވަރުތައް ތަޢާރަފްކޮށްދިނުމަށް އެފަދަ ކަންކަން ތަޖްރިބާ ކޮށްލުމުގެ ފުރުޞަތު ލައިބްރަރީ ދުވަހު ލިބިގެން ދާނެއެވެ. މިގޮތުން އިންތިޒާމް ކުރެވިފައިވާ ހަރަކާތްތަކުގެ ކުރު ތަފްޞީލެއް ތިރީގައި އެވަނީއެވެ.
ލައިބްރަރީ ދުވަސް ފާހަގަ ކުރާއިރު ޔުނިވަރސިޓީގެ މުވައްޒަފުން، ދަރިވަރުން އަދި އާއިލާގެ އެންމެހާ ފަރާތްތަކަށް ބައިވެރި ވެވޭނެއެވެ. މިގޮތުން އާއިލާގެ ކުޑަކުދިންނާއި ބޮޑަތި މީހުނަށްވެސް މިކަމުގައި ބައިވެރިވެވޭނެއެވެ.
ބުކް ޑޮނޭޝަން ހަފްތާ ފާހަގަ ކުރުން:
ޔުނިވަރސިޓީގެ ދަރިވަރުންގެ ޖަމުއިއްޔާ (އެމް.އެން.ޔޫ ސުޓޫޑަންޑް އެސޯސިއޭޝަން) އާއި ލައިބްރަރީގެ ފަރާތުން ފާހަގަ ކުރާ މި ހަފްތާގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށާއި މުވައްޒަފުންނަށް ލައިބްރަރީ އިތުރަށް ތަޢާރަފް ކޮށްދިނުމާއި އެކު ދެފަރާތް ގުޅިގެން ލައިބްރަރީގެ ތަރައްޤީއަށް މަސައްކަތް ތަކެއް ކުރުމެވެ.
މިގޮތުން އޮގަސްޓު މަހުގެ 28 އިން ސެޕްޓެންބަރު 03 އަށް ކުރިއަށްގެންދާ މިހަފްތާގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. 28 ވަނަ ދުވަހު ފަށާ މިހަރަކާތް ޔުނިވަރސިޓިގެ 6 ލައިބްރަރީއެއްގައި ކުރިއަށް ގެންދެވޭނެއެވެ. އެއީ ސެންޓްރަލް ލައިބްރަރީ، ހެލްތް ސައިންސަސް ލައިބްރަރީ، ބިޒްނަސް ސްޓަޑީޒް ލައިބަރަރީ، ކުޅުދުއްފުށީ ކެމްޕަސް ލައިބްރަރީ، ތިނަދޫ ކެމްޕަސް ލައިބްރަރީ އަދި ހިތަދޫ ކެމްޕަސް ލައިބްރަރީގައެވެ. މިގޮތުން ކޮންމެ ލައިބްރަރީއެއްގައިވެސް ޑޮނޭޝަން ކަލެކްޝަން ޕޮއިންޓް ހުންނާނެއެވެ. އެކަޑެމިކް ނުވަތަ ތަޢުލީމީ ފޮތް، ހައްދަވާ ދިރާސާ / ރިސާރޗް، ރިޕޯރޓް، ތީސީސް، ޑެސިޓޭޝަން، ވާހަކަފޮތް، (ދިވެހި އަދި އިނގިރޭސި) ފޮތް ހަދިޔާ ކުރެއްވިދާނެއެވެ. އަދި މިފަދަ ފޮތް ހޯދުމަށް އަމާޒުކޮށް ފައިސާގެ އެހީތެރިކަންވެސް ދެއްވިދާނެއެވެ.
މިހޯދޭ ފޮތް ހޯދުމުގައި މިޒަމާނުގެ ލިޔުންތެރިންގެ ފޮތް ތަޢާރަފް ކުރުމާއި، އެފަރާތްތަކުގެ ފޮތް ލިޔުމުގެ ތަޖްރިބާ ހިއްޞާކުރުމާއި، ވާދަވެރި މާހައުލެއްގައި އެންމެ ގިނަފޮތް ޖަމާކުރެވޭ ދުވަހެއް ފާހަގަ ކުރުމާއި، ގޭގެއަށްގޮސް ފޮތް ހޯދުމުގެ މަސައްކަތް ކުރުމާއި، ފޮތް ހަދިޔާ ކުރާ ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދިނުން ފަދަ ކަންކަން މިހަފްތާ ތެރޭގައި ކުރިއަށް ގެންދެވޭނެއެވެ.
މިއީ އާންމު ރައްޔިތުންނަށްވެސް ފޮތް ހަދިޔާކުރެވޭގޮތަށް ހިންގޭ ހަރަކާތެކެވެ. މަތީގައި ބަޔާން ކުރެވުނު ކޮންމެ ލައިބްރަރީއަކަށްވެސް މިފަދަ ފަރާތްތަކުން ފޮތް ހަދިޔާ ކުރެއްވޭނެއެވެ.