“ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސް 2025” ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ބާއްވާ “ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސް 2025” ހުޅުވުގެ ރަސްމިއްޔާތު، ޤައުމީ ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން މިއަދު ބާއްވައިފިއެވެ. މިއަދު ކުރިޔަށް މިދަނީ 8ށް ވަނަ ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސްއެވެ. މިއަހަރުގެ ތީމަކީ “އިވޯލްވިންގ ޕެރެޑައިމްސް: މަރޖިންގ ރިސަރޗް، އެވިޑެންސް، އެންޑް ޕްރެކްޓިކްސް” އެވެ. މި ކޮންފަރެންސް ކުރިއަށް މިދަނީ އޮގަސްޓް 18 އިން 21 އަށެވެ.

ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2025 ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. ޢަބްދުﷲ ޙަލީލް އެވެ. މި ހަފްލާގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހަންމަދު ޝައުޤީ، ވައިސް ޗާންސަލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް، ޑެޕިއުޓީ ވައިސް ޗާންސަލާރސް، ޔުނިވާސިޓީގެ އިސް ވެރިންގެ އިތުރުން، ސަރުކާރުގެ އިސްވެރިން، ކީނޯޓް ސްޕީކާރސް، ޕްރެސެންޓާރްސް، ޕާރޓިސިޕެންޓްސް، އަދި ޔުނިވާސިޓީގެ މުވައްޒަފުން، އަދި ދަރިވަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

“ތެވެލި” މި ލަފުޒުގެ މާނައަކީ، “އިރުހަނދު އަރައިގެން އަންނަ އިރު ނުވަތަ އޮއްސެންދާ އިރު އުދަރެހުން ފެށިގެން ރިހިކުލައިގެ ނުވަތަ ރަންކުލައިގެ ދޫލައެއްހެން ފެންގަނޑުމަތީގައި ފެތުރިފައި އޮންނަ އަލި” މިއެވެ. މި ކޮންފަރެސްގެ ބޭނުމަކީ އައު ޢިލްމީ ހޯދުންތަކުގެ “އަލިކަން” ނުވަތަ “ތެވެލި” ދިވެހިރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކަށާއި މުޅި ދުނިޔެއަށް ފެތުރުމެވެ. އެހެންކަމުން ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީވެސް ދިރާސާ ކުރާ ފަރާތްތަކަށާއި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމަށްޓަކައި އަދި އެފަދަ ސަގާފަތެއް އަޅުގަނޑުމެންގެ ދަރިވަރުންގެ މެދުގައި އަށަގެންނެވުމަށާއި ދިރާސާ ކުރާފަރާތްތަކާއި އަދި ބޭރުގެ ފުންނާބު އުސް ދިރާސާ ވެރިންނާ އެއް ޕްލެޓްފޯމަކަށް ގެނެސް ގުޅުވައި ދީ ދިރާސާ ކުރުމުގެ އާގޮތްތަކާއި އާޚިޔާލުތަކަށް ފުރުސަތު ހުޅުވުމަށް މަގުފަހިކޮށްދިނުމެވެ.

ކޮންފަރެންސް ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި އެދުމުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީތީ، މިނިސްޓަރަށް ޔުނިވަރސިޓީގެ ފަރާތުން ހިތުގެ އިޚްލާސްތެރި ޝުކުރެއް ދަންނަވާ ކަމަށެވެ. މިއަދު މިތަނުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަކީ ދިރާސާތައް ކުރިއެރުވުމާއި، ހެކިތަކުގެ މައްޗަށް ބިނާކޮށް މަޢުލޫމާތު ފުޅާކުރުމަށް އެމް.އެން.ޔޫއިން ކުރާ މަސައްކަތަށް ސަރުކާރުގެ ވަރުގަދަ އެއްބާރުލުން އޮތްކަން ހާމަވާ ކަމެއް ކަމުގައި ޑރ. ޝެހެނާޒް ފާހަގަކުރެއްވިއެވެ.

ޑރ. ޝެހެނާޒް ވިދާޅުވީ، ތެވެލި ކޮންފަރެންސަކީ އެކަޑަމިކް ފެންވަރުގެ އެއް ސިފަ ކަމަށާއި، ކޮންމެ އަހަރަކުވެސް އެ ކޮންފަރެންސް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ދިވެހި އަދި ބައިނަލްއަޤްވާމީ ދިރާސާވެރިންނާއި، އެމް.އެން.ޔޫގެ މުވައްޒަފުންނާއި ދަރިވަރުންގެ ބައިވެރިވުން އިތުރުވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި އަހަރުގެ ‘ތެވެލި’ގެ މައުޟޫއަކީ “އިވޯލްވިންގް ޕެރަޑައިމްސް” ކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ. އެގޮތުން ދިރާސާތަކަކީ އެކަހެރިކޮށް ކުރިއަށް ގެންދެވޭނެ ކަމެއް ނޫން ކަމަށާއި، އޭގެ ހެކިތައް ބޭނުންކޮށްގެން އަޅުގަނޑުމެން ދިރިއުޅޭ މާހައުލަށް އަދި ޤައުމީ ތަރައްޤީއަށް ހަޤީޤީ ކުރިއެރުން ގެނައުމަށް މަސައްކަތްކުރަން ޖެހޭނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި އަހަރުގެ ކޮންފަރެންސްގައި، އެމް.އެން.ޔޫގެ ދަރިވަރުންނަށް ޚާއްސަކޮށް، ފުރަތަމަ ފަހަރަށް ‘ސްޓޫޑެންޓް ސިމްޕޯސިއަމް’ އެއް ތަޢާރަފުކޮށްފައިވާކަން ޑރ. ޝެހެނާޒް އުފަލާއެކު ފާހަގަކުރެއްވިއެވެ. މިއީ ޒުވާން ދިރާސާވެރިންނަށް ކުޑައިރުން ފެށިގެން ދިރާސާކުރުމަށް ބާރުއަޅައި، ސުވާލުކުރުމަށް ހިތްވަރުދީ، އެމީހުންގެ ހޯދުންތައް ހިއްސާކުރުމަށް ފުރުޞަތު ހުޅުވާލުމަށް ކުރެވުނު މަސައްކަތެއް ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ހަފުތާއެއް ކުރިން އެމް.އެން.ޔޫ އިން 16 އާ ޕީ.އެޗް.ޑީ. ޕުރޮގުރާމު ތަޢާރަފުކޮށްފައިވާ ކަމަށާއި، މިހާރު ޖުމްލަ 18 ޕީ.އެޗް.ޑީ. ޕުރޮގުރާމު ހިންގަމުންދާ ކަމުގައި ޑރ. ޝެހެނާޒް ހާމަކުރެއްވިއެވެ.

ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނުންނަށް މަރުޙަބާ ދަންނަވަމުން އެމް.އެން.ޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އެންޓަރޕުރައިޒް) ޑރ. ރަޙީމާ ޢަބްދުއްރަޙީމް ވިދާޅުވީ، ކޮންފަރެންސްގެ މުހިންމު ބަޔަކީ ދިރާސާ ކަރުދާސްތައް ހުށަހަޅާ ދިރާސާވެރިންނާއި، ލިޔުންތެރިން ކަމަށާއި، ތެވެލި ކޮންފަރެންސްއަކީ އެމް.އެން.ޔޫގެ އަހަރީ ކަލަންޑަރުގައި ހިމެނޭ އެންމެ މުހިންމު އެއް އިވެންޓު ކަމަށެވެ. އެގޮތުން ދިރާސާވެރިންނާއި، އެކަޑަމިކް ފަންނާނުންނާއި، ދަރިވަރުން، ދިރާސާ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިންތިޒާރުކުރާ އިވެންޓެއް ކަމުގައި ތެވެލި ކޮންފަރެންސް ވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މެޑިސިން، އިންޖިނިއަރިން، އަދި އެޑިއުކޭޝަނަލް ޓެކްނޮލޮޖީއާ ގުޅުންހުރި އިތުރު ތިން ކޮންފަރެންސް އެމް.އެން.ޔޫއިން މި އަހަރު ބާއްވާފައިވާކަން ވެސް ޑރ. ރަޙީމާ ހާމަކުރެއްވިއެވެ. މި ކަންކަމުން ދައްކުވައިދެނީ ދިވެހިރާއްޖޭގައި ދިރާސާތަކަށް އޮންނަ ޝައުޤު އިތުރުވަމުންދާ މިންވަރާއި، އެމް.އެން.ޔޫގެ ދިރާސާ ކުރުމުގެ ޤާބިލުކަން އިތުރުވަމުންދާ މިންވަރު ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އެމް.އެން.ޔޫގެ ރިސާރޗް އެންޑް ޑިވެލޮޕްމެންޓް ހެޑް، ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު ވިދާޅުވީ، މި އަހަރުގެ ކޮންފަރެންސްގެ މައިގަނޑު މައުޟޫ “އިވޯލްވިންގް ޕެރަޑައިމްސް” އިން ދައްކުވައިދެނީ މަޢުލޫމާތާއި ޢަމަލު ގުޅުވައިލުމަށް އެމް.އެން.ޔޫއިން ކުރަމުންދާ މަސައްކަތްތައް ކަމަށެވެ. މީގެ އެންމެ ބޮޑު މިސާލެއްގެ ގޮތުން މި އަހަރު ތެވެލި ކޮންފަރެންސަށް ޖުމްލަ 237 ދިރާސާ ހުށަހެޅިފައިވާ ކަމަށާއި، އޭގެ ތެރެއިން 198 ދިރާސާ ޤަބޫލުކުރެވިފައިވާ ކަމަށް ޑރ. ޝަހުނީޒާ ވިދާޅުވިއެވެ. މި އަދަދަކީ މިދިޔަ އަހަރަށްވުރެ 31 ދިރާސާ އިތުރު އަދަދެއް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

Related Posts