ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިދާރީ މަރުކަޒުގައި މިއަދު ބޭއްވި ދުޅަހެޔޮ ސިއްޙަތަކަށް އަހުލުވެރިކުރުމުގެ ކެމްޕެއިން އިފްތިތާހު ކޮއްދެއްވީ ދެއްވީ ޝަރަފުވެރި މެހުމާން މިނިސްޓަރ އޮފް ސުޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު އެވެ. މި ކެމްޕެއިނަށް ދެވުނު ނަމަކީ “ފަހިސިއްޙަތު” އެވެ.
ފަހިސިއްހަތު ކެމްޕެއިން އަކީ ޤައުމުގެ މުސްތަޤްބަލް އިތުރަށް ދުޅަހެޔޮކުރުމުގެ ގޮތުން އެންމެން އެއްބައިވެގެން ކުރިއަށް ގެންދިޔުމަށް ހުޅުވިގެންދިޔަ ޕޮރޮގްރާމެކެވެ. މި ކެމްޕެއިން ފެށިގެން މިދިޔައީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ، އެޗް.ޕީ.އޭ، އަދި ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން ކުރެވުނު ސުޓެޕް ސާވޭގައި ކަންބޮޑުވާފަދަ ނަތީއްޖާތަކެއް ފެނިގެން ދިޔުމުންނެވެ. އޭގެ ތެރޭގައި ފުޅާދާއިރާއެއްގައި ޖިސްމާނީ ހަރަކާތްތައް މަދުވުން، ސިއްހަތައް ގެއްލުންހުރި ކާނާ އާދަތައް އިތުރުވުން، ދުންފަތުގެ އިސްތިއުމާލު ކުރުން، ގައިން ގަޔަށް އަރާ ބަލިތަކަށް މަގުފަހިވާ އެހެން ކަންތައްތައް އިތުރުވުން ހިމެނެއެވެ. މި ހޯދުންތަކަކީ ވަޤުތުން ފިޔަވަޅުތައް އަޅަންޖެހޭ ކަންތައްތަކެވެ. މިދިރާސާތަކުގެ ނަތީއްޖާތަކަށް ބިނާކޮށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ވަނީ އެކިއެކި ގޮތްގޮތުން ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރި ކުރުމަށް މަސައްކަތް ތަކެއް ފަށާފައެވެ.
ދުޅަހެޔޮ މުޖްތަމައުއެއް އުފެއްދުމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ މަސައްކަތެއް، ބަލިތަކަށް ފަރުވާދިނުމަކީ މުހިންމުކަމެއް ކަމުގައިވީނިމިވެސް، އަބަދުވެސް އިސްކަމެއް ދޭންވާނީ ބަލިތައް ޖެހުނަ ނުދިނުމަށް މަސައްކަތް ކުރުމަށެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ފަހިސިއްހަތު ކެމްޕެއިން ފެށުމުގެ މަޤްސަދަކީ ބަލިތައްޖެހުނަ ނުދިނުމުގެ ސަޤާފަތެއް އާލާކުރުމެވެ. މިޔަދު މިހުޅުވިގެން ދިޔަ ޕޮރުގްރާމްގެ ދަށުން އެކި ސިއްހަތާބެހޭ ވުޒާރާތަކުން ވަނީ މައުލޫމާތު ދިނުމަށް ސުޓޯލްތަކެއް ބެހެއްޓިފައެވެ. މި ސުޓޯލްތަކުން މައުލޫމާތު ދިނުމުގެ އިތުރުން ބީޕީ ޗެކްކުރުން، ހަކުރު ޗެކްކުރުން، ބީ.އެމް.ޢައި އަދި އެހެނިހެން ހަރަކާތްތަށް ވެސް ހިމެނިގެންދިޔައެވެ.