ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ〞ފަހި ދުވަސް〝ތަފާތު ކުޅިވަރާއި ކެރިއަރ ގައިޑެންސް އާއެކު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އޮގަސްޓް މަހުގެ 07 ވާ ބުދަ ދުވަހު ޔުނިވަރސިޓީގެ މައިމަރުކަޒުގައި “ފަހި ދުވަސް” ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓު ކުރިއަށްދާނީ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ގޮތަށް، ހަވީރު 4:00 ން ރޭގަނޑު 10:00 އަށެވެ.

މި އިވެންޓުގެ ތެރޭގައި، ދަރިވަރުންނަށް ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުންވެސް ކުރިއަށްދާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ ތަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެއެވެ.

ފަހި ދުވަހުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނީއަރިންގ ދާއިރާ، ޞިއްޙީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ، ދަނޑުވެރިކަން އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެއެވެ.