އެލައިޑް ހެލްތް ޕްރޮފެޝަނަލް ދާއިރާތަކުން، ދިވެހިން ތަމްރީނުކުރުމަށް ޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލެބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހެލްތާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު ވޭ ފަހުމުނާގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ މައިމަރުކަޒުގައި ބާއްވައިފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢަލީ ޙައިދާ އަޙްމަދްއެވެ. އަދި، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. އަދި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްއެވެ.
މިއަދު މި ސޮއިކުރި ފަހުމުނާއަކީ އެލައިޑް ހެލްތް ދާއިރާއަށް އެއްހާސް ފަސްސަތޭކަ އަށް ވުރެ ގިނަ ދިވެހިން ތަމްރީނުކުރުމަށް ސޮއިކުރެވުނު ފަހުމުނާއެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތުގެ ނިޒާމަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމެވެ. މި ޕްރޮގްރާމުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޒިންމާތަކުގެ ތެރޭގައި އެލައިޑް ހެލްތް ޕްރޮފެޝަނަރގެ ދާއިރާގެ ކޯސްތަކަށް ތަމްރީން ޕްރޮގްރާމުތައް އެކުލަވާލައި، ރާވައި ހިންގުން، ތަމްރީން ޕްރޮގްރާމުތައް ހިންގުމަށް ބޭނުންވާ ލެކްޗަރަރއިންނާއި، ވަސީލަތްތައް އަދި ޢަމަލީ ތަމްރީންކަން ލިބޭނެ އިންތިޒާމުތައް ހަމަޖައްސާދެއްވުން ހިމެނެއެވެ. ކޯސްތަކަށް ކުރިމަތިލައި ދަރިވަރުން ސްކްރީން ކުރުމާއި، ހޯމްގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ކޯސްތައް ހިންގަމުންދާ ގޮތަށް ބައިވެރިވާ ފަރާތްތަކުގެ ތަފްސީލު އެނގޭނެ ތަފާސްހިސާބުތައް ބަލަހައްޓާ މަދުވެގެން ކޮންމެ ތިންމަހުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އަދި މިނިސްޓްރީ އޮފް ހެލްތަށް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެއިތުރުން އެ ދާއިރާއާއި ގުޅުންހުރި ދާއިރާތަކުގެ، މީހުން ތަމްރީނުކުރުމަށް ބޭނުންވެފައިވާ އާ ދާއިރާތައް ދަނެގަނެ، އެ ދާއިރާތަކަށް ކޯސްތައް ފަރުމާކޮށް، ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ވެސް ޤައުމީ ޔުނިވަރސިޓީގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނިގެންދާ ކަމަކެވެ. ޔުނިވަރސިޓީ އިން މި ދާއިރާއަށް އަލަށް ކޯސްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި، އޮކިއުޕޭޝަނަލް ތެރަޕީ، މި ގޮތް ހިނގާ ޕެރަރ މެޑިސިންގ، ސްޕީޗް ތެރަޕީ އަދި ރޭޑިއޯގްރެފިކް ހިމެނެއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވަރަށް މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މަސައްކަތްކުރާނެއެވެ. މި ޕްރޮގްރާމުގެ ދަށުން ތަމްރީނުކުރެވޭ ފަނަރުސަތޭކަ އެލައިޑް ހެލްތް ޕްރޮފިޝަރުންނަކީ ރާއްޖޭގެ ކޮންމެ ތަންކޮޅެއްގައި ވެސް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ޤާބިލު އަދި ފަންނުވެރި ބަޔަކަށް ވެގެންދާނެއެވެ.