މިއަދު ބޭއްވިގެން މިދިޔައީ ޔުނިވަރސިޓީގެ ކޮލެޓީ އެޝިއުރެންސް ކޮންޓްރޯލަރ އަދި ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީސްގެ ވެރިޔާގެ މަގާމަށް ހޮވިވަޑައިގެންފައިވާ ފަރާތްތަކަށް މަގާމު ހަވާލުކުރުމަށް ބޭއްވޭ ރަސްމިއްޔާތެވެ. އެގޮތުން ޔުނިވަރސިޓީގެ ކޮލިޓީ އެޝުއުރެންސް ކޮންޓްރޯލަރގެ މަގާމަށް ހޮވަޑައިގެންފައިވަނީ ޑރ. އާމިނަތު ޝިޔާމާ އަދި ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީސްގެ ވެރިޔާގެ މަގާމަށް ހޮވިވަޑައިގެންފައިވަނީ ޑރ. އަތާﷲ އަހްމަދު ރަޝީދުއެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އިން ފަޚުރުވެރިކަމާއެކު ޔުނިވަރސިޓީގެ މުހިންމު އިސްވެރިން ގެ މަގާމުތަކަށް ދެ ފަރާތެއް ވަނީ އައްޔަނު ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރގެ މަގާމަށް ހޮވިވަޑައިގެން ފައިވާ ޑޮކްޓަރ އާމިނަތު ޝިޔާމާ ވަނީ، ދެހާސް ފަހެއް ޑިސެންބަރު އެކެއް ގައި ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަނާ ގުޅިވަޑައިގެން އެ ފެކަލްޓީގައި އެސިސްޓެންޓް ޕްރޮފެސަރ، ސީނިއަރ ލެކްޗަރަރ، ލެކްޗަރަރ އަދި އެސިސްޓެންޓް ލެކްޗަރ ކަމުގެ މަގާމަށް އަދާކުރައްވާފައި، މީގެ އިތުރުން ޔުނިވަރސިޓީގެ އެކެޑަމިކް ސެނެޓުގައި ބައިވެރިވެވަޑައިގެން ފެކަލްޓީ ތަމްސީލުކުރުމުގެ ގޮތުން އެތަކެއް މަސައްކަތްތަކެއް ކޮއްދެއްވާފައެވެ. އަދި ދެހާސް އެކާވީހުން ފެށިގެން މިއަދާ ހަމައަށް ހުންނެވީ ޔުނިވަރސިޓީގެ ކޮލެޓީ އެޝިއުރެންސް ކޮންޓްރޯލަރގެ މަޤާމުގައެވެ.
މި މަޤާމާ ހަވާލުވަޑައިގަންނަވަމުން ޑޮކްޓަރ އާމިނަތު ޝިޔާމާ ވިދާޅުވީ، ޔުނިވާސިޓީގެ ޤާބިލުކަން އިތުރަށް ތަރައްޤީކުރުމާއި، އަޅުގަނޑުމެންގެ ލިޔެކިޔުންތަކާއި ރިޕޯޓިންގް އަދި ފޮލޯއަޕް އުސޫލުތައް ހަރުދަނާކުރުމާއި، ޔުނިވަރސިޓީން މިހާރު ފަށާފައިވާ އޮޑިޓް އެންޑް ކޮމްޕްލައިންސް މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރައްވާނެ ކަމަށް، އަދި ޔުނިވަރސިޓީގެ މަސައްކަތްތަކުގައި، ޚާއްޞަކޮށް ކޮލެޓީއެޝިއުރެންސް ނިޒާމުތަކުގެ ނާރެހަކީ ދެމީހެއްޓެނެވި ގޮތްތައް، ސަސްޓެއިނަބިލިޓީ ކަމުގައި ހަދައި، މި ޔުނިވަރސިޓީއަކީ ނަމޫނާ ޔުނިވަރސިޓީއަކަށް ހެދުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި، ވައިސް ޗާންސެލަރގެ ޕްލޭންގައިވާ ގޮތަށް ކިއުއެސް އަދި ޓައިމްސް ހައި އެޑިއުކޭޝަން ފަދަ ބައިނަލްއަގުވާމީ ރޭންކިން އެކްރެޑިއޭޝަންތަކުގައި އަދި ކިއުއޭ ޖަމުޢިއްޔާތަކުގައި ބައިވެރިވެ، ޔުނިވަރސިޓީން ދެވޭ ޚިދުމަތްތަކަކީ މަތީ ތަޢުލީމު ދިނުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ހިފަހައްޓައި، ފެންވަރު ރަނގަޅު ޚިދުމަތްތަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން އަލަށް ގާއިމުކުރާ ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީސް ހިންގުމަށް ހޮވިވަޑައިގެންފައިވާ ޑރ. އަތާﷲ އަހްމަދު ރަޝީދު މަޤާމާ ހަވާލުވަޑައިގަންނަވަމުން ވިދާޅުވީ، ސެކިއުރިޓީ ނުވަތަ ނޭޝަނަލް ސެކިއުރިޓީގެ ދާއިރާއިން، ޤައުމީ ޔުނިވަރސިޓީގައި ދިރާސާކޮށް، އެކެޑަމިކުން ބިނާކޮށް، އަދި ކިޔަވާދީ ދަރިވަރުން ތަމްރީނުކުރުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަދި ސެކިއުރިޓީއާއި ޑިފެންސް ދާއިރާގެ، ސަރުކާރުގެ މުއައްސަސާތަކުން ބާރު އަޅުއްވާ އެއްބާރުލެއްވުން ދެއްވާކަން އެއީ، މިހާރުވެސް މިފަދަ ސެންޓަރެއް ޤައުމީ ފެންވަރުގައި ޤާއިމުކުރުމަށާއި ސެންޓަރުން ކުރުމަށް ނިންމާ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި، މި ސެންޓަރުގެ ސަބަބުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގައި ސެކިއުރިޓީ އަދި ސްޓްރެޓެޖިކް ސްޓަޑީސްގެ ދާއިރާއިން ދިރާސަތައް ތައްޔާރުކޮށް، މަތީ ތަޢުލީމީ ފެންވަރުގައި ކޯސްތައް ހިންގުމުގެ ފުރުޞަތު ހުޅުވޭކަމަށެވެ. މިގޮތުން، މި ސެންޓަރަކީ މިހާތަނަށް ޔުނިވަރސިޓީ ފެންވަރުގައި ރާއްޖޭގައި ސެކިއުރިޓީގެ ދާއިރާއިން ދިރާސާކޮށް، އަދި މާސްޓަރސް އަދި ބެޗްލަރސް ޑިގްރީއަށް ކިޔަވައިދިނުމަށް އުފެއްދޭ ފުރަތަމަ ސެންޓަރުކަމަށް ވެގެންދާނެ ކަމަށް އުއްމީދުކުރާކަމަށެވެ. އަދި، މި ދާއިރާއިން ކުދި ޤައުމުތަކުގައި ކުރަމުންދާ މަސައްކަތްތަކަށް ބަލައި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެމް.އެން.ޔޫގައި ސްމޯލް ސްޓޭޓް ސްޓަޑީސްގެ ދާއިރާއިން ފުންނާބުއުސް އަދި ޔުނީކް ޕްލެޓްފޯމެއް ޤާއިމުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. މިއާއެކު އެމް.އެން.ޔޫއަށް ކްލެބްރޭޓިވް ފައިނޭންސް އެންޑް ރިސަރޗް ޕްރޮޖެކްޓްސްގެ ފުރުޞަތު ހުޅުވާލެވިގެންދާނެއެވެ. މިގޮތުން، މި ސެންޓަރުން ތަޢާރަފުކޮށް ހުޅުވައިލެވޭ ޕްރޮގްރާމްތަކާއި، ހަރަކާތްތަކުގެ ތެރޭގައި އެކެޑެމިކް އަދި ޕްރޮފެޝަނަލް ކޯސްތަކާއި، ވޯކްޝޮޕްތައް ހިމެނެއެވެ. މީގެތެރޭގައި މާސްޓަރސް ކްލާސްތައް، މާސްޓަރ އޮފް ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީސް ރިސާޗް ޕްރޮގްރާމެއް ތަޢާރަފުކުރެވޭނެއެވެ.
މި އައްޔަންކުރުންތަކުން ދައްކުވައިދެނީ އެމް.އެން.ޔޫ އިން ތަޢުލީމާއ،ި ދިރާސާތަކާއ،ި އައު އީޖާދުތަކުގެ ރޮނގުން ދިވެހިރާއްޖޭގައި އިސް ދައުރެއް އަދާކުރާ މަރުކަޒަކަށްވުމަށް ކުރަމުންދާ މަސައްކަތެވެ. އަލަށް އައްޔަންކުރެވުނު އިސްވެރިން މަސައްކަތް ކުރައްވާނީ އެމް.އެން.ޔޫ ގެ ސްޓްރެޓެޖިކް ވިޝަން ކުރިއަށް ގެންދިއުމަށެވެ. އަދި މިގޮތުން، ދަރިވަރުންނަށް އެމީހުންގެ ދާއިރާތަކުގައި ކުރިމަތިވާ އައު ގޮންޖެހުންތަކަށް ތައްޔާރުވެ ތިބުމަށް ބޭނުންވާ ހުނަރުތައް ލިބިދިނުމަށް މަސައްކަތް ކުރެވިގެންދާނެއެވެ.