ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރު ދެވަނަ ޓާމްގައި ކިޔަވާ ނިމުނު ދަރިވަރުންގެ  ދަސްވެނިވުން އިދާރީ މަރުކަޒުގައި ބާއްވައިފި

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދެވަނަ ޓާމްގައި ކިޔަވާ ނިމުނު ދަރިވަރުންގެ ދަސްވެނިވުން މިޔަދު (24 އޭޕްރިލް 2025)ގައި ޔުނިވާސިޓީ މައި މަރުކަޒުގައި ބާއްވައިފިއެވެ. ޔުނިވަރސިޓީގެ މިފަހަރު ދަސްވެނިވުން ބޭއްވިގެންމިދިޔައީ  ތިން ސެޝަނަކަށް ބަހާލައިގެންއެވެ. މި ފަހަރުގެ ރަސްމިޔާތުގައި 349 ދަރިވަރުން ދަސްވެނިވެއެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ.އައިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިވެހިންގެ ފަޚުރުވެރިކަމުގެ ނިޝާނެއް، އަދި ދިވެހި ޤައުމިއްޔަތުގެ ފުދުންތެރިކަމުގެ ރަމްޒެއްކަމުގައެވެ. އަދި މި ޔުނިވަރސިޓީއަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމުގައި އަސާސީ ދައުރެއް އަދާކުރާ، ދިވެހިރާއްޖޭގެ މާޒީއާއި މުސްތަޤްބަލް ގުޅުވައިދޭ މުހިންމު ވަސީލަތެއްކަމުގައި ވެސް ވިދާޅުވެފައިވެއެވެ. އެގޮތުން ދިވެހިން ބޭނުންވާ ޢިލްމާއި ހުނަރު އުފެއްދުމަކީ ޤައުމީ ޔުނިވަރސިޓީގެ މައިގަނޑު އަމާޒެވެ. މި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި، ޔުނިވަރސިޓީން ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމާއި، އެކި ދާއިރާތަކުން ތަފާތު ފެންވަރުގެ ކޯސްތައް ތަޢާރަފުކުރުމާއި، އަދި ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާއެކު ޢިލްމު ޙާޞިލުކުރުމާއި ފެތުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ޔުނިވަރސިޓީގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިއަދު ކުރިއަށްދިޔަ ފުރަތަމަ ސެޝަންގެ ދަސްވެނިވިގެން ދިޔައީ ސުކޫލް އޮފް ނާރސިންގް އަދި ސްކޫލް އޮފް މެޑިސިންގެ ގުރޭޖުވޭޓްވި ކުދިންނެވެ. އެއީ ސްކޫލް އޮފް ނާސިންގްގެ 101 ދަރިވަރުން އަދި، ސްކޫލް އޮފް މެޑިސިންގް ގެ 24 ދަރިވަރުންނެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޑޮކްޓަރުން ތަމްރީނުވެ ދަސްވެނިވާ ދެވަނަ ބެޗް މިނިގެންމިދިޔައީ ވަރަށްވެސް ރަގަޅު ނަތީއްޖާ އިމްތިހާނުތަކުން ހޯދައި ފާސްވެގެންނެވެ. މިއީ ދިވެހިރާއްޖެއަށާއި ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބޭނެ ފަހަރުވެރި ކާމިޔާބީއެއް ކަމުގައި ފާހަގަ ކުރަމެވެ.

މިއަދު ނިމިގެން މިދިޔަ ދަސްވެނިވުމުގެ ދެވަނަ ސެޝަން ޝަރަފްވެރިމެހުމާނަކަށް ވަޑައިގަތީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މިނިސްޓަރ ޑރ. ޢަލީ ޙައިދާ އަޙްމަދްއެވެ. މި ދަންފަޅީގައި ދަސްވެނިމިފައިވަނީ ފެކަލްޓީ އޮފް އާރޓްސްގެ 26 ދަރިވަރުން، ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ 62 ދަރިވަރުން، ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސުޓަޑީސްގެ 8 ދަރިވަރުން އަދި ފެކަލްޓީ އޮފް ޝަރީއަރ އެންޑް ލޯގެ ދަރިވަރުންނެވެ. މި ދަރިވަރުން ވަނީ އެދަރިވަރުންގެ އިމްތިހާނުތަކުން ފާސްވެ ރަނގަޅު ނަތިޖާ ހޯދާފައެވެ.

މިއަދު ނިމިގެން މިދިޔަ ތިންވަނަ ދަންފަޅީގައި ދަސްވެނިވިފައި މިވަނީ ޖުމުލަ 110 ދަރިވަރުންނެވެ. އެއީ، ފެކަލްޓީ އޮފް ހެލްތް ސައިންސްގެ 20 ދަރިވަރުން، ފެކަލްޓީ އޮފް އެންޖީނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީގެ 26 ދަރިވަރުންނާއި،  ކޮލެޖް އޮފް ފިޝަރީސް އެންޑް އޯޝަން ސައިންސަސްގެ 3 ދަރިވަރުންނާއި، އެމް.އެން.ޔޫ ބިސްނަސް ސުކޫލުގެ 44 ދަރިވަރުން އަދި، ސްކޫލް އޮފް ނާސިންގްގެ މާސްޓާރސް ޕުރޮގްރާމް ނިންމާފައިވާ 17 ދަރިވަރުން ހިމެނައިގެންނެވެ. ތިންވަނަ ދަންފަޅީ ޝަރަފްވެރިމެހުމާނަކަށް ވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑެވެލޮޕްމެންޓް އަހްމަދު ޝަފީއުއެވެ.