ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން މިއަދު ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައި، ތަފާތު ސޯޅަ ދާއިރާއަކުން ޑޮކްޓަރުން އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ.) ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޔުނިވަރސިޓީން މިހާރު ވެސް ދެ ދާއިރާއަކުން ޕީ.އެޗް.ޑީ. ކޯސް ހިންގަމުންދާއިރު، އެ ކޯސްތަކުގައި ގާތްގަނޑަކަށް ދިހަވަރަކަށް ދަރިވަރުން ދަނީ ތަޢުލީމު ޙާޞިލު ކުރަމުންނެވެ.
މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެމް.އެން.ޔޫގެ ވައިސް ޗާންސެލާރ، ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، “މިއަދު އިއުލާން ކުރެވުނު ސޯޅަ ދާއިރާގެ އިތުރުން، އެހެން ތިން ދާއިރާއެއްގެ ޕީ.އެޗް.ޑީ. ކޯސްތައް ވެސް މިހާރު ފަރުމާކޮށް ނިމިފައިވާ ކަމަށާއި، ހުއްދަ ހޯދުމުގެ އެންމެ ފަހުގެ މަރުޙަލާގައި އެ ކޯސްތައް ހުރި ކަމަށެވެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ތިން ދާއިރާއަށް ވެސް ޕީ.އެޗް.ޑީ. ކޯސްތަކަށް އިއުލާން ކުރެވޭނެ ކަމަށް” ވިދާޅުވިއެވެ.
ޔުނިވަރސިޓީގެ އަމާޒަކީ އިތުރު ގިނަ ދާއިރާތަކަކުން، ގިނަ ފެކަލްޓީތަކުގައި ޕީ.އެޗް.ޑީ. ޕްރޮގްރާމްތައް ތަޢާރަފުކޮށް، އަންނަ އަހަރު ތެރޭގައި އެ ކޯސްތައް ފެށުން ކަމަށް ވެސް ޕްރެސް ކޮންފަރެންސްގައި ވައިސް ޗާންސެލާރ ފާހަގަކުރެއްވިއެވެ. ޕީ.އެޗް.ޑީ. ޕްރޮގްރާމްތައް އިތުރުވުމަކީ ޢިލްމީ ދިރާސާތައް އިތުރުވެ، ޤައުމު ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި މަގުފަހިވެގެންދާނެ ކަމެކެވެ. ޚާއްޞަ ގޮތެއްގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަސައްވުރާ އަދި އަމާޒާ ގުޅުވައިގެން ޕީ.އެޗް.ޑީ. ޕްރޮގްރާމްތައް އިތުރުވެ، ޕީ.އެޗް.ޑީ. ހަދާ ދަރިވަރުންނާއި ދިރާސާތައް ގިނަވުމަކީ ޔުނިވަރސިޓީގެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ފައިތިލަ ސާބިތުކޮށްލުމަށް ވެސް މިއީ ރަނގަޅު ފުރުޞަތެކެވެ.
މިހާރުގެ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ޢިލްމީ ދިރާސާއަށް ބިނާކޮށް ޤައުމުގެ އެކި ސިޔާސަތުތައް ކަނޑައެޅުމަށް ބޮޑު އިސްކަމެއް ދެވޭ ކަމަށް ފާހަގަކުރައްވަމުން، ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްވިދާޅުވީ، އިތުރު ދާއިރާތަކުން ޕީ.އެޗް.ޑީ. ދަރިވަރުންނާއި ދިރާސާތައް އިތުރުވުމަކީ ސިޔާސަތުތައް ކަނޑައެޅުމުގައި ޢިލްމީ ދިރާސާއަށް ބިނާކޮށް ކުރިއަށް ދިއުމަށް އިތުރު މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.
ޤައުމު ބިނާކުރުމަށް ތަފާތު ދާއިރާތަކުން މީހުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ. އެ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ ހުރިހާ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތްތައް އެމް.އެން.ޔޫން މިހާރު ވަނީ ފަށާފައެވެ. މިގޮތުން، މުދައްރިސުން ތަމްރީނު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފައްޓަވާފައިވާ ޕްރޮގްރާމްގައި އެމް.އެން.ޔޫން ބައިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި، އެލައިޑް ހެލްތުގެ ނަރުހުންނާއި، އެހެނިހެން ޕްރޮފެޝަނަލުން ތަމްރީނު ކުރާ ޕްރޮގްރާމްތަކުގައި ވެސް އެމް.އެން.ޔޫން އިސްދައުރެއް އަދާކުރާ ކަމަށް ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ދަށުން އަލަށް ދެވަނަ ޓާމުގައި ސެޓްފިކެޓް 4 (ލެގްޓޮމީ) މި އަންނަ ހަފްތާ ތެރޭގައި ފެށޭނެއެވެ.
މީގެއިތުރުން، މިހާރު ފަރުމާކޮށްފައިވާ ބޯޑް ޕެރަމެޑިކްސް، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ، އަދި ރޭޑިއޯގްރަފީގެ ޑިގްރީ ކޯސްތައް ވެސް ހުއްދަ ހޯދުމުގެ މަރުހަލާގައި ހުރި ކަމަށާއި، އިރާދަކުރެއްވިއްޔާ މިއީ ވެސް ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ ކޯސްތަކެއް ކަމަށް ވިދާޅުވިއެވެ.
ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ކޮލެޖް ޤާއިމުކުރެވި، ކޯސްތައް ހިންގަން ފަށާފައިވާކަން ފާހަގަކުރައްވަމުން، މިހާރު ބެޗްލަރ އޮފް ފިޝަރީޒް މެނޭޖްމަންޓް އަދި ފިޝަރީޒް ދާއިރާގެ މާސްޓަރ އޮފް ރިސަރޗް ޕްރޮގްރާމެއް ފަރުމާކުރަމުން ދާކަމަށް ވިދާޅުވިއެވެ.
އައްޑޫގައި ފެކަލްޓީ އޮފް އެގްރިކަލްޗާ އެންޑް ފުޑް ސައިންސަސް ބިނާކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށާއި، އެގްރިކަލްޗާ ދާއިރާގެ ސެޓްފިކެޓް ލެވަލް 4 ގެ ތިން ކޯހެއް މިދިޔަ އަހަރު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި، މި އަހަރުގެ ދެވަނަ ޓާމުގައި ޑިޕްލޮމާ އިން އެގްރިކަލްޗާ އަދި ފުޑް ސައިންސްގެ ޑިގްރީ ކޯހެއް ވެސް ފެށޭނެ ކަމަށް ވިދާޅުވިއެވެ.
ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް ޤާއިމުކުރެވި، މާސްޓަރ އޮފް ރިސާރޗް އެންޑް ސެކިއުރިޓީ ސްޓަޑީޒް ފަރުމާކޮށް، މި ކޯހަށް ވެސް މިހާރު ހުއްދަ ހޯދުމުގެ ފަހު މަރުހަލާގައި އުޅޭކަމަށް ވެސް ޕްރެސް ކޮންފަރެންސްގައި ހާމަކުރެއްވިއެވެ. ހަމައެހެންމެ، ސެޓްފިކެޓް 4 އިން ސައިން ލޭންގުއޭޖް ވެސް ދެވަނަ ޓާމުގައި ފެށޭނެ ކަމަށާއި، މީޑިއާ ރިލޭޝަންސް ޑިގްރީ ވެސް މި އަންނަ ޓާމުގައި ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. ރަޙީމާ ޢަބްދުއްރަޙީމް ވިދާޅުވީ، މިހާ ގިނަ ޕީ.އެޗް.ޑީ ކޯސްތަކެއް ފެށިގެން ދިއުމަކީ ކޮންމެ ދާއިރާއަކުން ވެސް ކަމާބެހޭ ތަޖުރިބާކާރުންތަކެއް ގައުމަށް ނެރެވިގެންދާނެ ކަމަށެވެ. އަދި ޔުނިވަރސިޓީގެ ރިސާރޗް ޕްރޮފައިލަށް ވެސް ވަރަށް ބޮޑަށް ކުރިއެރުމެއް ލިބޭނެ ކަމަކަށްވެގެންދާނެ ކަމަށެވެ. 16 އާ ކޯހެއް ފެށުމަށް ރާވާފައިވާކަމަށާއި، ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޕްލައިޑް ސައިންސްގެ ދަށުން 8 ކޯހެއް، އަދި، ޑޮކްޓަރ އޮފް ފިލޯސަފީ އިން އިންޖިނިއަރިންގެ ދަށުން 5 ކޯހެއް ހިމެނެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. އަލީ ފަވާޒް ޝަރީފް ފާހަގަކުރެއްވިގޮތުގައި، ދެވަނަ ޓާމުގައި ފެށުމަށް ނިންމާފައިވާ ކޯސްތަކުގެ ތެރޭގައި “ދިވެހި ކަލްޗަރ އެންޑް އިސްލާމް” އާއި “ސެޓްފިކޭޓް އިން ސައިންސް އެންޑް ޓެކްނޮލޮޖީ” ހިމެނެއެވެ. ސެޓްފިކޭޓް އިން ސައިންސް އެންޑް ޓެކްނޮޖީ ކޯހަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުމާކުރެވިގެން ހިންގާ ކޯހެކެވެ. މި ދާއިރާގެ ކުރީގެ ގްރެޖުއޭޓުންނަށް އިތުރަށް ކުރިއަށް ދިއުމަށް މިހާރު ޑިޕްލޮމާ ފެށުމާއެކު، އިންޝާﷲ ޑިޕްލޮމާ ނިމުމުން ޑިގްރީ ފެންވަރަށް މި ކުދިން ގެންދެވޭނެ އިންތިޒާމް ހަމަޖެއްސޭނެ ކަމަށް ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވިއެވެ.
އެހެން ކޯސްތަކުގެ ތެރޭގައި ފުޑް ސައިންސް ކޯހުގައި ބޮޑަށް ސްޕެޝަލައިޒޭޝަނެއްގެ ގޮތުގައި ފުޑް ސެކިއުރިޓީ އެންޑް ކޮލިޓީ އަށް އަމާޒުކޮށްގެން ކޯހެއް ފަރުމާކުރެވިފައިވާ ކަމަށާއި، މި ސެމިސްޓަރ ތެރޭގައި މި ކޯހަށް އިއުލާންކޮށް، ދަރިވަރުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވިއެވެ. އިތުރު ކޯސްތަކުގެ ތެރޭގައި ޕެރާ-އެލައިޑް ކޯސްތައް ހިމެނެއެވެ. މީގެ ތެރޭގައި ޕްރައިމަރީ މެޑިސިން، ސްޕީޗް އެންޑް އޮކިއުޕޭޝަނަލް ތެރަޕީ، އެމަރޖެންސީ މެޑިސިން އަދި އެމްބިއުލެންސް ސަރވިސަސް ހިމެނޭ ކަމަށާއި، މި ހުރިހާ ދާއިރާތަކަށް ފޯކަސްކުރެވިގެން ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް މި އަހަރު ފެށިގެން މި ދަނީ ކަމަށް ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވިއެވެ.
“ކޮންމެ ސެމިސްޓަރެއްގައި އާ ކޯސްތައް އިތުރު ކުރަމުން ގޮސް ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި 1500 ކުދިން ތަމްރީނު ކުރުމުގެ ސަރުކާރުގެ ވަޢުދު އިންޝާﷲ އަޅުގަނޑުމެންނަށް ފުރިހަމަ ކުރެވޭނެ” ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވިއެވެ. މީގެއިތުރުން، އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ޓީޗިންގ ކޯސްތަކުގެ މަސައްކަތް ވެސް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ޑރ. އަލީ ފަވާޒް ޝަރީފް ފާހަގަކުރެއްވިއެވެ.
މިއަދު ތަޢާރަފްކުރެވުނު ޕީ.އެޗް.ޑީ ކޯސްތަކުގެ ތެރެއިން 13 ޕީ.އެޗް.ޑީއަށް އެޕްލިކޭޝަން ބަލައިގަތުން މިހާރު ހުޅުވާލާނެ ކަމަށާއި، އެޕްލިކޭޝަންތައް ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދޭނެ ކަމަށް ޔުނިވަރސިޓީގެ ރެޖިސްޓްރަރ މުޙައްމަދު ޟާމިރު ވިދާޅުވިއެވެ. މީގެ އިތުރުން މިއަދު ލޯންޗުކުރާ ކޯސްތަކުގެ ތެރެއިން ޑިޕްލޮމާ، ބެޗެލަރ އޮފް މީޑިއާ ޕަބްލިކް ރިލޭޝަންސްގެ ބެޗެލަރސް ޕްރޮގްރާމް، މީޑިއަރ ޕީއާރ ކޯސް އަދި އެގްރިކަލްޗަރ ޑިޕްލޮމާ ކޯހަށް މިހާރު ވެސް އިއުލާންކޮށްފައިވާ ކަމަށާއި، އެޕްލިކޭޝަންތައް އެކަށީގެންވާ އަދަދަކަށް ލިބެމުންދާ ކަމަށް އެމް.އެން.ޔޫން ވިދާޅުވިއެވެ. ބާކީ ދެ ކޯސް އަންނަ ހަފްތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށާއި، ހުރިހާ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުން ކުރިއަށްދާނީ ޔުނިވަރސިޓީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ރެޖިސްޓްރަރ ހާމަކުރިއެވެ.