ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޤާއިމުކޮށްފައިވާ، ރާއްޖޭގެ ފުރަތަމަ ޔުނިވަރސިޓީ އިންކިއުބޭޓަރ ކަމުގައިވާ ‘އެމް.އެން.ޔޫ. އިނޮވޭޓްހަބް’ ގެ ފުރަތަމަ ބެޗަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޤާއިމުކޮށްފައިވާ، ރާއްޖޭގެ ފުރަތަމަ ޔުނިވަރސިޓީ އިންކިއުބޭޓަރ ކަމުގައިވާ ‘އެމް.އެން.ޔޫ. އިނޮވޭޓްހަބް’ ގެ ފުރަތަމަ ބެޗަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލެވިގެން މިދޔައީ ވޯލްޑް ކުރިއޭޓިވިޓީ އެންޑް އިނޮވޭޝަން ދުވަހުގައެވެ. އެއީ، 21 އެޕްރީލް 2025 ވަނަ ދުވަހެވެ. އިނޮވޭޓްހަބް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އުފައްދާފައިވާ، އީޖާދީ ޚިޔާލުތަކާއި ވިޔަފާރީގެ ކުރިއެރުން އިތުރުކުރުމަށް މަގުފަހިކޮށްދޭ ޕައިނިއަރިންގ އިނީޝިއޭޓިވްއެކެވެ.   އެމް.އެން.ޔޫ އިނޮވޭޓްހަބް ލޯންޗް ކުރެވިގެންދިޔައީ 4 ޖުލައި 2024 ގައެވެ. މި ޕްރޮޖެކްޓުގެ ދަށުން އާ އީޖާދުތައް ހެދުމުގެ މަގްސަދަކީ ގައުމު ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މުޖްތަމައުއާއި ދަރިވަރުންނާ އަދި އެމްއެންޔޫއާ އެކުއެކީ ޤައުމު ކުރިއެރުވުމަށް ކުރާ މަސައްކަތެކެވެ. މި ފުރުސަތުގެދަށުން ދަރިވަރުން ހުށަޅާ ޕްރޮޕޯޒަލް މުރާޖާކޮށް ފަންޑިންގް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.  

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިނޮވޭޓްހަބްއިން ދޭ ސީޑް ކެޕިޓަލްއަކީ، ޔުނިވަރސިޓީ އާއި ޔުނިވަރސިޓީއާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި އުފެއްދުންތެރި އީޖާދީ، ޚިޔާލުތަކަށް ހިތްވަރުދޭން ދެވޭ ފުރުސަތެކެވެ. އެމް.އެން.ޔޫ އިނޮވޭޓްހަބް ހުޅުވާލެވިފައި  މިވަނީ އެމް.އެން.ޔޫގެ ފުރަތަމަ އަހަރުގެ ކިޔެވުން ނިމި، ކިޔެވުން ކުރިއަށްގެންދާ ދަރިވަރުންނަށެވެ. ޔުނިވާސިޓީ އިން އިންކިއުބޭޓަރ ލެވެލްގައި ފަންޑިންގް މިދެނީ ސީޑް ކެޕިޓަލްގެ ނަމުގައެވެ. ސީޑް ކެޕިޓަލް ބަހާލެވިގެންވަނީ 3 ފަންތިއަކަށެވެ. އެއީ، އެންމެ ކުޑަމިންވަރުން 50،000ރ ހަމަޔަށް، މެދުމިންވަރުން 225،000ރ ހަމަޔަށް، އަދި މަތީމިންވަރުން 500،000ރ ހަމަޔަށެވެ. އެމް.އެން.ޔޫ އިންކިއުބޭޓަރ މި މަރުހަލާގައި ނަގާނީ އެންމެ ގިނަވެގެން 10 އެޕްލިކޭޝަން ފޯމެވެ. މި މަރުހަލާގެ މުއްދަތު ތެރޭގައި ކުދިންނަށް އިންޑަސްޓުރީ އެކްސްޕާޓުންގެ ފަރާތުން އިރުޝާދު ލިބިގެންދާނެ، އަދި  އޭގެ އިތުރުން ކޮލެޖްގައި ލިބެންހުރި ވަސީލަތްތަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މަރުހަލާތެރޭގައި ސީޑް ފަންޑިންގް ދެވިގެން މިދަނީ 20-50 ޕަސެންޓާ ހަމައަށެވެ. އެއީ، ޕްރޮޓޯ ޓައިޕް ޑިވެލޮޕްކުރަން، މާރކެޓިންގް ރިސާޗެއް ހަދަން، ނޫނީ މިކަހަލަ ކަމަކާގުޅިގެންނެވެ. ސީޑް ފަންޑިންގް ދެވިގެން މިދަނީ ދެވިފައިވާ ލަޑުދަނޑިތައް ހާސިލް ކުރަމުންދާ މިންވަރަކުންނެވެ. ޑިވެލޮޕްކުރާ މަރުހަލާގެ މުއްދަތު ނިމުމުން ދެންދާނީ އެކްސެލެރޭޓަރ މަރުހަލާއަށެވެ. މި މަރުހަލާގަ ޖުމްލަ މި ހޮވަނީ 3-5 ކުދިންނެވެ. މި ކުދިންގެ ވިޔަފާރި ކުރިއަރުވަން ބާކީ ފަންޑިންގް ދެވިގެންމިދަނީ ގުރޯތް ކެޕިޓަލްގެ ގޮތުގައެވެ.

މި ފައިސާގެ އެހީ ފޯރުކޮށްދެވޭނީ ޔުނިވަރސިޓީ އަށް ނުވަތަ މުޖުތަމަޢަށް މަންފާކުރަނިވި، އަދި ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީ އާއި ކުރި އެރުން ގެނެސްދޭނެ ފަދަ ޚިޔާލުތަކަށެވެ. ނަމަވެސް ބޮޑަށް އިސްކަންދެވޭނީ އީޖާދީ ޚިޔާލުގެ ގޮތުގައި ހުށަހަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްތަކަށެވެ. އެމް.އެން.ޔޫ އިނޮވޭޓްހަބްގެ ސީޑް ކެޕިޓަލަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކަކީ އެމް.އެން.ޔޫ ގެ ދުރުރާސްތާ ޕްލޭންގައިވާ މަޤްޞަދުތަކާ ގުޅުންހުރި ހުށަހެޅުންތަކަކަށް ވާން ވާނެއެވެ. އަދި އ.ދ. ގެ ސަސްޓައިނަބަލް ޑެވެލޮޕްމަންޓް ގޯލްއަކަށްވެސް (އެސް.ޑީ.ޖީ) ވާންވާނެއެވެ.