2025 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ޔުނިސެފް އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން، މިޔަދުމިވަނީ އާޓިފިޝަލް ބީޗުގައި “ފަހި ޞިއްޙަތު” ގެނަމުގައި ހެލްތް ފެއަރއެއް ބާއްވައިފިއެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެވެ. މިފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ވައިސްޗާންސެލަރ، ޑަބްލިއު އެޗްއޯ ޔުނިސެފް ރިޕްރެޒެންޓެޓިވްސް އަދި ޔުނިވަރސިޓީގެ އިސް ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި އަހަރުގެ ހެލްތު ފެއަރގެ ޝިޢާރު – “Healthy Beginnings, Hopeful Futures” ނުވަތަ “ދުޅަހެޔޮ ފެށުމެއް، އުއްމީދީ މުސްތަޤުބަލެއް” މިއެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަމުން ވައިސް ޗާންސެލަރ ވިދާޅުވީ، ޞިއްޙަތަކީ އިންސާނުންގެ އެންމެ މުހިންމު އެއް ވަސީލަތް ކަމަށް، އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ތިބެގެން މެނުވީ އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެހެން ދާއިރާތަކުގައި ކުރިއެރުމެއް ނުހޯދޭނެއެވެ. އެހެންކަމުން، މިފަދަ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އެމް.އެން.ޔޫ ފަހި ޞިއްޙަތު ކެމްޕޭނަކީ ހަމައެކަނި އެއް އިވެންޓެއް ނޫންކަން ފާހަގަ ކުރައްވާ ވިދާޅުވީ، މިއީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމުގެ ވައުދުފުޅާއި އެއްގޮތަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފަށާފައިވާ މުޅި ޤައުމަށް އަމާޒުކޮށްގެން ހިންގާ ކެމްޕޭނެއްކަމަށެވެ. މި ކެމްޕޭނުން ދައްކުވައިދެނީ ތަޢުލީމާއި، ބައިވެރިވުމާއި އަދި ބާރުވެރިކުރުވުމުގެ ޒަރީޢާއިން ޤައުމުގައި ނުރައްކާތެރި ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކާ ކުރިމަތިލުމަށާއި ޞއްޙަތަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިތައް ކުރިއެރުވުމަށާއި އަދި އަންނަން އޮތް ޖީލުތަކަށް ޓަކައި ދެމެހެއްޓެނިވި މުޖުތަމަޢުތަކެއް ބިނާކުރުމަށ އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތެވެ. އެހެންކަމުން އެމް.އެން.ޔޫ ފަހި ޞިއްޙަތު ހެލްތު ފެއަރއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޔުނިސެފް ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކާއި، ތަޢުލީމީ މުއައްސަސާތަކާއި އަދި ޒުވާން ވޮލަންޓިއަރުން އެއްކޮށް ޢާންމުންގެ ޞިއްޙަތު ކުރިއެރުވުމަށް މަޢުލޫމާތު ދިނުމުގެ މަޤްޞަދުގައި ބޭއްވޭ ހަރަކާތެކެވެ.އަދި، މިފެއަރގައި 15 އަށްވުރެ ގިނަ އިންޓަރެކްޓިވް ސްޓޯލްތަކުން ހިލޭ ސްކްރީނިންގ ހަދައިދިނުމުގެ އިތުރުން، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް އަޅާލުމާއި، ރަނގަޅު ކާނާ ކެއުމާއި، ޖިސްމާނީ ދުޅަހެޔޮކަން ހިފެހެއްޓުމާ ގުޅޭގޮތުން މުހިންމު ޞިއްޙީ މަޢުލޫމާތު ދެވިގެންދާނެއެވެ.
މި ފެއަރގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ލިސްޓެއް ތިރީގައި މިވަނީއެވެ.
ޔުނިސެފް