އުނގެނުމާއި އުނގަންނައިދިނުމަށް އެޑިއުކޭޝަނަލް ގޭމްސް ނުވަތަ އެޑިއުޓެއިންމެންޓް

The Maldives National University > Teaching and Learning > އުނގެނުމާއި އުނގަންނައިދިނުމަށް އެޑިއުކޭޝަނަލް ގޭމްސް ނުވަތަ އެޑިއުޓެއިންމެންޓް

ރޯޒާ އިބްރާހީމް | އެކްޓިންގ ހެޑް / ލީޑް އިންސްޓްރަކްޝަނަލް ޑިޒައިނަރ

ތައުލީމު ފޯރުކޮށްދޭ މުއައްސަސާތައް އަބަދުވެސް އަމާޒު ހިފަނީ އެވަގުތަކަށް އެންމެ އެކަށޭނަ ވަސީލަތްތަކެއްގެ އެހީގައި ދަރިވަރުންނަށް ފަސޭހައިން ދޭހަވެ ދަސްވާކަހަލަ އުކުޅުތައް ބޭނުންކޮށްގެން، ދަރިވަރުންގެ ޝައުގުވެރިކަން ލިބޭފަދަ ގޮތަކަށް ތައުލީމު ފޯރުކޮށްދިނުން ބައްޓަން ކުރުމަށެވެ. މިގޮތުން މި ލިއުމުމައި އަލި އަޅުވާލާނީ އެޑިއުކޭޝަނަލް ގޭމްސް ނުވަތަ އެޑިއުޓެއިންމެންޓް، އުގެނުމާއި އުގަންނައިދިނުމަށް ބޭނުންކުރުމާ ގުޅޭގޮތުންނެވެ.

އެޑިއުކޭޝަނަލް ގޭމްސް ނުވަތަ އެޑިއުޓެއިންމެންޓް އަކީ އުގެނުމާއި އުގަންނައިދިނުމަށް ބޭނުންވާ މައުލޫމާތާއި، ހުނަރު  އަދި ސިފަ އާއި ވިސްނުން އީޖާދީގޮތެއްގައި، އުގެނޭފަރާތްތަކުގެ ޝާމިލުވުމާއި އެއްބާރުލުން އެކުލެވޭގޮތަށް ވީޑިއޯ ގޭމްތަކުގެ ޒަރީއާއިން ފޯރުކޮށްދެވޭ ނިޒާމެއް ނުވަތަ ވައްޓަފާޅިއެކެވެ. ދިވެހިރާއްޖޭގައި މިދެންނެވުނުފަދަ ވީޑިއޯ ގޭމްތައް ކިޔަވައިދިނުމުގެ ތެރޭގައި ބޭނުންކުރުން މީ އުނގެނުމަށް ތަފާތު ގިނަ ފުރުސަތުތަކަކާއި ކުރިއެރުން ލިބިދޭނެ ކަމެކެވެ. މިގޮތުން، މިފަދަ އެޑިއުކޭޝަނަލް ގޭމްތައް ތައްޔާރު ކުރެވެނީ މަޖަލާއި އުފާ، ޝައުގުވެރިކަން އަދި އުނގެނޭ ފަރާތްތަކުގެ ބައިވެރިވުން ލިބޭގޮތަށެވެ. އެހެންކަމުން، މިފަދަ ގޭމުތަކުން ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކޮށްދިނުމުގެ ސަބަބުން އުނގެނެންބޭނުންވާ މައުލޫމާތާއި ހުނަރާއި ވިސްނުން ލިބިދިނުމަށް ވަރަށްބޮޑަށް އެހީތެރިވެދެއެވެ.

އަދިހަމަ މިއާއިއެކު، މިފަދަ ގޭމްތަކުން ހަރަކާތްތެރި ކަމާއިއެކު މަސައްކަތް ކޮށްގެން ކަންތައްތައް ދަސްކުރުން ކުރިއަރުވައެވެ. މި ގޭމުތަކުގައި އެކުލެވޭ ބައިތައް ކަމަށްވާ މައްސަލަ ހައްލުކުރުމާއި ހުނަރާއި މައުލޫމާތާއި ވިސްނުން ދުނިޔޭގެ ކަންތައްތަކާގުޅޭ ހާދިސާ ތަކުގައި ބޭނުންކުރުމުގެ ފުރުސަތު ލިބިދިނުމުގެސަބަބުން ފުންކޮށް ވިސްނުމާއި މައުލޫމާތު ސިކުޑީގައި ގިނަ ދުވަހަށް ހަރުލައި ހުރުމަށް މަގުފަހިވެއެވެ. އަދި އުނގެނޭފަރާތްތަކުގެ ދަސްކުރުމުގެ ގާބިލިއްޔަތާއި އުގެނުމުގެ ވައްޓަފާޅިއަށް ޚާއްސަވާގޮތަށް ގޭމު ފަރުމާކޮށް ބައްޓަން ކުރެވެއެވެ. މިގޮތުން، މިފަދަ ގޭމްތަކުގައި ވިސްނުން ބޮޑަށް ބޭނުންކުރަންޖެހޭ ފަދަ ހުނަރުތަކަށް ވަރަށްބޮޑަށް ސަމާލުކަން ދީފައިވެއެވެ. މީގެތެރޭގައި ކްރިޓިކަލް ވިސްނުން، މައްސަލަ ހައްލު ކުރުން، ކަންކަމުގައި ގޮތްނިއްމުން، އުފެއްދުންތެރިކަން، އެކުގައި މަސައްކަތް ކުރުން ފަދަ ހުނަރުތައް ހިމެނެއެވެ.

މީގެ އިތުރުން، ވަގުތުން ފީޑްބެކް ލިބުމުގެސަބަބުން އުނގެނުމުގައި ލިބެމުންދާ ކުރިއެރުން ވަޒަންކުރެވި، ރަގަޅުކުރަންޖެހޭ ބައިތައް ދެނެގަނެވި، އެކަމަށް މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްވެގެން ދެއެވެ. އަދި ދަރިވަރުންނަށް ހެދޭ ގޯސްތަކުން ދަސްކުރުމުގެ ފުރުސަތު ފަސޭހަކަމާއިއެކު ފަހިވެއެވެ. ގޭމްތަކުގެ އެންމެ ތަފާތު އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ގޭމު ކުޅޭފަރާތަށް ސަލާމަތްތެރިކަމާއި، އެހީތެރިކަންލިބޭފަދަ މާހައުލެއް އުފައްދާދިނުމެވެ. މިފަދަ މާހައުލުގައި ތަފާތު ތަހުލީލުތައްކޮށް ފޭލިވުމާއި އެހެންމީހުންގެ ދެކޭގޮތުން އެއްކިބާވެހުރެ، އުފެއްދުންތެރި ޚިޔާލުތަކާއި އާ ވިސްނުންތައް ޓެސްޓް ކުރުމަށް ހިއްވަރު ލިބިދީ، ތަހުލީލުތަކުން ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ.

އެޑިއުކޭޝަނަލް ގޭމްތަކުގައި ތަފާތު ގިނަ ދާއިރާތަކާއި މާއްދާތަކުގެ މައުލޫމާތު ވަށާޖެހޭގޮތެއްގައި ހިމަނާ ތަރުތީބު ކުރުމުގެ ޖާގަ ލިބެއެވެ. އެހެންކަމުން ވަށާޖެހޭ ތައުލީމަށް ފުރުސަތުލިބި، ތަފާތު ދާއިރާތަކުގެ މައުލޫމާތުގެ ގުޅުން ދަސްވެ އޭގެ ބޭނުންތެރިކަން ބޮޑަށް ފަހުމުވެއެވެ. މިގޮތުން މާނަ ހުރިގޮތުގައި، ޝައުގުވެރިކަމާއި ޝާމިލްވުން ހިމެނޭގޮތަށް ދަސްވާ ދަސްވުން ވެގެންދާނީ ދަރިވަރުންނަށް ފައިދާހުރި އުނގެނުމަކަށެވެ. އުދަގޫތަކާއި، ކުރިއެރުމާއި، ތަރުހީބުދިނުން ހިމެނިގެން ފަރުމާކުރެވޭ އެޑިއުކޭޝަނަލް ގޭމުތަކުން އުނގެނުމުގެ މަގުސަދު ހާސިލު ކުރުމަށް ވަރަށްބޮޑަށް އެހީތެރިކަން ލިބެއެވެ.  

 

މިދެންނެވުނުފަދަ ފަހި ކަންތައްތަކެއް ކިޔަވައިދިނުމުގައި އެޑިއުކޭޝަނަލް ގޭމްތައްް ބޭނުންކުރުމުގައި ހުރިކަމުގައި ވީނަމަވެސް، ގޮންޖެހުންތަކެއްވެސް ހުރެއެވެ.

މިގޮތުން ބަލާއިރު ފުރަތަމަ ފާހަގަކުރެވެނީ ގޭމް ކުޅުމަށް ބޭނުންވާ ކޮމްޕިއުޓަރާއި ޓެބްލެޓާއި ނުވަތަ ސްމާޓްފޯނުފަދަ ޓެކްނޮލޮޖީތައް ހުރިހާ ދަރިވަރުންނަށް ނުލިބުމާއި، އިންޓަނެޓްގެ ކަނެކްޓިވިޓީ ލަސްވުމެވެ. އަދި މީގެ އިތުރުން މިފަދަ ގޭމްތައް އުފެއްދުމަކީ ޚަރަދު ބޮޑު، ގިނަ ވަގުތު ހޭދަވާކަމެކެވެ. އެހެންކަމުން، ތައުލީމުފޯރުކޮށްދޭ މަރުކަޒުތަކަށް ފައިސާގެ ދަތިކަމާއ ވަސީލަތްތަކާއި ކަމުގެމާހިރުން ލިބުންް އުދަގޫކަމަކަށް ވެދާނެއެވެ.

 އަދި މިފަދަ ގޭމުތައް ފަރުމާކުރުމުގައި އިލްމީ މިންގަޑުތަކަށް ފެއްތުމާއި ބޭނުންވާ މައުލޫމާތާއި ހުނަރުގެ އިތުރުން ދަރިވަރުންގެ ޝާމިލުވުން ހިމެނޭގޮތަށް ބައްޓަންކޮށް ގޭމު އުފެއްދުން އެހާފަސޭހަ ކަމަކަށްނުވެދާނެއެވެ. މިހުރިހާ ބައިތަކެއް ހިމެނޭގޮތަށް ގޭމު ފަރުމާ ކުރުމުގައި ގޭމު ތައްޔާރުކުރާ ފަރާތާއި، މަންހަޖު ލިޔާ ބޭފުޅުން އަދި ތައުލީމީ މާހިރުން އެކުގައި މަސައްކަތް ކުރަންޖެހެއެވެ.

މިގޮތުން ކިޔަވައި ދިނުމުގައި އެޑިއުކޭޝަނަލް ގޭމްތައް ބޭނުންކުރުމުގެ ވާހަކަ ދެކެވޭއިރު ތައުލީމު ފޯރުކޮށްދެއްވާ ބޭފުޅުންގެ މިފަދަ ހުނަރު ނުހުރެދާނެއެވެ. އެހެންކަމުން، މިފަދަގޮތަކަށް ތައުލީމުފޯރުކޮށްދިނުން ބައްޓަންކުރާނަމަ މުހިއްމު ކަމެއްގެގޮތުގައި އުނގަންނައި ދެއްވާ ބޭފުޅުން ތަމްރީނު ކުރުން ހިމެނެއެވެ. މީގެ ތެރޭގައި އުގެނުމުގެ ފެންވަރު ވަޒަންކުރާނެ އާ މިންގަނޑުތަކެއް ފަރުމާކޮށް އެކަމަށް އުނގަންނައި ދެއްވާ ބޭފުޅުން އަހުލުވެރި ކުރުވަން ޖެހެއެވެ. އަދި ގޭމުގެ ފެންވަރު ވަޒަންކޮށް، ދަރިވަރުންނަށް ހާސިލުކޮށްދޭން ބޭނުންވާހުނަރާއި މައުލޫމާތު، ސިފަ އާއި ވިސްނުމަށް އިސްކަންދެވިފައިވޭތޯ ޗެކު ކުރުން މުހިއްމެވެ. 

އުނގެނުމާއި އުގަންނައި ދިނުމުގައި އެޑިއުކޭޝަނަލް ގޭމުތައް ހިމެނުމުގައި ހިރާސްތަކެއް ހުރިކަމުގައި ވީނަމަވެސް، މިކަމުން ލިބޭ ފައިދާތައް ގިނައެވެ. އެހެންކަމުން، ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމާއި ދަރިވަރުންގެ ޝައުގުވެރިކަމާއި ޝާމިލުވުން ހިމެނޭ މާހައުލެއްގައި ތަހުލީލުތަކާއި ހާދިސާތަކުގެ ޒަރީއާއިން އުގެނުމުގެ ލަނޑުދަނޑި ހާސިލު ކުރުމަށް އެހީތެރިވެއެވެ.

 

ތިރީގައިމިވާ ވެބްސައިޓު ތަކުން މައުލޫމާތު ނަގާފައިވާނެއެވެ.

https://www.waldenu.edu/

https://nearpod.com/blog/educational-games-time-to-climb/

https://coconnect.co.uk/gaming-in-education/

https://elearningindustry.com/7-tips-game-based-learning