ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ބ.އޭދަފުށީ ކެމްޕަހެއް އިމާރާތްކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަޙްމަދު ސަޢުދީއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު، ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
މި މަޝްރޫޢުގެ ދަށުން ތަފާތު ބްލޮކްތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، 6000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާ ހިމެނޭގޮތުން ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ތަރައްޤީކުރެވޭނެއެވެ. އަދި 3200 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާ ހިމެނޭ މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކަކާއި 3000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް މި އިމާރާތުގައި ހިމެނޭނެއެވެ. މީގެ އިތުރުން 4000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް ހެދުމާއި 4000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މި މަޝްރޫއުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި ތިމާވެށީގެ ގޮތުން ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ބ. އޭދަފުށި އަދި މުޅި ރާއްޖޭގެ ލިބިގެންދާނެއެވެ. ދިވެހިރާއްޖޭގެ ދަރިވަރުންނަށް ތަޢުލީމީ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. އަދި، ޤައުމުގެ މުސްތަޤުބަލު ބައްޓަން ކުރާނެ ހަރުދަނާ ޖީލެއް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.