އޮގްމެންޓެޑް ރިއަލިޓީ – (އޭ އާރު):އުނގެނުމާއި އުނގަންނައި ދިނުމަށް އޭ އާރު ޓެކްނޮލޮޖީ

The Maldives National University > Teaching and Learning > އޮގްމެންޓެޑް ރިއަލިޓީ – (އޭ އާރު):އުނގެނުމާއި އުނގަންނައި ދިނުމަށް އޭ އާރު ޓެކްނޮލޮޖީ

ރޯޒާ އިބުރާހިމް

ލީޑް އިންސްޓްރަކްޝަނަލް ޑިޒައިނަރ / އެކްޓިންގ ހެޑް (ސެޕްޓެމްބަރު 2022)

ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކާއި އެކު ތައުލީމީ ދާއިރާގައި ބޭނުންކުރާ ތަފާތު ޓެކްނޮލޮޖީ ތަކަށްވެސް މިދަނީ ހެޔޮ ބަދަލުތަކެއް އަންނަމުންނެވެ. މިގޮތުން އުނގެނުމާއި އުނގަންނައި ދިނުމަށް ބޭނުން ކުރެވިދާނެ ތަފާތު، އާ ޓެކްނޮލޮޖީތަކެއް އަންނަނީ އުފައްދަމުންނެވެ. މި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ސަބަބުން އުނގެނުމާއި އުނގަންނައި ދިނުން މިވަނީ “ޑިޖިޓަލް ޓްރާންސްފޮމޭޝަން” އެއްގެ ތެރޭގައެވެ. މި އާ ބަދަލަކީ، މިޒަމާނަށް ވިސްނާލާއިރު، މި ދާއިރާއަށް ކޮންމެހެންވެސް މުހިއްމު ބަދަލެކޭ ދެންނެވިދާނެއެވެ. ސަބަބަކީ، ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. އަޅުގަނޑުމެންގެ ހުރިހާކަމެއް މި ވަނީ ޓެކްނޮލޮޖީއާއި ގުޅި ލާމެހިފައެވެ. ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެންގެ ހުރިހާ މަސައްކަތަތްކެއް މިވަނީ އަވަސްވެ، ފަސޭހަ ވެފައެވެ. އެހެންކަމުން، ތައުލީމީ ދާއިރާއަށް މި ބަދަލު ކޮންމެހެންވެސް މުހިންމެވެ. އަދި މި ބަދަލާއިއެކު އަޅުގަނޑުމެން މިދަނީ އުގެނުމާއި އުގަންނައި ދިނުމުގައި ޓެކްނޮލޮޖީގެ ތަފާތު ވަސީލަތްތައް ބޭނުން ކުރަމުންނެވެ. މި ވަސީލަތްތަކުން އުގެނުމާއި އުގަންނައިދިނުމަށް އެތަކެއް ފަސޭހަތަކަކާއި ފައިދާތަކެއް ލިބިދެއެވެ. މިގޮތުން ބޭނުންކުރާ ޓެކްނޮލޮޖީ އެއްކަމަށްވާ އޮގްމެންޓެޑް ރިއަލިޓީ ނުވަތަ އޭ އާރު އަކީ އުގެނުމާއި އުގަންނައި ދިނުމުގައި ތަފާތު އެތައް ގޮތަކަށް އެހީތެރިވެދޭ ‘އިމާސިވް’ އަދި ‘އިންޓަރެކްޓިވް’ ޓެކްނޮލޮޖީ އެކެވެ. މި ދެންނެވިފަދަ އުގެނުމާއި އުގަންނައި ދިނުމަށް މުހިންމު އެތައް ކަންތައްތަކެއް މި ޓެކްނޮލޮޖީގައި އެކުލެވޭތީ ބެރަން އެޓް އެލް. (2020) ފަދަ ބޭފުޅުން ދެކިލައްވާގޮތުގައި އޭ އާރު މިއީ އުގެނުމާއި އުގަންނައި ދިނުމަށް ކޮންމެހެންވެސް މުހިންމު ޓެކްނޮލޮޖީއެކެވެ. މި ދެންނެވި ސަބަބުތަކާއި ހުރެ ދުނިޔޭގެ ތައުލީމީ އެތަކެއް މުއައްސަސާއަކުން ދަނީ އޭ އާރު ޓެކްނޮލޮޖީ އުގެނުމާއި އުގަންނައި ދިނުމުގައި ބޭނުންކުރަން ފަށާ އޭގެ ފައިދާތައް ލިބިގަންނަމުންނެވެ. އަދިހަމަ މިއާއިއެކު ގިނަ ފަރާތްތަކަކުން މިވަނީ އޭ އާރު ބޭނުންކޮށްގެން ތައުލީމީ ތަފާތު ދާއިރާތަކުގައި ރިސާޗާއި ތަހުލީތައް ފަށާފަ އެވެ (އެބްރަސް އަދި އާތާޓަން، 2020)

އެންމެ ފުރަތަމަ، އޮގްމެންޓެޑް ރިއަލިޓީ އަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. ‘އޮގްމެންޓް’ މި ބަހުގެ މާނައަކީ އެއްޗެހިތަކެއް އިތުކޮށްގެން ކަމެއް ނުވަތަ އެއްޗެއްގެ ފެންވަރު ރަގަޅު ކުރުން ނުވަތަ މަތިކުރުމެވެ. މިމާނައިގައި މިވާގޮތަށް އޮގްމެންޓެޑް ރިއަލިޓީ އަކީ އަޅުގަނޑުމެންނަށް ފެންނަަންހުރި ކޮންމެވެސް އެއްޗެއް ނުވަތަ މައުލޫމާތުތަކެއް ވީޑިއޯ، އޯޑިއޯ ނުވަތަ ކޮމްޕިއުޓަރުން އުފައްދާ އެހެނިހެން މައުލޫމާތުތަކެއް ހިމަނައިގެން އިތުރަށް ފުރިހަމަކޮށް ފެންވަރު ރަގަޅުކޮށް ދިނުމެވެ. މީގައި ކޮމްޕިއުޓަރުން އުފައްދާ ‘ވާވާޗުއަލް’ ނުވަތަ އަސްލުނޫން މައުލޫމާތު ބޭނުންކޮށްގެން ‘ރިއަލް ވާލްޑް އިންފޮމޭޝަން’ ނުވަތަ އަސްލު މައުލޫމާތު އިތުރަށް ފުރިހަމަ ކޮށްދީ ފެންވަރު ރަގަޅު ކޮށްދެއެވެ. މިގޮތުން މި ޓެކްނޮލޮޖީ، މި ދެ ދުނިޔޭގެ (ވާޗުއަލް އަދި ރިއަލް ވާލްޑް) ބޭނުން ކުރުމަށްޓަކައި ޚާއްސަ ވަސީލައްތަކެއް ބޭނުން ކުރެވެއެވެ. މީގެތެރޭގައި ހެޑް މައުންޓެޑް ޑިސްޕްލޭ-އެޗް.އެމް.ޑީ، (ބޮލުގައި ހަރުކުރާ ޚާއްސް ވަސީލަތެއް) ނުވަތަ ސްމާރޓް ޑިވަސް އެއް ބޭނުން ކުރެވިދާނެއެވެ. މިކަމަށް ޚާއްސަ ސްމާޓް އައިނާއި ސްމާރޓް ގަޑި ބަޖެޓަށް ބުރަވެފައި ލިބެން އުދަގޫ ނަމަވެސް، ސްމާރޓް ޑިވަސްގެ ތެރޭގައި ހިމެނޭ އައިޕެޑް އަދި ސްމާރޓް ފޯނަކީ މިކަމަށް ބޭނުން ކުރެވިދާނެ، އެކަށިގެންވާ އަގަކަށް، ފަސޭހައިން ލިބެން ހުންނަ، ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައިވެސް ފަސޭހައިން ބޭނުން ކުރެވޭފަދަ ސްމާރޓް ޓެކްނޮލޮޖީ ތަކެކެވެ. އޭ އާރުގެ އެންމެ މުހިއްމު އެއް ސިފަ އެއްގެ ގޮތުގައި ފާހަގަވަނީ މި ޓެކްނޮލޮޖީގެ ‘ވިޝުއަލް ރިޕްރެޒެންޓޭޝަން’ ނުވަތަ ލޮލަށް ފެންނަގޮތަށް ގެނެސްދިނުން ނުވަތަ ދައްކައިދިނުމާއި ‘އިންޓަރެކްޓިވިޓީ’ (އޮލެކް ސިއުކު އަދި އޮލެކް ސިއުކު، 2020؛ ވުޓާ، 2020) ނުވަތަ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބިދިނުމެވެ. މީގެ މާނައަކީ މި ޓެކްނޮލޮޖީ ބޭނުންކުރާ ފަރާތްތަށް އެ ލިބިދެވޭ މައުލޫމާތު ހަމައެކަނި އަޑުއެހުން ނުވަތަ ބަލާލުމުގެ ބަދަލުގައި މުއާމަލާތު ކުރެވެއެވެ. މީގެ ތެރޭގައި ބޭނުންވާ ކަންކަން ބައެއް ގޮތްގޮތަށް ބަލާލާ، ބައެއް ބަދަލުތައް ގެނެސް، ތަހުލީލުކޮށް، އަމިއްލައަށް ކަންކަން ދަސްކުރުމުގެ ފުރުސަތު ލިބިދެއެވެ

އޮގްމެންޓެޑް ރިއަލިޓީ ފުރަތަމަ އުފެދުނީ ‘ވާޗުއަލް ރިއަލިޓީ’ގެ ތެރެއިންނެވެ. ‘އޮގްމެންޓެޑް ރިއަލިޓީ’ މި ބަސް ވުޖޫދަށް ގެނެސް ބޭނުން ކުރަން ފުރަތަމަ ފަށާފައި ވަނީ ޓޮމް ކޯޑެލް، 1990 (ކޮއިމްބްރާ އެޓް އެލް.، 2015) ގައި އޭނާ ބޯއިން ކުންފުނީގައި މަސައްކަތް ކުރި ދުވަސްވަރުގައެވެ. ބައެއް މީހުން މި ޓެކްނޮލޮޖީއަށް އޭ އާރު  މިބަސް ބޭނުން ކުރާއިރު އަނެއް ބަޔަކު އޭ އާރު-ވީއާރު ނުވަތަ މިކްސްޑް ރިއަލިޓީވެސް ކިޔައެވެ. މިއީ މި ޓެކްނޮލޮޖީގައި އޭ އާރު އާއި ވީއާރު، މި ދެބައި ހިމެނިފައިވާތީ ކަމަށް ވެދާނެއެވެ. މި ފީލްޑްގެ މާހިރެއް ކަމަށްވާ ރޮނަލްޑް އަޒުމާ (1997) ވިދާޅުވާގޮތުގައި އޭ އާރު ޓެކްނޮލޮޖީ އަސްލު ދުނިޔެއާއި ‘ވާޗުއަލް ވާލްޑް’ ނުވަތަ ނުފެންނަ ދުނިޔެ ގުޅުވާލަދެއެވެ. އަދި މި ދެ ދުނިޔޭގައި މުއާމަލާތް ކުރުމުގެ ފުރުސަތު ތަނަވަސްކޮށް ދެއެވެ. މީގައި ‘ވާޗުއަލް ވާލްޑް’ ނުވަތަ ނުފެންނަ /އަސްލުނޫން ދުނިޔެ، މި އިޝާރާތް ކުރަނީ ކޮމްޕިއުޓަރުން އުފައްދާ މައުލޫމާތު (ވީޑިއޯ، އޯޑިއޯ ފަދަ) ހިމެނޭ ދުނިޔެ އަކަށެވެ. އޮގްމެންޓެޑް ރިއަލިޓީ ނުވަތަ އޭ އާރު އަދި ވާޗުއަލް ރިއަލިޓީ ވީ އާރު އެކުގައި އަޑު އިވެމުން އަންނަ ނަމަވެސް މިއީ ތަފާތު ދެ މަހުފޫމެއްގެ މައްޗަށް ބިނާ ވެގެންވާ ތަފާތު ދެ ޓެކްނޮލޮޖީ އެކެވެ. އޮގްމެންޓެޑް ރިއަލިޓީ ނުވަތަ އޭ އާރުން ‘ވާޗުއަލް’/އަސްލު ނޫން މައުލޫމާތު (ނުވަތަ ކޮމްޕިއުޓަރުން އުފައްދާ މައުލޫމާތު، ވީޑިއޯ، އޯޑިއޯ ފަދަ) އަސްލު ދުނިޔެއަށް ގެނެސްދީ، ބޭނުންކުރާ ފަރާތްތަކަށް ފެންނަގޮތަށް ދައްކައިދެއެވެ. ނަމަވެސް، ވާޗުއަލް ރިއަލިޓީގައި ބޭނުންކުރާ ފަރާތް ‘ވާޗުއަލް ވާލްޑް’ (ނުވަތަ ނުފެންނަ /އަސްލުނޫން ދުނިޔެ) އަކަށް ގެންގޮސް ދެއެވެ. ތައުލީމީ ދާއިރާގައި އޮގްމެންޓެޑް ރިއަލިޓީ ބޭނުންކުރާ ގޮތަށް ބަލާލާއިރު، އެތައް އޭ އާރު އެޕްލިކޭޝަން ތަކެއް އުގެނުމާއި އުގަންނައި ދިނުމަށް  ޚާއްސަކޮށްގެން މިވަނީ ތައްޔާރު ކުރެވިފައެވެ. އޭގެތެރޭގައި ތައުލީމީ ހުރިހާ ހަރުފަތަކަށް އަމާޒުކޮށްގެންނާއި، ތަފާތު މާއްދާތަކަށް ޚާއްސަކޮށްގެން، އަދި ބަސް ދަސްކުރުމަށާއި ތަފާތު މަސައްކަތްތައް ދަސްކުރުމަށް ވެސް އޭ އާރު އެޕްލިކޭޝަންތައް އުފައްދާފައި ވެއެވެ. މިގޮތުން، ތަރައްޤީ ވެފައިވާ ޤައުމުތަކާއި އަދި ތަރައްޤީ ވަމުންދާ ޤައުމުތަކުގެ ސުކޫލްތަކާއި ޔުނިވަސިޓީ ތަކުގައި އޭ އާރު ބޭނުންކޮށްގެން ކިޔަވައި ދެއެވެ. ސައިންސް މާއްދާތަކުގެ ތަފާތު މަހުފޫމުތައް ‘ބްރޯޓް ޓު ލައިފް’ ނުވަތަ ދަރިވަރުންނަށް ފެންނަގޮތަށް ކުލާސްތެރެއަށް ގެނެސްދީގެން އެކިގޮތްގޮތަށް ބަލާ، ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދެއެވެ. މިގޮތުން އޭ އާރު ބޭނުންކުރުމުން ދަރިވަރުންގެ ކިިޔެވުމަށް އެތައް ކުރިއެރުންތަކެއް ލިބިދެއެވެ. ސައިދީން އެޓް އެލް. (2015) ގެ ހޯދުންތަކުން ދައްކާގޮތުން އޭ އާރު ބޭނުން ކޮށްގެން އުގެނުމުން ދަރިވަރުންގެ ޝައުގުވެރިކަން އިތުރު ކޮށްދެއެވެ. އަދި މީގެ އިތުރަށް މައުލޫމާތުގެ ތެރޭގައި ދަރިވަރުން ‘އެންގޭޖް’ ކޮށް ދެއެވެ (ޗެން އެޓް އެލް.، 2017). އެހެން ކަމުން ދަސްކުރަން ކަނޑައެޅިފައިވާ މައުލޫމާތާއި މަހުފޫމުތައް ފަސޭހައިން ދޭހަވެ، ބޮޑަށް އޮޅުންފިލައެވެ. ވުޓާ (2020) ވިދާޅުވާ ގޮތުގައި މި ޓެކްނޮލޮޖީއިން ދަރިވަރުން ‘ކޮލެބޮރޭޓް’ ކުރުމަށް ފުރުސަތުދިނުމުގެ ސަބަބުން ދަރިވަރުން ހާސިލުކުރާ މިންވަރު އިތުރުވެއެވެ. މި ދެންނެވުނު ފަދަ ތަފާތު އެތައް ފައިދާ ތަކަކާއިއެކު އޭ އާރު ބޭނުން ކޮށްގެން ދަރިވަރުންގެ އުގެނުން ހަރަކާތްތެރި އަދި މުއާމަލާތު ކުރެވޭ އުގެނުމަކަށް މިވަނީ ފުރުސަތު ލިބިފަ އެވެ (ރިޑޮންޑޯ އެޓް އެލް.، 2020)

ތިރިގައި މި ހިމަނާލަނީ އުގެނުމާއި އުގަންނައި ދިނުމަށް   ބޭނުން ކުރާ 3 އެޕްލިކޭޝަނެކެވެެ

. ކިއުރިސްކޯޕް ވާޗުއަލިޓީ

ީhttps://www.curiscope.com/products/virtuali-tee

ތްރީ ޑީ ނާސާ ސްޕޭސްކްރާފްޓް

https://www.nasa.gov/feature/jpl/new-ar-mobile-app-features-3-d-nasa-spacecraft

މެޓަވާސް ސްޓޫޑިއޯ

https://studio.gometa.io/teachers

އެޕްލިކޭޝަންތަކަށް ބަލާލާއިރު، ކިއުރިސްކޯޕް ވާޗުއަލިޓީ އަކީ ހަށިގަނޑުގެ އެކި ބައިތައް އުގެނި ދަސްކުރުމުގައި އާދަޔާ ޚިލާފު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިދޭ އޭ އާރު އެޕްލިކޭޝަނެކެވެ. މި އެޕްްލިކޭޝަނުގެ ޒަރީއާއިން ހަށިގަނޑުގެ ލޭ ދައުރުވާ ނިޒާމު، ނޭވާލުމުގެ ނިޒާމު، ހަޖަމުގެ ނިޒާމު އަދި ހަށިގަނޑުގެ ކަށިތައް މަސައްކަތް ކުރާގޮތާއި ގުޅޭ މައުލޫމާތު އުގެނި ދަސްކުރުމަށް އެހީތެރިވެދެއެވެ. ނާސާ ސްޕޭސް ކްރާފްޓް މިއީ ނާސާގެ އެކިއެކި މަސައްކަތުގައި ބޭނުންކުރާ ޖައްވީ އެކި އުޅަނދުތަކާއި އޭގެ މައުލޫމާތު އޭ އާރު ޓެކްނޮލޮޖީގެ އެހީގައި ކިޔަވާ ދަރިވަރުން ތިބޭތަނަކަށް ގެނެސްދޭ އެޕްލިކޭޝަނެކެވެ. މެޓަވާސް ސްޓޫޑިއޯ މިއީ އޭ އާރު ތަޖުރިބާތައް ފަސޭހަކަމާއިއެކު ތައްޔާރު ކުރުމަށް އެހީތެރި ވެދޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ބޭނުން ކުރުމަށްޓަކައި ކޯޑިން އެގޭކަށް ނުޖެހެއެވެ

ކިއުރިސްކޯޕް ވާޗުއަލިޓީ

އޭ އާރު ޓެކްނޮލޮޖީ ގެ ބޭނުން ކުރުމުގެ ސަބަބުން އުގެނުމާއި އުގަންނައި ދިނުމަށް އެތައް ފަސޭހަތަކަކާއި މަންފާތަކެއް ލިބިގެންދާއިރު މި ޓެކްނޮޮލޮޖީ ދިވެހިރާއްޖޭގެ ތައުލީމީ މުއައްސަސާތަކުގައި ބޭނުންކުރުމަކީ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަދި އަޅުގަނޑުގެ މި ޚިޔާލު ބައެއް ސުކޫލުތަކުގެ އިސް ވެރިންނާވެސް ބަދަލު ކޮށްލީމެވެ. އެބޭފުޅުންވެސް މިކަމަށް ތާއީދު ކުރެއްވިއެވެ. މިގޮތުން އުގެނުމާއި އުގަންނައި ދިނުމުގައި އޭ އާރު ބޭނުންކުރުން، މި އާ މަހުފޫމް،  ދިވެހި ދަރިވަރުންނަށް ތައާރަފު ކުރާއިރު ވިސްނާލަންޖެހޭ މުހިންމު ނުކުތާ ތަކަކަށް އަލި އަޅުވާލާނަމެވެ. ފުރަތަމަ ކަމަކަށް، އޭ އާރު ޓެކްނޮލޮޖީއަކީ އާންމުކޮށް ކުރިއަށް ގެންދާ އުގެނުމާއި އުގަންނައި ދިނުމުގެ ބަދަލުގައި ބޭނުންކުރާ ޓެކްނޮލޮޖީއެއް ނޫނެވެ. އެކަމަކު މިހާރުގެ އުގެނުމާއި އުގަންނައި ދިނުމަށް އެހީތެރިވެދޭނެ، ފަސޭހަކޮށްދޭނެ އަދި ފެންވަރު ރަގަޅު ކޮށްދޭނެ ޓެކްނޮލޮޖީއެކެވެ. ދެވަނަ ކަމަކަށް، ޓެކްނޮޖީ ކިތަންމެ ރަގަޅުވެފައި އީޖާދީ ކަންތައްތަކެއް ހިމެނިފައި ވީނަމަވެސް، ދަރިވަރުންގެ އުނގެނުމަށް އޭގެސަބަބުން އެކަށީގެންވާ ހެޔޮބަދަލު ތަކަކާއި ކުރިއެރުންތަކެއް އަންނާނީ އެ ޓެކްނޮލޮޖީއެއް އުގެނުމުގެ މަރުހަލާތަކުގައި ބޭނުންކުރެވޭ ގޮތުގެ މައްޗަށް ބިނާކޮށެވެ. ފިލާވަޅުގެ މަގުސަދު ހާސިލުކުރުމަށް ރޭވިފައިވާ ގޮތަކާއި ބޭނުންކުރާ އުކުޅުތަކަކާއި މިކަންތައްތަކާއި ޓެކްނޮލޮޖީ ގުޅުވާލެވޭ މިންވަރެއްގެ މައްޗަށެވެ. އެހެންކަމުން މި ދެންނެވުނު ކަންތައްތަކަށް އަޅުގަނޑުމެން އުގަންނައި ދިނުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ވިސްނުން ބެހެއްޓުމާއިއެކު، ދަރިވަރުންގެ އުގެނުމުގެ ތަޖުރިބާ މިހާރަށްވުރެ މަތީ ހަރުފަތަކަށް ގެންދިއުމަށްޓަކައި އޭ އާރު ޓެކްނޮލޮޖީގެ ބޭނުން ކުރަމާތޯއެވެ