އުނގަންނައިދިނުމާއި އުނގެނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރަން ޖެހޭތަ؟

The Maldives National University > Teaching and Learning > އުނގަންނައިދިނުމާއި އުނގެނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރަން ޖެހޭތަ؟

އާމިނަތު ޒިފުނާ | ލީޑް އިންސްޓްރަކްޝަނަލް ޑިޒައިނަރ

އުނގަންނައިދޭ ފަރާތުންނާއި އުނގެނޭ ފަރާތުން ތަޢުލީމީ ދާއިރާއަށް ޓެކްނޮލޮކްޖީއިން ގެނެސްދޭ ބަދަލުތައް ދަނީ ތަޖުރިބާކުރަމުންނެވެ. ދަރިވަރުން ތަޢުލީމު އުނގެނުމަށް ޓެކްނޮލޮޖީގެ ޒަރީއާއިން އައު އީޖާދުތައް އުފަން ކުރަމުންދާ މިންވަރަކުން ތަފާތު ވަސީލަތްތައް މެދުވެރިކޮށް ސްކޫލްތަކުގައި ތަޢުލީމު ފޯރުކޮށްދޭ ގޮތްތައް ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އުނގަންނައިދިނުމާއި އުނގެނުމުގައި ބޭނުންކުރެވޭ ފަހުގެ މޮޑެލްތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމުން ދަރިވަރުން އަމިއްލައަށް އިސްނެގުމާއި މިނިވަންކަމާ އެކު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެއެވެ. ޓެކްނޮލޮޖީއިން ދަރިވަރުންނަށް ހަތަރު ފާރުން ބޭރުން ފިލާވަޅުގެ ތަކެތި ލިބިގަތުމަށް ފުރުސަތު ފަހިވެއެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށް މައްސަލަތައް ދެނެގަނެ މައްސަލަތައް ހައްލުކުރަން ޝައުގުވެރިކަން އުފެދި، ކަންކަމާ މެދު އެކި ނަޒަރުން ފުންކޮށް ވިސްނައި ސުވާލު އުފައްދާ، ސުވާލު ކުރަން ކެރޭ އަދި ގިނަ ފަރާތްކާ އެކު ގުޅިގެން މަސައްކަތް ކުރަން ފުރުޞަތު ފަހިވެއެވެ. ކްލާސްރޫމްތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ދަރިވަރުން އުނގެނުމަށް އޮންނަ ލޯތްބާއި ދެވޭ އަހައްމިއްޔަތުކަން އިތުރުވެއެވެ. އުނގަންނައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމުން މުދައްރިސުން، ދަރިވަރުންނަށް އެންމެ އެކަށޭނެ ކިޔަވައިދިނުމުގެ ގޮތްތައް، މިސާލަކަށް ޕާރސަނަލައިޒް ލާރނިންގެ ބޭނުން ކުރުމުގެ މަގު ހުޅުވެއެވެ. ޓެކްނޮލޮޖީގެ  ޒަރީއާއިން އެކި ދުވަސްވަރު އެކި ހަރުފަތްތަކުގައި ދަރިވަރުންގެ މަސައްކަތާއި ހާސިލްކޮށްފައި ހުންނަ ނަތީއްޖާ ފަސޭހަކަމާ އެކު ލިބި އެކަމުން ދަރިވަރުންނަށް އެންމެ ބޭނުންތެރި ގޮތުގައި ޢިލްމާއި ތަޢުލީމާއި ތަޖުރިބާ ހޯދުމަށް މަގު ކޮށައިދެއެވެ. 

 

އުނގަންނައިދިނުމުގަޔާއި މުދައްރިސުން ޓެކްނޮލޮޖީ ބޭނުންކުރަން ޖެހޭ ސަބަބުތައް

ޓެކްނޮލޮޖީއާ އެކު ތަޢުލީމީ ދާއިރާއަށް ކުރަނިވި ބަދަލުތައް އަންނަމުންދާ ކަމީ  މުދައްރިސުން ބަލައިގަންނަން ޖެހޭ ހަޤީގަތެކެވެ. އަދި ކުރިއަރަމުން ދާ އެކި ޒާތުގެ ޓެކްނޮލޮޖީގެ ވަޞީލަތްތައް ކިޔަވައިދިނުމުގައި ބޭނުންކުރަން ޖެހޭ ސަބަބުތައް ދިރާސާތަކުން ދަނީ ހާމަވަމުންނެވެ.

މިސަބަބުތަކުގެ ތެރޭގައި

 • ކްލާސްރޫމުގައި ޓެކްނޮލޮޖީ ބޭނުންކުރުމުން ދަރިވަރުންނަށް ފިޅާވަޅުތައް ނަގައިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބެއެވެ. މިގޮތުން ފިޅާވަޅެއްގައި ޓެކްސްޓް ފޮތް އަދި ވޯރކްޝީޓްގެ އިތުރުން ޓެކްނޮލޮޖީގެ ވަސީލަތެއް ބޭނުންކުރުމުގެ ސަބަބުން ދަރިވަރުންނަށް ފިޅާވަޅުގައިވާ ތަކެތި ފަސޭހައިން ވިސްނައިގަނެވެއެވެ.
 • އެކި ދަރިވަރުން ގެ ލާރނިންގ ސްޓައިލްއަށް ޓެކްނޮލޮޖީގެ އެހީގައި ފިޅާވަޅުތައް ފަރުމާކުރެވި ނަގައިދިނުމުގެ ފުރުސަތު އޮވެއެވެ. އަދި މިއާ އެކު ކިޔަވައިދިނުމުގައި ތަފާތު ގޮތްތައް ބޭނުންކުރުމުން ކިޔަވައިދޭ ތަކެތި ދަރިވަރުންނަށް ނަގައިގަންނަން ފަސޭހަވެއެވެ. މިގޮތުން ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުން އޮންލައިން ވީޑިއޯ، އޯޑިއޯ، ފޮތް އަދި އިންޓަރެކްޓިވް އޮންލައިން ގޭމްސް އަދިވެސް އެހެނިހެން ވަސީލަތަކުން އެ ދަރިވަރެއްގެ އަމިއްލަ އުނގެނުމުގެ ދުވެލި ބާރުވެއެވެ.
 • މުދައްރިސުން ދަރިވަރުންނަށް އޮންލައިން ވަސީލަތަކުން މަޢުލޫމާތު ހިއްސާކުރެވޭ އިރު އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ލިބުމުގެ ފުރުސަތު އޮވެއެވެ.
 • މުދައްރިސަކު ކުލާހުގައި ލެކްޗަރެއް ނުވަތަ ފިލާވަޅެއް ނަގައިދިނުމުން ދަރިވަރުންނަކީ މަޢުލޫމާތު ލިބިގަންނަ ބަޔަކަށެވެ. ނަމަވެސް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކިޔަވައިދެވޭ ނަމަ ދަރިވަރުންނަކީ ޢަމަލީ ގޮތުން މަޢުލޫމާތު ލިބިގަންނަ ބަޔަކަށްވެއެވެ. މިސާލަކަށް؛ ވާރޗުއަލް ރިޔަލިޓީ ބޭނުންކޮށް ފިޅާވަޅެއްގެ ޑައިގްރާމެއް ދައްކައިދިނުމާއި ބްލެކް ބޯޑެއްގައި މުދައްރިސް ޑައިގްރަމެއް ކުރަހައިގެން ފިޅާވަޅު ކިޔަވައިދިނުމުގައި ތަފާތުތަކެއް ދަރިވަރުންނަށް އިހުސާސް ކުރެވޭނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގެމިފިކޭޝަން ބޭނުންކޮށްގެން ފިޅާވަޅު ނަގައިދޭ ނަމަ ދަރިވަރުންގެ މަސައްކަތުގެ ނަތީޖާ 89% ކުރި އެރުމެއް އާދެއެވެ.
 • ގިނަ މުދައްރިސުން އާއްމު ގޮތެއްގައި އިންޓްރެކްޓިވް ގޭމްސް ގޮތުގައި ކަހޫޓް، ކުއިޒްސް އަދި ޕްރެސެންޓޭޝަން ޓޫލެއްގެ ގޮތުގައި ޕަވަރ ޕޮއިންޓް، ކެންވާ އަދި ޕްރެންޒީ ބޭނުންކުރަމުން ދެއެވެ.
 • ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ މުދައްރިސުން މަސައްކަތުގެ ދާއިރާއިން ކުރިޔަށް ދިއުމުގެ ފުރުސަތު ބޮޑެވެ. މިހާރު ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީ ދާއިރާއިން ތަމްރީނުވެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އެކި ލެވެލްގެ ވަޒީފާގެ ފުރުޞަތުތައް ފަހިވެއެވެ. މިގޮތުން އިންޓަރެކްޝަނަލް ޑިޒައިނަރ، އިނޮވޭޝަން ޑައިރެކްޓަރ، ޑައިރެކްޓަރ ފޯރ އޮންލައިން ލާރނިންގ އަދިވެސް ވަޒީފާގެ ކުރިއެރުން ލިބޭ އެހެނިހެން މަޤާމުތައް ހުރެއެވެ.

 

އަޅުގަނޑުމެން ކުރިއަށްދާ އިރު، ތަޢުލީމާއި ޓެކްނޮލޮޖީ އެއްކޮށްލުމަކީ، ތަޢުލީމުގެ ކުރިމަގު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަން ޔަޤީނެވެ. މި ޓެކްނޮލޮޖީގެ ވަސީލަތްތައް ގަބޫލުކުރުމަކީ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާވެ، ޙަރަކާތްތެރިވެ، ވަރުގަދަ، އަދި ފައިދާ ހުރި ތަޖުރިބާތަކެއް ލިބި، އާޚިރުގައި ޢިލްމީ އަދި ހުނަރުވެރި މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ތިރީގައިވާ މަސްދަރުތަކުން ލިޔުމަށް މަޢުލޫމާތު ހިމަނާފައިވާނެއެވެ.

 • ހޫއަންގް، ރ.(2019). ތައުލީމީ ޓެކްނޮލޮޖީއަކީ 21 ވަނަ ގަރުނުގެ ޕްރައިމަރެކެވެ. ސްޕްރިންގާ ނޭޗާ ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑް
 • ކިމަންސް، ރ.(2020). ތަޢުލީމީ ޓެކްނޮލޮޖީގެ ދިރާސާއާއި ޢަމަލީ ގޮތުން މިހާރުގެ ޓްރެންޑްތައް (އަދި ގެއްލިފައިވާ ލިންކްތައް) . ޓެކްޓްރެންޑްސް، 64(6)، 803-809.
 • ކްލޯއެޓޭ، އޭ.އެލް (2017). ޓެކްނޮލޮޖީއާއި ތަޢުލީމު: ގޮންޖެހުންތަކާއި ފުރުޞަތުތައް. އެޗްޓީއެސް: ތިއޮލޮޖިކަލް ސްޓަޑީޒް، 73(3)، 1-7.
 • އެސްކުއެޓާ، އެމް، ކުއަން، ވީ، ނިކޯ، އޭ.ޖޭ، އަދި އޮރިއޮޕޫލޯސް، ޕީ (2017). ތަޢުލީމީ ޓެކްނޮލޮޖީ: ހެކިތަކަށް ބިނާކޮށް ކުރެވޭ ރިވިއުއެކެވެ.
 • ސްޕެކްޓަރ، ޖޭ.އެމް (2020). ތައުލީމީ ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުންތަކާ ބެހޭ ގޮތުން ދެއްކުން. އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ރިސާޗް އެންޑް ޑިވެލޮޕްމަންޓް، 68، 833-836.
 • ލާޒާރ، ސ.(2015). ކިޔަވައިދިނުމުގައި ތައުލީމީ ޓެކްނޮލޮޖީގެ މުހިންމުކަން. އިންޓަރނޭޝަނަލް ޖާނަލް އޮފް ކޮގްނިޓިވް ރިސާރޗް އިން ސައިންސް، އިންޖިނިއަރިންގ އެންޑް އެޑިއުކޭޝަން، 3(1)، 111-114.
 • އިޕެކް، އައި.، އަދި ޒިއަޓްޑިނޯވް، އާރ.(2017). އެކަޑަމީއާއި ސިނާޢަތުގައި އުނގެނުމާއި ކިޔަވައިދިނުމަށް ތަޢުލީމީ ޓެކްނޮލޮޖީގެ އާ އުސޫލުތަކާއި އުފެދިފައިވާ ޓްރެންޑްތައް: ޚާއްޞަ މައްސަލައެކެވެ. ޔޫރަޕިއަން ޖާނަލް އޮފް ކޮންޓެމްޕަރަރީ އެޑިއުކޭޝަން، 6(1)، 182-184.