އޮންލައިންކޮށް އުނގެނުމާއި އެކަޑެމިކް ޑިސްއޮނެސްޓީ: އަމިއްލަ ނަފްސަށް ތެދުވެރިވުމާއި ނަޒާހަތްތެރިވުން

The Maldives National University > Teaching and Learning > އޮންލައިންކޮށް އުނގެނުމާއި އެކަޑެމިކް ޑިސްއޮނެސްޓީ: އަމިއްލަ ނަފްސަށް ތެދުވެރިވުމާއި ނަޒާހަތްތެރިވުން

އިބްރާހީމް އާދަމް | އިންސްޓްރަކްޝަނަލް ޑިޒައިނަރ

ތަޢުލީމީ މަރުހަލާ ނިންމާ ޢަމަލީ މައިދާނަށް ދަރިވަރުން ނުކުންނައިރު އެ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ފެންވަރު ހުންނާނެކަން ކަށަވަރު ކުރުމަކީ ތަޢުލީމު ފޯރުކޮށްދޭ ކޮންމެ މުއައްސަސާއެއް، ކިޔަވައިދެއްވާ ކޮންމެ މުދައްރިސެއް އަދި ދާރިސެއްގެވެސް އެންމެ ބޮޑު ޢަމާޒެވެ. އެ ދަރިވަރުންގެ ބެލެނިވެރީންނަށާއި ވަޒީފާ ދޭ ފަރާތްތަކަށް ދޭން ބޭނުންވާ ޔަޤީންކަމެވެ. އެހެންކަމުން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން ހަދާ އެސެސްމަންޓް ތަކުގައި ވަޒަން ކުރެވެނީ ސީދާ އެ ދަރިވަރެއްގެ ފެނަވްރުކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކަކާއި ފިޔަވަޅުތަކެއް އަޅައެވެ. އެހެންނަމަވެސް އުނގެނުމުގެ އެކި މަރުހަލާތަކުގައި އެކަޑެމިކް ޑިސްއޮނެސްޓީގެ މައްސަލަތައް ކުރިމަތިވެއެވެ. ފެންވަރު ވަޒަން ކުރެވޭ ޙާލަތްތަކުގައި ޙަޤީޤަތް އޮޅުވާލުމަށްޓަކައި ކުރިއަށް ގެންދެވޭ ކޮންމެ ޢަމަލެއް ބެލެވެނީ އެކަޑެމިކް ޑިސްއޮނެސްޓީގެ ގޮތުގައެވެ. ކޮޕީ ކުރުމާި، އެހެން މީހުން ލައްވާ އެސައިންމަންޓް ހެދުވުމާި، ވަގުލު ކުރުން (ޕްލެޖެރިޒަމް) އަކީ އެފަދައިން އެކަޑަމިކް ޑިސްއޮނެސްޓީގެ ތެރޭގައި ހިމެނޭ ޢަމަލު ތަކެވެ. މިއީ އެކަމަކާ މުޅި މުޖުތަމަޢުވެސް ކަންބޮޑުވާ ކަމެއްކަމުން މިކަންކަން ޙައްލު ކުރުމަށްޓަކައި ހަރުކަށި ޢަދަބު ލިބޭ އުޞޫލުތަކާއި ޤަވާއިދުތައް ތަޢުލީމީ ނިޒާމުގައި އެކުލަވާލެވިފައިވެއެވެ.

ކިލާހަށް ހާޒިރުވެގެން ފޭސް-ޓު-ފޭސްކޮށް ކިޔަވާއިރު އެކަޑެމިކް ޑިސްއޮނެސްޓީ އަކީ ކޮންޓްރޯލް ކުރެވިދާނެ ކަމެއް ކަމުގައި ގިނަ މީހުން ޤަބޫލުކުރެއެވެ. އަދި އެފަދަ ޢަމަލުތައް ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތައްވެސް އެނގެއެވެ. ދަރިވަރުންގެ ޢަމަލުތައް ގާތުން ފެނުމުގެ ފުރުޞަތު ބޮޑުވުމާއި މުދައްރިސްގެ ހާޒިރުގައި ޓެސްޓުތަކާއި ޕްރެޒެންޓޭޝަން ފަދަ އެސެސްމެންޓްތައް ކުރިއަށް ގެންދެވުމަކީ މީގެ މައިގަނޑު ސަބަބެވެ. އެހެން ނަމަވެސް އޮންލައިންކޮށް އުނގެނުން ކުރިއަށް ގެންދާއިރު އެކަޑެމިކް ޑިސްއޮނެސްޓީއަކީ އަބަދުވެސް އެކަމަކާ މެދު ގިނަ ސުވާލުތަކެއް އުފެދޭ އަދި ގިނަ ކަންބޮޑުވުންތަކެއްވެސް އެކުލެވޭ ކަމެކެވެ. މިއީ އޮންލައިންކޮށް އުނގެނުން ފެށުނިއްސުރެ މިއަދާ ހަމައަށް އައި އިރުވެސް އެންމެ އަޑުގަދަކޮށް ދެކެވޭ ވާހަކަވެސް މެއެވެ. ކޯވިޑް-19 ގެ އާލަމީ ވަބާ އާ ގުޅިގެން އޮންލައިންކޮށް އުނގެނުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހުމާއެކު ތަޢުލީމީ ނިޒާމުގެ އެންމެ ފުރަތަމަ ކަންބޮޑުވުމަކަށް ވެގެން ދިޔައީވެސް އެކަޑެމިކް ޑިސްއޮނެސްޓީ އެވެ.

ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ވާރޗުއަލްކޮށް ދަރިވަރުންނާއި ބައްދަލުވެ މީސްމީޑިއާގެ ތަފާތު އެކި މަންސަ ތަކުގައި ދަރިވަރުންނާ މުޢާމަލާތު ކުރެވިގެން ދިޔަ ނަމަވެސް އެދަރިވަރުންނާ ސީދާ ބައްދަލު ނުވާ ކަމުން އޮންލައިންކޮށް އުނގެނުމުގައި އެކަޑެމިކް ޑިސްއޮނެސްޓީ ވެފއިވަނީ ހައްލު ކުރުމުގައި ގޮންޖެހުންބޮޑު އެތައް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ނާޒުކު މައްސަލައަކަށެވެ.

އޮންލައިންކޮށް އުނގެނުމުގައި ޑިޖިޓަލް މެޓީރިއަލްތަކާއި އިންޓަރނެޓް ގެ ބޭނުން ކުރެވޭއިރު މިއީ ޕްލެޖެރިޒަމް އަށް ފަހިކޮށްދެވޭ އިތުރު ފުރުޞަތުތަކެއް ނޫންހެއްޔެވެ؟ އޮންލައިންކޮށް ދެވޭ ކުއިޒްތަކާއި ޓެސްޓް ތަކުގައި ދަރިވަރުން އެހެން މީހުންގެ އެހީތެރިކަން ހޯދުން ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟ ކިލާހުގައި ހަވާލު ކުރެވޭ މަސައްކަތްތައް ނިންމަނީ ދަރިވަރުކަން ޔަޤީން ކުރާނީ ކިހިނެއް ހެއްޔެވެ؟ މިއީ އޮންލައންކޮށް އުނގެނުމުގައި އެކަޑެމިކް ޑިސްއޮނެސްޓީއާއި ގުޅިގެން އުފެދިފައިވާ މައިގަނޑު ކަންބޮޑުވުން ތަކެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ވާރޗުއަލްކޮށް ދަރިވަރުންނާއި ބައްދަލުވެ މީސްމީޑިއާގެ ތަފާތު އެކި މަންސަ ތަކުގައި ދަރިވަރުންނާ މުޢާމަލާތު ކުރެވިގެން ދިޔަ ނަމަވެސް އެދަރިވަރުންނާ ސީދާ ބައްދަލު ނުވާ ކަމުން އޮންލައިންކޮށް އުނގެނުމުގައި އެކަޑެމިކް ޑިސްއޮނެސްޓީ ވެފއިވަނީ ހައްލު ކުރުމުގައި ގޮންޖެހުންބޮޑު އެތައް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ނާޒުކު މައްސަލައަކަށެވެ.

ކިލާހަށް ހާޒިރުވެގެން އުނގެނުން ކުރިއަށް ގެންދިއުމުގައިވެސް އެކަޑެމިކް ޑިސްއޮނެސްޓީ ކޮންޓްރޯލް ކުރުމަށް ޚާއްޞަ ފިޔަވަޅުތައް އަޅާ ފަދައިން އޮންލައިންކޮށް އުނގެނުމުގައިވެސް އެކަމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅެއެވެ. އުނގަންނައި ދިނުމުގައި ބޭނުންކުރާ ޓެކްނޮލޮޖީ އަށް އައިސްފައިވާ ކުރިއެރުންތަކުގެ ސަބަބުން ޕްލެޖެރިޒަން ޗެކް ކުރެވޭ ގޮތްތަކާއި ވެބްކެމްއާއި ތަފާތު ސޮފްޓްވެއަރ ތަކުގެ އެހީގައި އޮންލައިންކޮށް ޓެސްޓު ދެވޭއިރު ޓެސްޓުގައި ބައިވެރިވަނީ ދަރިވަރުކަން ކަށަވަރު ކުރާނެ އޮންލައިން ޕރޮކްޓޮރިންގ ނިޒާމްތައް މިހާރު އެބަހުއްޓެވެ. މީގެ އިތުރުން އޮންލައިންކޮށް އުނގެނުމުގައި ދެވޭ އެސެސްމަންޓްތައް ފަރުމާކުރުމުގައި އެކަޑެމިކް ޑިސްއޮނެސްޓީގެ ޢަމަލުތައް ވީހާވެސް ބޮޑަށް ކޮންޓްރޯލް ކުރެވޭނެ ގޮތްތައް ހޯދައި އެގޮތްގޮތަށް އޮންލައިން އެސެސްމަންޓްތައް އަންނަނީ ބަދަލުކުރަމުންނެވެ. ހަމަ އެހެންމެ މުދައްރިސުން އަންނަިނީ މިކަންކަން ދަރިވަރުންނަށް ތަކުރާރުކޮށް ހަނދުމަކޮށްދެމުންނެވެ. އެހެން ނަމަވެސް މިހުރިހާ ކަމަކާއެކުވެސް އޮންލައިންކޮށް އުނގެނުމުގައި މަކަރުހެދުމާއި އޮޅުވާލުމަކީ ފަސޭހަކަމެއް ކަމުގައި ވަނީ ބެލެވިފައެވެ. ސުވާލަކީ އޮންލައިންކޮށް އުނެގުމުގައި މަކަރުހަދާ އޮޅުވާލުމަށް ފަސޭހަވީމާ އެގޮތަށް އަޅުގަނޑުމެން ޢަމަލު ކުރަންވީތޯއެވެ؟

ޢިލްމަކީ ތިމާ ޖާހިލުކަމުން އަލިކަމުގެ ނޫރަށް ނެރެދޭ އަލިގަދަ ދަންމަރެވެ. މުޖުތަމަޢަށް ލޯހުޅުވާދީ ތަހުޒީބު މީހަކަށް ހަދާދޭ ވަރުގަދަ ހަތިޔާރެކެވެ. ކާމިޔާބު މީހަކަށް ހަދާދީ ޤަދަރުވެރިކޮށްދީ ދިރިއުޅުމުގެ އުޖާލާ މަގު އާރާސްތުކޮށްދޭ ބައިވެރިޔާވެސް މެއެވެ. އަޅުގަނޑުމެން ޢިލްމު އުނގެނެނީ އަޅުގަނޑުމެންގެ ކުރިއެރުމަށެވެ. ހުރިހާ ފައިދާއެއްވެސް އޮތީ އަޅުގަނޑުމެންނަށެވެ. ވީއިރު ޢިލްމު އުނގެނުމުގައި މަކަރު ހަދަންވީ ކީއްވެ ހެއްޔެވެ؟ އެގޮތަށް ޢަމަލު ކުރުމުން ޚިޔާނާތްތެރިވެވެނީ އަމިއްލަ ނަފްސަކަށް ނޫން ހެއްޔެވެ؟ އާޚިރުގައި ގެއްލުންވާނީވެސް ހަމަ ތިމާއަކަށް ނޫން ހެއްޔެވެ؟ މިއީ ކިޔަވާ ދަރިވަރުންގެ ހައިސިއްޔަތުން އަމިއްލަ ނަފްސާ ކޮށްލުން މުހިއްމު ސުވާލުތަކެކެވެ. މީގެ އިތުރުން އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވީހިނދު މަކަރު ހެދުމާއި އޮޅުވާލުމާއި ޚިޔާނާތްތެރި ވުމަކީ އަޅުގަނޑުމެންގެ ދީންވެސް އެކަންކަމަށް ތަންދޭ ކަންކަމެއް ނޫނެވެ.

މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ތަޢުލީމު ހާސިލް ކުރާ ދަރިވަރުން އަމިއްލަ ނަފްސަށް ތެދުވެރިވުމެވެ. ސެޓްފިކެޓަށް ކިޔެވުން ހުއްޓާލައި ޢިލްމު އުނގެނުމަށް ކިޔެވުން ކުރިއަށް ގެންގޮސްގެންނެވެ.

އަޅުގަނޑުމެން ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ ޓެކްނޮލޮޖީގެ ސަބަބުން ތަޢުލީމު ހާސިލް ކުރުމުގައި މިވަނީ އެތައް ފަސޭހަތަކެއް ލިބިފައި ކަމެވެ. ބޭނުންވަގުތަކު ބޭނުންތާކު ހުރެގެން މިހާރު ތަޢުލީމު ޙާޞިލް ކުރެވެއެވެ. އަނބިދަރީންނާއި އާއިލާ އާއި ވަޒީފަ ދޫކޮށް ދާކަށް ނުޖެހެއެވެ. ކުދި ކުދި ޖަޒީރާ ރައްތަކެއްގެ ގޮތުގައި ޖިއޮގްރަފީގޮތުން ވަކިވެފައި ތިބުމުން ތަޢުލީމު ހާސިލް ކުރުމަށް ހުރި ގޮންޖެހުންތައް މިވަނީ ނައްތާލެވިފައެވެ. މީގެ އިތުރުން ކުރިމަތިވާ ތަފާތު ކާރިސާތަކުގެ ސަބަބުން އިސްކޫލުތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖުތައް ބަންދު ކުރަން ޖެހުނުކަމުގައިވިޔަސް އުނގެނުން މެދުކަނޑާނުލައި ކުރިއަށް ގެންދެވޭނެ މަގު މިވަނީ ފަހިވެފައެވެ. އެކަން ތަޖުރިބާވެސް ކުރެވިއްޖެއެވެ. އެހެންނަމަވެސް މި ފަސޭހައިގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ހެޔޮގޮތުގައި ބޭނުން ކުރެވިގެންނެވެ. އެކަޑެމިކް ޑިސްއޮނެސްޓީ އަށް އޮތް ކަންބޮޑުވުންތައް ނައްތާލެވިގެންނެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ތަޢުލީމު ހާސިލް ކުރާ ދަރިވަރުން އަމިއްލަ ނަފްސަށް ތެދުވެރިވުމެވެ. ސެޓްފިކެޓަށް ކިޔެވުން ހުއްޓާލައި ޢިލްމު އުނގެނުމަށް ކިޔެވުން ކުރިއަށް ގެންގޮސްގެންނެވެ. ތަޢުލީމު ހާސިލް ކުރުމުގައު ނަތީޖާއަށް ވާސިލް ވުމަށް މަކަރުހެދުމާއި އޮޅުވާލުމުގެ ބަދަލުގައި ނަޒާހަތްތެރިކަމުގެ މަގު ޚިޔާރުކޮށްގެންނެވެ. އަދި މިއީ ހަމައެކަނި އޮންލައިންކޮށް އުނގެނުމަށް ޚާއްޞަ ކަމެއްވެސް ނޫނެވެ. ކޮންމެ ގޮތަކަށް އުނގުނުނު ކަމުގައިވީ ނަމަވެސް މިއީ ދަރިވަރުން ވިސްނަންޖެހޭ ކަމެކެވެ. މުސްތަޤުބަލު އުޖާލާވެ ދިރިއުޅުމުގައި ކަމިޔާބު ވުން އޮތީ އެއިރުންނެވެ.

 

ނޯޓް: މިއީ ދަރިވަރު ނޫހުގައި 2021 އޮކްޓޫބަރު 13 ގައި އިބްރާހީމް އާދަމް ޝާޢިއު ކޮށްފައިވާ ލިޔުމެކެވެ.