ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވަމުންދާ “ޢިލްމީ ފޯވަހި” ސިލްސިލާގެ ތެރެއިން، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އާޓްސް ގުޅިގެން ޢިލްމީ ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމްގެ މައުޟޫއަކީ “ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ މިނިވަންކަން” މިއެވެ
މި ފޯރަމްގެ މޮޑަރޭޓަރަކީ ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރ އާމިނަތު ޝިއުނާއެވެ. ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެން، ޝަރުޢީ ގޮތުން މައުޟޫއަށް އަލިއަޅުއްވައިލެއްވީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ސީނިއަރ ލެކްޗަރަރ އައްޝައިޚް އަޙްމަދު ސަމީރެވެ. އަދި ޤާނޫނީ ދާއިރާއިން މައުޟޫއާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ އެޑްވައިޒަރީ ކޮމިޓީ މެންބަރު އަލްއުސްތާޛު އަޙްމަދު މުޢިއްޒުއެވެ. އަދި ދިވެހިރާއްޖޭގެ ތާރީޚަށް ބައްލަވައި މައުޟޫއަށް އިންސާފުކޮށްދެއްވީ ފެކަލްޓީ އޮފް އާޓްސްގެ ސީނިއަރ ލެކްޗަރަރ ޑރ. ޒަކީއެވެ.މި ފޯރަމްގައި އަޑުސެވުމަށް ޔުނިވަރސިޓީގެ ތެރެއިންނާއި ބޭރުންވެސް، ގިނަ އަދަދެއްގެ ބޭފުޅުން ވަޑައިގެންނެވިއެވެ. އަދި މައުޟޫއާ ގުޅޭގޮތުން ކުރިއަށްދިޔަ ބަޙުޘްތަކުގައި އެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ