ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯސްތައް ހިންގުމަށް ހއ. އިހަވަންދޫން ޢިމާރާތެއް ޙަވާލުކުރުމަށް ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާ ދެމެދު އެއްބަސްވުމެއްގައި 14 ސެޕްޓެމްބަރު 2025ގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިހަވަންދޫ ކައިންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް އަޙުމަދު ސޮބާހުއެވެ. އަދި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިހަވަންދޫ ކައުންސިލާ ދެމެދު މަޝްވަރާ ތަކަކަށްފަހު ވެގެންދާ މި އެއްބަސްވުމުގެ ސަބަބުން އިހަވަންދޫން އިން ދޫކުރެވޭ އިމާރާތް ވެގެންދާނީ އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، އިހަވަންދޫއަށް ވަރަށް ބައިވަރު ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަކަށެވެ. ޚާއްސަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެން ދިޔުމުގެ އިތުރުން، އިހަވަންދޫގެ ރައްޔިތުންނަށް ތަޢުލީމީ އަދި މަސައްކަތުގެ ދާއިރާއިން އާ ދޮރުތަކެއް ހުޅުވިގެންދާނެއެވެ. މިކަމުގެ ސަބަބުން އިހަވަންދޫއަށް އުނގެނުމުގެ މާހައުލެއް ބިނާވެ، ރަށުގެ ޒުވާނުންނަށް ރަށުން ބޭރު ނުވެ، މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، ޔުނިވަރސިޓީގެ ކޯސްތައް ހިންގަން ފެށުމާއެކު، އިހަވަންދޫގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. ރަށުގައި ދިރިއުޅޭ މީހުންނަށް އާމްދަނީ ހޯދުމުގެ އައު މަގުތައް ފަހިވެ، ކުދި ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެއެވެ. އަދި، އިޖްތިމާޢީ ގޮތުން ބަލާއިރު، ރަށުގެ ތަޢުލީމީ ފެންވަރު އުފުލި، އުނގެނުމުގެ ރޫހު އިތުރަށް ހަރުދަނާވެގެންދާނެއެވެ. މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.