އެމްއެންޔޫ އިން ބާއްވާ ފުރަތަމަ މެރެތަން 2025 ގެ ފެބްރުއަރީ 20 އިން 21 އަށް ހުޅުމާލޭގައި  

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި “އެމްއެންޔޫ މެރެތަން” ގެ ނަމުގައި 2025 އިން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު މެރެތަން އެއް ބޭއްވުމަށް އިޢްލާންކުރެވުނެވެ. މި މެރެތަން ބޭއްވުމުގެ މަޤްޞަދަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުން ބައްޓަންކުރުމަށް ޔުނިވަރސިޓީގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އަދި އާންމުކޮށް މުޖިތަމަޢުގެ އެންމެހާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ. 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބޭއްވުމަށް ޤަސްދުކޮށްފައިވާ މި އިވެންޓަކީ މި ދެންނެވި މަޤްޞަދު ޙާސިލުކުރުމަށް އެހީތެރިވެދޭނެ ޖޯޝުންފުރިގެންވާ ޙަރަކާތަކަށް ހެދުމަށް އެމްއެންޔޫ އިން ބޭނުންވެއެވެ. 2025 ވަނަ އަހަރު ބާއްވާ އެމްއެންޔޫ މެރެތަން ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 އިން 21 އަށް ހުޅުމާލޭގެ ހިތްގައިމު ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. މި ރޭސް ތަޖުރިބާ ކޮށްލައްވަން ތައްޔާރުވެލައްވާށެވެ!

އެމްއެންޔޫ މެރަތަން ގެ ހަރަކާތްތައް ފެށިގެންދާނީ 2025 ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 5 ގައި ފެށުމަށް ހަމަޖެހިފައިވާ އުމުރުން 4 އަހަރާއި 7 އަހަރާއި ދެމެދު އުމުރުފުރާގެ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ 2 ކިލޯމީޓަރުގެ “ކިޑްސް ޑޭޝް” ރޭހުންނެވެ. މިކުދިންނާއެކު ބެލެނިވެރިންނަށްވެސް ދުވުމުގައި ބައިވެރިވެ ވަޑައިގެންނެވޭނެއެވެ. އަދި ރޭސް ނިންމާ ހުރިހާ ކުދިންނަށްވެސް ވަރަށް ރީތި މެޑަލްއެއް ލިބިގެންދާނެއެވެ.

މި ޖޯޝުން ފުރިގެންވާ ހަރަކާތުގެ އެންމެ ދިގު ރޭސް ކަމުގައިވާ 42.2 ކިލޯމީޓަރުގެ މެރަތަން ފެށުން އޮންނާނީ 2025 ފެބްރުއަރީ 21 ގެ މެންދަމު 2:00 ގައެވެ. 21.1 ކިލޯމީޓަރުގެ ހާފް މެރަތަން ފެށޭނީ އެދުވަހު ފަތިހު 3:00 ގައެވެ. 10 ކިލޯމީޓަރުގެ ރޭސް ފެށޭނީ ހެނދުނު 6:00 ގައެވެ. އަދި 5 ކިލޯމީޓަރުގެ ރޭސް ފެށޭނީ ހެނދުނު 7:00 ގައެވެ.

ގިނަ އަދަދެއްގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުޞަތު ގެއްލުވާނުލައްވާށެވެ!

މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 10،000 ރުފިޔާގެ އިނާމު ލިބިގެންދާނެއެވެ.

ހާފް މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 7،500 ރުފިޔާގެ އިނާމު ލިބިގެންދާނެއެވެ.

10 ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 5،000 ރުފިޔާގެ އިނާމު ލިބިގެންދާނެއެވެ.

5 ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 3،000 ރުފިޔާގެ އިނާމު ލިބިގެންދާނެއެވެ

ރޭސްތައް ދުވުމަށް ކަނޑައެޅިފައިވަނީ މިކަމަށް ކަމާބެހޭ މުވައްސަސާގެ މަޝްވަރާއާއި ހުއްދައާއެކު ކަނޑައަޅާ 5 ކިލޯމީޓަރުގެ ލޫޕެއްގައެވެ. އަދި ރޭސް ފެށޭގަޑިން ނިމޭގަޑިއާ ދެމެދުގައި ބޭނުންވެދާނެ މެޑިކަލް އެހީތެރިކަމެއް އޮވެދާނެ އެކަމަށާއި އިމަރޖެންސީ ހާލަތެއް މެދުވެރި ވެދާނެކަމަށް އެމްއެންޔޫގެ މެޑިކަލް ޓީމަކާއި އެމްބިއުލެންސްގެ ޚިދްމަތް ތައްޔާރީ ހާލަތުގައި އޮންނާނެއެވެ. ކޮންމެ ރޭހެއް ފެށޭނީވެސް އަދި ނިމޭނީވެސް ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުންނެވެ. މަތީގައި ދެންނެވުނު އިނާމުގެ އިތުރުން ރޭސް ނިންމާ ހުރިހާ ދުވުންތެރިންނަށްވެސް ވަރަށް ބައިވެރިވި ރޭހުގެ މެޑަލްއެއް ލިބޭނެއެވެ.

އެމްއެންޔޫ މެރަތަން ގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިއެވާ ލިންކު މެދުވެރިކޮށް ރޭހެއް ޚިޔާރު ކޮށްލައްވާށެވެ. ރޭހުގެ ކޮންމެ ބައިވެރިއަކަށްވެސް ރޭސް ކިޓެއް ލިބިލައްވާނެއެވެ. ރޭސް ކިޓްގައި ވަރަށް ޓީޝާރޓަކާއި، ރޭސް ބިބް ލިބިލައްވާނެއެވެ.

https://tinyurl.com/44nch3dy

އެމްއެންޔޫ މެރަތަންގެ ރޭސް ކިޓް ދޫކުރުމަށް ބާއްވާ އެކްސްޕޯ އޮންނާނީ 2025 ފެބްރުއަރީ 15 ވާ ހޮނިހިރު ދުވަހުން ފެށިގެން ފެބްރުއަރީ 19 ވާ ބުދަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހަވީރު 4.00 އިން ރޭގަޑު 8.00 އަށް ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.

ތިޔަ ބޭފުޅުން ދުވަނީ މޮޅުވުމަށް ކަމުގައިވިޔަސް ނުވަތަ ހަމައެކަނި ރޭހުގައި ބައިވެރިވުމުގެ އުފާ ލިބިގަތުމަށް ކަމުގައިވިޔަސް، އެމްއެންޔޫ މެރަތަން އަކީ އެހެން އިވެންޓަކާ ތަފާތު އިވެންޓެއް ކަމުގައި ވާނެކަން ކަށަވަރެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާށެވެ. އަދި ދިވެހިރާއްޖޭގެ ދުވުމުގެ މައިދާނުގައި ފެށިގެންދާ މި އައު އުފާވެރި ބާބުގެ ބައިވެރިއަކަށް ވެވަޑައިގަންނަވާށެވެ!