މިނިސްޓުރީ އޮފް އެޑިއުކޭޝަންއިން ރާވައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދާލަން ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންް ނޮވެންބަރ މަހުގެ 15 އަދި 16 ވަނަ ދުވަހު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. މި އިވެންޓު ކުރިއަށްދާނީ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ގޮތަށް، އެކި އެކި ކުޅިވަރު ހަރަކާތް ތަކާއެކު، ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4:00 ން 6:00 އަދި ރޭގަނޑު 8:00 ން 10:00 އަށެވެ.
މި އިވެންޓުގެ ތެރޭގައި، ދަރިވަރުންނަށް ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުންވެސް ކުރިއަށްދާނެއެވެ. މި އިވެންޓްގައި ޤައުމީ ޔުނިވަރސިޓީ ސުޓޯލް އަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ކޮންމެ 100ވަނަ ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ލިބިގެން ދާނެއެވެ. އަދި، އެކި ފެކަލްޓީ ތަކުގެ ސުޓޯލްތަކުން ރާވައިގެން ކުރިއައް ގެންދާ ހަރަކާތްތަކާއި، ކުޅިވަރުތަކުގައި ބައިވެރިވެގެން އިނާމް ހޯދުމުގެ ފުރަސަތު ވެސް ލިބިގެންދާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ ތަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތަކާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެއެވެ.
މި އިވެންޓުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނީއަރިންގ ދާއިރާ، ޞިއްޙީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ، ދަނޑުވެރިކަން އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެއެވެ.