ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މި ޖަނަވަރީ މަހުގެ 21 ވާ އަންގާރަ ދުވަހު ޔުނިވަރސިޓީގެ އެކި ފެކަލްޓީ ތަކުގައި “ވަން ސްޓޮޕް އެޑްމިޝަން” އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓު ކުރިއަށްދާނީ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ގޮތަށް، އަންގާރަ ދުވަހުގެ މެންދުރު 13:00ން ހަވީރު 18:00 އަށެވެ. މި އިވެންޓުގެ ތެރޭގައި، ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުމާއި، އޭލެވެލް އަދި އެހެނިހެން ނަތީޖާތަކަށް ބެލުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އިވެންޓަށް ދަރިވަރުން އަންނައިރު ނަތީޖާ ކަރުދާހާއި އައި.ޑީ ކާޑު ގެނައުމުން ޔުނިވަރސިޓީގެ ކޯސްތަކުގައި ޖާގަ ހުރި މިންވަރަކުން މި ފުރުސަތު ދެވިގެންދާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ އަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރެވެން ހުރި ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، ޖަރނަލިޒަމް، ޕޮލިޓިކަލް ސައިންސް، ބިޒްނަސް، އެކައުންޓިންގ، އިކޮނޮމިކްސް، ޓީޗިންގ، ނަރސިންގ، ސައިކޮލޮޖީ، ހެލްތު ސައިންސަސް، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިން، އިންފޮރމޭޝަން ޓެކްނޮލޮޖީ، ސިވިލް އެންޖިނިއިރިންގ، ސައެންސް، އެންވަޔަރަންމަންޓަލް މެނެޖްމަންޓް، މެރިން ސައިންސް، މެރިޓައިމް ސްޓަޑީޒް، ޝަރީއާ، ލޯ، އަދި މެޑިސިން ހިމެނެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ފަންނީ ޢިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއަކަށްވާތީ، ތަފާތު ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ޝައުގުވެރިވާ ކުދިންގެ އިތުރުން ދިރާސާތައް ކުރުމަށް ޝައުގުވެރިވާ ކުދިންނަށް ބޭނުންވާ މަޢުލޫމާތުވެސް މި އިވެންޓުން ލިބިގެންދާނެއެވެ.