ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސް 2025 އަށް އެބްސްޓްރެކްޓް ހުށަހެޅުމަށް ހުޅުވައިލުން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ކޮންމެ އަހަރަކު ބާއްވާ “ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސް” އަށް އެބްސްޓްރެކްޓް ހުށަހެޅުމަށް މިހާރުވަނީ ހުޅުވާލެވިފައެވެ. ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2025 ގެ ތީމަކީ “އިވޯލްވިންގ ޕެރެޑައިމްސް: މަރޖިންގ ރިސަރޗް، އެވިޑެންސް، އެންޑް ޕްރެކްޓިކްސް” އެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އިން 20 އޮގަސްޓު 2025 އަށެވެ.

“ތެވެލި” މި ލަފުޒުގެ މާނައަކީ، “އިރުހަނދު އަރައިގެން އަންނަ އިރު ނުވަތަ އޮއްސެންދާ އިރު އުދަރެހުން ފެށިގެން ރިހިކުލައިގެ ނުވަތަ ރަންކުލައިގެ ދޫލައެއްހެން ފެންގަނޑުމަތީގައި ފެތުރިފައި އޮންނަ އަލި” މިއެވެ. މި ކޮންފަރެސްގެ ބޭނުމަކީ އައު ޢިލްމީ ހޯދުންތަކުގެ “އަލިކަން” ނުވަތަ “ތެވެލި” ދިވެހިރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކަށާއި މުޅި ދުނިޔެއަށް ފެތުރުމެވެ. އެހެންކަމުން ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީވެސް ދިރާސާ ކުރާ ފަރާތްތަކަށާއި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމަށްޓަކައި އަދި އެފަދަ ސަގާފަތެއް އަޅުގަނޑުމެންގެ ދަރިވަރުންގެ މެދުގައި އަށަގެންނެވުމަށާއި ދިރާސާ ކުރާފަރާތްތަކާއި އަދި ބޭރުގެ ފުންނާބު އުސް ދިރާސާ ވެރިންނާ އެއް ޕްލެޓްފޯމަކަށް ގެނެސް ގުޅުވައި ދީ ދިރާސާ ކުރުމުގެ އާގޮތްތަކާއި އާޚިޔާލުތަކަށް ފުރުސަތު ހުޅުވުމަށް މަގުފަހިކޮށްދިނުމެވެ. ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް އަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ގައުމީ ޔުނިވަރސިޓީގެ ފަރާތުންކުރިއަށް ގެންދާ ކޮންފަރެންސެކެވެ. އަހަރަކަށް ފަހު އަހަރެއް މި ކޮންފަރެންސަށް ދުނިޔޭގެ އެކި ގައުމުތަކުން އަދި ދިވެހި ރާއްޖޭގެ ފަރާތުން ބައިވެރިވާ ބައިވެރިންގެ އަދަދު އިތުރުވަމުންދާ ކަން އުފަލާއެކު ފާހަގަކުރަމެވެ. އަދި މިއީ އަޅުގަނޑުމެންގެ ތެވެލި ކޮންފަރެންސް ކާމިޔާބު ކަމާއެކީ ކުރިއަށްދާ ކަމުގެ ހެއްކެއް އަދި ކުރިއަށް ގެންދިއުމަށް ލިބިގެންދާ ހިތްވަރެކެވެ.

އެހެން އަހަރުތަކާއި ޚިލާފަށް ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2025 ގައި އެމް.އެން.ޔޫގައި ބެޗެލެރސް ޑިގްރީ ލެވެލްގެ ކޯސްތަކުގައި ތަޢުލީމު ހާޞިލް ކުރަމުންދާ ހުރިހާ ދަރިވަރުންނަށް ހާއްސަ ކޮށްގެން، ދަރިވަރުންގެ މެދުގައި ދިރާސާކޮށް، ސައިންޓިފިކް ޕޭޕަރު ލިޔުމާއި، ސައިންޓިފިކް ޕްލެޓްފޯމުތަކުގައި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމުގެ ޤާބިލް ކަން އިތުރުކުރުމަށްޓަކައި “ސްޓޫޑަންޓް ރިސަރޗް ސިމްޕޯޒިއަމް” އެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިސިމްޕޯޒިއަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އޯގަސްޓް 2025 ވަނަ ދުވަހުއެވެ.

މި ކޮންފަރެންސްގައި އެކި ދާއިރާތަކުން އިނގިރޭސި، ދިވެހި، އަދި ޢަރަބި ބަހުން ޕޭޕަރު ހުށަހެޅުއްވޭނެއެވެ. އަދި ކޮންފަރެންސްގެ ކީ ނޯޓް ސްޕީކަރސް ގޮތުގައި ވަޑައިގަންވާ އެކި ދާއިރާތަކުގެ ތަޖުރިބާކާރު ޢިލްމީ ބޭފުޅުން ނަންގަވައިދެއްވާ “ޕޯސްޓް ކޮންފަރެންސް ސެޝަންސް” 21 އޯގަސްޓް 2025 ގައި ކުރިއަށް ދާނެއެވެ.

ކޮންމެ އަހަރަކު ވެސް މި ކޮންފަރެންސަށް ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ. މިގޮތުން 2024 ވަނަ އަހަރު ކުރިއަށް ގެންދިޔަ ތެވެލި ކޮންފަރެންސްގައި އެކި ފަރާތްތަކުން ވަނީ ރިކޯޑް އަދަދަކަށް ޕޭޕަރު ހުށަހަޅާފައެވެ. އެގޮތުން ޖުމްލް 206 ފަރާތަކުން ޕޭޕަރު ހުށަހަޅާފައިވާއިރު، މީގެތެރެއިން 40 އަށްވުރެ ގިނަ ޕޭޕަރު ހުށަހަޅާފައިވަނީ ރާއްޖެއިން ބޭރު ގައުމުތަކުގެ ޔުނިވަރސިޓީތަކުގެ ބޭފުޅުންނެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2025 އަށް ވެސް، ވަރަށް ފުރިހަމަ ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ.

ކުރީ އަހަރު ތަކެކޭ ވެސް އެއްފަދައިން “ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2025” ގައި ހުށަހަޅާ ޕޭޕަރު ތަކުގެ ތެރެއިން “އައުޓް ސްޓޭންޑިންގ ޕޭޕަރ އޮފް ދަ ކޮންފަރެންސް” އަދި “އަރލީ ކެރިއަރ ރިސާޗަރ”، މި 02 (ދޭއް) އެވޯޑް ހޮވުން އޮންނާނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކުގައި އެނރޯލްވެ ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ “ސްޓޫޑަންޓް ރިސަރޗް ސިމްޕޯޒިއަމް” ތެރެއިން “އަންޑަރގްރެޖުއޭޓް ރިސާޗް އެކްސެލެންސް” އެވޯޑް އަދި “ބެސްޓް ފެކަލްޓީ އެވޯޑް” ވެސް ހޮވުން އޮންނާނެއެވެ. މިއެވޯޑުތައް ހޮވުމުގައި ބަލާނެ މިންގަނޑުތައް އަދި އާއި ގުޅޭ އިތުރު މަޢުލޫމާތު  އެމް.އެން.ޔޫގެ “ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2025” ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމްގެ އެބްސްޓްރެކްޓް ބުކް އަދި ތެވެލި 2025 ގެ އެބްސްޓްރެކްޓް ބުކް ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2025 ވެބްސައިޓުގައި ޕަބްލިޝްކުރާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރިސާޗް (އެމް.އެން.ޖޭ.އާރު)ގެ ތެވެލި ސްޕެޝަލް އިޝޫގައި އެވޯޑްތަކަށް ހޮވޭ ކަރުދާސްތައް ޕަބްލިޝް ކުރާނެއެވެ. ކޮންފަރެންސަށް ހުށަހަޅާ ކަރުދާސްތައް އެމް.އެން.ޖޭ.އާރު.ގެ އެހެން އިޝޫތަކުގައި ޕަބްލިޝް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ކޮންފަރެންސްއާއި ގުޅޭ އެންމެހާ މަޢުލޫމާތު ތިރީގައި ލިންކުން ފެންނަން ހުންނާނެއެވެ.

https://mnu.edu.mv/research-development/theveli-international-conference-2025/

ކޮންފަރެންސްގެ މިލިންކުން ފެންނަން ހުންނާނެ މަޢުލޫމާތު:

  • ކޮންފަރެންސްގައި ބައިވެރިވުމަށާއި ޕޭޕަރު ހުށަހެޅުމަށް ރަޖިސްޓަރ ވާނެ ގޮތުގެ މަޢުލޫމާތު.
  • ކޮންފަރެންސްގެ ގައިޑްލައިން
  • ކޮންފަރެންސްއަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ގައިޑްލައިން
  • ކޮންފަރެންސަށް ފުލް ޕޭޕަރ ހުށަހަޅާނެ ގޮތް އަދި ގައިޑްލައިން
  • ކޮންފަރެންސްގައި ހުށަހަޅާ ތައްޔާރުކުރާ ޕްރެޒެންޓޭޝަންގެ ޓެމްޕްލޭޓް އަދި ގައިޑްލައިން
  • ކޮންފަރެންސްގައި ހުށަހަޅާ ޕޯސްޓަރ ޕްރެޒެންޓޭޝަން ގައިޑްލައިން
  • ސްޓޫޑަންޓް ރިސަރޗް ސިމްޕޯޒިއަމްގެ ގައިޑްލައިން
  • ތެވެލި އެވޯޑްސް ގައިޑްލައިން
  • ތެވެލި އެވޯޑްސްތަކަށް މާކްސްދޭ މިންގަނޑު

ކޮންފަރެންސްގެ ސުންގަޑިތައް:

  • އެބްސްޓްރެކްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ : 31 މޭ 2025
  • ފުލް ޕޭޕަރ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚް: 30 ޖޫން 2025
  • ޕްރެޒެންޓޭޝަންތައް ފޮނުވުމުގެ އެންމެ ފަހު ތާރީޚް: 31 ޖުލައި 2025
  • ގައިޑްލައިންއާ އެއްގޮތަށް ތައްޔާރުކޮށް ޕްރިންޓްކޮށްފައިވާ ޕޯސްޓަރތައް މައުންޓް ކުރުމަށްޓަކައި ރިސާޗް ޑިވްލޮޕްމަންޓް އޮފީހާ ހަވާލުކުރާ އެންމެ ފަހު ތާރީޚް: 13 އޮގަސްޓް 2025
  • ފޯސްޓް-ކޮންފަރެންސް ސެޝަންތަކުގައި ބައިވެރިވުމަށް ރެޖިސްޓަރ ވުމަށް ހުޅުވާލުން: 5 ޖުލައި 2025
  • ޕޯސްޓް ކޮންފަރެންސްގައި ބައިވެރިވުމަށް ރެޖިސްޓަރ ވުމުގެ އެންމެ ފަހު ތާރީޚް: 5 އޮގަސްޓް 2025
  • ކޮންފަރެންސް އޮންނަ ތާރީޚް: 18-20 އޮގަސްޓު 2025
  • ފޯސްޓް-ކޮންފަރެންސް ސެޝަންތައް އޮންނަ ތާރީޚް: 21 އޮގަސްޓް 2025

ކޮންފަރެންސާ ބެހޭ އިތުރު މަޢުލޫމާތު:

ފޯނު ނަންބަރު: 3345424

އީމެއިލް އެޑްރެސް: theveli@mnu.edu.mv