އޭއައި ޕްރޮމްޕްޓްކުރުމަށް ބަރޯސާވުން ހުއްޓައިލާ، އަމިއްލައަށް ވިސްނަން ފަށަމާ!  މެޓާކޮގްނިޓިވް އުނގެނުން މުހިންމުވަނީ ކީއްވެ؟

އާމިނަތު ޒިފުނާ | ލީޑް އިންސްޓްރަކްޝަނަލް ޑިޒައިނަރ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި ކޮންމެ ކަމަކަށް ވެސް ވަގުތުން ޖަވާބު ލިބޭ މި ޒަމާނުގައި، ހަގީގީ އުނގެނުމަކީ ހަމައެކަނި މައުލޫމާތެއް ހޯދުމެއް ނޫނެވެ. އޭއައި ޕްރޮމްޕްޓްތަކަށް މުޅިން ބަރޯސާވުމަކީ އަމިއްލަ ފިކުރީ ވިސްނުމާއި، ފުންކޮށް ދިރާސާކުރުމުގެ ގާބިލުކަމަށް ހީނަރުކަން އަންނާނެ ކަމެކެވެ. ޓެކްނޮލޮޖީގެ މި އިންގިލާބީ ދައުރުގައި ކާމިޔާބީއަށް ވާސިލުވެވޭނީ، މެޝިންތަކުން ފޯރުކޮށްދޭ ޖަވާބުތަކަށް އެކަނި ބަރޯސާނުވެ، އަމިއްލަ ވިސްނުން ތަރައްގީކޮށް އަދި އުނގެނޭނެ ގޮތްތައް އަމިއްލައަށް ދެނެގަންނަ “މެޓާކޮގްނިޓިވް” އުސޫލުތައް ބޭނުންކޮށްގެންނެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި، ޖެނެރޭޓިވް އޭއައިއާ މެދު މަތީ ތަޢުލީމީ ދާއިރާއިން ކަންކަން ތަންފީޒުކޮށްފައިވަނީ ކުއްލި ހާލަތްތަކަށް ހައްލު ހޯދުމަށް އާންމުކޮށް ގެންގުޅޭ އުސޫލުތަކުގެ މަތިންނެވެ. ފުރަތަމަ ފެނިގެންދިޔައީ، ތަޢުލީމީ އަދި ފަންނީ އަމާނާތްތެރިކަން ގެއްލިދާނެކަމުގެ ބިރަށް ޓަކައި، މުއައްސަސާތަކުން އޭއައި ބޭނުންކުރުން އެއްކޮށް މަނާކޮށް، މާ ބޮޑު އިތުބާރެއް ނެތް އޭއައި ޑިޓެކްޓަރުތަކަށް ބަރޯސާވި މަންޒަރެވެ. އެހެންނަމަވެސް، މި މަރުޙަލާއަށްފަހު ‘ޕްރޮމްޕްޓް އިންޖިނިއަރިންގ’ ނުވަތަ އޭއައިއަށް އަމުރު އެކުލަވައިލުމުގެ ހުނަރު އުނގަންނައިދިނުމުގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ.” އެގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔުނިވަރސިޓީތަކުން ވޯކްޝޮޕްތައް އިންތިޒާމުކޮށް، އޭއައިއަށް އިރުޝާދު ދޭނެ ގޮތްތަކުގެ މައްޗަށް ކުރު މުއްދަތުގެ ސެޓްފިކެޓް ކޯސްތައް (މައިކްރޯ-ކްރެޑެންޝަލްތައް) ތަޢާރަފުކުރަން ފެށިއެވެ. މިއީ ވަޒީފާގެ ބާޒާރަށް ތައްޔާރުވުމަށް ޓަކައި، އޭއައި އެންމެ އެކަށޭނެ ގޮތުގައި ބޭނުން ކުރުމަށް ގެނައި ބަދަލެކެވެ.

އެހެންނަމަވެސް، ވަޒީފާގެ ބާޒާރުގެ ހަގީގަތް މިހާރު ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ. ޢާންމު ފެންވަރުގެ ޕްރޮމްޕްޓް އިންޖިނިއަރިންގއަކީ މިހާރު ވަރަށް ބާރަށް އޮޓޮމޭޓްވަމުންދާ، އަދި އޭގެ މުހިންމުކަން ކުޑަވަމުންދާ ހުނަރެކެވެ (ވޯލްޑް އިކޮނޮމިކް ފޯރަމް، 2025). ކުރީގެ މޮޑެލްތަކާ ޚިލާފަށް، މިއަދުގެ ޒަމާނީ “ލާޖް ލެންގުއޭޖް މޮޑެލް (LLM) “ތަކަކީ ވަކި ޚާއްޞަ ޤަވާޢިދުތަކަކަށް ބަރޯސާނުވެ، އިންސާނުންގެ ޢާންމު މުޢާމަލާތުގެ ތެރެއިން މާނަ ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ ވަސީލަތްތަކެކެވެ.

މި ސަބަބަށް ޓަކައި، ޕްރޮމްޕްޓްގެ ފެންވަރު ދަށްވުމުން މާބޮޑު މައްސަލައެއް މިހާރު ދިމާނުވި ނަމަވެސް މާ ނުރައްކާތެރި އެހެން މައްސަލައެއް ވަޒީފާދޭ ފަރާތްތަކުގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފައެވެ. އެއީ، އަމިއްލަ ސިކުނޑިން ފުންކޮށް ވިސްނުމުގެ ބަދަލުގައި، އޭއައި އިން ނެރެދޭ ނަތީޖާއަށް އެއްވެސް ފާޑުކިޔުމެއް ނެތި ފުރިހަމައަށް ބަރޯސާވުން ނުވަތަ “ކޮގްނިޓިވް އޮފްލޯޑިންގ” (Cognitive Offloading) ގެ މައްސަލައެވެ (ލޮޖް އެންޑް ލޯބްލް، 2026).

ދަރިވަރަކު އޭއައިއަކީ އެހީތެރިވާ ބައިވެރިއެއްގެ ބަދަލުގައި، ހަމައެކަނި “ޖަވާބު ހޯދާ ވަސީލަތެއް” ކަމަށް ބަލައިގެންފި ނަމަ، ފާޑުކިޔުމުގެ ނަޒަރަކުން ވިސްނައި ފިކުރުކުރުމުގެ ޤާބިލުކަން އެ ކުއްޖެއްގެ ކިބައިން ނެތިގެންދާނެއެވެ. އެހެންކަމުން، މަތީ ތަޢުލީމު އުނގަންނައިދިނުމުގެ މަންހަޖަށް މުހިންމު އަދި އަސާސީ ބަދަލުތަކެއް ނުގެނެސްފި ނަމަ، އަޅުގަނޑުމެންނަށް އުފެއްދޭނީ ކުރާ މަސައްކަތުގެ އަޞްލު ފަހުމުނުވާ، ހަމައެކަނި ރޫޓީން މަސައްކަތްތަކެއް އޭއައި ބޭނުންކޮށްގެން ނިންމާލަން އެނގޭ ފަދަ އުފެއްދުންތެރިކަމެއް ނެތް ޖީލެކެވެ.

ކުރީގައި ބޭނުންކުރަމުން އައި އުނގަންނައިދިނުމުގެ އުސޫލުތައް މިހާރު ނާކާމިޔާބުވަމުންދާ ސަބަބު ދެނެގަތުމަށް ޓަކައި، ޖެނެރޭޓިވް އޭއައި ފަރުމާކުރެވިފައިވާ ގޮތުގެ މުހިންމު ސިފައެއް ކަމަށްވާ “މޮޑެލް ސައިކޯފެންސް” ނުވަތަ ބޭނުންކުރާ މީހާ ރުއްސުމަށް އިސްކަންދިނުމަށް އުނގަންނައިދޭ މީހުން ހޭލުންތެރިވާންޖެހެއެވެ. ލާޖް ލޭންގުއޭޖް މޮޑެލްތަކަކީ ތަފާސްހިސާބީ ހަމަތަކުގެ މައްޗަށް ބިނާވެ، ބޭނުންކުރާ ފަރާތް ރުއްސުމަށް ތަމްރީނުކުރެވިފައިވާ ވަސީލަތްތަކެކެވެ (ޝަރުމާ އަދި އެހެންބޭފުޅުން، 2025). ދަރިވަރަކު ބަލިކަށި، ހަމަބުއްދިއަށް ނުފެތޭ ނުވަތަ ވަކި ފަރާތަކަށް ބުރަވެފައިވާ ޚިޔާލެއް އޭއައިއަށް ހުށަހެޅި ނަމަވެސް، އެ ސިސްޓަމުން އެ ކަންކަން އިސްލާޙުކޮށްދެނީ ވަރަށް މަދުންނެވެ. އޭގެ ބަދަލުގައި، އެ ޚިޔާލަކީ ރަނގަޅު އެއްޗެއްގެ ގޮތުގައި ދައްކައި، ބަލިކަށި ދަލީލުތައް އިތުރަށް ވަރުގަދަކޮށް، އެ ކުށްތައް އެކުލެވޭގޮތަށް ފުރިހަމަ އަދި ފަންނީ ލިޔުމެއްގެ ސިފައިގައި އެކުލަވާލަދެއެވެ (ސްޕޮންހައިމް، 2024). ނަތީޖާއެއްގެ ގޮތުން، ލިޔުން ރީތިވެފައި ފުރިހަމަވުމަކީ އެއީ ފުންކޮށް ތަޙުލީލުކޮށްފައިވާ މޮޅު އެއްޗެއް ކަމަށް ދަރިވަރުންނަށް ޤަބޫލުކުރެވެއެވެ.

މީގެ ސަބަބުން ނުރައްކާތެރި ޕާފޯމަންސް ޕެރަޑޮކްސް އެއް ނުވަތަ ފެންނަ ފެނުމަށް މަސައްކަތް ރަނގަޅުވި ނަމަވެސް ޙަޤީޤަތުގައި ނަތީޖާ ގޯސްވާ ޙާލަތެއް އުފެދެއެވެ. ތަޢުލީމީ ދިރާސާތަކުން ދައްކާގޮތުގައި، އޭއައިގެ އެހީގައި މަސައްކަތްތައް އަވަހަށް ނިންމައިލެވުނު ކަމުގައިވިޔަސް، ދިގު މުއްދަތަކަށް ބަލާއިރު، ދަރިވަރުން ކަންކަން ދަސްކުރުމަށާއި، އަމިއްލައަށް މައްސަލަ ޙައްލުކުރުމަށް ހުންނަ ޤާބިލުކަން ވަރަށް ބޮޑަށް ދަށްވެގެންދެއެވެ (ވިއޭރިއު އަދި ޕެޓްރިއާ، 2025). ނަތީޖާއެއްގެ ގޮތުން، ޙަޤީޤީ ޢިލްމީ ޤާބިލުކަމާއި ހުނަރުވެރިކަން ލިބުމުގެ ބަދަލުގައި އުފެދިގެންދަނީ، ހުނަރުވެރިކަން ހުރިކަމަށް ދައްކުވައިދޭ ކުށްހީއެކެވެ.

މެޓާކޮގްނިޝަން (އަމިއްލަ ވިސްނުމާ މެދު ވިސްނުން)އަކީ، އުނގެނޭ މީހާ ކުރަންޖެހޭ މަސައްކަތުގެ މައުލޫމާތާއި، އުނގެނުމުގެ އުކުޅުތަކުގެ މައުލޫމާތު އަދި އަމިއްލަ ނަފްސުގެ ގާބިލުކަމުގެ މައުލޫމާތު ބޭނުންކޮށްގެން އުނގެނުން ރާވައި، އުނގެނުމުގެ އަމާޒަށް ވާސިލުވަމުންދާ މިންވަރު ބަލައި، އަދި ނަތީޖާ ވަޒަންކުރުމަށް ބޭނުންކުރާ މަރުހަލާއެވެ.

މެޓާކޮގްނިޓިވް ހުނަރުތައް މައިގަނޑު ދެ ބަޔަކަށް ބަހާލެވިދާނެއެވެ.

  1. މެޓާކޮގްނިޓިވް ނޮލެޖް (ވިސްނުމާ ގުޅޭ މައުލޫމާތު):  މީގެ ތެރޭގައި އުނގެނުމުގެ ނަތީޖާއަށް އަސަރުކުރާ ކަންކަން ދެނެގަތުމާއި، ތަފާތު ކޮގްނިޓިވް އުކުޅުތަކަށް މޮޅުވުމާއި، ވަކި ހާލަތްތަކަށް އެ އުކުޅުތައް ބަދަލުކުރަން އެނގުން ހިމެނެއެވެ. އަދި އަމިއްލަ ނަފްސުގެ ވަރުގަދަކަ ންކަމާއި ނުކުޅެދުންތެރިކަން ވަޒަންކުރުމާ އެކު، އުނގެނުން އެންމެ ފުރިހަމަ ކުރުމަށް ޓަކައި ވަކި އުކުޅެއް ބޭނުންކުރާނީ ކޮން އިރަކު އަދި ކިހިނެއްކަން ދެނެގަތުން ހިމެނެއެވެ.
  2. މެޓާކޮގްނިޓިވް ރެގިއުލޭޝަން (ވިސްނުން ކޮންޓްރޯލްކުރުން): މިއީ ރޭވުމާއި، އަމާޒުތައް ކަނޑައެޅުމާއި، މެދުކެނޑުމެއްނެތި ކަންކަން ހިނގާގޮތް ބެލުމާއި، ބޭނުންކުރާ އުކުޅުތައް ކޮންޓްރޯލްކުރުމާއި، އަދި ނަތީޖާ ވަޒަންކުރުން ފަދަ އަމަލުތަކެވެ. މީގެ ސަބަބުން، ލިބެމުންދާ ކުރިއެރުމަށާއި ކުރިމަތިވާ ހުރަސްތަކަށް ބަލައި އަމަލުތަކާއި އުކުޅުތައް ބަދަލުކުރުމުގެ ފުރުސަތު ލިބި، އަމިއްލަ އިސްނެގުމުގައި ފުރިހަމައަށް އަދި އެންމެ އުކުޅުވެރިކޮށް އުނގެނުމަށް މަގުފަހިވެއެވެ.

މެޓަކޮގްނިޝަންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި، އިންސާނުންނާއި އޭއައިއާ ދެމެދު ކުރެވޭ މުއާމަލާތްތަކަކީ، ވަކި މަގުސަދެއްގައި ތަރުތީބުވެގެން ހިނގާ، ފިކުރީ އެކި މަރުހަލާތައް އެކުލެވޭ ސިލްސިލާއަކަށް ހަދަންޖެހެއެވެ. އެހެންކަމުން، ދަރިވަރުން ހަމައެކަނި “ޖެނެރޭޓް” ބަޓަނަށް ފިއްތާލުމުގެ ބަދަލުގައި، ކޮންމެ މަސައްކަތެއްގައި ވެސް މެޓަކޮގްނިޓިވް ތިން މަރުހަލާއެއް ފުރިހަމަކުރުމަށް އުނގަންނައިދޭ ފަރާތްތަކުން ދަރިވަރުންނަން އަންގައިދޭންޖެހެއެވެ.

މަރުހަލާ

މައިގަނޑު އަމާޒު

އަމިއްލަ ނަފްސާ ކުރަންޖެހޭ ސުވާލުތައް

1.      އިސްވެ ވިސްނުމުގެ މަރުހަލާ

(Forethought)

ސާފު މަގުސަދަކާ އެކު މަސައްކަތް ހަވާލުކުރުން

މި މައުޟޫއާ ގުޅޭގޮތުން އަމިއްލައަށް އެނގެނީ ކިހައި މިންވަރަކަށްތޯ؟ އޭއައިއާ ވަކި މަސައްކަތެއް ހަވާލުކުރަނީ ކޮން ބޭނުމަކުތޯ؟

2.      މަސައްކަތުގެ ފެންވަރު ބެލުން (Performance Monitoring)

ސައިކޯފެންސީ މަޅިން ސަލާމަތްވުން

އޭއައިއިން އުފައްދަނީ ހަގީގީ ސައްހަ މައުލޫމާތުތޯ؟ ނުވަތަ އަޑުއަހަން ބޭނުންވާ ޖަވާބެއް ދިނުމަށް ޕްރޮމްޕްޓް ތަކުރާރުކުރަނީތޯ؟

3.      އަމިއްލަ ނަފްސް ވަޒަންކުރުން (Self Reflection)

އަމިއްލަ ފިކުރީ ބައިވެރިވުން ވަކިކޮށް ދެނެގަތުން

އަމިއްލަ ވިސްނުން ނިމި، އޭއައިގެ ދައުރު ފެށެނީ ކިހައި ހިސާބަކުންތޯ؟ ނެރެވުނު ނަތީޖާއަށް އިންސާނެއްގެ ހައިސިއްޔަތުން އިތުރުކޮށްދިން އަމިއްލަވަންތަ ކަމަކީ ކޮބައިތޯ؟

 

މި ތިން މަރުހަލާގައި އެކުލެވިގެންވާ، ސުވާލުތަކާ މެދު ވިސްނުމަށް ދަރިވަރުންނަށް މަޖުބޫރުކުރުވުމުން، ކިޔަވައިދޭ ފަރާތްތަކުން އުނގެނުމުގެ މަރުހަލާގެ ތެރެއަށް ގަސްދުގައި “ފްރިކްޝަން” އަލުން ތައާރަފުކުރެއެވެ. މި ފްރިކްޝަނަކީ ސީދާ ފުންކޮށް އުނގެނުމާއި ދިގު މުއްދަތަކަށް ސިކުނޑީގައި މަޢުލޫމާތު ހަރުލާ ހިސާބެވެ (ޓޮމީސޫ އަދި އެހެން ބައިވެރިން،2025).

މަތީ ތަޢުލީމުގެ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ސަބަބުން ކުރިމަތިވެދާނެ އެންމެ ބޮޑު ގޮންޖެހުމަކީ ދަރިވަރުން ނަހަމަ ގޮތުގައި އޭގެ ބޭނުން ހިފުމެއް ނޫނެވެ. އޭގެ ބަދަލުގައި އޮތް އެންމެ ބޮޑު ބިރަކީ، އަމިއްލަ ފިކުރީ ޤާބިލުކަމާއި ވިސްނުންތެރިކަން ކޮށިވެ، ފިކުރީ ގޮތުން ކަންނެތް ޖީލެއް އުފެދިގެން ހިނގައިދާނެކަމުގެ ބިރެވެ. އޭއައިއަކީ ހަމައެކަނި ލަނޑުދަނޑިއަކަށް ވާސިލުވުމަށް އޮތް ކުރު މަގެއްގެ ގޮތުގައި ބަލައިގެންފި ނަމަ، އަޅުގަނޑުމެންނަށް ބިނާކުރެވޭނީ ކުރާ މަސައްކަތުގެ ޙަޤީޤީ މަޤްޞަދާއި ފުންމިން ދެނެގަތުމެއް ނެތި، ހަމައެކަނި އަވަސްއަރުވާލައިގެން ނަތީޖާ ނެރެން ދަންނަ ޖީލެކެވެ.

ނަމަވެސް، މަތީ ތަޢުލީމީ މަންހަޖުގެ ތެރެއަށް ފުން ވިސްނުމާއި ފަންނީ ހުނަރުތައް ފުރިހަމައަށް އެކުލަވާލައިގެން، އޭއައިއަކީ ތަޢުލީމަށް އޮތް ހުރަހަކަށް ހެދުމުގެ ބަދަލުގައި، އިންސާނީ ވިސްނުމާއި ޤާބިލުކަން އިތުރަށް ތަރައްޤީކޮށްދޭ އަގުހުރި ވަސީލަތަކަށް ހެދިދާނެއެވެ. މުސްތަޤްބަލުގެ ވަޒީފާގެ ބާޒާރުގައި އެންމެ ޑިމާންޑް ބޮޑުވެ، ކާމިޔާބީ ހޯދާނީ ހަމައެކަނި އޭއައިއަށް އަމުރުތަކެއް (ޕްރޮމްޕްޓްތަކެއް) ދޭން ދަންނަ ފަރާތްތަކެއް ނޫނެވެ. އެއީ ފުންކޮށް ވިސްނާ، ފާޑުވެރި ނަޒަރަކުން ކަންކަމާ މެދު ސުވާލު އުފައްދާ، އަދި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން އަމިއްލަ އިސްނެގުމާ އެކު އުފެއްދުންތެރި މަސައްކަތްތަކެއް ކުރަން ދަންނަ ހުނަރުވެރިންނެވެ.

 

ތިރީގައިވާ މަސްދަރުތަކުން ލިޔުމަށް މަޢުލޫމާތު ހިމަނާފައިވާނެއެވެ.

  • ލޮޖް، ޖޭ.، އަދި ލޯބްލް، އެލް. (2026). އާޓިފިޝަލް އިންޓެލިޖެންސް، ކޮގްނިޓިވް އޮފްލޯޑިންގް އެންޑް އިމްޕްލިކޭޝަންސް ފޯ އެޑިއުކޭޝަން. ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ ސިޑްނީ.
  • ޝަރުމާ، އޭ.، އެޓް އަލް. (2025). ޓުވާޑްސް އަންޑަސްޓޭންޑިންގް ސިކޯފެންސީ އިން ލޭންގުއޭޖް މޮޑެލްސް. އާކައިވް ޕްރީޕްރިންޓް.
  • ސްޕޮންހައިމް، ޖޭ. (2024). ސިކޯފެންސީ އިން ޖެނެރޭޓިވް-އޭއައި ޗެޓްބޮޓްސް. ނީލްސަން ނޯމަން ގްރޫޕް.
  • ވިއޭރިއޫ، އޭ.، އަދި ޕެޓްރިއާ، އާރް. (2025). ދަ އިމްޕެކްޓް އޮފް އާޓިފިޝަލް އިންޓެލިޖެންސް އޮން ސްޓޫޑެންޓްސް އެކަޑެމިކް ޑިވެލޮޕްމަންޓް. އެޑިއުކޭޝަން ސައިންސަސް.
  • ޓެޒަރ، އެމް. (2025). މެޓާކޮގްނިޓިވް އެންގޭޖްމަންޓް އިން އޭއައި-ސަޕޯޓަޑް ލާރނިންގް. އިންޓެކްއޯޕަން.
  • ސަކޭނީ، އެމް.، އެޓް އަލް. (2025). މެޕިންގް ދަ ސްކެފޯލްޑިންގް އޮފް މެޓާކޮގްނިޓިވް އެންޑް ލާރނިންގް ބައި އޭއައި ޓޫލްސް އިން އެސްޓެމް ކްލާސްރޫމްސް. ޖާނަލް އޮފް އިންޓެލިޖެންސް.
  • ޓޮމިސޫ، ކޭ.، އެޓް އަލް. (2025). ދަ ކޮގްނިޓިވް މިރަރ ފްރޭމްވޯކް: އޭއައި އޭޒް އޭ މެޓާކޮގްނިޓިވް ޕާޓްނަރ. ފްރޮންޓިއާސް އިން އެޑިއުކޭޝަން.
  • ވޯލްޑް އިކޮނޮމިކް ފޯރަމް. (2025). ބެލެންސިންގް އޭއައި އޯވަރކެޕޭސިޓީ އެންޑް ޓެލެންޓް ޝޯޓޭޖަސް. ޖެނީވާ: ޑަބްލިއު.އީ.އެފް.

Related Posts