އދ. ހަންޏާމީދޫގައި ކަށުކަމާކެމީގެ ޢަމަލީ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފި

މެއި 2026 7

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް ސްޓަޑީޒާއި ޑިޕާޓްމަންޓް އޮފް ޝަރީޢާ ގުޅިގެން، އދ. ހަންޏާމީދޫ ކައުންސިލް އިދާރާ އަދި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ ގުޅިގެން، ކަށުކަމާކެމީގެ ކަންކަމަށް ޚާއްޞަ ޢަމަލީ އަދި ޢިލްމީ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ޞައްޙަ ސުންނަތުގެ އަލީގައި، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ މަތިވެރި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަށުކަމާކެމީގެ އެންމެހައި ކަންކަން ފުރިހަމަކުރާނެ ގޮތް އުނގަންނައިދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. އެގޮތުން މައްޔިތާ ހިނެވުމާއި، ކަފުންކުރުމާއި، ކަށުނަމާދު ކުރުމުގެ އިތުރުން ވަޅުލުމާ ހަމައަށް ފުރިހަމަކުރަންޖެހޭ ދީނީ ވާޖިބުތަކާއި ސުންނަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް ފުރިހަމަ ޢިލްމީ މަޢުލޫމާތާއި، އަތްމަތީ ޢަމަލީ ތަޖުރިބާ ވަނީ ފޯރުކޮށްދެވިފައެވެ. މީގެ އިތުރުން، މި މުހިންމު ފަރުޟު ކިފާޔާ އަދާކުރުމަށް މުޖުތަމަޢުގެ ފަރުދުންގެ މެދުގައި ޝައުޤުވެރިކަން އުފައްދައި، މި ދާއިރާއިން އާންމުން ހޭލުންތެރިކުރުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ.

މިފަދަ އަގުހުރި އިސްނެގުންތަކަކީ ޔުނިވަރސިޓީއާއި ފެކަލްޓީގެ ފަންނީ އަދި ޢިލްމީ ޤާބިލުކަމާއި ތަޖުރިބާގެ ފައިދާ ސީދާ މުޖުތަމަޢަށް ފޯރުކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ލޯކަލް ކައުންސިލްތަކާއި، ރަށްރަށުގެ އެކި ޖަމާޢަތްތަކާއެކު އޮންނަ އިޖުތިމާޢީ ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢުގެ ތަޢުލީމާއި ޢަމަލީ ހުނަރުތައް ތަރައްޤީކުރުމަށް ފެކަލްޓީން މެދުކެނޑުމެއްނެތި ކުރަމުންދާ އިޖުތިމާޢީ ޚިދުމަތްތަކުގެ ތެރެއިން ހިންގުނު ވަރަށް މަންފާކުރަނިވި، މުހިންމު ހަރަކާތެކެވެ.

Related Posts