ސީ.އީ.ޓީ.އީ އާމެދު އަޅުގަނޑުގެ ޚިޔާލު: ފެންވަރު ރަނގަޅު ޒަމާނީ ތަޢުލީމެއް ފޯރުކޮށްދިނުމަށް މުހިއްމު މަރުކަޒެއް

The Maldives National University > Reviews > ސީ.އީ.ޓީ.އީ އާމެދު އަޅުގަނޑުގެ ޚިޔާލު: ފެންވަރު ރަނގަޅު ޒަމާނީ ތަޢުލީމެއް ފޯރުކޮށްދިނުމަށް މުހިއްމު މަރުކަޒެއް

ތަހުމިނާ އިބްރާހީމް | ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އުނގެނުމާއި އުނގަންނައިދިނުން ޒަމާނާއެއްގޮތަށް ބައްޓަންކޮށް، އެކަށީގެންވާ ނަތީޖާ ނެރެދިނުމަކީ އަދުގެ ޖީލުތަކަށް މުހިއްމުކަމެއް ކަމުގައި ގަބޫލުކުރެވެއެވެ. މިކަން މިގޮތަށް ނުވާންވީ އެއްވެސް ސަބައެއްނެތެވެ. ޒަމާން ބަދަލުވެއްޖެއެވެ. ޒަމާނާ އެއްގޮތަށް ދިރިއުޅުމުގެ ވައްޓަފާޅިތަކަށް އަންނަމުންދާ ބަދަލުތަކާއި، މީހުން ހޭލުންތެރިވެފައިވާ މިންވަރާއި، އުނގެނުމުގައި ގެންގެޅޭ އުސްލޫބުތަކަށް  ބަދަލުތަކެއް އަތުވެއްޖެއެވެ. އުނގެނުމަށް ވަކި އުމުރުފުރާއެއް ނެތްއިރު، އެންމެންގެ އަމާޒަކަށް ވެފައިވަނީ މާބޮޑު ތަކްލީފުތަކާއި ނުލައި ތިމާއަކީވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރަށް ކިޔަވައިގެންހުރި މޮޅުމީހަކަށްވުމެވެ. ނުވާންވީ ސަބަބެއްވެސް ނެތެވެ. ތައުލީމު އުނގެނުމުގައި ފަސޭހަ  އެތަކެއް ގޮތްތަކެއް އަދުގެ މޮޅު ދާރިސުންވަނީ އީޖާދުކޮށްފައެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އުނގެނުމާއި އުނގަންނައި ދެވޭނެ ފަހި ގޮތްތައް މިއަދު މިވަނީ ތަޢާރަފުވެފައެވެ.

ކިޔަވައިދިނުމުގައި ފަހުގެ މޮޅުގޮތްގޮތް ބޭނުންކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށްވެސް ބޭނުންތެރި އަދި އެހާމެ މުހިއްމު ކަމެކެވެ. އަޅުގަނޑަކީ އިދާރީ މުވައްޒަފެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި މަސައްކަތްކުރާ ފަރާތެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި އުނގެނުމާއި، އުގަންނައިދިނުމާއި ގުޅޭ ވަރަށް ގިނަ ކަންކަން އަޅުގަނޑަށް ދަސްވެއްޖެއެވެ. ވަކީން ޚާއްޞަކޮށް، ކޮލް ގައި ކުރަމުން އައު މަސައްކަތްތައް ބަދަލުވެ އައު މެންޑޭޓަކާއެކު ސެންޓަރ ފޮރ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސްލެންސް (ސީ.އީ.ޓީ.އީ) ވުޖޫދުވެގެން އައުމާއެކު، ކިޔަވައިދިނުމުގައި އެންމެ އެކަށީގެންވާ އުސޫލުތަށް ފަރުމާކުރުމަށް ސީ.އީ.ޓީ.އީ ގައި މަސައްކަތްކުރައްވާ ފަންނީ މުވައްޒަފުން ކުރާ ބުރަ މަސައްކަތްތާއި، އެ އުސޫލުތަށް ގާއިމްކޮށް އަމަލީ ސިފަ ގެނައުމަށް ކުރާމަސައްކަތްތަށްވ ެސް އެނގިގެންހިގައްޖެއެވެ. ސީ.އީ.ޓީ.އީ އަކީ ފަހުގެ ޓެކްނޮލޮޖީއަށް ލެކްޗަރައިން އަހުލުވެރިކުރުވުމުގެ ތަމްރީނުތަށް ހިންގާ ފޯރުކޮށްދޭ މަރުކަޒެކެވެ. އަދި ކޯސްތަކަށް ކިޔަވައިދޭ މާއްދާތަށް ޑިޒައިންކުރުމާއި، ގައިޑްލައިންތަށް ހެދުމާއި، ހެދިފައިވާ ގައިޑްލައިނާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ސެންޓަރެއްވެސް މެއެވެ. 

ދުނިޔޭގެ މަޝްހޫރު މޮޅު ޔުނިވަރސިޓީތަކުގައި ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ވެސް ޓެކްނޮލޮޖީގެ އެހީގައި އުނގަންނައި ދިނުމުގެ އުސޫލުތަށް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރެވެން ފަށައިފިއެވެ. ކޯސްތަކުގެ ކޮންޓެންޓް އަވަރ ކަވަރކުރެވޭގޮތަށް، ވަކި ގައިޑްލައިންތަކެއް ހެދި މުދައްރިސާއި ދަރިވަރުންގެ އިންޓަރެކްޝަން ކުޑަނުވާގޮތަށް މިކަންކަން ކުރެވޭނެ ގޮތުގެ އުސޫލުތަށްވަނީ ފާސްކުރެވިފައެވެ. ހަފްތާއަކު ކިޔަވައިދޭންޖެހޭ ގަޑިތަކުގެ ތެރެއިން ޓިއުޓޯރިއަލްއަށް ވަކިގަޑިއިރެއް، ދަރިވަރުންގެ ކްލާހުގެ މަސައްކަތްތަކާއި، ކުލާހުން ބޭރުގައި ކުރެވޭ މަސައްކަތްތައް “މޫޑުލް” ގައި ހަރުދަނާ އުސޫލެއްގެ ދަށުން ފރުިހަމަ ކުރަންޖެހޭ ކޮންޓެކްޓް ގަޑިތައް ކަށަވަރުވާގޮތަށް އިންސްޓްރަކްޝަނަލް ޑިޒައިނިންގ ގެ މަސައްކަތްތައް ކުރަން ފެށިއްޖެއެވެ.  މޫޑުލްގައި ދަރިވަރުންގެ މަސައްކަތްތަށް މާރކްކުރުމާއި، ދަރިވަރުންނަށް ފީޑްބެކް ދެވޭނެގޮތާއި، ދަރިވަރުންނާއި މުދައްރިސާއި އޮންނަ ގުޅުން ފޭސް-ޓު-ފޭސް ކްލާހާއި އެއްވަރަށް ބެލެއްޓޭނެ އިންތިޒާމްތައް ވަނީ ރޭވިފައެވެ. ހަމައެފަދައިން މުދައްރިސާއި ދަރިވަރުން  މޫޑުލް ބޭނުންކުރާ ގޮތާއި މިންވަރު ބެލި މޮނިޓަރކުރެވޭނެ ގައިޑްލައިންތަށް ހެދި އަހަރަކު 2 ފަހަރު އޭގެ އިވެލުއޭޝަންދަނީ ހެދެމުންނެވެ. ކިޔަވައިދިނުމަށް ފަހުގެ ޓެކްނޮލޮޖީގެ ހައިބްރިޑް ކްލާސްރޫމްތަށް ވަނީ ހެދިފައެވެ. މިފަދަ ކްލާސްރޫމްތަށް ހެދިފައިވަނީ ދަރިވަރުންނަށް ފުރިހަމައަށް ކިޔަވައިދެވޭނެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެކުގައެވެ.

ބަޔާންކުރެވުނު ކަންތައްތައް ޔުނިވަރސިޓީގައި ކުރިއަށް ދިއުމުގައި ސީ.އީ.ޓީ.އި އަކީ އެންމެ މައި ހަބު ކަމުގައި އަޅުގަނޑަށް ދަންނަވަން ކެރެއެވެ. ހަމަޔަގީނުންވެސް މިފަދަ ކަންކަން ވެގެންދާނީ ޔުނިވަރސިޓީގައި ފެންވަރު ރަނގަޅު، ބައިނަލް އަޤްވާމީ ކޮލިޓީ މިންގަނޑުތަކަށް ފެތޭ ތައުލީމީ ނިޒާމެއް ބިނާކުރުމަށްޓަކައި ނުހަނު ބޭނުންތެރި ކަންތައްތަކަކަށެވެ. ހަމައެފަދައިން ޔުނިވަރސިޓީގެ އަމާޒަކީ ޕީ.އެޗް.ޑީ ފެންވަރަށް ކިޔަވައިގެން ތިއްބެވި ލެކްޗަރަރުންގެ އަދަދު އިތުރުކޮށް ދިވެހިރާއްޖޭގައި ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތެރެއިން ފަސް ތަރީގެ މަރުކަޒަށް ޔުނިވަރސިޓީވުމެވެ. މިކަމަށް ވާސިލްވުމަށްޓަކައި ޔުނިވަރސިޓީގެ ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުކޮށް، ދަރިވަރުން ކިޔެވުމަށް އެންމެ އެކަށީގެންވާ މޮޑެލްއަކަށް ކިޔަވައިދިނުމުގެ އުސޫލުތަށް ބަދަލުކުރެވެންޖެހެއެވެ. ދަރިވަރުންގެ ބޭނުންވާ ގޮތްތަށް ހޯދައިބަލައި، އެކަށޭނެ ގޮތަކަށް ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކުރަންޖެހެއެވެ. އެހެނީ މިއަދު ހުރިހާ ދަރިވަރުންވެސް އިޚްތިޔާރުކުރަނީ ޒަމާނީ، ފަސޭހަ އަދި އިތުބާރާއި ޔަޤީންކަމާއި އެކު ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މުއައްސަސާތަކެވެ. އެހެންކަމުން ޤައުމީ ޔުނިވަރސިޓީ އަކީ ވެސް މިފަދަ މުއައްސަސާއަކަށް ހެދުމުގައި ސީ.އީ.ޓީ.އީ އިން ކުރާ މަސައްކަތްތަކަކީ މުހިއްމު މަސައްކަތްތަކެއްކަބް ޔަޤީނެވެ. އެހެން ނަމަވެސް މިއީ ގޮންޖެހުން ވެސް އެހާމެ ބޮޑު މަސައްކަތްތަކެކެވެ. މި ގޮންޖެހުންތަކާއެކު ވެސް ފަހަތަށް ނުޖެހި ކުރިއަށް ދިއުން ކަން ސީ.އީ.ޓީ.އީ ގައި މަސައްކަތް ކުރާ ހީވާގި މުވައްޒަފުންގެ ޢަޒުމެވެ. އަޅުގަނޑުގެ ވެސް ޢުއްމީދަކީ ސީ.އީ.ޓީ.އީ ގެ މެންޑޭޓުގައިވާ ކަންތައްތައް ޔުނިވަރސިޓީގައި ފުރިހަމައަށް ތަންފީޒުވެ، މި ޔުނިވަރސިޓީ އިން ފެންވަރު ރަނގަޅު އަދި ޒަމާނި ތަޢުލީމެއް ފޯރުކޮށްދެވޭނެކަން ކަށަވަރުވެ، މުވައްޒަފުންނާއި ދަރިވަރުންނާ އަދި ޢާއްމުންގެ އިތުބާރު ހިފޭ މަރުކަޒެއްގެ ގޮތުގައި އަބަދުވެސް ސީ.އީ.ޓީ.އީ ދެމި އޮތުމެވެ.