ލ. ގަމު ކެމްޕަހުގައި ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް ކޯސް ހިންގުމަށް އެންދެރި ޕުރޮޖެކްޓްގެ ދަށުން ސްޕޮންސަރޝިޕް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ދެމެދު ވެވޭ އެއްބަސްވުން މިއަދު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި ބާއްވައިފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުހަންމަދު ޒާހިރު އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލާރ، ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ލ. ގަމުގެ އެމް.އެން.ޔޫ ކެމްޕަހުގައި ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް ކޯސް ސްޕޮންސަރ ކުރުމެވެ. އަދި، މި އެއްބަސްވުމުގެ ދަށުން ތިމާވެށި އެންމެ ފުރިހަމައަށް ބަލަހައްޓާ، މުސްތަގްބަލްގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް މީހުން ބިނާކުރުމަށް ހަމަޖެހިފައިވެއެވެ. ތިމާވެށި މިދައިރާއަކީ މުޅި ދުނިޔޭގަވެސް އެންމެ ކުރިއަރާފަވާ އެއްދާއިރާއަށްވުމުން، މި ދާއިރާއަށް ވީހާވެސް ގިނަ ބަޔަކަށް އިލްމުއުގައްނައިދިނުމަކީ ވަރަށްވެސް މުހިންމު ކަމަކެވެ. އެފަދަ ޖީލެއްބިނާކުރުމަށް އެޅޭ ވަރަށްވެސް މުހިންމު ފިޔަވަޅެއްގެ ފެށުމަކަށް މި އެއްބަސްވުން ވެގެންދާނެއެވެ.