ކޮރޯނާ ވެކްސިން ތަރައްޤީކުރުމަށް އެމެރިކާއިން ކުރާ މަސައްކަތުގެ އިސް މޭސްތިރިއަކީ މޮރޮކޯގެ މުސްލިމް ސައިންސުވެރިއެއް؛ ފަޚުރުވެރިވާންވީ ކޮންބައެއްބާ؟

Posted on 27-05-2020 at 20:12 in COVID-19 MNU UPDATES

Hassan-MLatheef2
Chief Adviser “Warp Speed” vaccine effort Monecef Slaoui (R), with US President Donald Trump, speaks on vaccine development on May 15, 2020, in the Rose Garden of the White House in Washington, DC. (Photo by MANDEL NGAN / AFP)

މޮރޮކޯއަށް އުފަން ސައިންސްވެރިޔަކު ނޯވެލް ކޮރޯނާ ވެކްސިން ތަރައްޤީކުރުމަށް އެމެރިކާއިން ކަނޑައަޅާފައިވާ ޓީމުގެ އިސް މޭސްތިރިއަކަށް ޢައްޔަންކުރެވުނު ޚަބަރާއެކު، އެ ޚަބަރުން، މޮރޮކޯއާއި ޢަރަބި މީސްމީޑިއާ ގުގުމާލައިފިއެވެ. ސުއާލަކީ، މޮރޮކޯގެ ރައްޔިތުންގެތެރެއިން މި ފަޚުރުވެރި މަޤާމު ލިބުނީ ކޮން ޝަޚްޞިއްޔަތަކަށްހެއްޔެވެ؟ ދުނިޔޭގެ އެންމެ ބާރުގަދަ، ހުރިހާ ކަމެއްގައިވެސް އަމިއްލައަށް ފުދިގެން އުޅޭ، މުސްލިމުންނާމެދު ތަފާތުކުރުންތައް ގެންގުޅޭ އެމެރިކާފަދަ ޤައުމެއްގެ، މިފަދަ ޚުޠޫރަތްތެރި މަސައްކަތެއްގައި، އިސްރޯލެއް އަދާކުރުމުގެ ފުރުޞަތު ލިބިގެން މި ދިޔައީ، ކިހާވަރެއްގެ ޢިލްމުވެރިޔަކަށްހެއްޔެވެ؟ އާދެ، އެއީ، މޮރޮކޯއަށް އުފަން، ޕްރޮފެސަރ މުންޞިފް މުޙައްމަދުއްސަލާވީ އެވެ.

އައްޞަލާވީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 27 ޖުލައި 1959 ގައި މޮރޮކޯގައެވެ. އަމިއްލަ ވަޒަނުގައި ފުރަތަމަ ޑިގްރީ ނިންމެވުމަށްފަހު، ޢުމުރުން އެންމެ 17 އަހަރުގައި، ޑޮކްޓަރީކަމުގެ ދާއިރާއިން މަތީ ތަޢްލީމު ޙާޞިލްކުރެއްވުމަށް، ފަރަންސޭސި ވިލާތައް ވަޑައިގެންނެވިއެވެ. ނަމަވެސް ދިމާވެވަޑައިގެންނެވި ބައެއް ކަންކަމާހުރެ، ބެލްޖިއަމަށް ވަޑައިގެން އެ ޤައުމުގައި ކިޔެވުން ކުރިޔަށް ގެންދަވަން ފެއްޓެވިއެވެ. އަދި މޮލެކިޔުލަރ ބައިލޮޖީން ޕީ.އެޗް.ޑީ ޙާޞިލްކުރެއްވިއެވެ. އަދި ބެލްޖިއަމްގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވުމަށްފަހު، ދިރިއުޅުން އެމެރިކާއަށް ބަދަލުކުރެއްވިއެވެ. އެއީ، އެމެރިކާގެ ހަވާރޑް ޔުނިވަރސިޓީގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށެވެ.

ހަވާރޑް ޔުނިވަރސިޓީގައި މަސައްކަތް ފެއްޓެވިތާ 15 އަހަރުދުވަހުގެ ތެރޭގައި، މެލޭރިޔާ އާއި، ސާވިކަލްކެންސަރާއި މިނޫންވެސް ގިނަ ވައްތަރުތަކުގެ އިމިޔުނޮލޮޖީ ވެކްސިން ހޯދުމުގައި، އައްސަލާވީގެ ބައިވެރިވުން އޮތެވެ.

އެއަށްފަހު، ގްލެކްސޯ ސްމިތްކްލައިން ކުންފުނީގެ، ރިސާރޗް އެންޑް ޑިވެލޮޕްމެންޓް ޑިވިޝަންގެ އިސްވެރިޔަކަށް އައްޔަންކުރެވުނެވެ. އަދި މި މަޤާމުގައި ހުންނަވައިގެން، އޭނާ ވަނީ ގިނަ ކާމީޔާބީތައް ހޯއްދަވާފައެވެ. އެގޮތުން، 2011 އާއި 2016 އާ ދެމެދު، ތަފާތު ވައްތަރުތަކުގެ ބޭހާއި ވެކްސިން އީޖާދު ކުރެއްވިއެވެ. އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ، 24 ވައްތަރެއްގެ ބޭހާއި، ވަރަށް ބޮޑަށް ތަރައްޤީވެފައިވާ ވައިރަސްތަކަށް ދިނުމަށް ތައްޔާރުކުރެއްވި އާ ވެކްސިނެވެ. އަދި މިގޮތުން އީޖާދުކުރެއްވި ބޭހުގެ އާ ވައްތަރުތަކާއި، ވެކްސިނަށް ވަނީ، ޔޫ.އެސް. ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަވެސް ދޫކޮށްފައެވެ.

ކޮންމެއަކަސް ސައެންސްގެ ރޮނގުން ވަރަށް ކާމިޔާބު، ދިގު ޚިދުމަތަކަށްފަހު، އާ ޖީލުގެ ޒުވާން ހޯދުންތެރިންނަށް ފުރުޞަތު ދެއްވުމުގެގޮތުން، ރިޓަޔަރވެވަޑައިގަތުމަށް، އައްސަލާވީ ނިންމެވިއެވެ.

މިހާރު އަދާކުރައްވާ މަސްއޫލިއްޔަތުތައް:

  • ގްލާކްސްކޯސްމިތްކްލައިން ކުންފުނީގެ އިމިޔުނޮލަޖީ ކޮންސަލްޓަންޓް؛
  • ގްލާކްސްކޯސްމިތްކްލައިން ކުންފުނީގެ ވެކްސިންއާ ބެހޭ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން؛
  • ކޮވިޑް-19 ގެ ވެކްސިން ތައްޔާރުކުރާ، އެމެރިކާގެ ސައިންޓިފިކް ކޮމިޓީގެ ސްޕަރވިޝަން މިޝަންގެ އިންޗާރޖް؛
  • ޙަމަދް ބިން ޚަލީފާ ޔުނިވަރސިޓީގެ ބޯރޑް އޮފް ޓްރަސްޓީސްގެ މެމްބަރުކަން.

(ކޮވިޑް-19ގެ ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތާ ގުޅިވަޑައިގަތުމަށްފަހު، ވަގުތު ހޯއްދެވުމުގެގޮތުން މީގެތެރެއިން ބައެއް މަސްއޫލިޔަތުން މިހާރު އޭނާ ވަނީ އެކަހެރިވެވަޑައިގެންފައެވެ.)

ކޮވިޑް-19 އިގެ ވެކްސިންގެ މަސައްކަތާ ގުޅިވަޑައިގަތުން:

15 މެއި 2020 ގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، [ވަރޕް ސްޕީޑް އޮޕަރޭޝަން] ގެ ނަމުން ނަންދެވިފައިވާ މަޝްރޫއެއް، އިޢުލާން ކުރައްވާފައެވެ. މި މަޝްރޫޢަކީ، 2021 ވަނަ އަހަރު ފެށޭއިރަށް، ކޮވިޑް-19 އަށް ދޭނެ ވެކްސިނެއް ތަރައްޤީކޮށް، އޭގެ 300 މިލިޔަން ޑޯޒް ތައްޔާރުކޮށް ނިންމުމުގެ މަޝްރޫޢެކެވެ. [ވަރޕް ސްޕީޑް އޮޕަރޭޝަން] ގެ މަސައްކަތް ރާވައި ހިންގުމަށް ކަނޑައެޅިފައިވަނީ، އެމެރިކާގެ ދިފާޢީ ވުޒާރާ އާއި ޞިއްޙީ ވުޒާރާ އާއި އިންސާނީ ޚިދުމަތް ދޭ މުއައްސަސާތަކުގެ އެހީއާއެކު، ވައިޓް ހައުސްގެ ސީނިއަރ އެޑްވައިޒަރ، ޖެރަޑް ކުޝްނާއެވެ.

މި މަޝްރޫއުގެ އެންމެ މަތީ އިންޗާރޖްގެ ޙައިޘިއްޔަތުން ޕްރޮފެސަރ ސަލާވީ ވިދާޅުވެފައިވަނީ، ކަނޑައެޅިފައިވާ މުއްދަތަށް، މަޝްރޫޢުގެ މަސައްކަތް ނިންމުމަކީ އުނދަގޫ ކަމެއްކަމަށެވެ. ނަމަވެސް އެއީ ޙާޞިލް ނުވެވޭނެ ލަނޑުދަނޑިއެއްނޫން ކަމަށެވެ(ويكيبيديا، 2020).

ކޮންމެއަކަސް، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުކަމުގައިވާ އެމެރިކާގެ މިފަދަ ޙައްސާސް މަޝްރޫއެއްގެ އިންޗާރޖަކަށް، މޮރޮކޯފަދަ އިސްލާމީ ޤައުމެއްގެ މުސްލިމް ޢިލްމުވެރިޔަކު ހޮވިގެން ދިއުމަކީ، އިސްލާމީ އުއްމަތަށް ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. އަދި މިއީ އިސްލާމީ އުއްމަތުގެ ރަންޒަމާނުގެ ހަނދާންތަކާއި، އޭރުގެ ބޮޑެތި ޢިލްމުވެރިން އިންސާނިއްޔަތަށް ކޮށްދެއްވާފައިވާ، އަގު ނުކުރެވޭފަދަ ޚިދުމަތްތަކުގެ މަތިން ހަނދާންވެގެންދާ ކަމެކެވެ.

މިފަދަ ކަންތައްތަކަށް ވިސްނާލުމުން އަޅުގަނޑުމެންނަށް ލިބޭ ޢިބްރަތަކީ، ޢިލްމާއި ޓެކްނޮލޮޖީއާއި ތަރައްޤީއަކީ، ވަކި ބައްރަކަށް، ނުވަތަ ވަކި ނަސްލަކަށް، ﷲ ތަޢާލާ ބާވައިލެއްވި އެއްޗެއް ނޫންކަމެވެ. އެއީ، ގަދައަޅައި މަސައްކަތްކުރާ އިންސާނުންގެ ޙައްޤެއްކަމެވެ. ޖާހިލުކަމާއި ކަންނެތްކަމުގައި ތިބެގެން އެކަންކަން  ޙާޞިލްނުކުރެވޭނެކަމެވެ.

އަނެއްކޮޅުން ބަލާއިރު، ޔޫރަޕާއި އެމެރިކާއާއި އޮސްޓްރޭލިޔާފަދަ ޤައުމުތަކުގައި، އިސްލާމީ ޤައުމުތަކުން އެ ޤައުމުތަކަށް ހިޖުރަކުރައްވާފައިވާ، ޕްރޮފެސަރސަލާވީފަދަ، ކިތަންމެ މުސްލިމް ޢިލްމުވެރިންނެއް އެބަ ތިއްބެވިއެވެ. ނަމަވެސް، އުފެދޭ ސުއާލަކީ، އެފަދަ ޢިލްމުވެރިން، ކިޔެވުން ނިންމެވުމަށްފަހު، އެބޭފުޅުންގެ ޤައުމުތަކަށް ޚިދުމަތްކޮށްދެއްވުމަށް ވަޑައިނުގެން، ބޭރު ޤައުމުތަކުގައި ތިއްބަވަނީ ކީއްވެތޯއެވެ؟

މި ސުއާލުގެ ޖަވާބުގައި ދަންނަވަންޖެހެނީ، އިސްލާމީ ޤައުމުތަކުން މީގެ ސަބަބު ބަލައި، އެ ސަބަބުތައް ނައްތާނުލާހާ ހިނދަކު، އެކަން އޮންނާނީ އެގޮތުގައިކަމަށެވެ.

ޕްރޮފެސަރ މުންޞިފުއްސަލާވީ މި މަޤާމަށް ޢައްޔަންކުރެވުމާ ގުޅިގެން، އެންމެ ބޮޑަށް އުފާ ފާޅުކުރާ ބަޔަކީ، އޭނާގެ އުފަން ޤައުމު ކަމުގައިވާ، މޮރޮކޯގެ ރައްޔިތުންނެވެ. އަދި މި ޚަބަރާ ގުޅިގެން ޝުޢޫރު ފާޅުކޮށްފައިވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން، މޮރޮކޯގެ މުވާޠިނުންގެތެރެއިން އެތައްހާސް ޑޮކްޓަރުންނާއި އިންޖިނޭރުންނާއި އެކި ރޮނގުތަކުން ކިޔަވައިގެން ތިއްބެވި ވަރުގަދަ ސިކުނޑިތައް، މޮރޮކޯ ދޫކުރެއްވުމަށްފަހު، ކެނެޑާއާއި ފަރަންސޭސި ވިލާތާއި އެމެރިކާއާއި ޗައިނާއާއި ކޮރެއާފަދަ ޤައުމުތަކުގައި ވަޒަންވެރިވެވަޑައިގަތުމަކީ، ބޮޑު ގެއްލުމެކެވެ.

މިއީ، ހަމަ އެކަނި، މޮރޮކޯއަށް ދިމާވެފައިވާ މައްސަލައެއްނޫނެވެ. މިއީ، ޢަރަބި ޤައުމުތައް ފިޔަވައި، މުސްލިމް އަދި ޣައިރު މުސްލިމް ޤައުމުތަކަށްވެސް ދިމާވެފައިވާ މައްސަލައެކެވެ. އަދި އަޅުގަނޑުމެންގެ މި ކުޑަކުޑަ، ބައި މަދު، ދިވެހި ރާއްޖެވެސް މިކަމުން އިސްތިސްނާ ވެގެނެއް ނުވެއެވެ.

މޮޅު ސިކުނޑިތައް ޤައުމުން ބޭރުގައި ވަޒަންވެރިވާން ދިމާވާ ސަބަބުތަކާ ބެހޭގޮތުން ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުން، އޭގެ ސަބަބުތަކުގެތެރޭގައި، އަންނަނިވި ސަބަބުތައް ހިމެނެއެވެ:

  • ސިޔާސީ ހަމަނުޖެހުންތަކާއި ފިތުނަތައް؛
  • މިފަދަ ސިކުނޑިތަކުގެ ވެރިންނަށް، އެ ބޭފުޅުންގެ ރޮނގުން ކުރިޔަށް ވަޑައިގެންނެވޭފަދަ ވެއްޓެއް ޤާއިމުކޮށްދެއްވުމަށްޓަކައި ސަރުކާރުތަކުން ދުރާލާ ރާވާފައި ނޯންނަކަން؛
  • ބޭރުގެ ޤައުމުތަކާ އަޅައި ބަލާއިރު، އަޅުގަނޑުމެންގެ ޤައުމުތަކުގައި، އެފަދަ ސިކުނޑިތަކުގެ އަހުލުވެރިންނަށް ދެވޭ މުސާރައާއި ޢިނާޔަތްތަކުގެ ކުޑަކަން؛
  • ދައުލަތުގެ ވަސީލަތްތައް މަދުކަމާއި، ފަޤީރުކަމުގެ ސަބަބުން، މިފަދަ ޢިލްމީ ބޭފުޅުން ބޭނުންވެވަޑައިގަންނަވާފަދަ މަޝްރޫޢުތައް ހިންގުމުގެ ޤާބިލްކަން، އެ ޤައުމުތަކުގައި ނެތުން؛
  • ޢިލްމާއި ޢިލްމުވެރިންގެ އަގު، ބައެއް ޤައުމުތަކަށް ވަޒަން ނުކުރެވުމުގެ ސަބަބުން، އެފަދަ ޤާބިލް ބޭފުޅުން، ޤައުމުތަކުން ބަލައިނުގަތުން؛

އަދިވެސް މިފަދަ އެތައް ކަމެއް މި ސަބަބުތަކުގެތެރޭގައި ހިމެނެއެވެ(ربحي، 2018).

ޕްރޮފެސަރ މުންޞިފް ސަލާވީގެ މި ކާމިޔާބު، މޮރޮކޯއިން މިއަދު ފާހަގަކުރަމުންދިޔުމަކީ، މަހާނަމައްޗަށް މަޑިއަކަށް ޖެހުންކަހަލަ ކަމެކެވެ. ސަބަބަކީ، ބެލްޖިއަމްގައި ޕީ.އެޗް.ޑީ ނިންމެވުމަށްފަހު، އޭނާ އެނބުރި ޤައުމަށް ވަޑައިގަތީ، ވަރަށް އުއްމީދާއެކުގައެވެ. ޤައުމަށް ވަޑައިގެން އޭނާގެ ޚިދުމަތުގެ އަތް، ދީލަތިކަމާއެކު ހުޅުވާލެއްވިއެވެ. ނަމަވެސް އެ ޢިލްމީ އަތުގައި ހިފާނެ ފަރާތެއް ނުވިއެވެ. އެންމެ ކުޑަވެގެން ޤައުމުގައި ހުރި ޢިލްމީ މުއައްސަސާ ތަކުން، އޭނާއަށް ލިބިފައިވާ ޢިލްމުގެ އަލީގައި ހިލޭސާބަހަށް، ލެކްޗަރެއް ދެއްވުމުގެ ފުރުޞަތަކަށް އެދި ހުށައެޅުއްވުމުން، އެ ފުރުޞަތުވެސް އޭނާއަށް ނުލިބުނެވެ. އެންމެފަހުން، ޕްރޮފެސަރަށް ޖެހިވަޑައިގަތީ، ޤައުމު ދޫކުރައްވައި، އޭނާގެ ޢިލްމީ މަސައްކަތް ބަލައިގަންނަފަދަ ޤައުމަކަށް ހިޖުރަ ކުރެއްވުމަށެވެ. މިއަދު އޭނާއަކީ، އެމެރިކާގެ ރައްޔިތެކެވެ. އެމެރިކާގެ ޔުނިވަރސިޓީތަކާއި ޢިލްމީ މުއައްސަސާތަކުގެ އިތުރުން، ވައިޓްހައުސްވެސް އެވަނީ، އޭނާއަށްޓަކާ ހުޅުވާލެވިފައެވެ(البطولة، 2020).

މިއީ، މިއަދު، އަޅުގަނޑުމެންގެ ޤައުމުންވެސް ވިސްނައި، ރަނގަޅު ގޮތްތަކެއް ހޯދަންވެއްޖެ ކަމެކެވެ. ދިވެހިރާއްޖެއަށް ބަލާއިރު، ރާއްޖޭގެ ނިސްބަތުން، މަތީ ތަޢުލީމު ޙާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުން، ބޭރު ޤައުމުތަކުގައި އުޅުއްވާކަން، އަޅުގަނޑުމެން ދަންނަމުއެވެ. ވީމާ، އެފަދަ ތަޢްލީމީ، ޤާބިލް ބޭފުޅުން ޤައުމަށް ގެނަސް، އެ ބޭފުޅުންގެ ތަޢްލީމީ ޤާބިލްކަމުގެ ބޭނުން، ހިފައިގެން، ރާއްޖެއާއިގެން، މިހާރަށްވުރެ ދެގުނަ ބާރު ދުވެލީގައި، 2030 ގެ އާ ތަޞައްވުރާ ދިމާއަށް މިޞްރާބު ޖަހާނީތޯއެވެ؟ ނުވަތަ މޮރޮކޯގައި ކަން ހިނގައިދިޔަ ގޮތަށް، ޢިލްމީ ސިކުނޑިތަކުގެމަތިން ހަނދާންނައްތާލުމަށްފަހު، އެފަދަ ބޭފުޅަކަށް ބޭރު ދުނިޔޭގައި ފަޚުރެއް ލިބުމުން، އެއީ ރާއްޖޭގެ ޢިލްމުވެރިޔަކަށް ހަދައި، އެކަމަށް ފަޚުރުވެރިވެ، އުފާ ފާޅުކޮށް، ދަލުބޭރުން ޖެހޭނީތޯއެވެ؟ އަދި އެގޮތަށް އެކަން ކުރުމުން، ޤައުމަށް ލިބޭނެ ފައިދާއެއް އޮންނާނެތޯއެވެ؟ މި ސުއާލުތަކުގެ ޖަވާބު، އަޅުގަނޑު ދޫކޮށްލާނީ، ކަމާ ބެހޭ ފަރާތްތަކަށާއި، ކިޔުންތެރިންނަށެވެ.

=====

ރިފަރެންސް:

إسراء ربحي. (21 أكتوبر, 2018). موضوع. تم الاسترداد من موضوع: https://mawdoo3.com/%D8%A3%D8%B3%D8%A8%D8%A7%D8%A8_%D9%87%D8%AC%D8%B1%D8%A9_%D8%A7%D9%84%D8%A3%D8%AF%D9%85%D8%BA%D8%A9
البطولة. (16 5, 2020). تم الاسترداد من البطولة:
https://www.elbotola.com/article/2020-05-16-00-52-215.html
ويكيبيديا. (21 مايو, 2020). تم الاسترداد من ويكيبيديا: https://ar.wikipedia.org/wiki/%D9%85%D9%86%D8%B5%D9%81_%D8%A7%D9%84%D8%B3%D9%84%D8%A7%D9%88%D9%8A

hassan