ކޮވިޑް-19: މުސްތަޤުބަލަށްޓަކައި ޒަމާނީ ތަޢުލީމީ ނިޒާމެއް ބައްޓަން ކުރުމުގެ ވިސްނުން

Posted on 07-05-2020 at 00:34 in COVID-19 MNU UPDATES


ibr

 

ދެހާސް ވިހިވަނަ އަހަރު ފެށިގެންއައި އިރު މުޅި ދުނިޔޭގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19 ގެ ނުރައްކާތެރިކަމުގެ ވާހަކައެވެ. ޗައިނާގެ ވޫހާން ސިޓީގެ ހުބެއި ޕްރޮވިންސުން ވުޖޫދުވެގެން އައި ކޮރޯނާ ވައިރަސް މުޅި ދުނިޔޭގެ އެތައް ޤައުމަކަށް މިހާރު މިވަނީ ފެތުރިފައެވެ. މިވަގުތަށް ޞިއްޙީ އެއްވެސް ފަރުވާއެއް ކޮވިޑް-19 އަށް ހޯދިފައިނުވާ އިރު 12 އެޕްރީލު 2020 ވަނަ ދުވަހާ ހަމައަށް އެއް މިލިއަނަށްވުރެ ގިނަ މީހުނަށް ކޮވިޑް-19 ބަލި ޖެހި، ނުވަދިހަނުވަ ހާހަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ (ޔުނެސްކޯ، 2020). ބަލާއާފާތެއްގެ ގޮތުގައި ޑަބްލިއު.އެޗްއޯއިން ކަނޑައަޅާފައިވާ ކޮވިޑް-19 އަކީ ފަސޭހަކަމާއެކު ގައިންގަޔަށް އަރާ ބައްޔެއް ކަމަށް ވާތީ، މިބަލި ފެތުރުން ހުއްޓުވުމަށްޓަކައި ޤައުމުތައް ފުރަބަންދުކޮށް ރައްޔިތުން ގޭގައި ބަންދުވެގެން ތިބުން ނޫނީ އިތުރު ފަރުވާއެއް މިޙާލަތުގައި ނެތްކަމަށް ކަމާބެހޭ މާހިރުން ދަނީ ލަފާދެމުންނެވެ. ނަތީޖާއެއްގެ ގޮތުން ވައިގެ ބަނދަރުތަކާއި، އޮފީސްތަކާއި، ރިސޯޓުތަކާއި، އިޖުތިމާޢީ ޚިދުމަތްދޭ މަރުކަޒުތަކާއި މަދަރުސާތައް ބަންދުކޮށް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމާއި ޢާއްމުން މަގުތަކަށް ނުކުމެ އުޅުން މިވަނީ ޤައުމުތަކުން މަނާކުރަންފަށާފައެވެ. މީގެ ސަބަބުން ޢާއްމު ދިރިއުޅުމުގެ ކަންކަމަށާއި އިޤްތިޞާދީ، ތަޢުލީމީ އަދި އިޖުތިމާޢީ ހުރިހާ ސިނާޢަތެއްގެ ދުވެއްޔަށްމިވަނީ ލޮޅުން އަރާފައެވެ. މިކަމުގައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތައް ކަމުގައިވާ އެމެރިކާ، ޖަޕާން، އިޓަލީ، ސައުތުކޮރެއާ ފަދަ ޤައުމުތައްވެސް އިސްތިސްނާނުވެއެވެ. އެހެންނަމަވެސް މި ނުރައްކާތެރި ޙާލަތުގައިވެސް ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހުރިހާ ސިނާޢަތަކުންވެސް އަންނަނީ ތަފާތު ގޮތްތައް ހޯދައި ބަލައި އެގޮތްގޮތަށް ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. ނުވަތަ އެފަދަ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ. މިކަމުގައި އެންމެ ބޭނުންތެރި ވަޞީލަތަކަށްވެފައި މިވަނީ ކުރިއަރާފައިވާ ޓެކްނޮލޮޖީއެވެ. ޓެކްނޮލޮޖީގެ ބޭނުން ހުރިހާ ސިނާޢަތަކަށްވެސް މި ވަނީ މުހިންމުވެފައެވެ.

ތަޢުލީމީ ދާއިރާއަކީ ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރި އެއް ދާއިރާއެވެ. ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގައި ތަޢުލީމީ ޚިދުމަތްދޭ ހުރިހާ މަރުކަޒުތަކެއް ބަންދު ކުރުމުގެ ސަބަބުން މުޅި ދުނިޔޭގައި ތަޢުލީމު ޙާޞިލް ކުރަމުންދާ 91 އިންސައްތަ ދަރިވަރުންގެ ތަޢުލީމަށް މިކަމުން އަސަރު ކޮށްފައިވާކަމަށް ޔުނެސްކޯއިން އަންދާޒާ ކުރެއެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން މަދަރުސާތަކާއި ތަޢުލީމީ އިދާރާތައް ފުރަބަންދު ކުރެވިގެންދިޔަ ފުރަތަމަ ފަހަރެވެ (ލުތުރާ އަދި މެކެންޒީ، 2020). މިބަންދުގައި ތިބެންޖެހޭނީ ކިހާ މުއްދަތަކަށް ކަމެއް ބުނާކަށް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ ދިގު މުއްދަތަކަށް ދިގުލައިގެން ހިނގައްޖެނަމަ އެތައް ދަރިވަރުންނެއްގެ ތަޢުލީމު ހުއްޓި އެދަރިވަރުންގެ ޙަޔާތުން ދުވަސްތަކެއް ބޭކާރުވެގެން ދާނެ ކަމެވެ. ތަޢުލީމީ ދާއިރާއަކީ އެހެން ހުރިހާ ދާއިރާއަކަށް މީހުން ބިނާކޮށް ނެރެދޭ ދާއިރާކަމުން މި ދާއިރާ ހުއްޓުމަކީ އެހެން ހުރިހާ ދާއިރާއެއްވެސް ހުއްޓިގެން ދިއުމެވެ. ނަތިޖާއެއްގެ ގޮތުން މި ދަނޑިވަޅުގައިވެސް ތަޢުލީމު ފޯރުކޮށްދިނުން މެދު ނުކެނޑި ކުރިއަށްގެންދެވިދާނެ ގޮތްތަކަކާ މެދު ތަޢުލީމީ މާހިރުންނަށާއި ވުޒާރާތަކަށް ވިސްނަން މަޖުބޫރުވިއެވެ. “ރިމޯޓް ލާރނިންގ”އާއި، “ބްލެންޑެޑް ލާރނިންގ”އާއި، “ޑިސްޓެންސް ލާރނިންގ” އަދި “ވާރޗުއަލް ލާރނިންގ” ފަދަ އީ-ލާރނިންގ ނުވަތަ އޮންލައިން ލާރނިންގ ކޮންސެޕްޓްތަކަށް އުނގަންނައިދިނުމުގެ މާހައުލު ފަރުމާކުރުން ނޫން އިތުރު ޙައްލެއްހޯދޭކަށް ނެތެވެ. އަދި މިކަމަށް ފަހިކޮށްދޭ އެޑިއުކޭޝަނަލް ޓެކްނޮލޮޖީއަށް ބަރޯސާވުން ނޫން އިތުރުގޮތެއް ނުމެ ނެތްމެއެވެ.

ތަޢުލީމީ މަރުކަޒުތަކުން ޒަމާނުއްސުރެ ދަރިވަރުން ކުލާހަށް ޙާޟިރުވެ މުދައްރިސްގެ ހާޟިރުގައި އުނގަންނައިދެމުން އައި އައުން ބަދަލުކޮށް އެދަރިވަރުން ގޭގައި ތިބެގެން އޮންލައިންކޮށް އުނގެނުން ކުރިއަށްގެންދިއުމަށްޓަކައި ގޫގުލް ހޭންގްއައުޓް، ޒޫމް، ސްކައިޕް އަދި ޓްރޫކޮންފް ފަދަ ވަޞީލަތްތަކުގެ ޒަރީޢާއިން ކުލާސްތައް ނަގައިދޭން ފަށައިފިއެވެ. މޫޑުލް އާއި ކެންވަސްފަދަ ލާރނިންގ މެނޭޖްމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުމުގެ ކަންކަން އިންތިޒާމްކުރަން ފަށައިފިއެވެ. ގޫގުލް ކްލާސްރޫމް، ގޫގުލް ފޯރމް، ކަހޫޓް، ކުއިޒީޒް، އެޑްޕަޒަލް ފަދަ ވެބް ޓޫލްތައް ބޭނުންކޮށްގެން އޮންލައިން ކޮންޓެންޓް އުފައްދަން ފަށައިފިއެވެ. އުނގަންނައިދިނުމުގައި ޔޫޓިއުބް، ފޭސްބުކް، ވައިބަރ ފަދަ މީސްމީޑިއާގެ ވަޞީލަތްތައް ބޭނުންކުރަން ފަށައިފިއެވެ. ހަމައެހެންމެ ޓީވީ މެދުވެރިކޮށް ޓެލިކިލާސްތައް ކުރިއަށް ގެންދަން ފަށައިފިއެވެ. މިފަދަ ބަދަލަކަށް އައުމަށް ފަސްޖެހެމުންއައި ފަރާތްތަކަށްވެސް މިވަނީ މިބަދަލު ގެންނަން މަޖުބޫރުވެފައެވެ. އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ކުންފުނިތަކުން އެ ކުންފުނިތަކުގެ އުފެއްދުންތައް ހިލޭ ބޭނުންކުރެވޭގޮތް ހެދުމާއި އޮންލައިން ނިޒާމަކުން އުނގަންނައިދިނުމަށް ޓަކައި ފިލާވަޅުތައް ރާވާނެގޮތް ބަޔާންކޮށްދީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންސްޓްރަކްޝަނަލް ޑިޒައިނަރުން ޙިއްޞާ ކުރަމުންދާ ގައިޑުތަކަކީ މިފަދަ ބަދަލަކަށް އައުމަށް މުދައްރިސުންނަށާއި ތައުލީމީ މަރުކަޒުތަކަށް ނުހަނު ބޮޑު އެހީއަކަށް ވެއްޖެއެވެ.

ތަފާތު މުހިންމު ކޮންޓެންޓް ފޯރުކޮށްދޭ އަދި ދަރިވަރުންނާއި މުދައްރިސުން ޝާމިލްވެގެން ކުރިއަށްގެންދެވޭ އުނގެނުމުގެ މާހައުލެއް ފަހިކޮށްދޭ އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ މުހިންމުކަން ކޮވިޑް-19 އާއެކު މިވަނީ އިޙްޞާސް ކުރެވިފައެވެ. މިއަދު އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ތަރައްޤީވެފައިވާ މިންވަރުން ދަރިވަރުންނާއި މުދައްރިސުންނާ އަދި ތަޢުލީމީ ކަންކަން ވިލަރެސްކޮށް މެނޭޖުކުރާ ފަރާތްތަކުގެ ތަޢުލީމީ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭކަން މިވަނީ ވަޒަންކުރެވިފައެވެ. މިއަދުގެ ޙާލަތުގައި އިޓަލީގެ ޕެންސިލްވޭނިއާ ޔުނިވަސިޓީގެ އިނގިރޭސި ބަހުގެ ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ އެންޑްރިއާ ހާމަކުރައްވާގޮތުގައި ފޭސް-ޓު-ފޭސް ކުލާހެއްގައި ނޫނީ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްނުދެވޭނެކަމުގެ ޚިޔާލު ދޫކޮށް އެޔުނިވަސިޓީގެ އޮންލައިން އިންފްރާސްޓްރަކްޗަރ ވަރުގަދަކުރަން ވެއްޖެކަމުގައި މިހާރު ދެކެވަޑައިގަންނަވައެވެ (އެލެން، 2020). މަތީ ތަޢުލީމު ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ޕްރައިމަރީ އިސްކޫލުތަކާއި ސެކަންޑަރީ އިސްކޫލުތަކުގައި މިހާރުވެސް އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ އެހީގައި އަންނަނީ ތަޢުލީމު ފޯރުކޮށްދެމުންނެވެ. އެގޮތުން ފްލޮރިޑާގެ ސްޓޭޓް-ވައިޑް ވާރޗުއަލް ސްކޫލަކީ މިގޮތަށް ތަޢުލީމު ފޯރުކޮށްދޭތާ 23 އަހަރުގެ މާޒީއެއް އޮތް އިސްކޫލެކެވެ. އެޑިއުކޭޝަނަލް ޓެކްނޮލޮޖީ މެދުވެރިކޮށް އުނގަންނައިދިނުން ކުރިއަށް ގެންދިއުމުގައި މުހިންމީ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެކަންޏެއް ނޫނެވެ. އޭގެ ސަބަބުން ޤާއިމްވެގެންދާ އުނގެނުމުގެ މާހައުލެވެ. އަދި އެއާއެކުމުދައްރިސުން އަދާކުރަން ޖެހޭ ދައުރެވެ. އެހެންގޮތަކަށް ބުނާނަމަ، ސްޓޫޑެންޓް-ސެންޓާރޑް ލާރނިންގ އެންވައިރުމެންޓެވެ.

ޒަމާނުއްސުރެ އުނގަންނައިދެމުން އައި ގޮތް ކަމުގައިވާ މުދައްރިސްގެ ޙާޟިރުގައި، މުދައްރިސް ދަރިވަރުންނަށް ހުރިހާ އެއްޗެއް ކިޔައިދިނުމާމެދު ތަޢުލީމީ މާހިރުން ފާޑުކިޔަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ (ނައުރީ، 2016). ޚާއްޞަކޮށް 20 ވަނަ ޤަރުނުގެ ތެރޭގައި އުނގެނުމާއި އުނގަންނައިދިނުމަށް އައި އިންޤިލާބީ ބަދަލާގުޅިގެން މި ވާހަކަތައް ދެއްކުން އިތުރުވެގެން ދިޔައެވެ (އަގުޓި، ވޯލްޓާރސް އަދި ވިލްސް، 2014). އެއީ ދަރިވަރުން، ހަމައެކަނި މުދައްރިސް ކިޔަވައިދޭއިރު އަޑުއަހަން ތިބޭ “ޕެސިވް” ބަޔަކަށް ވުމުން އެ ދަރިވަރުންގެ ސަމާލުކަން ފަސޭހައިން ގެއްލޭގޮތްވުމާއި އުނގެނޭ އެއްޗެއް ޢަމަލީ މައިދާނުގައި ބޭނުންކުރުން (އެޕްލިކޭޝަން) އަދި އަމިއްލައަށް ކަންކަމުގެ ޙައްލު ހޯދުމަށް ތަހުލީލު ކުރުންފަދަ (އެނަލިސިސް) “ހަޔަރ އޯޑާރ” ހުނަރުތައް ވަޒަންކުރުމަށް އެކަށޭނަ އުނގަންނައިދިނުމުގެ ވައްޓަފާޅިއެއް ނޫންކަމުގައި ފާހަގަކުރެއެވެ (ޔަންގް، ރޮބިންސަން އަދި އަލްބަޓްސް، 2009). އެހެންކަމުން ތަޢުލީމީ މާހިރުން އިރުޝާދު ދެނީ އުނގެނުމާއި އުނގަންނައިދިނުމުގެ އެންމެ ފައިދާކުރަނިވި މާޙައުލަކީ ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް އެދަރިވަރުންނަކީ ޙަރަކާތްތެރި ބައެއްގެ ގޮތުގައި އުނގެނުން ބައްޓަން ކުރެވޭނެ މާހައުލެއް ގާއިމްކުރުމަށެވެ (ފެރެރި އަދި އޯކޮނޯރ، 2013). އެހެންކަމުން އިހުގެ ގޮތްކަމުގައިވާ އިންސްޓްރަކްޓަރ-ސެންޓަރޑް ލާރނިންގއަކުން ސްޓޫޑެންޓް ސެންޓަރޑް ލާރނިންގ ސްޓްރެޓެޖީއަކަށް އުނގަންނައިދިނުމުގެ މާހައުލު ބަދަލުކުރަން ޖެހެއެވެ. އެގޮތުން ތަފާތު މިޒާޖުގެ ދަރިވަރުންނަށް އެކަށޭނަ އުނގަންނައިދިނުމުގެ އުކުޅުތައް ބޭނުންކޮށް ދަރިވަރުންއެ ދަރިވަރުންގެ އުނގެނުން އަމިއްލައަށް ކުރިއަށް ގެންދިއުމަށް “އެކްޓިވް ލާރނިންގ” ސްޓްރެޓެޖީތައް ބޭނުންކޮށް ދަރިވަރުންގެ ބައިވެރިވުން އިތުރުވާފަދަގޮތަކަށް އުނެގުނުމުގެ މާހައުލު ބައްޓަން ކުރަންޖެހެއެވެ. މިގޮތަށް ބައްޓަން ކުރެވިގެން ކުރިއަށްގެންދެވޭ އުނގެނުމުގެ މާހައުލުތަކުން ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވެ ނަތީޖާ ރަނގަޅުވާކަމަށް އެތައް ދިރާސާއަކުން ދައްކައެވެ. އަދި މިފަދަ މާހައުލެއް ފަހިކޮށްދީ ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ދިނުމުގައި އެންމެ އެހީތެރިވެދެނީ އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ވަޞީލަތްތައް ކަމުގައި ޢިލްމީ ފަތްފުށްތަކުން ހެކިދެއެވެ(ޓްރިނިދާދް އަދި އެންޖިއޯ، 2019). ޚާއްޞަކޮށް މިޖީލުގެ ދަރިވަރުންނަށް އުނގެނުން ފަހިކޮށްދީ އެދަރިވަރުންގެ ބައިވެރިވުމާއި ހިތްހަމަޖެހުމާއެކު އުނގަންނައިދިނުން ކުރިއަށް ގެންދިއުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް މިވަނީ ވެފައެވެ (އޯފްލެހަރޓީ އަދި ފިލިޕްސް، 2015).

އަހަރެމެން މިއަދު މިދެކޭ ޖީލަކީ ބަވަނަވެފައިވާ ދުނިޔެއެއްގައި ޓެކްނޮލޮޖީއާއެކު ބޮޑުވަމުން އަންނަ ޖީލެކެވެ. އަދި ކުލާސްރޫމްގައި މިއަދުގެ ދަރިވަރުންގެ ސަމާލުކަން ހޯދުމަކީ އެހާ ފަސޭހަކަމަކަށްނުވެއެވެ. އެއީ އަދުގެ ޖީލުގެ ދަރިވަރުންނަކީ ތަޤުރީރު ކުރާގޮތަށް މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް މުދައްރިސް ކުރިއަށްގެންދާ “ލެކްޗަރ-ސްޓައިލް” ފިލާވަޅުތަކަށް މާ ގަޔާވާ ބަޔަކަށް ނުވާތީއެވެ (ޕްރެންސްކީ، 2001). “ޖެނެރޭޝަން ޒީ” އަދި “ޖެނެރޭޝަން އަލްފާ / މިލީނިއަލްސް” ގެ ތެރޭގައި އަދުގެ ދަރިވަރުން ހިމެނިގެން ދާއިރު، ޓެކްނޮލޮޖީއަކީ މި ކުދިންގެ އައިޑެންޓިޓީ އަދި ދިރިއުޅުމުގެ ބައެއް ކަމުގައި ދެކެއެވެ(ލުތްރާ އަދި މެކެންޒީ، 2020). ޑެލް ޓެކްނޮލޮޖީސްއިން 2017 ވަނަ އަހަރު ނެރުނު ރިޕޯރޓުގައި ބުނާގޮތުން މި ޖީލުގެ ދަރިވަރުން 2030 ގައި އަދާކުރާނެ 85 އިންސައްތަ ވަޒީފާތަކަކީ އަދި އުފެދިފައިނުވާ މުޅިން އައު ވަޒީފާތަކެކެވެ. ހަމައެހެންމެ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ރިޕޯރޓުގައި ފާހަގަކޮށްފައިވާގޮތުގައި އަދުގެ 65 އިންސައްތަ ޕްރައިމަރީ ސްކޫލު ދަރިވަރުން އަދާކުރާނެ ވަޒީފާގެ ބާވަތްތަކަކީ އަދި އުފަންވެފައިނުވާ ވަޒިފާތަކެކެވެ. އެހެންކަމުން މިފަދަ ޖީލަކަށް އުނގަންނައިދީ އެ ކުދިންގެ މުސްތަޤުބަލަށްޓަކައި ޓެކްނޮލޮޖީއާއެކު ސްޓޫޑެންޓް ސެންޓާރޑް އެޕްރޯޗްތައް ހިމަނައިގެން އެކްޓިވް ލާރނިންގ ސްޓްރެޓެޖީތަކާއެކު މި ވަނީ އުނގަންނައިދިނުމުގެ މާހައުލު ބައްޓަން ކުރަން ޖެހިފައެވެ.

ކޮވިޑް-19 އާއެކު، ގޭގައި ތިބި ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުން ޤާއިމްކޮށްދިން އުނގެނުމުގެ މާޙައުލުގެ ސަބަބުން މުސްތަޤުބަލަށްޓަކައި ތަޢުލީމީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިކަން ދަސްކޮށްދީފިއެވެ. ކުލާސްރޫމްތަކާއި ތަޤުރީރުކުރާ މާލަންތަކުގެ ހަތަރު ފާރުން ބޭރުގައިވެސް ކޮންމެ ޢުމުރުފުރައަކަށް ވެސް އުނގެނުމާއި އުނގަންނައިދިނުން ކުރިއަށް ގެންދެވިދާނެކަން ޤަބޫލުކުރެވިއްޖެއެވެ. މާނައަކީ އުނގަންނައިދިނުން އެއްކޮށް އޮންލައިން ކުރުމެއް ނޫނެވެ. އެހެންނަމަވެސް 21 ވަނަ ޤަރުނުގެ ތަޢުލީމީ ނިޒާމުގައި މުދައްރިސްގެ ދައުރު ބަދަލުވާންވެއްޖެކަމެވެ. މުދައްރިސަކީ އެފަރާތަކުން ހަމައެކަނި ޢިލްމް ޙާޞިލްކުރެވޭނެ ފަރާތްކަމުގައި އޮތްއޮތުން ބަދަލުވާންވެއްޖެކަމެވެ. ބަވަނަ ވެފައިވާ ދުނިޔެއެއްގައި ފަސޭހަކަމާ އެކު އެކި ގޮތްގޮތުން ޢިލްމް ހާޞިލްކުރެވެން އޮތް އިރު މުދައްރިސަކީ ދަރިވަރުންނަށް އުނގެނުމުގެ މާހައުލެއް ފަހިކޮށްދީ އެ ދަރިވަރުން އެކްޓިވް ލާރނާރސްއަށް ވުމަށް އެހީތެރިވެދޭ ފެސިލިޓޭޓަރއެއްގެ ގޮތުގައި ދަރިވަރުންނާއެކު މަސައްކަތްކުރަން ޖެހޭކަމެވެ. ހަމައެއާއެކު އުނގެނުމާއި އުނގަންނައިދިނުމުގައި ޓެކްނޮލޮޖީގެ ބޭނުންކުރަންޖެހޭކަމެވެ. އަދި މިއީ ހަމައެކަނި ކޮވިޑް-19 ފަދަ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަނި ގެންނަންވީ ބަދަލެއް ނޫންކަމެވެ. ގޮންޖެހުންތައް އެބަހުއްޓެވެ. އިންޓަރނެޓާއި މުދައްރިސުން ތަމްރީނުވުމާއި މުޤައްރަރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާ އަދި ޓެކްނިކަލް އިންފްރާސްޓްރަކްޗަރ ޤާއިމްކުރުންފަދަ ގޮންޖެހުންތަކެވެ. އެހެންނަމަވެސް ބަދަލެއް ގެނައުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ބަދަލުވާން ވެއްޖެކަން ޤަބޫލުކުރުމެވެ. އަދި ކޮންމެ ގޮންޖެހުމަކީ ހުޅުވޭ އިތުރު ފުރުޞަތެކެވެ.  މިއަދު މާބޮޑު ތައްޔާރީއަކާ ނުލައި ކުޑަ މަސައްކަތަކުން ގެނެވުނު ބަދަލުން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ޤާބިލުބައެއްކަން ހާމަވެގެން ހިނގައްޖެއެވެ. އެހެންކަމުން ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމައަށް ގެންދިއުމަށްޓަކައި ފުރިހަމައަށް ތައްޔާރުވާންޖެހޭ ފަދައިން ކަރިކިއުލަމް ޑިވެލޮޕަރުންނާއި، އިންސްޓްރަކްޝަނަލް ޑިޒައިނަރުންނާއި، އެޑިއުކޭޝަނަލް ޓެކްނޮލޮޖިސްޓުން އަދި ތަޢުލީމީ މާހިރުން އެކުގައި މަސައްކަތް ކުރެވިއްޖެނަމަ ގޮންޖެހުންތަކުން އަރައިގަންނާނެ މަގު ފެނި މި ނިޒާމު ފުރިހަމަ ކުރެވޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މުސްތަޤުބަލަށްޓަކައި މިކަން ކުރަން އެބަޖެހެއެވެ. ހާވާޑް ޔުނިވަރސިޓީގެ ޕްރޮފެސަރ ޓޮޑް ރޯސް ހާމަކުރައްވާފަދައިން އައު ކަމެއް ދަސްކުރުމަށް އެންމެ އުނދަގޫވަނީ އައު ޚިޔާލުތައް ބަލައިގަތުމެއް ނޫނެވެ. ކުރީގެ ގޮތްތައް ދޫކޮށްލުމެވެ.

ރިފަރެންސް

 

Aguti, B., Walters, R., & Wills, G. (2014). Effective Use of ELearning Technologies to Promote Student-Centered Learning Paradigms within Higher Education Institutions. International Journal for e-Learning Security (IJeLS), 4(3), 391-398.

Allen, J. (2020, March 13). How Technological Innovation In Education Is Taking On COVID-19. Retrieved April 12, 2020, from Forbes: https://www.forbes.com/sites/jeanneallen/2020/03/13/how-technological-innovation-in-education-is-taking-on-covid-19/#7fb6558c7bc7

COVID-19 Educational Disruption and Response. (2020). Retrieved April 12, 2020, from UNESCO: https://en.unesco.org/covid19/educationresponse

Ferreri, S. P., O’Connor, S.K. (2013). Redesign of a large lecture course into a small-group learning course. Amercan Journal of Pharmaceutical Educ.ation, 1-9.

Luthra, P., & Mackenzie, S. (2020, March 30). 4 ways COVID-19 could change how we educate future generations. Retrieved April 12, 2020, from World Economic Forum: https://www.weforum.org/agenda/2020/03/4-ways-covid-19-education-future-generations/

Nouri, J. (2016). The flipped classroom: for active, effective and increased learning – especially for low achievers. International Journal of Educational Technology in Higher Education, 1-10.

O’Flaherty, J., & Phillips, C. (2015). The use of flipped classrooms in higher education: A scoping review. Internet and Higher Education, 85-95.

Prensky, M. (2001). Digital natives, digital immigrants. On the Horizon, 9(5), 1-6

Trinidad, J. E., & Ngo, G. R. (2019). Technology’s roles in student-centred learning in higher education. International Journal of Action Research, 81-94.

Young, M. S., Robinson, S., & Alberts, P. (2009). Students pay attention! Combating the vigilance decrement to improve learning during lectures. Active Learning in Higher Education, 10(1), 41–55.

ibrahim