ކޮވިޑް-19 މި ނުރައްކާތެރި ހާލަތުގައި، އުގެނުމާއި އުގަންނައިދިނުން


Education

މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ސްކޫލުގެ ދަރިވަރަކު އޮންލައިންކޮށް ކުލާހެއްގައި ބައިވެރިވަނީ އަދި އުނގެނުމުގައި ބޭނުންކުރާ އާއްމު ބައެއް އެޕްލިކޭޝަންތައް

 

“ދުވާލު ހަތަރުދަމު ދަރިފުޅުގެ ސުކޫލްގެ މަސައްކަތްތައް ކުރުވާކުރުވާ ވަރުބަލިވޭ. ސުކޫލަށްދާ ދުވަސްތަކަށްވުރެ މިހާރު މަސައްކަތް މާގިނަ!” މެލޭޝިއާގެ ސްކޫލެއްގެ ގްރޭޑް 1ގައި ކިޔަވަމުންދާ ކުއްޖެއްގެ ބެލެނިވެރިޔަކު ކިޔައިދިނެވެ.

“ކުދިންގެ ސްކޫލުގެ މަސައްކަތްތައް މިހާރު މިއޮންނަނީ އޮންލައިންކޮށް. މިކަމުގައި އަޅުގަނޑު މިޖެހެނީ ޓީޗަރެއްގެ ދައުރު އަދާކުރަން، ކުދިންނަށް އެހީތެރިވާން. އަދި ހުރިހާ ކުދިން މިގޮތަށް އޮންލައިންކޮށް މަސައްކަތްކުރާތީ ޑެސްކްޓޮޕަކާއި ލެޕްޓޮޕެއް ހުއްޓަސް ބައެއްފަހަރު ދަތިވޭ.” މިއީ ހަތަރު ކުދިންގެ ބައްޕައެއްގެ ޝުޢޫރެވެ.

އަޅުގަނޑު މިލިއުމުގައި އަލި އަޅުވައިލެވޭތޯ މިބަލަނީ އުނގެނުމާއި އުގަންނައިދިނުމަށްޓަކައި ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތުގައި ކުރެވެމުންދާ މަސައްކަތުގެ މައްޗަށެވެ. މިގޮތުން ދިވެހިރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކާއި އެހެނިހެން ޤައުމުތަކުގައި އުގަންނައިދިނުން ކުރިއަށް ގެންދާގޮތްތަކާއި ދިމާވާ ބައެއް ގޮންޖެހުންތަކުގެ މައްޗަށް ބަލައިލާނަމެވެ.

ކޮވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން މުޅިދުނިޔެ މިވަނީ ތަޢުލީމީގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ(ސާވެދްރާ، 2020). ގިނަ ޤައުމުތަކެއްގައި މިވަނީ ފުރަބަންދު އިއުލާންކޮށް ވައިރަސް ފެތުރުން ކުޑަކުރުމުގެގޮތުން ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތައް ބަންދުކޮށްފައެވެ. މިކަމުގެސަބަބުން 161 ޤައުމެއްގެ 1.6 ބިލިޔަން ކުދިންނާއި ޒުވާނުން (ކިޔަވާކުދިންގެ ގާތްގަނޑަކަށް %80) މިވަނީ އުގެނުމުން މަޙުރޫމް ވެފައެވެ(ސާވެދްރާ، 2020). ދުނިޔެއަށް ދިމާވެފައިމިވާ ހާލަތަކީ ކުރިން ލަފާކުރެވިފައިވެސްނުވާ، އަދި އެންމެބޮޑަށް ތަރައްޤީވެފައިވާ، ވަސީލަތްތައް ގިނަ ޤައުމުތަކުންވެސް ހަދާނެގޮތް ހުސްވެފައިވާ ހާލަތެކެވެ. މިހާލަތުގައި، ފުރަބަންދުގައި ގިނަ ދުވަސްތަކެއް ހޭދަވަމުންދާތީ، ދަރިވަރުންގެ ތަޢުލީމަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭތޯ އާއި ދަރިވަރުން ގޭގައި ހޭދަކުރަމުންމިދާ ދުވަސްތައް ފައިދާހުރިގޮތެއްގައި ހޭދަކުރުމަށްމަގު ފަހިކޮށްދެވޭތޯ ތަޢުލީމީ ވުޒާރާތަކާއި މުއައްސަސާތަކުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް، މިފަދަ ހާލަތެއްގައި ތަޢުލީމު ފޯރުކޮށްދެވޭނެ ގޮތްތަކެއް ކުރިން ރޭވި ތައްޔާރީތަކެއް ވެވިފައިނެތުމުން، މިމަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ގިނަގުނައެވެ. މިލިޔުން ފެށުމުގައި ގެނެސްދެވިފައިވާ ބެލެނިވެރިންގެ ޝުޢޫރުތަކުންވެސް މިކަމުގައި ދިމާވާ ބައެއް ދަތިތައް ހާމަވެއެވެ.

މިގޮތުން ދިވެހިރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކަށް ބަލާލަމާތޯއެވެ. ސާނަވީ ގްރޭޑްތަކުގެ ފިލާވަޅުތައް “ޓެލިކިލާސް”ގެނަމުގައި ޓީވީ ޗެނަލްތަކުންދަނީ ގެނެސްދެމުންނެވެ. އަދި އެހެނިހެން ގްރޭޑުތަކަށްވެސް މިފަދައިން ފިލާވަޅުތައް ފޯރުކޮށް ދިނުމުގެ ތައްޔާރީތައް ކުރެވި މިހަފްތާގައި ވަނީ ފެށިފައެވެ. އަދި މީގެ އިތުރުން، ދިރާގާއި އުރީދޫގެ އެހީތެރިކަމާއެކު ދަރިވަރުންނާއި ޓީޗަރުންނަށް ހިލޭ މޮބައިލް ޑޭޓާ ލިބޭނޭގޮތް ހަމަޖައްސާ އިންޓަނެޓްގެ ޒަރީއާއިން ވާރޗުއަލް ކުލާސް ރޫމްތަކާއި އީލާރނިންފަދަ ދުރުގައި ތިބެގެން ތަޢުލީމު ހާޞިލުކުރުމަށް ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރެވޭނެގޮތް މިވަނީ ފަހިކޮށްދެވިފައެވެ. މިގޮތުން ގޫގުލް ކުލާސްރޫމް މެދުވެރިކޮށް އޮންލައިން ކުލާސްތަކާއި ފޯރަމްތައް ބޭއްވުމަށް (ދަރިވަރުންނާއި ޓީޗަރުން އެއް ވިއުގައަކުން ބައްދަލުވެ ސުވާލާއި ޖަވާބުދެވޭކަހަލަ) އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ. އަދި މީގެއިތުރުންވެސް ޕްރީސްކޫލް ދަރިވަރުންނަށް ގޭގައި ކުރެވޭނެ މަސައްކަތްތަކެއް ހިމަނައި ލާރނިން ޕެކޭޖްތަކެއް ތައްޔާރު ކުރެވެމުންދެއެވެ. އިންޓަނެޓާއި ޓީވީ ލިބެންނެތް ދަރިވަރުންނަށް ކަރުދާހުގައި ފިލާވަޅު ދެވޭނެގޮތާއި ސްކޫލަށް ހާޒިރުކޮށްގެން ޖިސްމާނީ ގައިދުރުކަމާއެކު ސްކޫލުގެ ވަސީލަތްތައް ބޭނުންކޮށްގެން ފިލާވަޅު ދެވޭނެ އިންތިޒާމުތައް ކުރެވެމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީހާމަކުރައްވާފައެވެ.

ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން ބުރަވެލައްވާ ގޮތުގައި އުނގެނުމާއި އުގަންނައިދިނުމަށްޓަކައި މިހާލަތުގައި އެންމެ އެކަށޭނަ ގޮތަކީ އޮންލައިންކޮށް ކިޔަވައިދިނުމެވެ. އެހެންކަމުން ދުނިޔޭގެ ގިނަ ޤައުމު ތަކެއްގައި އޮންލައިންކޮށް ކިޔަވައިދިނުން އެތައްހާސް ގުނައަކުން މިހާރުވަނީ އިތުރުވެފައިވެއެވެ. އޮންލައިންކޮށް ކިޔަވައި ދިނުމުގައި މައިގަނޑު ދެ ބައެއް އެކުލުވެއެވެ. އެއީ އިންޓަނެޓްގެ ޒަރިއްޔާއިން ދަރިވަރުންނާއި މުދައްރިސުން އެއްފަހަރާ، އެއްވަގުތެއްގައި އެއްވިއުގައަކުން އޮންލައިންކޮށް ބައްދަލުވެ ކުރިއަށް ގެންދެވޭ (ސިންކްރޮނަސް) ކިޔަވައިދިނުމުގެ ބަޔަކާއި، އަދި “އެސިންކްރޮނަސް”ކޮށް ދަރިވަރުންނާއި މުދައްރިސުން ފަސޭހަ ވަގުތެއްގައިއޮންލައިންވެ ކިޔަވައިދިނުން މެނޭޖްކުރާ ސިސްޓަމެއް ނުވަތަ އެހެނިހެން އެފަދަ ވަސީލަތެއް ބޭނުންކޮށްގެން ކިޔެވުންކުރިއަށް ގެންދިއުމެވެ. މިގޮތުން އޮންލައިންކޮށް ކިޔަވައިދިނުމުގައި އެންމެގިނަ ފަރާތްތަކުން މިވަގުތު ބޭނުންކުރަމުންދާ އޮންލައިން ވަސީލަތްތަކުގެ ތެރޭގައި އެޑްމޯޑޯ، ޒޫމް، ގޫގުލް ކުލާސްރޫމް، ގޫގުލް ހޭންގްއައުޓް،ގޫގުލް މީޓް އަދިމޫޑުލް އާއި ސްކައިޕް ހިމެނެއެވެ.

އެޑްމޯޑޯ، ގޫގުލް ކްލާސްރޫމް އަދި މޫޑުލް ބޭނުންކުރަމުންދަނީ ޓީޗަރުންނާއި ދަރިވަރުންގެ މެދުގައި މުއާމަލާތްކުރުމާއި، ފިލާވަޅުތައް ފޯރުކޮށްދިނުމާއި، އެސައިންމެންޓާއި ކުއިޒް ދިނުމަށާއި، މަޝްވަރާ ފޯރަމް ތަކާއި، ދަރިވަރުންގެ މަސައްކަތް ވަޒަންކޮށް މާކުސް ދިނުމާއި ރަގަޅުކުރަންވީ ކަންތައްތަކުގެ އިރުޝާދު ލިޔުމުން ދަރިވަރުންނަށް ދިނުމަށެވެ. އަދި ހަމަ މިޚިދުމަތްތަކުގެ ބޭނުންކޮށްގެން އެކަހެރިވެތިބެ ކިޔަވައިދިނުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި މަސައްކަތްކުރައްވާ މުދައްރިސުން މައުލޫމާތު ބަދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންދަވައެވެ. ހަމަމިގޮތަށް ބެލެނިވެރިންނާވެސް ދަރިވަރުންގެ ކިޔެވުމާގުޅޭ މައުލޫމާތު (އޮންލައިން ތާވަލް، އެސައިންމެންޓް، ދަރިވަރުން މަސައްކަތް ނިންމާ އަޕްލޯޑު ކުރުމުން) ހިއްސާކޮށް މުޢާމަލާތު ކުރެވެއެވެ. އަދި ހަމަ މިއާއިއެކު ޒޫމް، ސްކައިޕް، ގޫގުލް ހޭންގްއައުޓް، ގޫގުލް މީޓް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ވީޑިއޯ ކޮންފަރެންސިންގެ އެހީގައި އޮންލައިން ބައްދަލުވުންތައް ބޭއްވެއެވެ. މިބައްދަލުވުންތަކުގައި ދަރިވަރުންނާއި މުދައްރިސުންއެއްބަޔަކު އަނެއްބަޔަކަށް ފެންނަން ހުންނާތީ އެކަހެރިކަމާއި އެކަނިވެރިކަމުގެ އިހުސާސް ކުޑަކޮށްދީ ދަރިވަރުންނާއި މުދައްރިސުންގެ ގުޅުންބަދަހިކޮށް ދަމަހައްޓައެވެ. މިގޮތަށްބޭއްވޭ ސިންކޮރޮނަސް ބައްދަލުވުންތަކުގައި ދަރިވަރުންގެ ސުވާލުތަކަށް މުދައްރިސުން ޖަވާބުދެއްވުމާއި އެހެނިހެން މަޝްވަރާތައް ކުރިއަށް ގެންދެވެއެވެ. އަދި މީގެއިތުރުން ވައިބާއާއި ވަޓްސްއެޕް މެދުވެރިކޮށްވެސް ޓީޗަރުންނާއި ދަރިވަރުންގެ މެދުގައި މުއާމަލާތްކުރުމާއި ކިޔަވައި ދިނުމަށް ބޭނުންވާ މައުލޫމާތު ބަދަލު ކުރެވެމުންދެއެވެ.

ތަޖުރިބާކާރުން ދެކިވަޑައި ގަންނަވާގޮތުގައި އޮންލައިންކޮށް ކިޔަވައި ދެއްވުމުގައި މުދައްރިސުން ސަމާލުވާންޖެހޭ ގިނަ ކަންތައްތަކެއްވެއެވެ. އޭގެތެރެއިން މުހިންމު ބައެއް ނުކުތާތައް ހިމަނާލާނަމެވެ.

  • ދަރިވަރުން ފިލާވަޅުގައި ބައިވެރިކުރެވޭތޯ (އެންގޭޖްވޭތޯ) ބެލުން.
  • ފިލާވަޅުތައް ކުރުކޮށް ގެނެސް ދިނުން އަދި ރެކޯޑުކޮށް ދަރިވަރުންނަށް ފަހުން ބެލޭނެގޮތް ހަމަޖެއްސުން.
  • އޮންލައިންކޮށް ކިޔެވުން މެނޭޖް ކުރާ ސިސްޓަމެއް މެދުވެރިކޮށް ފިލާވަޅުތައް ފޯރުކޮށްދެވުނު ކަމުގައިވީނަމަވެސް، ދަރިވަރުންނާއެކު މަޝްވަރާކުރެވޭ ފޯރަމްތައް ހިމެނުން. މިގޮތުން ސުވާލު ކުރުމާއި ޖަވާބު ދިނުމާއި، އަދި ދަރިވަރުންނަށް އޮޅުން ނުފިލާ ބައިތައް އޮޅުންފިލުވައި ދިނުން.
  • ދަރިވަރުންގެ މަސައްކަތްތައް ރަނގަޅު ކުރެވޭނެގޮތް (ފީޑްބެކް) ލިޔުމުން ދިނުން.
  • އޮންލައިންކޮށް ކިޔެވުމުގައި އިހުސާސްވާނެ އެކަހެރިކަމާއި އެކަނިވެރިކަން ކުޑަކުރުމުގެ ގޮތުންނާއި ސްކޫލާދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ ގޮތުން އެކިއެކި ވަސީލައްތައް (ވީޑިއޯ ކޮންފަރެންސިން) ބޭނުންކޮށްގެން ޤަވާއިދުން ދަރިވަރުންނާ މުއާމަލާތު ކުރުން.

މި ބަޔާންކުރެވުނު މުހިއްމު ކަންތައްތަކަށް ސަމާލުކަންދެވޭތޯ އަދިއެއީ ކިހާމިންވަރަކަށްތޯ ސުވާލު އުފެދެއެވެ. ހަމަމިއާއިއެކު އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމުގައި ވަރަށްގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރަމެވެ. އޭގެތެރޭގައި:

  • އިންޓަނެޓްގެ ޚިދުމަތް ލިބުމުގެ ދަތިކަން.
  • ބޭނުންވާ ވަސީލަތްތައް ލިބުމުގެ ދަތިކަން.
  • ދަރިވަރުންގެ ޝައުޤުވެރިކަން ދަމަހައްޓަން އުދަގޫވުން.
  • މުދައްރިސުންނާއި ދަރިވަރުން އޮންލައިން ވަސީލަތްތަކަށް އަހުލުވެރިކަންކުޑަވުން.
  • މުދައްރިސުންނަށް އޮންލައިން ވަސީލަތްތަކާ ގުޅޭގޮތުން ކޮންމެހެން ބޭނުންވާ ތަމްރީނުތައް ދެވިފައި ނެތުން.
  • ތަޢުލީމުދޭ މުއައްސަސާތަކުން އޮންލައިންކޮށް ކިޔަވާދިނުމަށް ބޭނުންވާނޭ މައުލޫމާތާއި އެހީތަކާއި އަދި ދަރިވަރުންނަށް ދޭނެ އިރުޝާދުތައް ދުރާލާ ތައްޔާރު ކުރެވިފައި ނެތުން.
  • ބައެއްމާއްދާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އުދަގޫތަކެއް ކުރިމަތިވުން (މިސާލަކަށް ސައިންސް ލެބް ކުލާސްތައް/ޑާންސް ކުލާސްތައް).
  • ދަރިވަރުންނަށް އެކަނިވެރިކަމާއި އެކަހެރިކަން އިހުސާސް ކުރެވުން.

މިދަތިތައް މިގޮތަށް ހުރިކަމުގައި ވީނަމަވެސް ތަޢުލީމުދޭ ގިނަ މުއައްސަސާތަކަކުން ދަތިތައްހައްލުކުރެވޭތޯ މަސައްކަތް ކުރުމާއެކުއެކީގައި ދަތިތަކާއެކުވެސް ކިޔަވައިދިނުން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދެއެވެ. ސުވާލަކީ ކޮވިޑް-19ގެ މިހާލަތުގައި އުގެނުމާއި އުގަންނައިދިނުމަށް އޮންލައިން ވިއުގަތައް މިއީ އެންމެ ފުރިހަމަ ހައްލު ހެއްޔެވެ؟ ނުވަތަ އިތުރު ގޮތްތަކެއް މިކަމުގައި ހޯދަންޖެހޭ ހެއްޔެވެ؟ ބައެއްބޭފުޅުން ދެކިލައްވާގޮތުގައި އޮންލައިންކޮށް ކިޔަވައިދިނުން މުއްސަދި ބައެއް ޤައުމުތަކުގައި ކުރިޔަށް ގެންދެވުނު ކަމުގައި ވީނަމަވެސް ތަރައްޤީވަމުން އަންނަ މެދުފަންތީގެ ޤައުމުތަކުގައި ފަސޭހަ ނުވެދާނެއެވެ. އަޅުގަނޑަށް މިޚިޔާލާއި މުޅިއަކުން އެއްބަސް ވެވޭކަށްނެތެވެ. އަޅުގަނޑުގެ ނަޒަރުގައި ކޮންމެ ޤައުމެއްގައިވެސް އުޅޭނީ އެކިފަންތީގެ އާއިލާތަކެވެ. ފުދިގެން އުޅޭއާއިލާތަކާއި ޒަރޫރީބޭނުންތައް ނުފުދިއުޅޭ އާއިލާތަކެވެ. ބައެއްކުދިންނަށް މިކަމުގައި ބޭނުންކުރާނެ ވަސީލަތްތަކާއި އެހީތެރިވެދެވޭނެ ފަރާތްތައް ތިބި ކަމުގައިވީނަމަވެސް ބައެއްކުދިންނަކީ މިދެންނެވިކަންތަކުން މަޙުރޫމްވެގެންވާ ބައެކެވެ. އެއީ ހުރިހާ ޤައުމެއްވެސް ޝާމިލުވާގޮތަށެވެ. މީގެ މިސާލެއްގެގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމު އެމެރިކާއަށް ބަލައިލާނަމެވެ. އެމެރިކާގެ ނެޝަނަލް ކޮންފަރެންސް އޮން ސްޓޭޓް ލެޖިސްލޭޗާސް (10 އެޕްރީލް 2020) ގައި ބަޔާން ކޮށްފައިވާގޮތުން އެމެރިކާގެ 17% ދަރިވަރުންގެ ގޭގައި ކޮމްޕިއުޓަރު ނުހުރެއެވެ. އަދި %18 ދަރިވަރުންނަށް އިންޓަނެޓް ނުލިބެއެވެ. މިއީ ގާތްގަޑަކަށް 3 މިލިއަން ދަރިވަރުންގެ ވާހަކައެވެ. މިފަދަހާލަތުތަކަށް ވިސްނައިގެން ބައެއް ޤައުމުތަކުން ހަމައެކަނި އޮންލައިންކޮށް ވީޑިއޯ ޓިއުޓޯރިއަލްތަކާއި އެނޫނަސް އެފަދަ ވަސީލަތްތައް ބޭނުންކޮށްގެން ފިލާވަޅުތައް ފޯރުކޮށްދިނުމުގެ ބަދަލުގައި އެހެނިހެން ވަސީލަތްތަކުގެ ބޭނުން ކުރަމުންދެއެވެ. މިސާލަކަށް ރޭޑިއޯ، ޓީވީ، އަދި ސޯޝަލް ނެޓްވޯކްތައް، (ވައިބާ، ވަޓްސްއެޕް)ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުންވާ އިރުޝާދާއި، މައުލޫމާތު ފޯރުކޮށްދެމުން ގެންދެއެވެ.

ޝައްކެއްނެތް ގޮތުގައި ދަރިވަރުންނަށް މިފަދަހާލަތެއްގައި އެންމެބޮޑަށް މުހިންމުވަނީ ކިޔެވުމުގެ މަސައްކަތުގައި މަޝްއޫލުވެގެން އުޅެވޭނެ ގޮތްވުމެވެ. އަދިހަމަމިއާއެކު މިހާލަތުން ދަރިވަރުން ދަސްކުރަންޖެހޭ އިތުރު ބައިތަކެއްވެސްވެއެވެ. އޭގެތެރޭގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި، އުފެއްދުންތެރިގޮތުގައި މައްސަލަ ހައްލުކުރުން، މުޖުތަމަޢުއަށް ފަރުދެއްގެ ހައިސިއްޔަތުން އެހީތެރިވުން އަދި އާ ހާލަތްތަކަށް ހޭނުން ހިމެނެއެވެ. މިއީ ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާނެ ހުނަރުތައްކަމަށްވާތީ ތަޢުލީމީ މުއައްސަސާތަކުން މިކަމަށް ސަމާލުވުން މުހިންމެވެ.

ތަފާތު ވަސީލަތްތަކުގެ އެހީގައި އުނގަންނައިދިނުމުގެ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން ދިޔަ ކަމުގައިވީނަމަވެސް މިއީ އުނގެނުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ކިހާމިންވަރަކަށް ކާމިޔާބުވާނެ މަސައްކަތްތަކެއްކަމަށް ދަންނަވަން ދައްޗެވެ. ސަބަބަކީ ދިމާވެފައިމިވާ ހާލަތުގެ ސަބަބުންނެވެ. މިފަދަ ހާލަތެއް މާޒީގައި ދިމާވެ ތަޖުރިބާ ކުރެވުފައި ނެތަތީއެވެ. އޮންލައިން ކްލާސްތަކާއި، އީ-ލާރނިން، ބްލެންޑެޑް ލާރނިން ފަދަ ކިޔަވައިދިނުމުގެ އިންތިޒާމުތައް ބޭނުންކޮށްގެން ދުނިޔޭގެ އެތައްޤައުމަކުން އާންމުދިރިއުޅުމުގެ ހާލަތުގައި، ކާމިޔާބުކަމާއިއެކު އުނގެނުން ކުރިއަށް ގެންދެވިފައިވެއެވެ. އަދިހަމަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިންނާއި މަތީތަޢުލީމު ފޯރުކޮށްދޭ އެހެނިހެން ބައެއްފަރާތްތަކުންވެސް އޮންލައިން އާއި ބްލެންޑެޑް ލާރނިންފަދަ ކިޔަވައިދިނުމުގެ އިންތިޒާމްތައް ތަޖުރިބާ ކޮށްފައިވެއެވެ. ނަމަވެސް މިހާރު ދިމާވެފައިމިވަނީ ތަފާތު ހާލަތެކެވެ. މިއުނދަގޫ ހާލަތުގައި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭތޯ ހުރިހާ ދާރިސުން އެކުގައި މަސައްކަތްކުރަމާ ހިންގަވާށެވެ. ކާމިޔާބު މިންކުރާނީ ފަހުގެ މަރުހަލާއެއްގައެވެ.

 


ރިފަރެންސް

ނިވް ސްޓްރެއިޓް ޓްއިމްސް (11 އެޕްރީލް 2020) ނިވް އެޕްރޯޗެސް ޓު ޓީޗިން ޑިއުރިން ޕެންޑަމިކް، ނަގާފައިވަނީ  :https://www.nst.com.my/opinion/letters/2020/04/580753/new-approaches-teaching-during-pandemic

ނެޝަނަލްކޮންފަރެންސް އޮން ސްޓޭޓް ލެޖިސްލޭޗާސް (10 އެޕްރީލް 2020) ޕަބްލިކް އެޑިއުކޭޝަން ރެސްޕޮންސް ޓު ދަ ކޮރޯނާ ވައިރަސް (ކޮވިޑް-19) ޕެންޑަމިކް، ނަގާފައިވަނީ:https://www.ncsl.org/research/education/public-education-response-to-coronavirus-covid-19.aspx

ކްރިސްޓީނާ ޗިން ( 29 މާރޗް 2020) ލާރނިން މަސަންޓް ސްޓޮޕް ވިތް ކޮވިޑް-19، ދަ ސްޓާ، ނަގާފައިވަނީ:https://www.thestar.com.my/news/education/2020/03/29/learning-mustnt-stop-with-covid-19

އޮބްލިވިއާ ވެކްސްމޭން (27 މާރޗް 2020) ޕްރޮފެސާސް އާ ކްރައުޑު ސޯސިން އަ ކޮރޯނާ ވައިރަސް ސިލަބަސް، ޓައިމް، ނަގާފައިވަނީ:https://time.com/5808838/coronavirus-syllabus-history/

ޖެއިމީ ސާވެދްރާ (30 މާރޗް 2020) އެޑިއުކޭޝަނަލް ޗެލޭންޖަސް އެންޑް އޮޕޮޗުނިޓީސް އޮފް ދަ ކޮރޯނާވައިރަސް ޕެންޑަމިކް، ވޯލްޑް ބޭންކް ބްލޮގްސް، ނަގާފައިވަނީ:https://blogs.worldbank.org/education/educational-challenges-and-opportunities-covid-19-pandemic

About_Roza-09