ކޮރޯނާވައިރަސްގެ ނުރައްކާތެރި ހާލަތުގައި “ސޯޝަލް މީޑިއާ” އަކީނިޢުމަތެއް ހެއްޔެވެ؟ ނުވަތަ އަނދަވަޅެއް ހެއްޔެވެ؟


MNUBANNERNEWS_SocialMedia-01

 

މިއަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހު ދުނިޔޭގެ ޞިއްހަތު ޖަމުޢިއްޔާއިން އިޢުލާން ކުރައްވާފައިވާ ގޮތުގައި މުޅިދުނިޔެއަށް ކޮރޯނާ ކިޔޭ ވައިރަހެއްގެ ސަބަބުން ނުރައްކާތެރި ބަލިމަޑުކަމެއް ވަނީ ފެތުރެން ފަށާފައެވެ(Ienca,Vayena,2020, p: 1).ސައިންސްވެރިންނާއި، ހަކީމުންނާއި، އަދި ގައުމުތަކުގެ އިސްވެރިންގެ ފެންވަރުގައިވެސްމިކަމާ މެދު ކުރާނެކަންކަން ހަމަޖައްސަން މިހާ ހިސާބުން ފެށުނެވެ. ކޮރޯނާ ވައިރަސް ހާލަތު އިޢުލާން ކުރެވުނު ފަހުން ހަތަރު ވަނަ މަސް މި ވަނީ ފެށިފައެވެ. މިއަދާ ހަމައަށް ވެސް މިކަމުން ސަލާމަތްވާނެ ނުވަތަ އަރައިގަންނާނެ ގޮތުގެ ވަކި ކޮޅެއް ފެނިފައެއް ނުވެއެވެ.ދުނިޔޭގެ 211 ގައުމެއްގައި މިހާރު މިބަލި ވަނީ ފެތުރިފައެވެ(2020، WHO). ދުވަހެއް ދުވަހަކަށް މި ވައިރަހުގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު ދަނީގުނަވެ، އިތުރުވަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާގެރިކޯޑްތަކުން ދައްކާގޮތުގައި ދުނިޔޭގައި މިބަލިޖެހިފައިވާ އެއް މިލިޔަނަށް ވުރެ ގިނަ މީހުން މިހާރު އެބަތިއްބެވެ. އަދާ ހަމައަށް އައްޑިހަ ހާހާއި ގާތް ކުރާ ޢަދަދަކަށް މިބަލީގައި މީހުން ވަނީ މަރުވެފައެވެ(2020،WHO).

މިދުވަސްވަރަކީ މިފަހަކަށް އައިސް އިންސާނުންގެ ދަރިފަސްކޮޅު ދުށް އެންމެ ހިތްދަތި އަދި ނުރައްކާތެރި ދުވަސްވަރޭދެންނެވިޔަސް މުޅިއެކުން ދޮގަކަށް ނުވާނެއެވެ. ބޮޑެތި ގައުމުތައް، ކުދި ގައުމުތައް، ކުރިއަރާފައިވާ ގައުމުތައް، އަދި އެންމެ ފަގީރު ގައުމުތައް ވެސް ދެކެމުންދާ މަންޒަރުތަކުގައި މާބޮޑު ފަރަގެއް ނެތެވެ. ސަތޭކައިން،އަދި ހާހުން މީހުން މަރުވެގެން ދާއިރު ކަށުކަމާކެމީގެ ކަންކަން ރަނގަޅަށް ނުކުރެވި، ޢާއިލާއިން ކުޑަމިނުން ޖަނާޒާގައި ބައިވެރިވުމަށް ފުރުޞަތު ނެތި ކަމުގެ ބިރުވެރިކަން އެންމެންނަށް ވެސް ވަނީ ކުރިމަތިވެފައެވެ. މިކަމުގައި މަޝްހޫރުމީހެއް، މަތީފަންތީގެ މީހެއް، އިސްވެރިއެއް، މުއްސަންޖެއް އަދި ފަގީރެއްގެ ތަފާތެއް ނެތެވެ.

އޭގެ އިތުރުން، ދުނިޔޭގެ ހުރިހާ ކަމެއްހެން މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއްގައުމުން އަނެއްގައުމަށް ދަތުރުފަތުރު ކުރުން ވަނީ ހުއްޓިފައެވެ. އެއްގައުމެއްގައި ވެސް އެއްރަށުން އަނެއްރަށަށް، އެއް އަވަށުން އަނެއް އަވަށަށް އަދި އެއްގެއިން އަނެއް ގެއަށް ދިއުން ވެސް ގާތްގަނޑަކަށް ވަނީ މަނާ ކުރެވިފައވެ. މީހުންގެ މެދުގައި އޮތް އިޖުތިމާޢީ ގާތްކަން ގައިދުރުވުމަކަށް ބަދަލުކުރަން މިވަނީ، މަޖުބޫރުވެފައެވެ. ޢާއްމުން އުޅޭ ކޮންމެ ތަނަކީ ނުރައްކާތެރި ތަނެއް ގޮތުގައި ބެލެވިފައެވެ. ޢާއްމުމީހުންނާއި އެއްޖާގައެއްގައި މުއާމަލާތު ކުރެވޭ ކޮންމެ ހާލަތަކީ ބަލި މަޑުކަމެއް ފެތުރިދާނެ ކަމެއްގެ ގޮތުގައި ސިފަ ކުރެވި އިޢުލާން ކުރެވިފައެވެ. އެންމެ ކުރުކޮށް ދަންނަވާ ނަމަ މުޅި ދުނިޔެ މިވަނީ ކޮރޯނާވައިރަސްގެ ކޮންޓްރޯލްގެ ދަށުގައެވެ. އެއީހަމަލޮލަށް ‘ނުފެންނަ ޢުދުވާނަކަށް’ ބަދަލުވެފައެވެ. ދުނިޔޭގެ ޞިއްހަތު ޖަމުޢިއްޔާއިން، އެންމެންނަށްގޮވާލާފައިވަނީ ގޭތިބުމަށާއި ޖިސްމާނީ ނުވަތަ އިޖުތިމާޢީ ގައިދުރުކަން އިޚްތިޔާރު ކުރުމަށެވެ. ކޮރޯނާ ވައިރަހުން ރައްކާތެރިކަން ހޯދުމަށްޓަކައި ގިނަ ގައުމުތަކެއްގައި ފުރަބަންދު ވަނީ އިޢުލާން ކުރެވިފައެވެ. ފުރަބަންދުގެ ހާލަތުގައި މީހުން އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތުކޮށް މުވާޞަލާތު ކުރާ އެއްވަސީލަތަކީ ސޯޝަލް މީޑިއާއެވެ. މީހުންނަށްއެނގޭ ނުވަތަ ލިބޭ މަޢުލޫމާތު ކޮންޓްރޯލްކުރާ އެންމެ މުހިންމު އެއްޗަކީ އެއީއެވެ.މިލިޔުމުގައި މައިގަޑު ގޮތެއްގައި ބަލައިލަން ގަސްދުކޮށްފައި މިވަނީމި ނުރައްކާތެރި ފައްތަރުގައި ދުނިޔޭގެ ކަންކަން ހިނގަމުން ދާއިރު ސޯޝަލް މީޑިއާގެ ދައުރާ ގުޅޭ ގޮތުންނެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާވަނީ މީހުންނަށް ލިބުނު ނިޢުމަތަކަށްހޭ ނުވަތަ މީހުން ވެއްޓިގެން ހިނގައިދާނެ އަނދަވަޅަކަށްހޭ؟ މިސުވާލަށް ކުޑަނަމަވެސް އިޝާރާތެއް ކޮށްލުމަށެވެ.

ސޯޝަލް މީޑިއާ މާނަ ކުރެވެނީ އޮންލައިންކޮށް ނުވަތަ ވާރޗްއަލްކޮށް މަޢުލޫމާތު ހޯދުމަށް ބޭނުން ކުރާ ވަސީލަތްތަކާއި އަދި މީހުންގެ މެދުގައި މުވާޞަލާތު ކުރަން ބޭނުންކުރެވޭ ޕްލެޓްފޯމް ނުވަތަ ޖާގަތަކަށެވެ. ޚާއްޞަގޮތެއްގައި ސޯޝަލް މީޑިއާ މާނަ ކުރެވެނީ މުވާސަލާތު ކުރުމަށް ބޭނުންކުރެވޭ ތަފާތު ވަސީލަތްތަކަށް އިޝާރާތްކޮށްފައެވެ. މިގޮތުން ޢާއްމުކޮށް ފާހަގަ ކުރެވޭ ޕްލެޓްފޯމް ނުވަތަ ޖާގަތަކަކީ ފޭސްބްކް Facebook، ޓުވިޓާރ Twitter، ޔޫޓިޔުބް YouTube، އިންސްޓަރގްރާމް Instagram، ސްނެޕްޗެޓްSnapchat، ރެޑިޓް Reddit، ވީޗެޓް WeChat، ޓެންސެންޓްTencent ، ވީއިބޯ Weibo، ޓޮއުޓިއާއޯ Toutiao، ވައިބާރViber ، ވަޓްސްއެޕް WhatsApp ، އަދި ޓެލެގްރާމް Telegram  ފަދަ ތަފާތު ވަސީލަތްތަކެވެ. މިހުރިހާ ފޯރަމްތަކަކީ ވެސް އެއްބަޔަކު އަނެއް ބަޔަކާ މުވާސަލާތު ކުރުމަށް ބޭނުން ކުރާ ތަފާތު ޕްލެޓްފޯމްތަކެވެ.

އިސްވެ ލިސްޓް ކުރެވިފައިވާ ކޮންމެ ޖާގައަކީ މިދުވަސްވަރު ގިނަ މީހުންތަކެއް އެކަކު އަނެކަކާ މުޢާމަލާތުކުރުމަށް ބޭނުންކުރާ އެކިއެކި ވަސީލަތެވެ. ދިވެހިރާއްޖޭގައި ގިނަ މީހުން ބޭނުންކުރާ ކަމަށް ފާހަގަ ކުރެވެނީ ފޭސްބްކް، ޓްވިޓަރ، ވައިބާރ އަދި ވަޓްސްއެޕް ފަދަ ވަސީލަތްތަކެވެ.ދުނިޔޭގައިދައުރުވަމުން އަންނަ ކޮންމެ މަޢުލޫމާތެއް،އެއްވެސް ބޯޑަރެއް (ހުރަހެއް)ނެތި އެއް ފޯނުން އަނެއް ފޯނަށްހިނދުކޮޅެއްގެ ތެރޭގައި ވާސިލުކޮށްލަދޭ އެއްޗަކީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކެވެ.ސްމާރޓްފޯން ގެންގުޅޭ ހުރިހާ އެންމެނަކީ މިފަދަ އެތައް ޕްލެޓްފޯމެއްގައި ދައުރުވަމުންދާ މަޢުލޫމާތުތައް ކިޔައި، ބަލައި އެއާ ބެހޭގޮތުން ވާހަކަ ދައްކާއެންމެންގެ މެދުގައި ހިއްސާކޮށް ހަދާމީހުންނެވެ.އެއް ވައިބަރ ގުރޫޕުން އަނެއް ވައިބާރ ގުރޫޕަށް މަޢުލޫމާތު ‘ފޯރވަޑް’ ކޮށްލުމާއި، ޓުވީޓްކޮށްލުމާއި، ފޭސްބްކަށް ޕޯސްޓް ކޮށްލުމާއި، އިންސްޓާރކޮށްލުމަކީ މިހާރުގެ މީހުންގެ މެދުގައި ވަރަށް އާންމު ކަންކަމެކެވެ. މިގޮތަށް ދައުރުވަމުންދާ މަޢުލޫމާތުތަކުގެ ހަގީގަތް އޮޅި، އޭގެ ޞައްޙަކަމާއި، ރަނގަޅު ނުރަނގަޅާމެދު ވިސްނާލުމުގެ ފިކުރު ހުންނަނީ މަދު ބައެއްގެ ކިބައިގައެވެ.ފަހަރުގައި ރަނގަޅު މަޢުލޫމާތުގެ ސަބަބުން ސޯޝަލް މީޑިއާ ނިޢުމަތަކަށް ވާއިރު، އަނެއް ކޮޅުން އެއިން ފޯރުކޯށްދޭ ނުރަނގަޅު މަޢުލޫމާތެއްގެ ސަބަބުން ނުތަނަވަސްކަމުގެ އަނދަވަޅަކަށް ދިއުމަކީވެސް ދުރުކަމެއް ނޫނެވެ.

ސޯޝަލް މީޑިއާ ނިއުމަތަކަށް ވަނީ ކީއްވެ؟

ސޯޝަލް މީޑިއާ ނިޢުމަތަކަށް ވާ ވަރަށް ގިނަ ސަބަބުތައް ފާހަގަ ކުރެވެއެވެ.

  • ދުނިޔޭގެ ހުރިހާ ބިތެއްހެން ފުރަބަންދަކަށް ގޮސްފައިވާ ދުވަސްވަރެއްގައި ސޯޝަލް މީޑިއާ ނެތްނަމަ، ދުނިޔޭގެ އެއްބައްރުން އަނެއް ބައްރުގައި ހިނގާ ކަންތައްތައް މިހާ ފަސޭހައިން މީހުންނާ ހަމައަކަށް ނުފޯރީހެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަންވެގެން ދިޔައީ މިހެންނެވެ. ހަނގުރާމައިގެ ކަންކަން ހިނގަމުން ގޮސް އެތައް ގެއްލުންތަކެއްވެ، ދުނިޔޭގެ ބިންތަކާއި މީހުންތައް އަނދާ ހުލިވަމުން ދިޔަކަން އެނގެމުން ދިޔައީ އެފަސްގަޑެއްގައި ތިބި ބަޔަކަށާއި އެކަމެއްގައި އުޅުނު މީހުންނަށެވެ. ނަމަވެސް މިހާރު ހާލަތު މިއޮތީ ބަދަލުވެފައެވެ. އެއްބައްރުގައިހިނގާ ކަމެއް ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެންމެންނަށް އެނގި ހާމަވެއެވެ. އެއްބިތުން ފޮރޮޅާލާ ގާކޮޅު ފުރޮޅާލުމުން އެއާ ދޭތެރޭ އުފެދެމުންދާ ތަފާތު ޚިޔާލުތަކާއި ކޮމެންޓްތަކާއި އެއްގައުމެއް އަނެއް ގައުމަކާއި ބެހޭގޮތުން ދައްކާހާ ވާހަކައެއް މިވަނީ އެންމެން ދަންނަ އާންމު މަޢުލޫމާތަށް ބަދަލުވެފައެވެ. މިހުރިހާ ކަމެއްގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ، ކުރިންވެސް އިޝާރާތްކުރެވުނު ފަދައިން ސޯޝަލް މީޑިއާއެވެ. މިގޮތުން ބަލާނަމަ، ސޯޝާލް މީޑިއާއަކީ ހަމަ އެކަނި މިފަދަ ދުވަސްވަރެއްގައި އިންސާނުންނަށް ލިބިފައިވާ ނުހަނު ބޮޑު ނަސީބެއް އަދި ނިޢުމަތެއް ގޮތުގައިވެސް ބެލިދާނެއެވެ. މިހާރު އެންމެ އާންމު މީހާއަށް ވެސް ކޮރޯނާ ވައިރަހާ ބެހޭގޮތުން އެނގޭނެއެވެ. އެއާގުޅިގެން ދުނިޔޭގެ ގައުމުތަކުގައި ކަންހިނގަމުންދާ ގޮތް ހިނދުން ހިނދަށް އެނގެމުންދެއެވެ. ޚަބަރުތައް ނިއުޅެމުންދާ އިރު އޭގެ ތާޒާކަމާއި ހޫނުކަމުގައި ތަފާތު ސޯޝަލް މީޑިއާތަކުގެ ޕްލެޓްފޯމުތަކުގައި ދައުރުވަމުންދެއެވެ. މިހާ ފަސޭހައިން މަޢުލޫމާތު އެނގެމުން ދިއުމަކީ ޙަޤީޤަތުގައިވެސް ނިޢުމަތަކެވެ.
  • ދުނިޔޭގެ ހުރިހާ ބައްރުތައް ފުރަބަންދަކަށް ގޮސް، އިޖުތިމާޢީ އަދި ޖިސްމާނީ ގައިދުރުކަމަކަށް ގޮވާލުމުން، މީހުންގެ މެދުގައި މުވާޞަލާތު ކުރުމަށް ބޭނުންކުރެވޭ ހަމަ އެކަނި ވަސީލަތަކީ ސޯޝަލް މީޑިއާ އެވެ. އެއްބަޔަކު އަނެއް ބަޔެއްގެ ހާލު ބަލާލުމަށް ޗެޓް ކޮށްލުމާއި، ގޭތެރޭގެ މާހައުލުގެ ފޮޓޯތައް ހިއްސާ ކޮށްލުމާއި، ތަފާތު ‘އިމޮޖީ’ތައް ބޭނުންކޮށްގެން ސަކަރާތް ޖަހާލުމާއި، ކުދިކުދި ވީޑިއޯ އަދި އޯޑިއޯތައް ހިއްސާ ކޮށްލުމާއި، ކަންކަމުގައި މަޝްވަރާ ކޮށްލުން ފަދަ ހުރިހާ ކަމެއް ވެސް ކުރެވެނީ ސޯޝަލް މީޑިއާގައެވެ. ޖިސްމާނީ އަދި އިޖުތިމާޢީ ދުރުހެލިކަމާއި ގައިދުރުވުމާއެކުވެސް މީހުންގެ މެދުގައި ގުޅުންބަދަހި ކުރުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ ވަސީލަތަކީވެސް ސޯޝަލް މީޑިއާވެ. ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް މިދުވަސް ވަރު ނެތްނަމަ، މީހުން އުޅޭނީ ކިހާ ބޮޑު އައިސޮލޭޝަން/އެކަހެރި ކަމެއްގައި ބާ؟އެހެންވީމަ މިއަށް ވުރެ ބޮޑު ނަސީބަކީ ފެހެ ކޮބައިތޯއެވެ؟
  • މަސައްކަތުގެ މާހައުލުގައި ވެސް ސޯޝަލް މީޑިއާގެ ސަބަބުން ގިނަ ފައިދާތަކެއް ލިބެއެވެ.ފުރަބަންދުގެ ދުވަސްވަރު ވަޒީފާގެ ތަފާތު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ކަންކަން ނިންމައި، އަދި ކިޔަވައިދިނުން އޮންލައިން ޕްލެޓްފޯމަށް ބަދަލުކުރަމުން ދާއިރު ސޯޝަލް މީޑިއާއަކީ މިކަމުގައި އެންމެ ބޮޑު ދައުރު އަދާކުރާ އެއް ވަޞީލަތެވެ. މުދައްރިސުންނާއި، ދަރިވަރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި އަދި ކަމާގުޅޭ އެތައް ބައެއްގެ އާންމު މުޢާމަލާތާއި މަޢުލޫމާތު ބަދަލުކޮށް ހެދެނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައެވެ.
  • މީހުންނަށް ދެވޭ ޚިދުމަތްތަކާ ބެހޭގޮތުން ތަފާތު އެންގުންތައް ޢާއްމު ކުރުމަށާއި، އަދި ކަންކަން ނިންމުމަށް ވެސް ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމްތައް ފަސޭހަ ކަމާއެކު ބޭނުން ކުރަމުން ދެއެވެ.މިހާރަކަށް އައިސް ގައުމުތަކުގެ އިސްވެރިންވެސް ތަފާތު ކަންކަމާ ގުޅޭ ގޮތުން ޓްވީޓްކޮށްލުމަކީ ވަރަށް އާދައިގެ ކަންކަމެވެ. ހިނދުންހިނދަށް ތަފާތު ކަންކަމާ ގުޅޭގޮތުންނިންމާ ޤަރާރުތައް އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ހިއްސާކުރުމަށް ބޭނުން ކުރެވެނީ މިދެންނެވި ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކެވެ.

އިސްވެދިޔަ ދެންނެވުނު ހުރިހާ ފައިދާތަކަކީ މިދުވަސްވަރަށް ބަލާއިރު ސޯޝަލް މީޑިއާއިންއަކީ ލިބުނު ނަސީބޭކޭ ނުވަތަ ނިޢުމަތޭކޭ ދެންނެވުމުގެ ފުރުޞަތު ވަރަށް ބޮޑަށް އެބައޮތެވެ(Ali and Kurasawa, 2020). ނަމަވެސް، ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމުތައް އަނދަވަޅަކަށް ބަދަލުވެދާނެތޯ މިހާ ހިސާބުން ސުވާލު އުފެދެއެވެ. އިސްވެ މި ދެންނެވުނު ހުރިހާ ފައިދާތަކެއް ސޯޝަލް މީޑިއާ ގައި ހިމެނޭ އިރު އެ ވަސީލަތް އަނދަވަޅަކަށް ބަދަލުވާނީ ކިހިނެއްތޯއެވެ؟

ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އެދާނޮމް ފާހަގަ ކުރައްވާފައިވާ ގޮތުގައި، މީހުންނަށް ކޮރޯނާ ވައިރަހާއި ބެހޭގޮތުން އެނގޭ މަޢުލޫމާތުތަކާއި، އޭގެ ސަބަބުން ފެތުރެމުންދާ ބިރުވެރިކަމާއި، ނުރައްކާތެރިކަން މީހުންގެ ހަމަޖެހުން ގެއްލުވާލާ އެއްޗަކަށް ބަދަލުވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ(2020، WHO). ޚާއްޞަކޮށް އޭނާ ފާހަގަ ކުރައްވާ ގޮތުގައި ‘ކޮރޯނާވައިރަސް އިންފޮޑެމިކް’ ނުވަތަ ކޮރޯނާއާއި ގުޅޭ ގޮތުން ނުރަނގަޅު މަޢުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިދެންނެވި ‘ކޮރޯނާވައިރަސް އިންފޮޑެމިކް’ ކިޔަނީ ކޮންކަމަކަށް ތޯ ބަލާލުމަކީ މިފުރުޞަތުގައި މުހިއްމު ކަމެއް ކަމަށް ދެކެމެވެ.

ދުނިޔޭގެ ޞިއްހަތު ޖަމުޢިއްޔާއިން އިޝާރާތް ކުރައްވާ ގޮތުގައި، އެޖަމުޢިއްޔާއިން ގޫގްލްއާއި ޓެންސެންޓްފަދަ މަޢުލޫމާތު ފޯރުކޮށްދޭ ވަސީލަތްތަކާ މަޝްވަރާކުރަމުންދަނީ ކޮރޯނާ ވައިރަހާއި ގުޅޭގޮތުން އެނގެންޖެހޭތަފާތު ބާވަތްތަކުގެ މަޢުލޫމާތުތަކުގެ ޞައްހަކަމާއެކު އެހޯދާ ފަރާތްތަކަށް ވާޞީލުކޮށްދޭނީ ކިހިނެއްތޯއާއި އަދި ތާކުންތާކުނުޖެހޭ މަޢުލޫމާތުތަކުގެ ސަބަބުން މީހުންނަށް އޮޅިދާނެ ފަދަ މަޢުލޫމާތު ސްކްރީންކޮށް ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. ދުނިޔޭގެ ޞިއްހަތު ޖަމުޢިއްޔާގެ އިސްވެރިޔާ، ޓެޑްރޮސް އެދަނޮމް ވިދާޅުވާ ގޮތުގައިޚާއްޞަކޮށް މިކަމުގެ ޒިންމާ ކޮންމެ ފަރުދެއްގެ ބޮލުގައި ވެސް އެޅިފައި ވެއެވެ(2020، WHO). ކޮރޯނާ ވައިރަސް އިންފޮޑެމިކް، ގުޅިގެންދަނީ ކޮރޯނާވައިރަހުގެ މަޢުލޫމާތުތައް މީހުންނަށް އޮޅޭ ފަދަ ގޮތަށް ކަންބޮޑުކޮށްގެން، މަޢުލޫމާތައް އިތުރު ކަންކަން ހިމަނައިގެން، މަޢުލޫމާތުގެ ޞައްހަކަން ނުބަލާ ސޯޝަލް މީޑިއާގައި ފަތުރާ ފެތުރުމަށެވެ(2020، WHO).ސޯޝަލް މީޑިއާ އަނދަވަޅަކަށް ބަދަލުވެދާނީ މިފަދަ ކަންކަން އާންމު ވުމުންނެވެ.

 

ސޯޝަލް މީޑިއާ އަނދަވަޅަކަށް ބަދަލުވެދާނީ ކިހިނެއް؟

މިނުރައްކާތެރި ދުވަސްވަރު، ސޯޝަލް މީޑިއާ އަނދަވަޅަކަށް ބަދަލުވެދާނެ ވަރަށް ގިނަ ކަންކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް، ކޮރޯނާ ވައިރަހާއި ގުޅޭގޮތުންނާއި، އެވައިރަސް ފެތުރޭގޮތާއި، އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ކަންކަން ހިނގާގޮތްތަކާ ބެހޭގޮތުން ނުރަނގަޅު މަޢުލޫމާތުތައް އެއްބައެއް އަނެއްބައެއްގެ މެދުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ފަތުރަމުން ދެއެވެ.މިސާލަކަށް ކޮރޯނާ ވައިރަހަކީ ބައިލޮޖިކަލް ވެޕަން/އަމިއްލައަށް ބަޔަކު ހަދައިގެން އުޅޭ ވައިރަހެއްކަމަށް މީހުންގެތެރޭގައި ޢާއްމުކޮށް ހިއްސާ ކުރެވެމުން ދެއެވެ . (Ali and Kurasawa, 2020). މިއީ ވަރަށް ހިތާމަވެރިކަމެކެވެ. މީހުންގެ ހިތުގައި ބިރުވެރިކަން އުފެދި ކަންކަމުގެ ހަގީގަތް އޮޅޭފަދަ ކަންކަމެވެ. ސޯޝަލް މީޑިއާ އަނދަވަޅަކަށް ވުމަށް ފަހި ވެދާނެ ކަންކަމުގެ ތެރެއިން،Hamister(2020) ބަޔާންކުރައްވާފައިވާ ދެތިން ކަމެއް މިތާ ހިމަނާލާނަމެވެ.

  • ފަހުން ވާނެ ގޮތަކާ މެދު ވިސްނާލުމެއް ނެތި މަޢުލޫމާތު ހިއްސާކުރުން: މިއީ އާންމުކޮށް ސޯޝަލް މީޑިއާގައި މަޢުލޫމާތު ހިއްސާކުރާއިރު ވިސްނާލާ ކަމެއްނޫނެވެ. ފޯވަރޑްކޮށްލެވޭ މަޢުލޫމާތުގެ ސަބަބުން ދިމާވެދާނެ ނުރައްކަލެއް، އުފެދިދާނެ ހައިޖާނުގަޑެއް، ނުތަނަވަސްކަމެއް، އަދި އުފެދިދާނެ ޝައްކުތަކާމެދު ދުރާލައި ވިސްނަނީ ވަރަށް މަދު ބައެކެވެ.
  • ނުރަނގަޅު މަޢުލޫމާތު ފެތުރުން: ވަރަށް ގިނަ މީހުން މަޢުލޫމާތު ސޯޝަލް މީޑިއާއަށް ދޫކޮށްލާއިރު އެއީ އެންމެ ރަގަޅު މަޢުލޫމާތުތޯ އޭގެ ޞައްޙަކަމާމެދު ވިސްނާލުން ކުޑައެވެ. މީގެ ސަބަބުން މީހުންންނަށް ކަންކަމުގެ ހަގީގަތް އޮޅި މަޢުލޫމާތުގައި އޮޅުން އަރާގޮތްވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މީހުންގެ ދިރިއުޅުމަށް ވެސް އަސަރުކުރެއެވެ. ގަބޫލުކުރުންތަކަށް ބާރުފޯރުވައެވެ.
  • އިޖުތިމާޢީ ގުޅުމަށް ބުރޫއަރާފަދަ މަޢުލޫމާތު ހިއްސާކުރުން: މިސާލަކަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ މިނުރައްކާތެރި ދުވަސްވަރު، އިޖުތިމާޢީ ގައިދުރުކަން ގާއިމު ކުރަންވީ ކަންކަމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވަރަށް ގިނަ ވީޑިއޯތަކާއި ފޮޓޯތަކުން ނުރަނގަޅު އަސަރުތައް ކުރާ ކަންކަން އެއްބަޔަކު އަނެއްބަޔަކަށް ހިއްސާ ކުރަމުންދާ ތަން ފެނެއެވެ.
  • މަޢުލޫމާތުގެ ސިއްރުކަން ހިފެހެއްޓުމެއް ނެތި މަޢުލޫމާތު ފަތުރުން: މިއީ މިފަދަ ދުވަސްވަރެއްގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. ކޮރޯނާ ވައިރަހަށް ފައްސިވެފައިވާ ނުވަތަ ކޮންޓެކްޓް ޓްރޭސް ވެފައިވާ ފަރާތަކާ ބެހޭގޮތުން މަޢުލޫމާތެއް އެނގޭ އިރަށް އެ މަޢުލޫމާތުތައް ހުރިހާ މީޑިއާއަކަށް ފަތުރާލުމުން، މީގެ ސަބަބުން އެތައް ބަޔެއްގެ ހަމަޖެހުން ގެއްލި މީހުންގެ އާންމު ދިރިއުޅުމަށް އަސަރުކުރެއެވެ.
  • ސޯޝަލް މީޑިއާއަށް ދެވި ހިފުން:ދުނިޔޭގެ ވަރަށް ގިނަ ގައުމުތައް ފުރަބަންދަކަށް ގޮސްފައިވާ މިވާ ދުވަސްވަރު، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށާއި އަދި އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓުމަށް ވެސް ބޭނުން ކުރަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކެވެ. މިފަދަ ދުވަސްވަރެއްގައި ސޯޝަލް މީޑިއާގައި ހޭދަ ކުރެވޭ ވަގުތު އިތުރުވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މުޅިދުވަހުގެ ހަތަރުދަމު އެއާއެކު ހޭދަކުރުމަކީ އެންމެ ދުޅަހެޔޮ ގޮތެއް ނޫނެވެ.އެހެނީ، ކޮންމެހެން ބޭނުން ނުޖެހެނީސް، ބޭކާރު ގޮތުގައި، ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަން ޖެހޭ އުޞޫލުން، ތިމާގެ ދިރިއުޅުމުގެ އެހެން ހުރިހާ ކަމަކަށް ވުރެ ސޯޝަލް މީޑިއާގައި ތިމާ ހޭދަ ކުރާ ވަގުތު ގިނަވުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

މިލިޔުން ނިންމާލަމުންވެސް ފާހަގަކޮށްލަން އޮތީ، ދުނިޔެ ދެކެމުން މިދަނީ ވަރަށް ހިތްދަތި، ނުރައްކާތެރި، އަދި ހަމަ އެހާމެ ބިރުވެރި ދުވަސްތަކެއް ކަމެވެ. އެހެންކަމުން ނަސީބެއްގެ ގޮތުގައި ލިބިފައި މިވާ ސޯޝަލް މީޑިއާ ބޭނުންކުރުމުގައި އަނދަވަޅަކަށް ވެއްޓިދާނެ ފަދަ ކަންކަން ކުރުމުންދުރުވުމަށެވެ.ޚާއްޞަކޮށް މަޢުލޫމާތުގެ ތެދުދޮގު ކަށަވަރުކުރުމަށް ފަހު މެނުވީ ހިއްސާ ނުކުރުމަށާއި، އަދި މަޢުލޫމާތެއް ފޮނުވަންޖެހޭނީ ކޮންބަޔަކަށް ކޮން އެއްޗެއްކަން ދުރާލާ ވިސްނުމަށް ގޮވާލަމެވެ. ހަމައެއާއެކު، މީހުންގެ ޢިއްޒަތާއި އަބުރު ރައްކާތެރިކޮށް، ހާމަކުރަން ނުޖެހޭ ފަދަ މަޢޫލޫމާތެއް ލިބުނަސް އެފަދަ މަޢުލޫމާތުއެހެން މީހުންނާއި ހިއްސާ ނުކުރުމަށް އިލުތިމާސް ކުރަމެވެ. ޚާއްޞަކޮށް މިނުރައްކާތެރި ދުވަސްވަރުގައި ސޯޝަލް މީޑިއާއަކީ އަޅުގަޑުމެންނަށް ލިބިފައިވާ ނިޢުމަތެއްކަން ހަދާންކޮށް އޭގެ ބޭނުން އެންމެ އެދެވޭގޮތުގައި ކުރުމަށް ގޮވާލަމެވެ.


ރިފަރެންސް

Ali, H., &Kurasawa, F. (2020, 22 March 2020). #COVID19: Social media both a blessing and a curse during coronavirus pandemic, Academic. The conversation. Retrieved from https://theconversation.com/covid19-social-media-both-a-blessing-and-a-curse-during-coronavirus-pandemic-133596

Hamister, M. (2020). Social Media – A Blessing or a Curse! Industry insights. Retrieved from https://www.hamistergroup.com/index.php/insights/entries/social-media-a-blessing-or-a-curse

Ienca, M., &Vayena, E. (2020). On the responsible use of digital data to tackle the COVID-19 pandemic. Nature Medicine. doi:10.1038/s41591-020-0832-5

WHO. (2020). Coronavirus disease (COVID-2019) situation reports. Coronavirus disease (COVID-2019) situation reports. Retrieved from https://www.who.int/emergencies/diseases/novel-coronavirus-2019/situation-reports

MNUBANNERNEWS_DrShafiya-09