އާރުނޯޓު އިން ކޯވިޑް-19 ހާލަތު ދެނެގަތުން


R0_HPA

އާރުނޯޓު 3 އިން ބަލިފެތުރިދާނެ ގޮތް، އެޗްޕީއޭ ގްރެފިކްސް (ބަދަލުގެނެވިފައި)

މީގެ އެތައް އަހަރެއް ކުރީއްސުރެން ދުނިޔެ ތަޖުރިބާ ކުރަމުން އަންނަ ކޮރޯނާވައިރަހުގެ މުޅިން އައު ވައްތަރަކާއި އިންސާނީ ނަސްލު މިވަނީ ހަނގުރާމަކުރަން ޖެހިފައެވެ. އެންމެ ފުރަތަމަ އިންސާނުންގެ ގައިން ކޮރޯނާވައިރަސް ފެނިފައި ވަނީ 1965ވަނަ އަހަރު އާދައިގެ، ނޭފަތުން ފެންއައުމުގެ ރޯގާއެއް ހުރި ބަލިމީހެއްގެ ވައިނޮޅީގެ ތެރެއިން ނެގި ޓެސްޓް ސާމްޕަލް އަކުންނެވެ(ޓިރޭލް އާއި ބިނޮއީ، 1996). ކޮރޯނާވައިރަހަކީ ނޭވާލާ ނިޒާމުގެ ބަލިތައް ޖައްސުވާ ވައިރަސްގެ ބޮޑު އާއިލާ އެކެވެ. އިންސާނުންނަށް ބަލިޖައްސާ 7 ބާވަތެއްގެ ކޮރޯނާވައިރަސް މިހާތަނަށް ހޯދިފައިވެއެވެ (މާކޯ ކަސިއްލާ، މައިކަލް ރަޖްނިކް، އާޓޫރޯ ކިއުމޯ، ސްކޮޓް ޑުލެބޮން އަދި ރަފޭލަ ޑި ނަޕޮލި،2020). މިއާއިލާގެ ވައިރަސްތަކުގެ ތެރޭގައި ސާސް (ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް) އާއި މާސް (މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް) ފަދަ ބަލިތައް ޖައްސާ ކޮރޯނާވައިރަސްގެ ވައްތަރުތައް ހިމެނެއެވެ. ނަމަވެސް ފާއިތުވި 2019 ވަނަ އަހަރު ޑިސެމްބަރު 30 ގައި އަލަށް ފެނުނު ކޮރޯނާވައިރަހަކީ މުޅިން އައުގޮތަކަށް ބަދަލުވެފައިވާ ވައިރަހެއްކަން އެއިގެ އާރުއެންއޭ ޓެސްޓްތަކުން ވަނީ ޔަގީން ކުރެވިފައެވެ. ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނުބަލި، 3 މަހާއި ފޮއިދުވަސް (3 މަހާއި 15 ދުވަސް) ވީއިރު މިވަނީ ދުނިޔޭގެ 210 ގައުމަށާއި ސަރަހައްދަކަށް އަދި ފަތުރުވެރިކަމުގެ 2 މަނަވަރަށް (ކުރޫޒްލައިނާ) ފެތުރިފައެވެ(ވޯލްޑޯމީޓާ، 2020). ހަލުއިކަމާއެކު ގިނަގައުމުތަކަކަށް މިބަލި ފެތުރިގެންފައި ވުމުން، ޑަބްލިޔުއެޗުއޯ އިން ވަނީ އާއްމު ސިއްޙީ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. މިބައްޔަށްޑަބްލިއުއެޗްއޯ އިން ދީފައިވާ ނަމަކީ ކޯވިޑް-19 (Covid-19) އެވެ.

މިބަލި ދިވެހިރާއްޖެއިން ފުރަތަމަ ފެނިފައި ވަނީ ފެބްރުއަރީ މަހު 7 (2020) ގައި ރާއްޖޭގެ ރިޒޯޓް ރަށެއްކަމަށްވާ ޅ.ކުރެއްދޫ އިންނެވެ (މިނިސްޓްރީ އޮފް ހެލްތު، 2020). މިހާތަނަށް (މާރިޗު 7 އިން 14 އޭޕްރީލް 2020 އަށް) ރާއްޖެއިން ބަލި ޖެހިފައިވާ20 މީހުން ފެނިފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ރާއްޖެއިން ބޭރުގެ15މީހަކާއި 5 ދިވެހިންނެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ މީހުން (540,544، ވޯލްޑޯމިޓާ، 2020)ގެ ނިސްބަތުން ކުޑަ (%0.0035) އަދަދެކެވެ. ނަމަވެސް ހަލުއިކޮށް ފެތުރޭކޯވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުންއާއްމު ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު ވަނީ ފުރަތަމަފަހަރަށް ރާއްޖޭގައި އިއުލާންކޮށްފައެވެ.

R0_HPA_2ގްރާފް:ދިވެހިރާއްޖޭގައި ކޯވިޑް-19 ގެ ބަލިމީހުން، އަދި ގައުމީ ނިސްބަތް- ޝިހާބު

ކޯވިޑް-19ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރިންގެންދާ ހަލުއިމިނަށް ބަލާއިރު މިއަދާއި ހަމަޔަށް (14 އޭޕްރީލް 2020)މިވަނީ ދުނިޔޭގެ އާބާދީގެ 1.94މިލިޔަން މީހުންނަށްމިބަލި ޖެހިފައެވެ. ބަލިޖެހޭ ގިނަ މީހުންނަށް (%96) ބަލީގެ ނުރައްކާތެރިކަން އެހާ ބޮޑެއްނޫނެވެ. ބަލީގައި ނާޒުކު ހާލަތަކަށް ދަނީ ނިސްބަތް %4 މީހުންނެވެ. ނަމަވެސް މިބަލީގެ ނުރައްކާތެރިކަން ބޮޑުވެގެންދަނީ ބަލި ފެތުރޭ ހަލުއިމިނުގެ ސަބަބުންނެވެ. އެއްފަހަރާ ގިނަބަޔަކު ބަލިވެ އާއްމު ސިއްހަތުގެ ނިޒާމަށް ނުކަތައިގެން ގޮސްދާނެތީއެވެ. އެއްވެސް ގައުމެއްގެ ސިއްހީ ފަރުވާދޭ ނިޒާމެއްގައި އެއްފަހަރާ އެގައުމުގެ އާބާދީގެ ބޮޑުބަޔަކަށް ފަރުވާދެވޭނެ މިންވަރަށް ސިއްހީ މާހިރުންނާއި ވަސީލަތްތަކެއް ނުހުރެއެވެ. މިކަން އެންމެ ބޮޑަށް ހާމަވަނީ ދުނިޔޭގެ ކުރިއަރައި، ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައިހިމެނޭ އިޓަލީއާއި ސްޕޭން އަދި އެމެރިކާފަދަ ގައުމުތަކުގައި މިބަލީގެ މީހުން ގިނަވެ ނުކަތައިގެން އުޅޭހާލަތުންނެވެ. އިޓަލީގައި އެއްފަހަރާ ކޮންމެހެންވެސް ފަރުވާދޭން ޖެހުނު މީހުން ގިނަކަމުން، އުމުރުން 80 އަހަރުން މަތީގެ ބަލިމީހުންނަށް އިންޓެންސިވްކެއާގައި ފަރުވާ ނުދޭފަދަ އުސޫލެއް އެގައުމުންކަނޑައަޅާފައި ވެއެވެ(ދަ ޓެލެގްރާފް، ޔޫކޭ 2020، މާރިޗު 15).

އާއްމު ސިއްހަތުގެއިލްމުން ބަލާއިރު ބައްޔެއްގެ ނުރައްކާތެރިކަން މިންކުރާ މިންގަނޑުތަކެއް ހުރެއެވެ. ވުމާއެކު ބަލީގެ ނުރައްކާ އޮތްގޮތް ރަނގަޅަށް ދެނެގަތުމަށް އެކަންތައްތަކަށް ބެލުން ރަނގަޅެވެ. އެގޮތުން ބަލީގެ ނުރައްކާތެރިކަން ދެނެގަތުމަށް ބޭނުންކުރާ މުހިންމު ބައެއްމިންގަނޑަކީ ބަލިފެތުރޭ މިންވަރު ބަޔާންކުރާ”އާރުނޯޓު” (Ro)އާއި ފުރާނައަށް ނުރައްކާވާ މިންވަރު ނުވަތަ ‘ފޭޓަލިޓީ ރޭޓް’ އާއި ބަލީގައި މަރުވާ މިންވަރު ނުވަތަ “މޯޓަލިޓީ ރޭޓް”އެވެ. ނަމަވެސް މިމަޒުމޫނުގައި ބަލާލާނީ މީގެތެރެއިން އާރުނޯޓުއަކީކޮބައިތޯއެވެ.

އާރުނޯޓުއަކީ ބަލިމަޑުކަން ފެތުރިގެންދާނެ މިންވަރު ވަޒަންކުރުމުގެ ގޮތުން ސައިންސްވެރިން ބޭނުންކުރާ މިންގަޑެކެވެ. އެގޮތުން 2003 ވަނަ އަހަރުގެ ސާސް ބަލިމަޑުކަމާއި 2009 ވަނަ އަހަރުގެ އެޗް1އެން1 އިންފުލުއެންޒާ ބަލިމަޑުކަމާއި 2014 ވަނަ އަހަރުގެ ހުޅަނގު އެފްރިކާގައި ހަލުއިކަމާއެކު ފެތުރުނު އެބޯލާ ބަލިމަޑުކަމުގެ ހާލަތު ވެސް އާރުނޯޓުއިން މިންކޮށްފައިވެއެވެ.

އާރުނޯޓުއިން ބުނެދެނީ ބަލިޖެހިފައިވާ މީހެއްގެ ފަރާތުން އެވްރެޖްކޮށް ބަލިފެތުރިގެންދާނެ މިންވަރެވެ. އާރުނޯޓު ދެގޮތަކަށް ބޭނުންކުރެއެވެ. އެއީ އާއްމު ހާލަތުގައި ބަލިފެތުރިގެންދާނެ މިންވަރު (އާއްމު އާރުނޯޓު) އާއި ހިފެހެއްޓިފައި ނުވަތަ ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅިފައިވާ ޙާލަތުގައި ބަލިފެތުރިގެންދާނެ މިންވަރު ބަޔާންކޮށްދޭ އާރުނޯޓު (ގާތް އާރުނޯޓު) އެވެ. ހަމައެއާއެކު ފާހަގަކުރަންވީ ކަމަކީ އާއްމު އާރުނޯޓާއި ގާތް އާރުނޯޓްގެ އަދަދުވެސް ބިނާވެފައި އޮންނަނީއެކި ހާލަތްތަކުގެ މައްޗަށްކަމެވެ. އެގޮތުން ބަލިޖައްސާ ވައިރަހުގެ ފެތުރުމުގެ ގާބިލުކަމާއި، އެވައިރަހުގައި ބަލިފެތުރުމުގެ ބާރުގެ ހުރިމިންވަރަކަށާއި، ބައްޔަށް ހުށަހެޅިފައިވާ އާބާދީގެ އެކި ސިފަތަކުގެ މައްޗަށެވެ. އެގޮތުން އާބާދީގައި ހިމެނޭ މީހުންގެ ދިފާއީނިޒާމު ހުރި މިންވަރާއި އެމާހައުލެއްގެ ސިފަތައް (މިސާލަކަށް ފިނި ހޫނުމިން، ދިރިއުޅޭ ޖާގަ ފަދަ) ފަދަ ކަންކުގެ މައްޗަށް ވެސްމެއެވެ.

އާއްމު އާރުނޯޓު އިން އަންގައިދެނީ އެ ވައިރަހަށް ބަލިޖެއްސުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް އަންދާޒާކުރެވޭ އެންމެމަތީ މިނެވެ. އެއިން އަންގައިދެނީ ބަލިޖެހިފައިވާ މީހަކު ބަލިޖެހޭފަދަ މީހުން ތިބި މާހައުލަކަށް ވަދެއްޖެނަމަ ބަލި ފެތުރިގެންދާނެކަމަށް ބެލެވޭ ހަލުއިމިނެވެ. ގާތް އާރުނޯޓު ބިނާވަނީ އެތަނެއްގައި ތިބި ބަލިޖެހުމުގެ ފުރުސަތު އޮތް މީހުންގެ ނިސްބަތަކަށެވެ.ގާތް އާރުނޯޓުގެ އަދަދު އާއްމު އާރުނޯޓަށްވުރެ ދަށްވާނެއެވެ. އެގޮތަށް ދިމާވަނީ އެތަނެއްގައި ތިބި މީހުންނަކީ ބަލިޖެހުމުގެ ފުރުސަތު ކުޑަ ނުވަތަ ނުޖެހޭނެ (މިސާލު: ބަލީގެ ވެކްސިން ޖަހާފައިވުމާއި ކުރިން ބަލިޖެހިފައި ވުން ފަދަކަންކަން) މީހުން ތިބުމެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތަކަށްވެސް ބެލެއެވެ. ވުމާއެކު ގާތް އާރުނޯޓުއިން އަސްލު ހާލަތާއި ގުޅޭގޮތަށް ކައިރި އަންދާޒާ މިނެއް ގެނެސްދެއެވެ. އަދި މިއަދަދު ދުވަސްވާވަރަކުން ބަދަލުވަމުން ދެއެވެ.

މިސާލަކަށް ހިމަބިހި (މީސުލްސް)ގެ އާރުނޯޓުއަކީ 12-18 އަށެވެ. ނަމަވެސް މިއަދަދު، މީހުން ދިރިއުޅޭ ކައިރިމިނާއި މީހުންގެ އާއްމު އުމުރަށް ބިނާވެއެވެ. އެހެން ބަލިތަކާއި އަޅާކިޔާއިރު ހިމަބިހީގެ އާރުނޯޓު މިހާ މަތިވާ އެއް ސަބަބަކީ އެބަލި ޖައްސާ ވައިރަހުގެ ހުރި ބަލިފެތުރުމުގެ ބާރުމިނެވެ. ނަމަވެސް އިންފުލުއެންޒާ ވައިރަހުގެ ބަލި ފެތުރުމުގެ ބާރު ކުޑަކަމުން އޭގެ އާރު ނޯޓު އަކީ 2-3 އަށެވެ.

އާއްމު ސިއްހަތަށް އާރުނޯޓު މުހިންމުވަނީ ކީއްވެ؟

އާބާދީ ތައުލީމުގެ މާހިރެއްކަމަށްވާ އަލްފްރެޑް ލޮކާ، އުފަންވާ މިންވަރު (އިތުރުވެގެންދާ މިންވަރު) ދެނެގަތުމުގެ ގޮތުން 1920 ވަނަ އަހަރު ތައާރަފުކުރި މިމަފުހޫމު 1950ގެ އަހަރުތަކުގެ ތެރޭގައި މެލޭރިއާ ފެތުރޭ މިންވަރު ބަޔާންކޮށްދިނުމަށް، އާއްމުސިއްހަތުގެ މާހިރެއްކަމުގައިވާ ޖޯޖު މެކްޑޮނަލްޑް ބޭނުންކޮށްފައި ވެއެވެ (ޖޯސެޕް އެއިސެންބާގް، 2020). އޭނާ ބަޔާންކުރި ގޮތުގައި އާރުނޯޓުގެ އަދަދު 1އަށްވުރެ ދަށްނަމަ އެބަލިމަޑުކަމެއް އެތަނަކުން ފިލައިގެން ހިނގައިދާނެއެވެ. އެއީ އެވްރެޖުކޮށް ބަލިޖެހުނު ކޮންމެ މީހެއްގެ ސަބަބުން އެކަކަށްވުރެ މަދު މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނާތީއެވެ. އެކަމަކު އާރުނޯޓުގެ އަދަދު 1އަށްވުރެ މަތިނަމަ އެއީ ބަލި ފެތުރިގެންދާނެ މިންވަރު ކަމަށެވެ.

ބަލިމަޑުކަމެއް ފެތުރިގެންދާ ހިނދު އާއްމު ސިއްހަތުގެ އިދާރާތަކުން މަސައްކަތް ކުރާނީއާރުނޯޓު 1އަށްވުރެ ދަށްކުރުމަށް ގޮތްތަކެއް ހޯދުމަށެވެ. އެކަމަކު ހިމަބިހި ފަދަ އާރުނޯޓު މަތި ބަލިމަޑުކަމެއްގައި އެގޮތުން ވަރަށް ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހެއެވެ. ޚާއްސަކޮށް އިންޑިއާ ޗައިނާ ފަދަ ބައިބޯ ސަރަހައްދުތަކުގައި އާރުނޯޓު މަތިވެގެން ދިޔަނަމަވެސް ދިވެހިރާއްޖެ ފަދަ އެކަހެރި، ކުދި އާބާދީ ތަކުގައި އާރުނޯޓު ދަށްވާނެ ކަމަށް ބެލެވެއެވެ.

ދެހާސް ތިންވަނަ އަހަރު ފެތުރިގެން ދިޔަ ސާސް ބަލިމަޑުކަމުގައި ސައިންސްވެރިން ފުރަތަމަ އަންދާޒާ ކުރި އާއްމު އާރުނޯޓު 2.75އަށް، ފަހުން ކަނޑައެޅި ގާތް އާރުނޯޓު ކުޑަވެގެން (1 އަށް ވުރެ ދަށަށް) ދިޔައީ އެކަމަށް އެޅުނު ހަރުދަނާ އެކަހެރި ކުރުމާއި ކަރަންޓީން ފިޔަވަޅުތަކުގެ ސަބަބުންނެވެ. (ޖޯސެޕް އެއިސެންބާގް، 2020). ބައެއް ޚާއްސަ ޙާލަތްތަކުގައި ގާތް އާރުނޯޓް 1އަށްވުރެ ދަށްވެފައި ވީނަމަވެސް ބަލިމަޑުކަން އިތުރަށް ފެތުރިގެން ދެއެވެ. މިފަދަ ބައެއް ޚާއްސަ ހާލަތްތަކުގައި އެކެއްގެ ފަރާތުން 10 ން 100ން ވެސް މީހުންނަށް ބަލިފެތުރިގެން ގޮސްފައިވާކަން ރެކޯޑުކުރެވިފައި ވެއެވެ (ޖޯސެޕް އެއިސެންބާގް، 2020). އެގޮތުން2003  ވަނަ އަހަރު ކުރިމަތިވި ސާސް ބަލިމަޑުކަންވެސް އާރުނޯޓު 1އަށްވުރެ ދަށްވެފައިވެސް އިތުރަށް ފެތުރެމުން ގޮސްފައިވެއެވެ. މިގޮތަށް ދިމާވާ ހާލަތްތަކަށް ކިޔަނީ ސުޕަރ ސްޕްރެޑިން އެވެ. މިފަދަ ސުޕަރ ސްޕްރެޑިންގެ ހާލަތްތައް ސާސް ބަލިމަޑުކަމުގައި ސިންގަޕޫރާއި ހޮންކޮން އަދި ބޭޖިންއިން ރެކޯޑް ކުރެވިފައިވެއެވެ (ޖޯސެޕް އެއިސެންބާގް، 2020).

ކޮރޯނާވައިރަހުގެ ހާލަތު އާރުނޯޓު (R0) އިން

ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރިގެންދާނެ މިންވަރު އަންދާޒާ ކުރުމަށް، ބަލި ފުރަތަމަ ފެތުރުނު ޗައިނާގެ ހޫބޭއި ޕްރޮވިންސްގައި ޑަބްލިޔުއެޗްއޯ އާއި ޗައިނާގެ އިދާރާތައް ގުޅިގެން ހޯދި ހޯދުންތަކަށްފަހު ނެރުނު ޑަބްލިޔުއެޗްއޯގެ ރިޕޯޓު (2020)ގައި ބަޔާންކޮށްފައިވާ އާރުނޯޓު އަކީ 2-2.5 އެވެ. އެއިން ހާމަކޮށްދެނީ ބަލިޖެހޭ ކޮންމެ މީހެއްގެ ފަރާތުން އިތުރު 2 މީހުން ނުވަތަ 2.5 މީހުންނަށް ބަލިޖެހިދާނެކަމެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ އާރުނޯޓު ބެލިފައިވަނީ ޗައިނާގައި ބަލިން ރައްކާތެރިކަމުގެ ފިޔަވަޅުތައް (ލޮކްޑައުން) އެޅުމުގެ ކުރިން ހުރިމިންވަރެވެ.

ތަފާތު އެހެން ފަރާތްތަކުން ވެސް ކޯވިޑް-19ގެ އާރުނޯޓު އަދަދުއަންދާޒާކޮށް ހާމަކުރަމުންދެއެވެ. އެގޮތުން ލަންޑަން އިމްޕީރިއަލް ކޮލެޖު ގުރޫޕުން ބަޔާންކުރި ކޯވިޑް-19ގެ އާރުނޯޓު ހުރީ 1.5-3.5 އާއި ދެމެދުގައެވެ (ޖޯސެޕް އެއިސެންބާގް، 2020). މިއަދަދުތަކުގައި ތަފާތު ހުންނާނެކަން ގަބޫލުކުރަންޖެހޭ އެތައް ސަބަބުތަކެއް ހުރެއެވެ. އޭގެތެރޭގައި ތަފާތު މާހައުލުތައް ދިރާސާކުރެވިގެން ނެރެވޭ އާރުނޯޓަށްވުން ވެސް ހިމެނެއެވެ.

މެލޭޝިއާ ފުރަބަންދުގެ ހާލަތަށް ގެނައުމުގެ ކުރިން ކަމާބެހޭ ސިއްހީ އިދާރާއިން ހާމަކޮށްފައިވާ އާއްމު އާރުނޯޓު އަކީ 3.55 އެވެ. އަދި ފޭޓަލިޓީ ރޭޓަކީ %1.58 އެވެ. އެގައުމުގެ ފުރަބަންދު އިތުރަށް ދެހަފުތާއަށް ދެމެހެއްޓީ އާރުނޯޓު 0.9އަށް ދަށްކުރުމުގެ އަމާޒާއެކުގައިކަމަށް ޑިރެކްޓާ ޖެނެރަލް އޮފްހެލްތު އޭޕްރީލް 13ގައި (2020) ހާމަކުރައްވަމުންނެވެ.

ކޯވިޑް-19ގެ ފުރަތަމަކޮޅު ބަޔާން ކުރެވޭ އާރުނޯޓުއަކީ އެންމެ ފުރިހަމަ އަދަދަކަށް ނުވެދާނެއެވެ. އެހެންދިމާވާ އެއްސަބަބަކީ ކޯވިޑް-19އަކީ އައު ގޮތަކަށް އުފެދިފައިވާ ކޮރޯނާވައިރަހަކަށްވުމެވެ. އެއާއެކު ފާހަގަކުރަންވީ މިއީ ބަލިމަޑުކަމުގެ ކުރީކޮޅަށް ވުމުން އާރުނޯޓު އަންދާޒާކުރުމަށް ބޭނުންވާ މައުލޫމާތަކީ ބަދަލުވަމުން ދާމައުލޫމާތުތަކެއް ކަމެވެ. މިފަދަ ހާލަތްތަކުގައިވެސް ކަނޑައެޅޭ އާއްމު އާރުނޯޓަކަށް ބަލައިގެން އާއްމު ސިއްހަތުގެ ކަންކަމުގައި މަސައްކަތް ކުރެވެއެވެ. އެއިގެ ސަބަބުން ހާލަތު ރަނގަޅުކުރުމަށް މަގުފަހިވެގެންދެއެވެ. އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޓާގެޓް ކަނޑައަޅައަން މިންގަނޑަކަށް ވެއެވެ.

ކުރީގެ ބައެއް ބަލިމަޑުކަމުގައި މޯޓަލިޓީއާއި އާރުނޯޓު ހުރި ގޮތް

  • ކޯވިޑް-19: މޯޓަލިޓީ %4– އާރުނޯޓު 2-2.5،
  • ސާސް: މޯޓަލިޓީ %9.6– އާރުނޯޓު 3،
  • މާސް:މޯޓަލިޓީ %34–އާރުނޯޓު >1
  • ސްވައިންފުލޫ: މޯޓަލިޓީ %0.02
  • ޑެންގޫ: މޯޓަލިޓީ %2.5
  • ސްމޯލްޕޮކްސް: މޯޓަލިޓީ %33
  • ހަންޓާވައިރަސް:މޯޓަލިޓީ %36
  • އެބޯލާ ވައިރަސް: މޯޓަލިޓީ %50-71


މައުލޫމާތު:އޭން ހާޑިން 2020 ލައިވްސައިންސް، ވޯލްޑޮމީޓާ، 2020، ހިކޮކް ކިމްބާލީ، 2020 ލައިވްސައިންސް، ޑަބްލިޔުއެޗްއޯ 2019

ނޯޓު: މިލިޔުމުގައި ބޭނުންކޮށްފައިވާ ‘އާރުނޯޓު’، ‘އާއްމު އާރުނޯޓު’ އަދި ‘ގާތް އާރުނޯޓު’ އަކީ ދިވެހިބަހުގައި ރަޖިސްޓްރީވެފައިވަ ބަސްތަކެއް ނޫނެވެ. އަޅުގަޑުގެ އަމިއްލަ ވިސްނުމުން ދިވެހިބަހަށް ގެނެސްފައިވާ 3 ބަހެވެ.


މައުލޫމާތު:އޭން ހާޑިން 2020 ލައިވްސައިންސް، ވޯލްޑޮމީޓާ، 2020، ހިކޮކް ކިމްބާލީ، 2020 ލައިވްސައިންސް، ޑަބްލިޔުއެޗްއޯ 2019

ނޯޓު: މިލިޔުމުގައި ބޭނުންކޮށްފައިވާ ‘އާރުނޯޓު’، ‘އާއްމު އާރުނޯޓު’ އަދި ‘ގާތް އާރުނޯޓު’ އަކީ ދިވެހިބަހުގައި ރަޖިސްޓްރީވެފައިވަ ބަސްތަކެއް ނޫނެވެ. އަޅުގަޑުގެ އަމިއްލަ ވިސްނުމުން ދިވެހިބަހަށް ގެނެސްފައިވާ 3 ބަހެވެ.

ހާވާލާދެވުނު:

އެރިކާ ޑިބްލެސި (2020، މާރިޗު 14) އިޓާލިއަން އޯވާ 80 ‘ވިލް ބީ ލެފްޓް ޓު ޑައި’ އޭޒް ދަ ކަންޓްރީ އޮވާވެލްމްޑް ބައި ކުރޯނާ ވައިރަސް. ދަ ޓެލެގްރާފް ޔޫކޭ. https://www.telegraph.co.uk/news/2020/03/14/italians-80-will-left-die-country-overwhelmed-coronavirus/

ވޯލްޑޯމީޓާ (2020). ކްރޮނާ ވައިރަސްގެ ވަބާ. ވެބް ލިންކް. https://www.worldometers.info/coronavirus/#news

މާކޯ ކަސިއްލާ، މައިކަލް ރަޖްނިކް، އާޓޫރޯ ކިއުމޯ، ސްކޮޓް ޑުލެބޮން އަދި ރަފޭލަ ޑި ނަޕޮލި،(2020). ފީޗަރސް، އެވެލުއޭޗަން އެންދް ޓްރީޓްމެންޓް އޮފް ކްރޯނާވައިރަސް (ކޯވިޑް19) ޔޫއެސް ނެޝަނަލް ލައިބްރަރީ އޮފް މެޑިސިން. 20 މާރިޗު 2020.https://www.ncbi.nlm.nih.gov/books/NBK554776/

މިނިސްޓީ އޮފް ހެލްތު (2020، މާރިޗު 7).ދިވެހިރާއްޖޭއިންކޯވިޑް-19 ގެދެމީހުންކޮންފާރމްވުން. ނޫސްބަޔާން. https://covid19.health.gov.mv/wp-content/uploads/2020/03/PressRelease_First-Confirmed-Case_7-March-2020_Dhivehi_Final.pdf

ޓިރެއިލް އާއި ބިނޮއީ (1966). ކަލްޓިވޭޝަން އޮފް ވައިރަސަސް ފްރޮމް އަ ހައިޕްރޮޕޯޝަން އޮފް ޕޭޝަންޓްސް ވިތު ކޯލްޑްސް. ލެންސެޓް، 1، 76-77.

ޖޯސެޕް އެއިސެންބާގް (2020). ހައު ސައިންޓިސްޓްސް ކުއެންޓިފައި އޮފް އޭން އައުޓް ބްރޭކް ލައިކް ކޯވިޑް19. މިޝިގަން ހެލްތުލެބް.

About_Shihab-10