ބެލެނިވެރިން މުދައްރިސުންގެ ދައުރު އަދާކުރުމަށް ތައްޔާރުވުން


MNUBANNERNEWS_ParentTeach-01

 

ކޮރޯނާ ވައިރަސްއެއްގެ ސަބަބުން ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބައްޔަކީ މުޅިދުނިޔެ ހުއްޓުމަކަށް ގެނައި ނުރައްކާތެރި ބައްޔެކެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހަކުން ފެތުރޭ މިބަލީގެ ހަގީގަތް ދެނެގަތުމަށް ސައިންސްވެރިން މަސައްކަތް ކުރަމުންދާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުގައި ތަފާތު ފިޔަވަޅުތައް އަޅަމުންދެއެވެ. މިގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރަމުންދަނީ ޖިސްމާނީ ގައިދުރުކުރުމަށް (ފިޒިކަލް ޑިސްޓެންސިންގ) ކުރެވޭ މަސައްކަތްތަކެވެ. މިއީ ގައިން ގަޔަށް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެކަކު އަނެކަކުގެ މެދުގައި ދުރުކަން ބޭއްވުމަށް ކުރާކަމެކެވެ. މިގޮތުން ބައެއްގައުމުތަކުގައި އާއްމުން ބޭރަށްދިއުން މަނާކޮށް ފުރަބަންދަކަށް ގޮސްފައިވާއިރު ބައެއް ގައުމުތަކުން އާއްމުން އެއްވެ އުޅޭ ތަންތަން ބަންދުކޮށް، މުހިއްމު ޒަރޫރީ ބޭނުންތަކަށް ބޭރަށް ދެވޭނެ ވަކި ވަގުތުތަކެއް ކަނޑައަޅާފައިވެއެވެ.

ދިވެހިރާއްޖޭގައިވެސް ފާއިތުވީ މާރޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަނީ އާއްމު ސިއްހަތުގެކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މި ހާލަތު މި އޭޕްރީލް މަހުގެ ނިޔަލަށް ދެމިގެންދާގޮތަށް އިތުރުކޮށްފައިވާއިރު  ސްކޫލްތަކާ، ކޮލެޖް އަދި ޔުނިވާރސިޓީތަކާ، ޤްރުއާން ކްލާސްތަކާ، ޓިއުޝަން ކްލާސްތަކުގެ އިތުރުން ދަރިވަރުން ހާޒިރުވާ އެކިއެކި ތަންތަން މިވަނީ ބަންދުކޮށްފައެވެ. މިއަހަރުގެ މިޑް-ޓާރމް ބަންދަށްފަހު ސްކޫލުތައް ވަނީ ކުއްލި ހާލަތުގައި ބަންދުކޮށްފައެވެ. މި ދަނޑިވަޅުގައި ވަރަށް ގިނަ ސުވާލުތައް ކުރެވެމުން ދެއެވެ. ދަރިވަރުންގެ ކިޔެވުމަށް ވާނީ ކިހިނެއް ހެއްޔެވެ؟. ސްކޫލް ބަންދު ގިނަ ދުވަހަށް ދެމިގެންދާނަމަ ދަރިވަރުންނަށް ކިޔަވައިދޭނީ ކިހިނެއްތޯއެވެ؟ ދުނިޔޭގެ ގިނަ ގައުމުތައް ފަދައިން ރާއްޖޭގައިވެސް އޮންލައިންކޮށް ކިޔަވައި ދެވިދާނެތޯއެވެ؟ އެހެންކަމަށް ވާނަމަ ގޭގައި ދަރިވަރުން އުނގެނޭއިރު ބެލެނިވެރިން އެހީތެރިވާނީ ކިހިނެއް ހެއްޔެވެ؟

މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ދާދިފަހުން އިއުލާނުކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހުން ފެށިގެންހުރިހާ ގްރޭޑްތަކަށް ޓެލި ކިލާސް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެއެވެ. މިއީ ކުރިން ކިޔަވައި ދެމުންދިޔަ ގްރޭޑް 7ން މަތީގެ ކްލާސްތަކާ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ ޕްރޮގްރާމްތައްވެސް ހިމަނައިގެން ހުރިހާ ގްރޭޑްތަކަށް ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދިނުމަށް ފަށާ ފުރަތަމަ ހަފްތާއެވެ. ޓެލިކިލާސް އަކީ ޓީވީ ޗެނަލްތައް މެދުވެރިކޮށް ކިޔަވައިދިނުމަށް ހިންގާ ކްލާސްތަކެކެވެ. މިއީ ކުރިއަރަމުން މިދާ ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށް ބޭނުންކުރެވޭ ގޮތެކެވެ. އަދި ރާއްޖެފަދަ ގައުމަކަށް މިވަގުތު ބޭނުން ހިފެން އޮތް އެންމެ ފަސޭހަ، ހަރަދު ކުޑަ އެއް ވަސީލަތެވެ. ރާއްޖެ އަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޖަޒީރާ ގައުމަކަށް ވާތީ އިންޓަނެޓްގެ ހިދުމަތަކީ ބައެއް ރަށްރަށުގައި ލިބުން ދަތި ވަސީލަތެކެވެ. އަދި އޮންލައިންކޮށް ކިޔަވައިދޭނަމަ އިންޓަނެޓަށް ކުރަންޖެހޭ ހޭދަވެސް ބޮޑުވުމާއެކު ޓީވީ މެދުވެރިކޮށް ޓެލެކާސްޓްކުރާ ޓެލި ކިލާހަކީ މިވަގުތު ކިޔަވައިދިނުން ކުރިއަށްގެންދެވޭނެ  ގޮތެކެވެ.

މިފަދަ ކްލާސްތަކެއް ރާވާ ކުރިއަށްގެންދާއިރު އެންމެ ބޮޑު މަސްއޫލިއްޔަތެއް އުފުލަންތިބި އެއްބަޔަކީ ބެލެނިވެރިންނެވެ. މުދައްރިސުންނާ ބައްދަލުނުވެ ކިޔެވުން ކުރިއަށްދާއިރު ބެލެނިވެރިންނަކީ ދަރިވަރުންގެ ކިޔެވުމުގައި ވަރަށް މުހިއްމު ފަރާތެކެވެ. ދަރިވަރުންގެ ކިޔެވުން ކުރިއަށްދާގޮތް ބަލައި އެންމެ ކައިރިން އެހީތެރިވާން ތިބޭ އެހީތެރިންނެވެ. ސްކޫލުން ހަމަޖައްސާ ގޮތެއްގެ މަތިން ދަރިވަރުންގެ އުނގެނުން ކުރިއަށް ގެންގޮސް މޮނީޓާރ ކުރާނީ ބެލެނިވެރިންނެވެ. މިއަދު އެންމެހާ ބެލެނިވެރިން މުދައްރިސުންގެ ދައުރު އަދާކުރުމަށް ތައްޔާރުވަމުންދާއިރު ތިރީގައި މިވާ ކަންތައްތަކަށް ސަމާލުވުން މުހިއްމު ކަމުގައި ދެކެމެވެ.

ދަރިވަރުގެ އިހުސާސްތައް ދެނެގަތުން:

ޝައްކެއް ނެތްގޮތުގައި މި އައި ކުއްލި ބަންދާއެކު ދަރިވަރުންނަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެއެވެ. މި ބަންދަކީ ކަލަންޑަރުގައިވާ ޓާރމް ޗުއްޓީއާއި އަހަރީ ޗުއްޓީ އާ ހިލާފަށް ލިބުނު ކުއްލި ބަންދަކަށް ވުމުގެ އިތުރުން މިއީ ގޭބަންދަކަށްވެސް ވުމުންނެވެ. ބޭރަށް ގޮސް ވަގުތު ހޭދަކުރުމުން ދުރުވުމާ އާއިލާ މެންބަރުންނާ އެކުވެރިންނާ ބައްދަލުވެ މަޖާކޮށްލުމުން ވެސް މަހުރޫމުވާ ބަންދަކަށް ވުމުންނެވެ. މިއީ ގޭގައި ތިބެގެން ކިޔެވުން ކުރިއަށްގެންދާ ދުވަސްވަރަކަށް ވެސް ވުމުންނެވެ. އަދިކުރިމަތިވެފައިމިވާ ސިއްހީ ނުރައްކަލުގައި ލިބެމުންދާ އެކިއެކި މައުލޫމާތުތަކާމެދު ފިކުރުކޮށް ހާސްވެ ކަންބޮޑުވުމަކީ ދަރިވަރުންނަށްވެސް ދިމާވެދާނެ ގޮތެކެވެ. އެކަނިވެރިކަމާ މާޔޫސްކަން އިތުރުވުމަކީވެސް ވުން އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް ސްކޫލަށް ނުގޮސް ގޭގައި ހޭދަކުރާ ވަގުތު އެދެވޭ ގޮތުގައި ހޭދަކުރުމަށް ފުރުސަތު ނުލިބޭ ދަރިވަރުންނަށެވެ. މިފަދަ ނުތަނަވަސްކަން އެކި ކުދިންގެ ފަރާތުން ފެންނަނީ އެކި ގޮތަށެވެ. ބައެއް ކުދިން މަޑުމައިތިރިވެ ހިމޭންކަން އިހުތިޔާރު ކުރެއެވެ. ބައެއްކުދިން ކުރިން ނުދައްކާ މިންވަރަށް ވާހަކަ ދައްކައެވެ. ނުވަތަ ރުޅިގަދަވެއެވެ. މިފަދަ ބިހޭވިއަރަލް ޗޭންޖް ނުވަތަ އުޅުމަށް އަންނަ ބަދަލުތައް ދެނެގަނެ އެފަދަކެތްތެރިކަމާ، މަޑުމައިތިރިކަން އިސްކޮށް ހިތްވަރާއެކު ދަރިވަރުންނާ ކުރިމަތިލާންވާނެއެވެ. އޯގާތެރިކަމާއެކު ކަންތައް އޮޅުންފިލުފައި އެހީތެރިވާންވާނެއެވެ. ދަރިވަރުންނަށް ސަމާލުކަންދީ  ރައްކާތެރިކަން އިހުސާސްކޮށްދޭންވާނެއެވެ.

 

ވަކި ތާވަލަކަށް ދުވަސް ބަހާލުން:

ގޭގައި ތިބެން ޖެހިފައިމިވާ ދުވަސްތައް ވަކި ތާވަލަކަށް ތަރުތީބުކޮށްލުމަކީ ވަރަށް މުހިއްމުކަމެކެވެ. ދަރިފުޅު ނިދާ ވަގުތާއި ހޭލާ ގަޑީގެ އިތުރުން ކިޔަވަން ހޭދަކުރާ ވަގުތު ތާވަލުކޮށް ސްކޫލަށް ދާ އާދައިގެ ދުވަހެއްގެ ކުލަޖައްސާލުން މުހިއްމެވެ. ކިޔެވުމަށް ވަކި ގަޑިތަކާއި ތަނެއް ހާއްސަކުރަން ސަމާލުކަން ދޭންޖެހެއެވެ. އަދި ދަރިވަރުން ކުރަންޖެހޭ ކަންތައްތަކާއި އެ ކަންތައްތައް ކުރަންވީ ވަގުތު ކަންޑައެޅުން މުހިއްމެވެ. ދަރިވަރުން ދިރާސީ އަހަރު ފަށާއިރު ގިނަ މުދައްރިސުން ކުރާ އެންމެ މުހިއްމު އެއްކަމަކީ ކްލާސްރޫމް ގަވައިދު ހެދުމެވެ. މިއީ ދަރިވަރުން ޝާމިލުކޮށްގެން މުދައްރިސް ހަދާ ގަވައިދެކެވެ. މިއީ ހުރިހާ ކުދިން މުޅި އަހަރުގައިވެސް އަމަލު ކުރުމަށް ސަމާލުކަން ދޭ ކަންތައްތަކެކެވެ. ބެލެނިވެރިންވެސް ގޭގައި ދަރިވަރުންނަށް ކިޔަވައިދޭން ފަށާއިރު މިފަދަ ގަވައިދުތަކެއް ހެދުން މުހިއްމެވެ. އެއް ގެއެއްގައި އެކި ސްކޫލްތަކަށްދާ، އެކި އުމުރު ފުރައިގެ ދަރިވަރުން އުޅޭކަމުގައިވާނަމަ ދަރިވަރުންނާ މަޝްވަރާކޮށްއެ ސްކޫލެއްގައި އަމަލުކުރާގޮތް ބަލައި އާއްމުކޮށް ބޭނުން ކުރެވޭނެ ކަންތައްތަކެއް އެކުލަވާލުމަކީ ގޭތެރޭގެ އެހެނިހެން ކަންތައްތައްވެސް ތަރުތީބުކޮށްލުމަށް ފަސޭހަވާނެ ކަމެކެވެ. އަދި މިގޮތުން ހަދާ ގަވައިދުތަކަށް އަމަލުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ.

 

ހިތްވަރު ދިނުން:

މުދައްރިސެއްގެ އެއްމެ މުހިއްމު އެއް ސިފައަކީ ދަރިވަރަށް ހިތްވަރުދޭ ފަރާތަކަށްވުމެވެ. ކިޔަވައިދިނުމުގައި މިއީ ވަރަށް މުހިއްމުކަމެކެވެ. ދަރިވަރު ރަނގަޅުކަމެއް ކުރުމުން ނުވަތަ ރަނގަޅަށް މަސައްކަތް ނިންމުމުން ހިއްވަރު ދިނުމަކީ އެ ދަރިވަރު އެކަންތައް ތަކުރާރުކުރުމަށް ލިބޭ ހިއްވަރެކެވެ. އަދި އެންމެ ރަނގަޅަށް ކަމެއް ނިންމާ ނުލެވޭ ފަހަރުގައި ރަނގަޅުކަންތައްތައް ބުނެދީ ހިތްވަރުދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހިއްވަރު ދިނުމުގައި ތަފާތު ގޮތްތައް ބޭނުން ކުރެވެއެވެ. ބުނެލާ ބަހަކުން، އަމަލުން ނުވަތަ ފެންނަން ހުންނަ ފަދަ އެއްޗެއް ދީގެންވެސް ހިތްވަރު ދެވިދާނެއެވެ. މިސާލަކަށް ޓެލިކިލާސް ގަޑީގައި ދަރިފުޅު ކަނުލާ އަޑުއަހަން އިންނަ ނަމަ އެކަން ފާހަގަކޮށް ވަރަށް ރަނގަޅު ކަމަށް ބުނެވިދާނެއެވެ. ނުވަތަ ހަވާލު ކުރާ މަސައްކަތް ފުރިހަމަ ކުރުމުން ފޮތުގައި ތަރިއެއް ނުވަތަ ހިއްވަރު ދިނުމުގެ ބަސްކޮޅެއް ލިޔެވިދާނެއެވެ. މިގޮތުން ބޭނުންކުރާ އިބާރާތްތަކަކީ ނުވަތަ ކަންތައްތަކަކީ ދަރިވަރުންގެ އުމުރާ ގުޅޭ އެކުދިން ގަޔާވާ ކަންތައްތަކަށް ހެދުމަށް ސަމާލުކަން ދޭންވާނެއެވެ.

 

ހެލިފެލިވެ އުޅުމަށް ބާރުއެޅުން:

ސްކޫލުގައި ދަރިވަރު ހޭދަކުރާ ވަގުތު ތަކަކީ އެކި ކަންކަމުގައި ހެލިފެލިވެ އުޅޭވަގުތު ތަކެކެވެ. ކުޅިވަރު ކުޅޭގަޑިއެވެ. ގްރޫޕް މަސައްކަތް  ކުރާވަގުތެވެ. ކްލާހުގައި ލިބޭ ކުދިކުދި ބްރޭކް ގަޑިތަކެވެ. ނުވަތަ ކޮންމެވެސް ކަމެއް ހުށައަޅައިދިނުމުގެ ތެރެއިންނެވެ. އެހެންކަމުން ސްކޫލަށް ދާ ދުވަސްތަކަކީ ދަރިވަރުގެ ހަރަކާތްތެރިކަން އިތުރު ދުވަސްތަކެކެވެ. ބެލެނިވެރިން ގޭގައި ދަރިވަރުންނަށް ކިޔަވައި ދިނުމުގެ ކަންތައްތައް ރާވާއިރު އެ ކުދީންނަށް ހަރަކާތްތެރި ވަގުތުތަކެއް ރޭވުން މުހިއްމެވެ. ކިޔަވާއިރު ކުޑަ ހުސްވަގުތުކޮޅެއް ދިނުމާއި ދުވާލުގެ ކޮންމެވެސް އެއް ވަގުތެއްގައި ކަސްރަތުލިބޭފަދަ ހަރަކާތެއް ކުރިއަށް ގެންދިއުން މުހިއްމެވެ. އަދި އެފަދަ ވަގުތަކީ ދަރިވަރުންނަށް މަޖާ ވަގުތަކަށް ހެދުމަކީ އެކުދިން ކިޔެވުމާ އެހެން ކަންކަމަށް ދޭ ސަމާލުކަން އިތުރުވާނެކަމެކެވެ.

 

ދަރިވަރާ މުއާމަލާތުކުރުން:

މައިންބަފައިން ނުވަތަ ބެލެނިވެރިންނަކީ އާއްމުގޮތެއްގައިވެސް ކޮންމެ ދުވަހަކު ދަރިވަރާ ބައްދަލުވެ މުއާމަލާތުކުރާ ބައެކެވެ. މުދައްރިސުންނަކީވެސް އެއިރެއްގައި މުޖުތަމައުގައި ހިނގާ ކަންތައްތަކުގެ ވާހަކަތައް ދަރިވަރުންގެ ފެންވަރުގައި އެކުދިންނާ ހިއްސާ ކުރާ ބައެކެވެ. މިދުވަސްވަރު ބެލެނިވެރިންވެސް މުޖުތަމައުގައި ހިނގަމުންދާ އެކި ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުން މުހިއްމެވެ. ލޯތްބާ ކުލުނާއެކު ހިއްސާކުރެވޭ ވާހަކަތަކުން އިތުބާރާ ޔަގީންކަން ލިބި ގުޅުން ބަދަހިވެއެވެ. މިއީވެސް އުނގެނުމާއި އުނގަންނައިދިނުމުގެ ތެރޭގައި ހިނގާ މުހިއްމު ކަމެކެވެ. މީގެ އިތުރުން ދަރިވަރުންގެ ކިޔެވުމާ މެދު ވާހަކަދެއްކުމާ، އުނގެނި ދަސްކުރާ ގޮތްތަކާމެދު މަޝްވަރާކުރުމާ، ދަރިވަރުންގެ އެކުވެރިންނާ ބެހޭގޮތުން ވާހަކަ އޮޅުންފިލުވައި ދަރިންނާ އޮންނަ ގުޅުން ބަދަހި ކުރުމަކީ މިދުވަސްވަރު ކުރެވިދާނެ މުހިއްމު ކަމެކެވެ.

 

އިޖުތިމާއީ ގުޅުން ބަދަހި ކުރުން:

ދަރިވަރުންނަކީ ވަރަށް ފުޅާ އިޖުތިމާއީ ބުރެއްގެ ހިއްސާއެކެވެ.  ކޮންމެ ދުވަހަކު އެތައް ބަޔަކާ ބައްދަލުވާ ޝައުގުވެރިކަމާ ހަކަތައިން ފުރިގެންވާ ބައެކެވެ. ސްކޫލުގެ އިސްވެރިންނާ، މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންނާ ކޮންމެ ދުވަހަކު ބައްދަލުވާ އެފަރާތްތަކުގެވެސް އުއްމީދީ ހުޅުކޮޅުތަކެވެ. ވަރަށް ގިނަ ރަހުމަތްތެރިންނާ ދަންނަ ކުދިންތަކެއް ހިމެނޭ އެތަށް ޓީމެއްގެ ލީޑަރުންތަކެކެވެ. އެހެން ކަމުން ގޭގައި ތިބޭ މި ދުވަސްވަރު އިޖުތިމާއީ ގުޅުން މެދު ނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. ހާއްސަކޮށް ގޭގައި އިތުރު ބަޔަކު ދިރިނޫޅޭ ކުޑަ އާއިލާއެއްނަމަ ދަރިވަރުންނަށް މިދުވަސްވަރު ލިބޭ އެކަނިވެރިކަން ފިލުވަލުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. މިގޮތުން މުދައްރިސާއި ދަރިވަރު ފޯނުން ގުޅައިގެން ވާހަކަ ދައްކާލަން ފުރުސަތު ހޯދައިދެވިދާނެއެވެ. އަދި އެންމެ ގާތްކޮށް އުޅޭ އެކުވެރިންނާ ވީޑިއޯ ކޯލެއް ކުރުމަށް އެހެން ބެލެނިވެރިންގެ އެހީ ހޯދިދާނެއެވެ. އަދުގެ ޓެކްނޮލޮޖީގެ އެހީގައި ގިނަ ކުދިންތަކެއް އެއްފަހަރާ ވީޑިއޯ ކޯލެއްގެ ޒަރީއާއިން ގުޅުވާލެވިދާނެއެވެ. މިދަފަ ކަންކަމަކީ އެކުދިންގެ ކިޔެވުމަށް އެދެވޭ ބަދަލެއް ގެނުވާނެކަމެކެވެ. އަދި ނަފުސާނީ ދުޅަހެޔޮކަމަށްވެސް ލިބޭ އެހީއެކެވެ.

 

އަމިއްލަ ކަންތައްތައް މެނޭޖުކުރުން:                                                       

ގިނަ ބެލެނިވެރިންނަކީ ވަރަށް ބުރަކޮށް އުޅޭބައެކެވެ. އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން، ގޭތެރޭގެ ހުރިހާ ކަމެއް ބަލަހައްޓަމުން، ދަރިންގެ ކަންތައްތައް ހަމަޖައްސަމުން، އާއިލާ އަދި އެކުވެރިންނަށް ވަގުތު ދޭ ބައެކެވެ. އެހެންކަމުން ގޭގައި މުދައްރިސެއްގެ ރޯލު އަދާކުރުމަކީ އިތުރު މަސައްކަތެއް ތާވަލުކުރުންކަން ޔަގީނެވެ. ވީމާ ވީހާވެސް ލުއި ގޮތަކަށް ކަންތައްތައް ރާވާލުން މުހިއްމެވެ. މިގޮތުން ބެލެނިވެރިޔާގެ މަސައްކަތްތަކާ ދަރިވަރުން މަސައްކަތްކުރަން ރާވާގަޑިތައް ފުށުނާރާނެހެން ރޭވުމާއި ދަރިވަރުން އެކަނި މަސައްކަތް ކުރާ ވަގުތުތައް ބެލެނިވެރިން ވަކިން ކުރަން ޖެހޭ މަސައްކަތްތަކަށް ހާއްސަ ކުރެވިދާނެއެވެ. އަދި އާއިލާގެ އެހެންމީހުންނާ ދަރިވަރުންނާއި ބެލެނިވެރިޔާ ވަގުތު ހޭދަކުރާނެގޮތް ކުރިއަށް ރާވާލެވިދާނެއެވެ.

 

ކިޔަވައިދޭ ފިލާވަޅުތަކަށް ތައްޔާރުވުން:

ކިޔަވައި ދިނުމަކީ ބައެއް ބެލެނިވެރިންނަށް އާކަމަކަށް ވެދާނެއެވެ. ބައެއް ބެލެނިވެރިންނަކީ މިކަމަށް މުޅިން އާ، އަދި ދަރިވަރުން ކިޔަވާ ކަރިކިއުލަމާއި އެކިއެކި މާއްދާތަކަށްވެސް އާ ބައެކެވެ. އެހެންކަމުން ގޭގައި ކިޔަވައިދިނުމަކީ ގޮންޖެހުމަކަށް ވެދާނެއެވެ. ޔަގީނުންވެސް ކިޔަވައިދިނުމަކީ ބުރަ މަސްއޫލިއްޔަތެކެވެ. މި މަސައްކަތުގައި އެންމެ މުހިއްމު ކަމަކީ ފިލާވަޅަށް އަހުލުވެރިވުމެވެ. ފިލާވަޅާ ބެހޭގޮތުން ދިރާސާކޮށް އަމިއްލައަށް ވެސް އުނގެނުމެވެ. ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ތައްޔާރުވުމެވެ. މިކަމުގައި އުނދަގޫވާނަމަ އެ ދަރިވަރުންގެ މުދައްރިސުންނާ މަޝްވަރާކޮށްލުން މުހިއްމެވެ. އަދި ގޭތެރޭގައި އެހީތެރިވެވޭނެ ފަރާތެއް އުޅޭނަމަ އެފަދަ ފަރާތެއްގެ އެހީތެރިކަން ހޯދިދާނެއެވެ. ނުވަތަ އިންޓަނެޓް ފަދަ ވަސީލަތް މެދުވެރިކޮށް އިތުރު މައުލޫމާތު ހޯދިދާނެއެވެ. ފިލާވަޅާބެހޭގޮތުން ދަރިވަރުން ކުރާ ސުވާލަކަށްވަގުތުން ޖަވާބުދެވެން ނެތްނަމަ އެކަން ފާހަގަކޮށްލައި ފަހުން އެ މައުލޫމާތު ހޯދުމަށްފަހު ޖަވާބުދިނުމަކީ ބައެއްފަހަރު ތަޖުރިބާކާރު މުދައްރިސުންވެސް ކޮށްއުޅޭ ކަމެކެވެ.

 

ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރަށް ޚާއްޞަ ސަމާލުކަމެއް ދިނުން:

ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަކީ އެދަރިވަރުންގެ އާއްމު ދިރިއުޅުމުގެ ކަންތައްތައް ކޮށްދިނުމާ ވަރަށް ތަފާތު ކަމެކެވެ. މި ދަރިވަރުންނަށް ކިޔަވައި ދެނީ އެކަމަށް ޚާއްޞަ ތަމްރީނު ހަދާފައިވާ މުދައްރިސުންނެވެ. މިފަދަ ކުއްޖަކަށް ކިޔަވައިދިނުމުގައި އަމަލުކުރާ އުސޫލުތަކާ ކަންތައްތައް ކުރާގޮތް މުދައްރިސުންގެ އެހީގައި އޮޅުންފިލުވުން މުހިއްމެވެ. އަދި ވަކިވަކި ދަރިވަރުންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ޚާއްޞަ ސަލާކަމެއް ދޭންޖެހެއެވެ. އަދި ކޮންމެ ދުވަހަކު ކުރަން ކަނޑައެޅިފައިވާ ޙަރަކާތްތަކާ މަސައްކަތްތައް ގަވާއިދުން ކުރުވައި މުދައްރިސުންގެ އިރުޝާދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިސްކަން ދޭންޖެހެއެވެ.

ބެލެނިވެރިން މުދައްރިސުންގެ ދައުރު އަދާކުރުމަށް ތައްޔާރުވަމުން ދާއިރު ދަންނަންވީ ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެއްކަމެވެ. އެކި ދަރިވަރުންގެ ތޫނުފިލިކަމާ، ސަމާލުކަން ދެވޭ މިންވަރާ، މަސައްކަތް ކުރާ ގޮތް ތަފާތުކަމެވެ. މިޒާޖާ ކަންކަމާމެދު ދެކޭގޮތާ އެނގޭ މިންވަރުވެސް ތަފާތުކަމެވެ. ޓެލިކިލާސް ފަދަ ދުރުންދޭ ތައުލީމުގެ ނިޒާމަކަށް ދަރިވަރު އައު ކަމެވެ. ގޭތެރޭގައި އުޅޭ އެހެން ދަރިވަރުންގެ އަމަލު ހުންނަ ގޮތަށް އަމަލުތައް ނުހުރެދާނެކަމެވެ. އެއްދަރިވަރަކު ފަސޭހައި ދަސްކުރާއިރު އަނެއް ދަރިވަރަކަށް އިތުރު އެހީތެރިކަމާ ވަގުތު ބޭނުންވުމަކީ މާޔޫސްވާންވީ ކަމެއް ނޫނެވެ. ސަމާލުކަން ދޭންވީ ސްކޫލުން ދޭ އިރުޝާދުތަކާ އެއްގޮތަށް މިދުވަސްވަރު ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. ދަރިވަރުންގެ އިހުސާސްތައް ދެނެގެނެ އުނގެނުމުގައި އެހީތެރިވުމަށެވެ. ދުވަހުގެ ހަރަކާތްތައް ވަކި އުސޫލަކުން ތަރުތީބުކުރެވި، ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް މަގުފަހި ކޮށްދިނުމެވެ. ކޮންމެ ބެލެނިވެރިޔަކީވެސް ދަރިވަރުންގެ އުނގެނުމުގައި ފުރިހަމައަށް ބައިވެރިވާ ފަރާތަކަށްވުމެވެ.


About_Shoozan-06