އޮންލައިން އުނގެނުން ފެސިލިޓޭޝަން – މުދައްރިސްގެ ރޯލު


MNUBANNERNEWS_OnlineStudy-01

 

ކޮރޯނާ ވައިރަސް މިއަދު މިވަނީ  މުޅިދުނިޔެ ސިއްސުވާލާ  ބޮޑުހާސްކަމެއްގެތެރެއަށް ވައްޓާލާފައެވެ. މިވައިރަހުގެ ސަބަބުން ލޮޅުންއަރާފައިމިވަނީ ހަމައެކަނިސިއްޙީނިޒާމަށް އެކަންޏެއްނޫނެވެ. މީގެސަބަބުން ދުނިޔޭގެ އިޤްތިސާދީ އަދިއިޖްތިމާއީ ނިޒާމް އަށްވެސް މިވަނީ ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިއަދު މިވަނީ ދުނިޔެމިހާތަނަށް ތަޖުރިބާ ކުރަންޖެހުނު އެންމެ ބޮޑު ‘ޑިސްރަޕްޝަން’ އާ ކުރިމަތިލާން ޖެހިފައެވެ. ވައިރަސް އިން ސަލާމަތްވުމަށްޓަކައި އަޅަން ޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅަކީ ޖިސްމާނީ އެކަހެރިކަން ގާއިމްކުރުން ކަމަށް، ސިއްޙީ ދާއިރާގެ މާހިރުންނާ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ޑަބްލިޔު. އެޗް. އޯ. އިން ލަފާދިނުމާއެކީ، މިއަދު މިވަނީ ގިނަމީހުން އެއްވެ އުޅޭ ތަންތަން ބަންދުކުރަން ޖެހިފައެވެ . ނަތީޖާއެއްގެ ގޮތުން މިވައިރަހުގެ އަސަރުކުރި ދުނިޔޭގެ ގިނަ ގައުމުތަކުގައި އެންމެ ފުރަތަމަ ބަންދުކުރަންނިންމި ތަންތަނުގެ ތެރޭގައި މަތީތަޢުލީމް ފޯރުކޮށްދޭ ތަންތަން ހިމެނިގެން ދިޔައެވެ. އެހެންކަމުން މި ދިމާވި ކުއްލި ސިއްހީ ނުރައްކަލުގެ ބޮޑު ތޫފާނުގެ އަސަރުދަނީ މަތީތައުލީމް ފޯރުކޮށްދޭ ތަންތަނަށް ވެސް ކުރަމުންނެވެ. މިއަދު މިވަނީ ކުރު މުއްދަތެއްގެ ތެރޭގައި  މަތީތަޢުލީމ ްއުނގެނުމާއި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ބޮޑެތިބަދަލުތަކެއް ގެންނަންޖެހި ތަފާތުވިސްނުމަކަށް ދާންޖެހިފައެވެ.. މި ދަނޑިވަޅުގައި މިފަދަ ހާލަތަކަށް ތައްޔާރުވެފައިވާ ޔުނިވަރސިޓިތަކާއި ކޮލެޖްތަކުން އޮންލައިންކޮށް ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދާން ނިންމިއެވެ. މިގޮތުން ކޮރޯނާ ވައިރަހާ އެންމެ ފުރަތަމަ ކުރިމަތިލާން ޖެހުނު ގައުމަކީ ޗައިނާއެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކަށް ނިސްބަތްވާ  ޔުނިވަރސިޓީގެ ދަރިވަރުންގެ ތެރެއިން ގިނައަދަދެއްގެ ދަރިވަރުންނަކީ ޗައިނާއަށް ނިސްބަތްވާ ދަރިވަރުންކަމަށްވާތީއާއި އަދި މިހާލަތުގައި ކިޔެވުން މެދުކަނޑާލުމަކީ ދުރަށްވިސްނާލާއިރު އޮތް ހައްލެއްނޫންކަމަށް ދެކިގެން ދަރިވަރުންނަށް ފިލާވަޅުތަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ނިންމައި އޮންލައިން މަންސަތައް ބޭނުންކޮށްގެން މަތީ ތައުލީމް ފޯރުކޮށްދޭން ފެށުނެވެ. ސިންގަޕޫރާއި ދެކުނު ކޮރެއާގެ ޔުނިވާރސިޓީތަކުންވެސް ކަންތައް ކުރަން ފެށީ މިފަދައިންނެވެ. އަދިކޮރޯނާ ވައިރަހާ ކުރިމަތިލާންޖެހުމުން ޔޫރަޕް އަދި އެމެރިކާގެ ޔުނިވަރސިޓީތަކުންވެސް ކަންތައްކުރަމުންގެންދަނީ މިފަދައިންނެވެ. ގަދީމީ ފަލްސަފާގެ މައްޗަށް ބިނާކޮށް އުނގަންނައިދިނުން ބައްޓަންކޮށްގެން ކުރިއަށްގެންދާ ޔުނިވަރސިޓީތަކަށް މި ހާލަތާއެކު ކުރިމަތިކުރުވީ އަދި ކުރުވަމުން ދަނީ ބޮޑެތި ގޮންޖެހުންތަކަކެވެ.  އޮންލައިންކޮށް އުނގެނޭ މޯޑު ބޭނުން ކުރުން ނޫން އެހެން ގޮތެއް ނެތުމުން ގިނަ ޔުނިވާރސިޓީތަކުން ދުވަސްކޮޅަކަށް ނަމަވެސްގަދީމީ ނިޒާމް އެއްފަރާތަކަށް ޖައްސާލުމަށްފަހު ‘ ރެޕިޑް އޮންލައިން ޓީޗިން އެޑޮޕްޝަން’ މޮޑެލް އެއްގެ ތެރެއިން އުނގެނުމާއި އުނގަންނައިދިނުމުގެ ހަރަކާތްތައް ރާވާއި ކުރިއަށް ގެންދަން ނިންމާ އަދި އެގޮތަށް ތަންފީޒް ކުރަންފަށާފައިވެއެވެ.  މިއަދުމިވަނީ މިފަދަ ޔުނިވަރސިޓީތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ޓެކޮނޮލޯޖީގެ ބީރައްޓެހި އާލާތްތަކާ އަދި “އޮންލައިން ލާރިނިންގ ޕެޑަގޮޖީ’ އަށް އަހުލުވެރިވާންޖެހި ، އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ‘ފްލީ އޮންލައިން’ (އެސިންކްރޮނަސް) އަދި ‘ބްލެންޑެޑް’ ( އެސިންކްރޮނަސް އަދި ސިންކްރޮނަސް ފިލާވަޅު ހިމެނޭ) މޮޑެލް ބޭނުންކޮށްގެން ފިލާވަޅުތަށް ކުރިއަށްގެންދަން ޖެހިފައެވެ. މިލިޔުމުގައި ބޮޑަށް އަލި އަޅުވައިލާނީ މިފަދަ މާހައުލެއްގައި އޮންލައިންކޮށް އުނގެނުން ފެސިލިޓޭޓެކޮށްދެއްވާ ބޭފުޅެއްގެރޯލަށެވެ.

ދަރިވަރުންނާއި މުދައްރިސް ކަނޑައެޅިފައިވާ ވަކި އެއްތަނަކަށް ޙާޒިރުވެ ތިބެ ވަކިވަގުތެއްގައި އުނގެނޭ އުނގެނުމާއި އޮންލައިންކޮށް އުނގެނުމުގެ ވެސް މަޤުޞަދަކީ ހަމަ އެއް މަޤުޞަދެކެވެ. މި ދެ މާހައުލުގައިވެސް ކިޔެވުން  ރާވައި ތަރުތީބުކުރެވިފައި ހުންނަންޖެހޭނީ ދަރިވަރުއުނގެނުމުގައި ޝާމިލްކުރުމާއި ދަރިވަރާއި މުދައްރިސްގެ މެދުގައި ހިނގާ އުނގެނުމަށް މަގުފަހިވާ ތަފާތު ‘އިންޓަރެކްޝަންސް’ ގެ މައްޗަށް ބިނާކޮށްފައެވެ. އޮންލައިންކޮށް އުނގެނުމާއި އުނގަންނައިދިނުން ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދެވޭނީ މިކަމުގައި އުޅުއްވާ މުދައްރިސުން މިފަދަ މާހައުލެއްގައި އުނގަންނައިދިނުމަށް ތަމްރީންވެފައިވާމިންވަރެއްގެ މައްޗަށެވެ. ބާރޖް،(1995)  ހާމަކުރައްވާގޮތުގައި  މިފަދަ މާހައުލެއްގައި ކިޔަވައިދޭއިރު މުދައްރިސް ތަފާތު ހަތަރު  ރޯލަކަށް ވަރަށްބޮޑަށް ތައްޔަރުވާންޖެހެއެވެ. އެއީ،(1) އުނގަންނައިދިނުން ފަރުމާކުރުމުގެ ރޯލް (ޕެޑަގޮޖިކަލްރޯލް)، (2) ސޯޝަލް ރޯލް،(3) މެނޭޖީރިއަލް ރޯލް އަދި (4) ޓެކްނިކަލް ރޯލް އެވެ. އޮންލައިން ކްލާސް ކާމިޔާބުކަމާއެކީ ކުރިއަށް ގެންދެވެނީ މި ހަތަރު ރޯލު ފުރިހަމަ އަށް އަދާ ކުރަން މުދައްރިސަށް އެނގޭނަމައެވެ. ބާރޖް ހުށަހަޅުއްޅާފައިވާ ފުރަތަމަރޯލްކަމަށްވާ އުނގަންނައިދިނުން ފަރުމާކުރުމުގެ ރޯލްގެ ތެރެއިން މުދައްރިސް ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭނެނީ؛ ކޯހުގެ މަގްސަދާ ގުޅޭގޮތަށް އަދި ދަރިވަރުންނަށް ފުންކޮށް ވިސްނަން ފުރުސަތު ހުޅުވާލެވޭ ފަދަ ސުވާލު ފަރުމާކުރުމާއި، ދަރިވަރުގެ އާންމު ދިރިއުޅުމާ ގުޅުވާލެވޭ އަދި ކޯހުގެ/ކުލާހުގެ އެހެން ދަރިވަރުންނަށްވެސް ވަކިވަކި ދަރިވަރުން މަޝްވަރާ އޮޅީ(ޑިސްކަޝަން ފޯރަމް) ގައި ލިޔާ ޕޯސްޓްތަކަށް ރައްދުދެވޭފަދަ ސުވާލުފަރުމާކުރުމާއި، ބަހުސް ނުވަތަ މަޝްވަރާއަށް ހުޅުވާލެވިގެން ކުރިއަށްގެންދެވޭ ހަރަކާތްތަކުގައި މުދައްރިސްގެ ބައިވެރިވުން ހިމެނޭނެ މިންވަރާއި އަދި ބައިވެރި ވުމުން ދަރިވަރުންނަށް ހާސިލްވާނެ ފައިދާތަކަކީ ނުވަތަ ދިމާވެދާނެ ހުރަސް ތަކަކީ ކޮބައިތޯ ވިސްނައި ކުރިއަށް ގެންދާނެ ގޮތް ދުރާލައި ކަނޑަ އެޅުމާއި، އޮންލައިންކޮށް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ނުވަތަ ރާވާފައިވާ އުނގެނުމާ އުނގަންނައިދިނުމުގެ ހަރަކާތްތަކާ އެސެސްމެންޓް އިސްތިރާޖީތަކަކީ ކޯހުގައި/ފިލާވަޅުގައި ކަނޑަ އަޅާފައިވާ އެސެސްޓްމަންޓް ގޯލްތަކާ ގުޅުވާލެވިފައިވާ ހަރަކާތްތަކަށްވުން ހިމެނެއެވެ.

އޮންލައިންކޮށް ކިޔަވައިދިނުމާއި ގުޅޭގޮތުން ލިޔެފައިވާ ޢިލްމީ ގިނަލިޔުންތަކަށް ބަލާއިރު އެންމެބޮޑު ސަމާލުކަމެއްދޭ މުހިންމު އެއް އަސާސް ނުވަތަ ޕްރިންސިޕްލް އަކީ ‘ސްޓޫޑެންޓް އެންގޭޖްމަންޓް’ ނުވަތަ ދަރިވަރުން ޝާމިލް ކުރުވުމެއެވެ( މޭޔަރ، 2014 ، ވެންކަލް، އާއި ބްލެސިންޖަރ، 2012، އެވަރެޓ، 2015 ). މިއީ އުނގެނުމާއި އުނގަންނައިދިނުމުގައި އާ މަފްހޫމްއަކަށްނުވިނަމަވެސްއޮންލައިންކޮށް ކިޔަވައިދިނުމުގައި ބެނުންކުރާއިރު، މި މަފްހޫމްގެ އަމާޒަކީ، ދަރިވަރުން ކުރިޔަށްގެންދާ ކިޔެވުމާއި ގުޅޭ ހަރަކާތްތަކެވެ(ޓައިލަރ، 1995). ދަރިވަރުންގެ ކުރިއެރުމާއި ތައުލީމީ ކާމިޔާބީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްގެ ގޮތުގައި މިކަން ވަނީ ފާހަގަ ކުރެވިފައެވެ (މޭހިއ،އ.އ.ފ2016). ސްޓޫޑެންޓް އެންގޭޖްމަންޓަށް އަމާޒްކޮށްގެން ފަރުމާ ކުރެވޭ ކިޔެވުމަށް ‘ސްޓޫޑެންޓް ސެންޓަރޑް ލާރނިންގ’ އޭވެސް ކިޔައެވެ. އަދި މީ ދަރިވަރުންނަށް ވަރަށްގިނަ ފައިދާތަކެއްކުރާ އުނގެނުމާ އުނގަންނައިދިނުމުގެ ވައްޓަފާޅިއެއް ކަމަށް ދިރާސީ ހެކިތަކުން ވަނީ ސާބިތުވެފައެވެ (ޑާރސިހް، 2018، ޝްރއަސް.ޖޭ އަދި ޑަމްބްރަވިއަނޫ .އާރް, 2014).  އޮންލައިންކޮށް އުނގެނުމާ އުނގަންނައިދިނުމުގައި ސްޓޫޑެންޓް އެންގޭޖްމަންޓް އެހައި މުހިންމުވަނީ، މި މޯޑުގައި ކިޔަވައިދިނުމަށް ފަރުމާ ކުރެވިފައި ހުންނަ ފެންވަރު ރަނގަޅު ކޯސްތައް ފަރުމާ ކުރެވިފައި ހުންނަނީ ދަރިވަރުންނަށް އަމާޒްކޮށް، ދަރިވަރުން ކުރާ މަސައްކަތާ ގުޅުވާފައި ކަމަށްވާތީއެވެ (މެކޮނމްބްސް، 2015). ކުރީ ޒަމާނުގެ ގަދީމީ ކުލާސްތަކުގައި ބޭނުންކުރާ، މުދައްރިސްގެ ހަރަކާތްތަކަށް  އަމާޒް ކުރެވިފައި ހުންނަގޮތަށް ފަރުމާ ކުރެވިފައި ހުންނަ ކޯސްތައް އޮންލައިން އުނގެނުމަށް ފިޓްނުވަނީ ދަރިވަރުގެ ހަރަކާތްތަކަށްވުރެ މުދައްރިސުގެ ހަރަކާތްތަކަށް އަމާޒްކުރެވިފައިވާތީއެވެ. އޮންލައިން ކޯސްތަކުގައި، ކޯސްފެށޭއިރު ދަރިވަރު ކިޔަވަން ބޭނުންވާނެ ހުރިހާ މައުލޫމާތު (ކޮންޓެންޓް) ފޯރުކޮށްދޭ ވަސީލަތްތަކެއް (ކިޔުން، ވީޑިއޯ، ވެބް ލިންކް، އަދި އެހެނިހެން ވަސީލަތްތައް) ހުންނަނީ ދަރިވަރާ ހިއްސާކުރެވިފައެވެ. މި ވަސީލަތްތަކާ އަދި ދެވިފައިވާ އިރުޝާދު ބޭނުންކޮށްގެން ދަރިވަރުން ފިލާވަޅު މުތާލިއާކުރާނީ އަމިއްލައަށް އަމިއްލަވަގުތުގައެވެ. މިގޮތަށް ކިޔަވާކިޔެވުމަށް ކިޔަނީ ‘ސެލެފް ޑައިރެކްޓެޑް ލާރނިންގ’ އެވެ. މުދައްރިސްގެ ރޯލަކީ ދެވިފައިވާ ވަސީލަތްތައްބޭނުންކުރުމަށް މަގުފަހިވާނެ އުނގަންނައިދިނުމުގެ އުކުޅުތައް ބޭނުން ކުރުމެވެ. މިކަންތައްތައް ހާސިލް ކުރުމަށްޓަކާ ތިންވައްތަރެއްގެ ‘އިންޓަރެކްޝަން'(މުދައްރިސް- ދަރިވަރު، ދަރިވަރު- ކޮންޓެންޓް އަދި ދަރިވަރު- ދަރިވަރުން) އަށް ފޯކަސްކޮށްގެން ފިލާވަޅުތައް ކުރިއަށް ގެންދެވިދާނެއެވެ(މުއަރ، 1989).

އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދާއިރު އޮންލައިންކޮށް ކިޔަވައިދޭ މަންސަތަކުގައި ބޭނުންކުރެވޭ އެންމެ މުހިންމުއެއް އާލާތަކީ ކުރީގައިވެސް ބަޔާން ކުރެވުނު ފަދައިން މަޝްވަރާ އޮޅި ތަކެވެ. މި ފަދަ އޮޅި ތަކުގައި މަޝްވަރާ ކުރެވޭ ސުވާލުތައް ހުންނަންވާނީ ވަކި ކަހަލަ ގޮތަކަށް ފަރުމާކުރެވިފައެވެ. އެމެރިކާގެ ޔުނިވަރސިޓީ އޮފް ސެންޓްރަލް ފްލޮރިޑާއަކީ ބްލެންޑެޑް ލާރނިންގއާ ގުޅޭ ވަރަށް ގިނަ ރިސޯރސް ތައްޔާރުކުރައްވަމުން ގެންދާ ޔުނިވަރސިޓިއެކެވެ. މި ޔުނިވަރސިޓީގެ މާހިރުން ދެކޭ ގޮތުގައި މިމޯޑުގައި ބަހުސްކުރުވުމާއި އަދި  މަޝްވަރާކުރުވުމުގެ މަގްސަދުގައިފަރުމާކުރެވޭ ސުވާލުތައްފަރުމާކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކެއްވެއެވެ. އޮންލައިންކިޔެވުމުގައި ސަމާލުކަން ދޭން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ އުނގެނުމަށް މަގުފަހި ކޮށްދިނުމާއި “ލާރނިން ކޮމިއުނިޓި” ގާއިމް ކޮށް ދިނުމެވެ. އެހެންކަމުން ރަނގަޅު ސުވާލުތައް ފަރުމާކުރުމަކީ ވަރަށްމުހިންމުކަމެކެވެ. އެލައިން ބެނިންގޓަން،-ޑައިރެކްޓަރ އޮފް އިންސްޓްރަކްޝަނަލް ޓެކޮނޮލޮޖީ، ޑިސްޓެންސް އެޑިއުކޭޝަން އަދި، އެޑްޖަންކްޓް ފެކަލްޓީ ޑިވެލޮޕްމަންޓް އައިވީ ޓެކް ކޮމިއުނިޓީ ކޮލެޖް އޮފް އިންޑިއާނާ- ވިދާޅުވާ ގޮތުގައި ކޯސްފެށުމުގެ ކުރިން، ނޫނީ އޮންލައިން ފިލާވަޅު ދަރިވަރުންނާ ހިއްސާކުރުމުގެ ކުރިން މަޝްވަރާ ކުރެވޭ ނުވަތަ ބަހުސް ކުރެވޭ ސުވާލުގެ މަޤްޞަދު ރަނގަޅަށް އެނގުން، އަދި ކޯހުގެ ލާރނިން އައުޓްކަމްސްއާ ގުޅިފައިވޭތޯއާއި، އެސުވާލުން ކިހާ ވަރަކަށްތޯ ދަރިވަރުންންނަށް ފިލާވާޅާ މެދު ފުންކޮށް ވިސްނަން ފުރުސަތު ދެނީ މީ ކޮންމެހެންވެސް ވިސްނާ ކަނޑައެޅިފައި ހުންނަންވާނެ ކަންކަމެވެ. މިފަދަ ސުވާލެއް ފަރުމާ ކުރާއިރު، އަންނަނިވި މުހިންމު ދެސުވާލު ކޮށްލަންޖެހޭ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ. އެއީ، (1) ދަރިވަރުންނަށް މިސުވާލުގެ ސަބަބުން ހާސިލްވެގެންދާނީ ނުވަތަ ކުރެވޭނީ ކޮންކޮން ކަންކަންތަކެއްތޯ؟، (2) ދަރިވަރަށް މިފިލާވަޅުން ހާސިލްކުރަންޖެހޭ އިލްމީ މައުލޫމާތު ނުވަތަ ހުނަރު ހާސިލްކޮށްދޭން ބޭނުންކުރެވިދާނެ ތަފާތު ގޮތްތަކަކީ ކޮބާތޯ؟ މިފަދަ ގޮތަކަށް ކަންތައްތައް ކުރުމުން ދަރިވަރުންނާ ކުރަން އެންމެ ރަނަގަޅު ސުވާލުތައް ފަރުމާކުރަން ފަސޭހަވެގެންދާނެއެވެ.

މީގެއިތުރުން ސުވާލުތައްފަރުމާކުރުމުގައި’ ބްލޫމްސް ޓެކްސޮނޮމީ’ގެ ތަފާތުލެވެލްގެ ސުވާލު ހިމެނުންމީ ވަރަށް މުހިންމުކަމެކެވެ. އަދި ކޯސް ކުރިއަށްދާއިރު، ފުރަތަމަ މިޓެކްސޮނޮމީގެދަށް ލެވެލްގެ ސުވާލުކުރުމާއި އަދި ކޯސްކުރިއަށްދާވަރަކަށް މަތީލެވެލްގ ެސުވާލުކުރުން މީވެސް ސަމާލުކަންދޭންޖެހޭ މުހިންމު ނުކުތާއެކެވެ. ސުވާލުތައް ފަރުމާކުރާއިރު، ރިޗާރޑްޕޯލް  (2010) ހުށަހަޅާފައިވާ ސޯކްރާޓީކް ސުވާލުކުރުމުގެ ހަ އިސްތިރާޖީ ބޭނުން ކުރެވިދާނެވެ. މިހަ އިސްތިރާޖީއަކީ، (1) ކޯހުގައި ދަސްކުރަންޖެހޭ ކޮންސެޕްޓްތައް ފަހުމްވެފައިހުރިތޯ ކުރެވޭ ސުވާލު، (2) ވިސްނުމުގައި ބޭނުން ކުރާ assumptions ހޯދުމަށް ކުރެވޭ ސުވާލު، (3) ރޭޝަނަލް، ސަބަބު އަދި ހެކިތައް ހޯދުމަށް ކުރެވޭ ސުވާލު، (4) ބޭނުންކުރ ާނަޒަރިއްޔާތުތަކާ އަދި ކަންކަމާމެދު ދެކޭގޮތް ބަލައިލުމަށް ކުރެވޭ ސުވާލު،  (5) ދެންވާނެ ގޮތަކާމެދު ދެކޭގޮތްހޯދަން ކުރެވޭސުވާލު،(6) އަދިސުވާލުންއުފެދޭ ސުވާލުތަކެވެ. މިގޮތަށް ފަރުމާކުރެވިގެން ކުރިއަށް ގެންދެވޭ މަޝްވަރާތަށް އެސެސްކުރުމަށްޓަކައި ރުބްރިކްބޭނުންކުރުމާ އަދި  މިފަދަރުބްރިކްތައް ފިލާވަޅުފެށުމުގެ ކުރިން ދަރިވަރުންނާ ހިއްސާކުރުމަކީ ވަރަށް މުހިންމުކަމެކެވެ.

ބާރޖް ފާހަގަކޮށްފައިވާ  ސޯޝަލްރޯލަށް ތައްޔާރުވުމުގެގޮތުން ސަމާލުކަންދޭންޖެހޭ ކަންކަމުގެތެރޭގައި އަންނެނިވި ކަންތައްތައް ހިމެނެވެ. މީގެތެރޭގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމާއެކު، ރަނގަޅަށް ރާވާލެވިފާއިވާ ނިޒާމެއް އަދި ޕްލޭނެއްގެ ތެރެއިން ދަރިވަރުން ބައިވެރިކޮށްގެން އުނގެނޭ މާހައުލެއް ގާއިމްކުރުމާއި ،ދަރިވަރުންގެ މަޝްވަރާތައް ކުރިއަށް ދާގޮތް މޮނިޓަރކޮށް، މަޝްވަރާގައި ބައިވެރިވެ، ދަރިވަރުންނަށް މަގުދެއްކުމާއި، މަޝްވަރާތައް  ކުރުމަށް ކަނޑައެޅިފައިވާ ފިލާވަޅު ނޫނީ މައުޟޫއާގުޅޭގޮތަށް ކުރިއަށް ދޭތޯބެލުމާއި، ކޯހުގެ ދަރިވަރުންނަށް އެދަރިވަރުންނަކީ ކޮމިއުނިޓީއެއްގެ ބައިވެރިންކަމުގެ އިހްސާސްކުރެވޭނެ ފަދަ ގޮތަކަށް ކިޔެވުމުގެ ހަރަކާތްތައް ރާވައި ތަރުތީބުކުރުން ހިމެނެއެވެ. މިކަންތައްތައް ހާސިލް ކުރުމަށްޓަކާ ކުރެވިދާނެ ބައެއް ކަންތައްތަކަކީ؛ ދަރިވަރުންނަށް އެކަކު އަނެކަކުގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު  ދަރިވަރުންނަށް ފަހިކޮށްދިނުމާއި، ގްރޫޕްތަކުގައި މަސައްކަތް ކުރުމަށް މަގުފަހިކޮށްދިނުމާއި، މިދެންނެވުނު ފަދަ ހަރަކާތްތައް ކުރިއަށްގެންދާނެގޮތުގެ ނަމޫނާ ދަރިވަރުންނަށް ދައްކައި ދިނުމާއި، ދަރިވަރުންނަށް ވިސްނައި ފިކުރުކޮށް އަދި ފުންކޮށް ވިސްނުމަށް ފުރުސަތުދިނުމާއި، އަދި ދަރިވަރުންގެ ބައިވެރިވުން މިންކޮށް ބައިވެރިނުވާ ދަރިވަރުން ބައިވެރިކުރުވުމަށް އިތުރު އިސްތިރާޖީ ތަކެއްބޭނުންކުރުމެވެ.

މެނެޖީރިއަލް ރޯލްގެ ތެރެއިން ވިސްނާލަންޖޭހޭ ކަންތައްތަކަކީ؛ކޯސް ނުވަތަ ފިލާވަޅުފެށުމުގެ ކުރިން ކޯހުގައި ކަނޑަ އަޅާފައިވާ އުނގެނުމުގެ ހަރަކާތްތަކުގައި ކަމިޔާބުކަމާއެކީ ބައިވެރިވުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ހުރިހާ ދަރިވަރުންގެ ކިބައިގައި ހުރިތޯ ކަށަވަރުކުރުމާއި، ސުންގަޑިތައް މޮނިޓަރކޮށް ދަރިވަރުންނަށް ހަނދާންކޮށްދިނުމެވެ. މިކަންކަން ހާސިލް ކުރިމަށްޓަކައި ސުވަލާއި ޖަވާބު ޕޭޖެއް/ފޯރަމް އެއް ހެދިދާނެއެވެ. އާންމުކޮށް މިފަދަ ސްޕޭސްތަކަކީ ‘ސޯޝަލް ސްޕޭސް’ އެވެ. އަދި މިފަދަ ފޯރަމްތައް ލޭބަލްކޮށްފައި ހުންނަނީ ‘ކޮފީޝޮޕް، ‘ސޯޝަލް ލައުންޖް’ ފަދަ ނަންތައް ބޭނުންކޮށްގެންނެވެ. މިސްޕޭސް  ބޭނުންކުރަނީ ، ކޯސް ގެންދާނެ ގޮތާއި، މުދައްރިސަށް ދަރިވަރުންގެ ފަރާތުން ފެންނަން އެދޭ ކަންތައްތަކާއި، މަޝްވަރާކުރަން ބޭނުންވާ ކަންތައްތަކާ ގުޅޭ ވާހަކަތައް ލިޔާށެވެ. ކޯސްކުރިއަށްދާއިރު ދަރިވަރުން ކުރަން ބޭނުންވާ ސުވާލު ދަރިވަރުން ލިޔާނީވެސް މިތަނުގައެވެ.  މިގޮތުން މިފޯރަމްގައި ލިޔާ ސުވާލުތަކަށް ދަރިވަރުން އަދި މުދައްރިސްވެސް ޖަވާބު ދޭނީ މި ފޯރަމްގައެވެ. މިފަދަ ނިޒާމެއް ގާއިމްކުރުމުން ވަގުތު ސަލާމަތްވެ ދަރިވަރުންނަށާއި މުދައްރިސަށްވެސް ފައިދާތަކެއް ކުރެއެވެ. މިސާލަކަށް، މިކަން މިގޮތަށް  ރޭވިފައިވާނަމަ އެއްސުވާލަކަށް ފަހަރަކު ދަރިވަރަކަށް ޖަވާބު ދޭންޖެހޭ ހާލަތު މަދުވެގެން ދާނެއެވެ. އަދި ދަރިވަރުން ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ މަގު ހުޅުވިގެން ދާނެއެވެ. މީގެ އިތުރުން މިތަނުގައި ދަރިވަރުންނަށް ކިޔެވުން ކުރިޔަށް ގެންދިޔުމަށް ދޭންޖެހޭ މެސެޖުތައް މުދައްރިސަށް ހިއްސާ ކުރެވިދާނެއެވެ. ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް މުދައްރިސްގެ ރަސްމީގަޑީގެ ތެރެއިން ވަކިގަޑިތަކެއް ކަނޑައަޅައި އެގަޑިތަކުގައި ސުވާލުތަކަށް ގަވައިދުން ޖަވާބު ދިނުން މީ ވަރަށް މުހިއްމު ކަމެކެވެ.

ހަތަރުވަނަ ރޯލް ކަމަށްވާ ޓެކްނިކަލް ރޯލްގެ ތެރެއިން މުދައްރިސް ކުރަންޖެހޭ ކަންތައްތަކުގެތެރޭގައި ހިމެނެނީ؛ އޮންލައިން އުނގެނުމުގައި ބޭނުންކުރާ އާލާތްތަކަށް ދަރިވަރުން އަހުލިވެރުކުރުވުމާއި ދަރިވަރުންނަށް ބޭނުންވާ ޓެކްނިކަލް ސަޕޯރޓް ދިނުމެވެ. މިގޮތުން، މޫޑުލް، ކެންވަސް، އަދި ބްލެކްބޯރޑް ފަދަ ލާރނިން މެނޭޖްމަންޓް ސިސްޓަމާއި އަދި، އޮންލައިން ކޮންފަރެން ޓޫލްސްގެ ގޮތުގައި މިހާރު އާންމުކޮށް ފުޅާދާއިރާއެއްގައި ބޭނުންކުރަމުންގެންދާ، ގޫގުލް ހޭނގް އައުޓް، ގޫގުލްމީޓް، ޒޫމް، އަދި މައިކްރޯސޮފްޓް ޓީމްފަދަ ޓެކްނޮލޮޖީ ބޭނުންކުރަން ދަރިވަރުންނަށް ދަސްކޮށްދީ އަހުލުވެރިކުރުވުމަކީ މުދައްރިސާއި ޔުނިވާރސިޓިގެ ޒިންމާއެކެވެ. އޮންލައިން އުނގެނުމަށް ބޭނުންވާ  ދަރިވަރުންގެ ސަޕޯރޓް ނިޒާމެއްގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ ތަމްރީނުތައް ދަރިވަރުންނަށް ލިބޭނެމަގު ފަހިކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވަންބޭނުންކުރާ އާލާތްތައް ބޭނުންކުރާނެ ގައިޑްތައް ތައްޔާރުކޮށް ދަރިވަރުންނާ ހިއްސާ ކުރުން މީވެސް މުދައްރިސް ކުރަންޖެހޭ ވަރަށް މުހިންމު ކަމަކެވެ. މި ރޯލަކީ އޮންލައިންކޮށް  އުނގެނުމަށް ދަރިވަރުން ތައްޔާރުކުރުމަށްޓަކައި ވަރަށް މުހިންމު ރޯލެކެވެ. އެހެނީ ގިނަ ދަރިވަރުންނަކީ މިފަދަ މާހައުލަކަށް އަދި ކިޔެވުމަކަށް ތައްޔާރުވެފައި ތބި ދަރިވަރުންތަކަކަށް ނުވާތީއެވެ. އެހެން ކަމުން ކިޔަވައިދިނުމުގެ ފުރަތަމަ ހަފްތާގައި ދަރިވަރުން ޓެކޮނޮލޮޖީ އަށާއި، އޮންލައިންކޮށް އުނގެނުމުގެ ވައްޓަފާޅިއަށް އަހުލުވެރިކުރުވުން މީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. މީގެ އިތުރުން،އޮންލައިން މާހައުލުގައި މަޝްވަރާ ކުރަން ގެންގުޅޭނެ އުސޫލުތައް(netiquette) ކަނޑައަޅާ ހިފަހަށްޓަންޖެހޭ އަޙުލާގީ މިންގަނޑު ދެމެހެއްޓުމަށްޓަކާ ބާރުއެޅުމަކީވެސް މުދައްރިސް ކޮންމެހެންވެސް ކުރަންޖެހޭ ކަމަކެވެ.

މިލިޔުމުގައި ކުރުގޮތަކަށް މިބަޔާންކުރެވުނީ އޮންލައިންކޮށް އުނގެނުން ކާމިޔާބުކަމާއެކީ ފެސިލިޓޭޓް ކުރުމަށްޓަކައި މުދައްރިސް އަދާކުރަންޖެހޭ މުހިންމު ހަތަރުރޯލަށެވެ.


Reference

Berge, Z. L. (1995). The role of the online instructor/facilitator. Educational technology, 35(1), 22-30

Darsih, E. (2018), “Learner-centered teaching: what makes it effective”, Indonesian EFL Journal, Vol. 4 No. 1, pp. 33-42.

Everett, D.R. (2015), “Adding value: online student engagement”, Information Systems Education Journal, Vol. 13 No. 6, pp. 68-76.

Mayhew, M., Rockenbach, A.N., Bowman, N.A., Seifert, T.A., Wolniak, G.C., Pascarella, E.T. and Terenzini, P.T. (2016), How College Affects Students: 21st Century Evidence that Higher Education Works, Vol. 3, Jossey-Bass, San Francisco, CA.

McCombs, B.L. (2015), “Learner-centered online instruction”, New Directions for Teaching and Learning, Vol. 144, December, pp. 57-71.

Meyer, K.A. (2014), Student Engagement Online: What Works and Why, John Wiley & Sons, Hoboken, NJ.

Moore, M. (1989), “Three types of interaction”, in Moore, M.G. and Clark, G.C. (Eds), Readings in Principles of Distance Education, American Center for the Study of Distance Education, University Park, PA, pp. 100-105.

Paul, R. (1995). Critical thinking: How to prepare students for a rapidly changing world. Foundation for Critical Thinking.

Schreurs, J. and Dumbraveanu, R. (2014), “A shift from teacher centered to learner centered approach”, International Journal of Engineering Pedagogy, Vol. 4 No. 3, pp. 36-41.

Tyler, R.W. (1949), Basic Principles of Curriculum and Instruction, The University of Chicago Press, Chicago, IL.

Wankel, C. and Blessinger, P. (2012), Increasing Student Engagement and Retention using Online Learning Activities: Wikis, Blogs, and Webquests, Emerald Group Publishing, Boston, MA.

About_Shimna-09