ޖިސްމާނީ ގައިދުރުކަމާ އެކު އިޖުތިމާޢީ ބަދަހިކަން ދަމަހައްޓާށެވެ


MNUBANNERNEWS-01

 

ކޮރޯނާ ވައިރަސް ޑިސީސް 19 (ކޮވިޑް-19) އިން ސަލާމަތްވެ ތިބެވޭނެ ބޭހެއް ފަރުވާއެއް ވެކްސިންއެއް ހޯދުމުގައި ދުނިޔޭގެ ހަކީމުންނާއި ޑޮކްޓަރުންނާއި ސައިންސްވެރިން މިވަނީ ނުކުޅެދި، ގޮތް ހުސްވެ، އިންތިހާއަށް ކަންބޮޑުވެފައެވެ. ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ޞިއްޙަތު ޖަމުޢިޔާ ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) އަދި ޞިއްޙީ މާހިރުންނާއި ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ވެސް އާދޭހަކީ އެންމެން ވެސް ފުރަބަންދުގައި ތިބެ ޖިސްމާނީ ގައިދުރުކަމާއި އިޖުތިމާޢީ ބަދަހިކަން ދެމެހެއްޓުމެވެ. ވީމާ، މި ދެ ކަން ކުރަންވީ ކީއްވެގެންކަން އެނގުން މުހިންމެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން، ޗައިނާގެ ވޫހާން ސިޓީގައި 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު، މުޅިން އާ ބައްޔެއް ފެތުރެން ފެށިއެވެ. މި ބަލީގެ ނަމަކީ ““CoronaVirusDisease 2019އެވެ. މި ނަމުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ރަމްޒު އަކުރުތައް ބޭނުންކޮށްގެން މި ބަލީގެ ނަން “19-COVID” ގެ ގޮތުގައި މިވަނީ ތަޢާރަފުވެފައެވެ (މިރިޔަމް ވެބްސްޓަރ ޑިކްޝަނަރީ، 2020). މިއާ އެކު، “ސޯޝަލް ޑިސްޓެންސް” މި މަފުހޫމު ވެސް ތަޢާރަފުވިއެވެ. މާނައަކީ، “އިޖުތިމާޢީ ގައިދުރުކަން” މި އެވެ (ހުސައިން ހިޒާމް އަދި ރާފިޔާ ޢަބްދުލް ޤާދިރު، 2020، ޞ.29). މި މަފްހޫމުގެ ޙަޤީޤީ މާނައަކީ، އިޖުތިމާޢީ ގޮތުން މީހާ އެކެހެރިކޮށްލުމެއް ނޫނެވެ. އެހެނީ، ކޮވިޑް-19 އަކީ ގައިންގަޔަށް އަރާ ބައްޔަކަށް ވެފައި، މި ބަލި ފެތުރޭލެއް އަވަސްކަމުން، ދުނިޔޭގެ ގިނަ ޤައުމުތައް މިވަނީ ފުރަބަންދުކޮށްފައެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކުގައި ދޭދޭ ގޭބިސީތަކުގެ މީހުން ބޭރަށް ނުކުމެ އުޅެން ޖެހެއެވެ. “އިޖުތިމާޢީ ގައިދުރުކަން” މި މަފުހޫމު ބޭނުންކުރަނީ، މިގޮތަށް ނިކުމެ އުޅޭ އިރު، މާ ބޮޑަށް ގާތް ނުވެ، ދުރުދުރުގައި ތިބުމަށް އިރުޝާދު ދިނުމަށެވެ. މާނައަކީ ޖިސްމާނީ ދުރުކަން ބޭނުންކުރުމެވެ. ފުރަތަމަ އިރުޝާދު ދެވުނީ ސޯޝަލް ޑިސްޓެންސް މިމަފުހޫމު ބޭނުން ކުރަން ކަމުގައި ވީނަމަވެސް، ފަހުން ޑަބްލިޔު.އެޗް.އޯއިން ބާރު އެޅުއްވީ “ސޯޝަލް ޑިސްޓެންސް”ގެ ބަދަލުގައި “ފިޒިކަލް ޑިސްޓެންސް” މި މަފުހޫމު ބޭނުންކުރުމަށެވެ (ޑަބްލިޔު.އެޗް.އޯ، 2020). ދިވެހި ބަހުން “ޖިސްމާނީ ގައިދުރުކަން” ކިޔުން ރަނގަޅުވާނެއެވެ.

ޖިސްމާނީ ގައިދުރުކަން ދެމެހެއްޓި ނަމަވެސް އިޖިތިމާޢީ ގޮތުން ގުޅުން ބަދަހިކުރަން ޖެހެއެވެ. އެހެނީ، ބައްޔަކަށް ފައްސިވުމަކީ، ނުވަތަ ފައްސިވި މީހަކާ އެއްތާވުމަކީ، އެމީހަކާ ގުޅުން ކަނޑާލަން ޖެހޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މުޖުތަމަޢުގެ އެންމެން، (ޚާއްޞަކޮށް އެ މީހެއްގެ އާއިލާއާއި، ގާތްތިމާގެ މީހުންނާއި ރައްޓެހިން) އެމީހަކަށް ހިތްވަރުދީ އޯގާތެރިވެ އެއްބާރުލުން ދޭންޖެހެއެވެ. މިގޮތުން ދެވޭ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން އުފެދޭ ގާތް ގުޅުން އަޅުގަނޑު މާނަކުރަނީ އިޖުތިމާޢީ ބަދަހިކަން ނުވަތަ އިޖުތިމާޢީ ބަދަހި ގުޅުމުގެ ގޮތުގައެވެ.

ކޮވިޑް-19 ފެތުރިފައިވާ ކޮންމެ ތަނެއްގައި، އުޅުނަސް ޖިސްމާނީ ގައިދުރުކަމާ މެދު ސަމާލުވެ، ތިމާ އެހެންމީހުންނާ ދުރުގައި ހުރުން އާދަކުރަން މިއަދު މިވަނީ، މަޖުބޫރުވެފައެވެ. ކީއްވެގެންތޯއެވެ؟ ޑަބްލިޔު.އެޗް.އޯގެ ރެކޯޑުތައް ދައްކާ ގޮތުން، ކޮވިޑް-19 އުފަންވެ، ފުރަތަމަ ތިން މަހުގައި (ޑިސެންބަރު 2019 އިން ފެބުރުއަރީ 2020 ގެ ނިޔަލަށް) މި ބަލި ޖެހުނު މީހުންގެ އަދަދު އެރީ 95 ހާހަށެވެ. މަރުވި މީހުންގެ ޢަދަދު ހަތަރު ހާހަކަށް ނާރައެވެ. ނަމަވެސް ވޭތުވެ ދިޔަ އެއް މަސްދުވަސް ތެރޭގައިބަލިޖެހުނު މީހުންގެ ޢަދަދު ދިހަ ގުނައަށް އިތުރުވެ 1.2 ބިލިޔަން މީހުންނަށް މި ބަލިޖެހި، އަދި މަރުވި މީހުންގެ ޢަދަދު ގާތްގަނޑަކަށް 20 ގުނަ އިތުރުވެ، 70 ހާހަށް ވުރެ މައްޗަށް ހިނގައްޖެއެވެ (ޑަބްލިޔު.އެޗް.އޯ، 2020)މި ލިޔުން ލިޔަމުންދާ އިރު ވެސް މި ޢަދަދުތައް ދަނީ ހައްތާ މަތިވަމުންނެވެ.

މި ދެންނެވި ބިރުވެރި ހާލަތު ފެތުރުމާ ގުޅިގެން ޖިސްމާނީ ގައިދުރުކަން ދަމަހައްޓައި ގިނަގިނައިން އަތްދޮވުމަށް ކެނޑިނޭޅި ޑޮކްޓަރުންނާއި ނަރުހުން ދަނީ އެދެމުންނެވެ. ނަމަވެސް، އަޅުގަނޑުމެން ދިވެހިންނަކީ، ވާހަކަދައްކާ އިރު، އާންމުކޮށް އެހާ ދުރުގައި ތިބެގެން ވާހަކަދައްކަން އާދާވެފައިވާ ބައެއް ނޫނެވެ. ކޮނޑުގައި އަތްޖަހާލައި، ގައިގައި ފިރުމައި، އަތާއަތްޖޯޑުކޮށް ސަލާންކޮށް ހެދުމަކީ، އާދައިގެ ތެރެއިން ދަސްވެ ކަށީގައި ހިފާފައިވާ ކަންކަމެވެ. މިއީ، ދިވެހިންގެ އެކުވެރިކަމާއި އެއްބައެއްވަންތަކަން ދައްކުވައިދޭ، އަދި ދިވެހިންނަށް ރީތި އާދަތައް ވެސް މެއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން މީހުންނާ ވާހަކަދައްކާ އިރު، އެކަކު އަނެކަކާ ތިން ފޫޓަށް ވުރެ ގާތް ނުވުމަށް ޞިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ. އިގިރޭސިވިލާތުގެ ސައިންސިސްޓުން ހާމަކުރައްވާ ގޮތުގައި، ‘ހޮސްޓްބޮޑީ’ފައްސިވެފައިވާ މީހެއްގެ ގައިގައި ނޫން ގޮތަކަށް ކޮރޯނާވައިރަސް ދިރި ހުންނަނީ ޢާއްމުކޮށް މަދު ސިކުންތު ކޮޅަކަށެވެ (ވޭން ޑޮރެމަލެން އެން އަދި އއފ (އިތުރު އެހެން ފަތްތައް)، 2020). ނަމަވެސް، ހަމަ މި ދިރާސާގެ އެހެން ބައެއް ނަތީޖާތައް ދައްކާގޮތުގައި މި ބައްޔަށް ފައްސިވާ މީހުން ކެއްސައި، ކިނބިހި އެޅުމުގައި، މި ބަލިޖައްސާ ކޮރޯނާވައިރަސް ވައިގެތެރެއަށް ދިއުމުން ގާތްގަޑަކަށް ދެގަޑިއިރުވެސް ހުރެދާނެކަމަށް ބަޔާންކުރައްވާފައިވެއެވެ.

އަލް ޖަޒީރާގެ ނިއުސް ރިޕޯޓުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ކޮވިޑް-19 އަށްފައްސިވެފައިވާ މީހަކު އަޅާކޮންމެ ކިނބިއްސަކާއެކު، އޭނާގެ އަނގައިން  ވައިރަސް އެކުލެވޭ 10،000ތިކިތައް ބުރައިގެންދެއެވެ (އާމިރު ޚާން، 2020).މި ރިޕޯޓުގައި އިތުރަށް ހާމަކުރައްވާފައިވަނީ މި ނުރައްކާތެރި ޖަރާސީމު ކަރުދާސް ގަޑެއްގައި ހަރުލައިފިނަމަ، 24 ގަޑި އިރު ދިރި ހުރެދާނެކަމަށާއި، ސްޓެއިންލެސް ސްޓީލް އަދި ޕްލާސްޓިކްގައި ހަރުލައިފިނަމަ 3 ދުވަސް ވަންދެން ވެސް ދިރި ހުރެދާނެ ކަމަށެވެ.

ވީމާ، ނުހަނު ފަސޭހައިން މި ވައިރަސް އިންސާނުންގެ އަނގައާއި ނޭފަތާއި ލޮލުގެ ޒަރީޢާއިން އަރުތެރެއަށް ގޮސް އަރުގައި ވަކި ހިއްޕާލައެވެ. އެކަކުގެ ސަބަބުން އެތައް ބަޔަކަށް މި ބަލި ފެތުރެއެވެ. މިއަދު އަޅުގަނޑުމެން ކިތަންމެ ބޭނުން ވިޔަސް ތިމާއާ އެއް ގޭބިސީއެއްގައި އުޅޭ މީހުން ފިޔަވައި އެހެން މީހުންނާ ގާތް ނުވާށެވެ. ތިމާގެ އެކަނި ރައްކަލަކަށް ނޫނެވެ. ތިމާ ލޯބިވާ މީހުންނާއި މުޅި މުޖުތަމަޢުގެ ސަލާމަތަށް ޓަކައެވެ. ހަމައެކަނި އަނގަބަހުން، އިސްލާމްދީނުގެ މަތިވެރި ސަލާމުން ސަލާން ގޮވައި ސަލާމް ބަލައިގަންނާށެވެ. ޖިސްމާނީ ގައިދުރުކަން ހަނދާންނައްތާނުލާށެވެ. ޓެކްނޮލޮޖީގެ ވަސީލަތުގެ އެހީގައި އިޖުތިމާއީ ބަދަހި ގުޅުން ގާއިމްކުރާށެވެ.

ކޮވިޑް-19އަށް ޝައްކުކުރެވި ކަރަންޓީނުކުރެވޭ ކޮންމެ މީހަކީ، ބަލި ހުރި މީހެއް ނޫނެވެ. އަދި މި ބައްޔަށް ފައްސިވާ ކޮންމެ މީހަކު، ނިއުމޯނިޔާއަށް ބަދަލުވެ މަރެއް ނުވެއެވެ. މާތް ﷲގެ ވާގިފުޅާ އެކު، ގިނަ ބަޔަކު ސަލާމަތްވެއެވެ. ނަމަވެސް މި ބަލީގައި ކަރަންޓީނުކުރެވިއްޖެ ނަމަ، އެކުގައި އެ ތިބޭ ބައެއްގެ އިތުރުން އެހެން މީހަކާ ބައްދަލުނުކުރުން ވަރަށް މުހިންމެވެ. ވީވަރަކުން އެ ގޭބިސީގެ އެހެން މީހުންނާ ވެސް އެކަހެރިކޮށް އުޅޭށެވެ. ނަމަވެސް، އެކެހެރިކުރެވުނު ކަމުގައި ވިޔަސް އަދި ކަރަންޓީނުކުރެވުނުކަމުގައި ވިޔަސް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އެފަދަ މީހުންގެ ހާލު ބަލާށެވެ. އެއްގެއިން އަނެއްގެއަށް ނުދެވުނު ކަމުގައި ވިޔަސް އާއިލާގެ އެންމެނާ ރައްޓެހިންގެ ހާލު ވެސް ބަލާށެވެ. ވައިބާ، ވަޓްސްއެޕް، އެފްބީ ނުވަތަ އިންސްޓަގްރާމް ފަދަ އެތައް ވަސީލަތެއްގެ އެހީގައި ވީޑިއޯ ކޯލް ވެސް ކުރެވޭނެ ގޮތް މިއަދު ފަހިވެފައި ވެއެވެ. ވީމާ، މިއީ ކޮންމެ މީހަކު ވެސް އެކަކު އަނެކަކަށް އެހީތެރިވާން ވީ ވަގުތެވެ. އެއީ ކޮން ފަންވަރެއްގެ ކާކުތޯ ނުބަލާށެވެ. ކޮން ގައުމެއްގެ ކޮން ކުލައެއްގެ މީހެއްތޯ ވެސް ބަލާކަށް ނުޖެހެއެވެ. އެންމެންނަކީ ވެސް އެހީތެރިކަން ބޭނުންވާ އިންސާނުންނެވެ. ތިމާގެ ގޭގެ ވަށައިގެންވާ ގޭބިސީތަކުގައި އުޅޭ އެންމެންނަކީ ވެސް އެއް ޢާއިލާއެއްގެ ގޮތުގައި ބަލާށެވެ. ފޯނުކޮށް އެންމެގެ ހާލުބަލައި ހިތްއުފާވާފަދަ ވާހަކަ ދައްކާހަދާށެވެ. ނަމަވެސް އެކީގައި އެއްގެއެއްގައި އުޅޭ މީހުން ފިޔަވައި އެހެން މީހުންނަށް ޒިޔާރަތް ނުކުރާށެވެ. ކިތަންމެ ލޯބިވިޔަސް ކިތަންމެ ދެކޭ ހިތްވިޔަސް މި ދަނޑިވަޅުގައި ކެތްތެރިވާށެވެ.

ދަންނަވަންތޯއެވެ؟ ކޮވިޑް-19 އަށް ފައްސިވެ، ދުނިޔެ ދޫކުރަމުން ދާ އެތައް ބަޔަކު މަރަށް ތެޅެމުންދާ ހާލު ފެނި، އަޅުގަނޑުމެންގެ ހިތްތައް ފެޅި ކުދިކުދިވެއެވެ. މި މަންޒަރުތަކުން އަސަރު ނުކުރާ ހަމައެންމެ މީހަކު ވެސް މި ދުނިޔެއަށް ނޭވާލާ ނެތޭ ދެންނެވުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. އަޅުގަނޑުމެންގެ އެންމެ ލޯބިވާ މަންމައިންނާއި ބައްޕައިން، ދައްތައިންނާއި ކޮއްކޮއިން، އެންމެ ލޯބިވާ މާމައިންނާއި ކާފައިން، ހިތުގެ ވިންދު ކަމުގައިވާ ލޯބިވާ ދަރިން މި ދުނިޔެ ދޫކުރަމުންދާއިރު، އަޅުގަނޑުމެންނަށް ބަލައިލަން މި ލިބެނީ ހަމައެކަނި މިއަދުގެ ސުމޭކު ވަސީލަތެއްގެ އެހީގައި ނުވަތަ ބިއްލޫރި ފަރުދާއެއްގެ އެއް ފަރާތުންނެވެ. ނަސީބުވެރި އާއިލައަކަށް މެނުވީ މިފަދަ ފުރުސަތެއް ވެސް ނުލިބެއެވެ. އަޅުގަނޑުމެން ކިތަންމެ ބޭނުންވިޔަސް ލޯބިން އެއިން އެއްވެސް މީހެއްގެ ގައިގައި ބައްދާލާއި އެންމެ ފަހުގެ އިޙުތިރާމް އަދާކުރުމުގެ ގޮތުން “ލޯބިވާ މަންމާއެވެ. ބައްޕާއެވެ އަހެރެން ހާދަ ލޯބިވެޔޭ” ބުނެވޭނެ ނަމައޭ ހިތަށް އަރާ ވަގުތު އެ ލިބޭ ހިތްދަތިކަން އިހުސާސްވާނީ އެފަދަ ވަގުތެއް އައިމައެވެ. ޖިސްމާނީ ގައިދުރުކަން އިޚްތިޔާރުކޮށް، އިޖިތިމާޢީ ބަދަހިކަން އިޚުތިޔާރުކުރުމަށް މި ގޮވާލަނީ މިދެންނެވި ސަބަބުތަކަށް ޓަކައެވެ.

އާދޭހާ އެކު ދަންނަވަމެވެ. މި ހިތްދަތި ޙާލަތަށް ނުދަނީސް ތިމާގެ ފަރުދީ ޒިންމާ އަދާކުރަން އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އިލްތިމާސްކުރަމެވެ. ޖިސްމާނީ ގައިދުރުކަން އިޚުތިޔާރުކޮށް ގޭގައި މަޑުކުރާށެވެ. ޞިއްޙީ މާހިރުންގެ ލަފަޔާ އެއްގޮތަށް ގިނަގިނައިން އަތްދޮވެ ސާފުތާހިރުކަން ދަމަހައްޓާށެވެ. ސަރުކާރުން އަންގާ އެންގުންތަކަށް ފުރިހަމައަށް ބޯލަނބާށެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ ބީދައިން އޯގާތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ އިޖުތާމާޢީ ބަދަހިކަން ދަމާހައްޓަމާތޯއެވެ؟ މާތް ﷲގެ ވާގިފުޅާއެކު މި ޢާލަމީ ވަބާއިން އަޅަމެން ސަލާމަތްކުރައްވާށިއެވެ. އާމީން!


ރެފަރެންސް

ހުސައިން ހިޒާމް އަދި ރާފިޔާ ޢަބްދުލްޤާދިރު. (2020). (ތަރުޖަމާ)ބިރާސްވުން ކުޑަ ކުރާން އެހީއެއް. މާލެ: ދިވެހިބަހުގެ އެކެޑަމީ.

ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ). (2020). ކޮރޯނާވައިރަސް ޑިޒީޒް-19 ޕެންޑެމިކް. ނެގީ: (6 އޭޕްރީލް 2020). https://www.who.int/emergencies/diseases/novel-coronavirus-2019

އާމިރު ޚާން. (2020، 24 މާރިޗު). ޑޮކްޓަރސް ނޯޓް: ކޭން ކޮރޯނާވައިރަސް ސްޕްރެޑް ތްރޫ ދަ އެއަރ. (ނެގީ: 6 އޭޕްރީލް 2020)، https://www.aljazeera.com/indepth/features/doctor-note-coronavirus-spread-air-200324075120328.html

މިރިޔަމް ވެބްސްޓަރ ޑިކްޝަނަރީ. (18 މާރިޗު، 2020). ކޮރޯނާވައިރަސް އެންޑް ދަ ނިއު ވަރޑްސް ވީ އެޑެޑް ޓު ދަ ޑިކްޝަނަރީ އިން މާރޗް 2020. ނެގީ: (6 އޭޕްރީލް، 2020). https://www.merriam-webster.com/words-at-play/new-dictionary-words-coronavirus-covid-19

ވޭން ޑޮރެމަލެން އެން އަދި އއފ (އިތުރު އެހެން ފަރާތްތައް). (2020). އެރޯސަލް އެންޑް ސަރފޭސް ސްޓެބިލިޓީ އޮފް ސަރސް-ކޮވް-2 އޭޒް ކޮމްޕެއަރޑް ވިތް ސަރސް-ކޮވް-1. ނިއު އިންގްލޭންޑް ޖަރނަލް އޮފް މެޑިސިން.doi:10.1056/NEJMc2004973

Azeeza_Afeef_About-04