……މި ހާލަތުގައި

Posted on 20-05-2020 at 20:46 in COVID-19 MNU UPDATES

mihaalathugaa

 

ދިވެހިންނަކީ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ލޯބިކުރާ ހިތްހެޔޮ ބަޔެކެވެ. އެކަކު އަނެކަކާ އަޅާލައި އޯގާވެރި ބަޔެކެވެ. އަނެކާގެ ބޭނުންތަކަށް އިސްކަންދީގެން ހޭހަންކޮށްދެމުން އަންނަކުލުނުވެރި ބަޔެއް ވެސް މެއެވެ. ޚާއްޞަކޮށް ޤައުމަށް ދިމާވާ މުޞީބާތުގެ ދަނޑިވަޅުތަކުގައި، ދިވެހިންގެ މި ދެންނެވި ސިފަތައް ވަކީން ބޮޑަށް ފެނިގެންދެއެވެ.

މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން، މިއަދު ދިވެހިންނަށް މި ވަނީ މުޞީބާތުގެ ވަގުތަކާ ކުރިމަތިލާން ޖެހިފައެވެ. މި ހާލަތާ ގުޅިގެން ބަޔެއް ދިވެހީންގެ ކިބައިން އޯގާވެރިކަމާއި ހިތްހެޔޮކަން އަންނަނީ ފެންނަމުންނެވެ. އެހެންނަމަވެސް ހިތާމައާއެކު ދަންނަވާން ޖެހެނީ، މީގެ އަނެއްކޮޅު ވެސް ފެންނަމުން އަންނަ ވާހަކައެވެ. ޚަބަރުފަތުރާ ވަޞީލަތްތަކުގެ ޒަރީޢާއިންނާއި އެހެނިހެން ގޮތްގޮތުން ތިލަވަމުން އަންނަ މި ފަދަ ބައެއް ވާހަކަތައް ގަބޫލުކުރަންވެސް ދަތިވެއެވެ. އެ ފަދަ އަޑުތައް އިވުމުން ދެ ލޮލުން ކަރުނަ ނިރާލައެވެ.

މި ފަދަ ނާޒުކު އެހައިމެ ހިތްދަތި ހާލަތެއްގައި، ބަޔެއް ދިވެހިންގެ ފުށުން ފެންނަ މަންޒަރުތަކަކީ ޤަބޫލުކުރަން ދަތި މަންޒަރުތަކެވެ. އެހެންނަމަވެސް މި ހިތި ޙަޤީޤަތް މި ވަނީ ގަބޫލުކުރަން ޖެހިފައެވެ. ހިތަށް އަރައެވެ. ކުރިން ދިވެހިންގެ ކިބައިގައި ހުރިރަހުމާއި އޯގާވެރިކަން މިއަދު ބަޔެއް ދިވެހިންގެ ކިބައިން ނެތިގެން މި ދިޔައީ ކީއްވެގެން ބާވައެވެ؟ ތިމާގެ އަޚާއަށް ނުވަތަ އުޚުތާއަށް އެންމެ ދަތި ހާލު ޖެހުނު ވަގުތު، ގެއިން ނެރެ މަގުމަތިކޮށްލަން ކެރުނީ ކީއްވެގެން ބާއެވެ؟ ހިތުގައި އޯގާވެރި ކަމެއް ނެތްތާނގައި އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރު ވެސް ނެތީ ބާވައެވެ؟

އަހަރެމެންނަކީ ސައްތައިން ސައްތަ މުސްލިމުންނެވެ. އަހަރެމެންގެ އީމާންތެރިކަން ފުރިހަމަ ވާނީ، ތިމާއަށް ވާން އެދޭ ރަނގަޅު ގޮތްތައް އަނެކާއަށް ވެސް ވުމަށް އެދޭ ނަމައެވެ. މިއީ މުސްލިމުންގެ ގޮތުގައި އަހަރެމެން ހަޔާތް ވޭތުކުރަމުން އަންނައިރު، ވިސްނައިލާންޖެހޭ ވަރަށް މުހިންމު ކަމެކެވެ. ﷲ ދެއްވި ނިއުމަތުގައި ތިބެ، އެކަލާނގެ އެންގެވިގޮތާ ޚިލާފުވާން ހެޔޮވާނެ ހެއްޔެވެ؟ ވަގުތީ ދުނިޔެއެއްގައި، ކުޑަ ދުވަސްކޮޅެއްގެ މެހެމާނުންގެ ގޮތުގައި އަހަރެމެން އުޅެމުން ގެންދާއިރު، ހެޔޮ ޢަމަލުގެ ފަތަށް، ހެޔޮ ކަމެއް އިތުރުކޮށްލުމަށް ވިސްނާ މީހަކަށްވުރެ ބުއްދިވެރި މީހަކީ ފަހެ ކާކު ހެއްޔެވެ؟ ލޮލަށް ނުފެންނަވަރުގެ ކުޑަކުޑަ ވައިރަހެއްގެ ސަބަބުން ހަތަރު އުދަރެސް ފެނުޖެހިފައި ތިބި ދުވަސްވަރެއްގައި، ތިމާގެ އަމަލުތައް ސީދާކުރުމަށްވުރެ މުހިންމު ކަމެއް އޮތްކަމަށް ނުދެކޭށެވެ.

މި ހާލަތާ ގުޅުވައިގެން ދެން ދައްކަން އޮތީވެސް އުފާވެރި ވާހަކައެއް ނޫނެވެ. އަގުވަޒަން ނުކުރެވޭ ވާހަކައެވެ. ކެތްތެރިކަމެއް ނެތް ވާހަކައެވެ. ކަންކަމާމެދު ފުންކޮށް ނުވިސްނާ ވާހަކައެވެ. މި ފަދަ ދުވަސްވަރެއްގައި އިންސާނީ ޚިދުމަތުގެ ކުރީ ސަފަށް ނުކުމެ އުޅޭ ފަރާތްތަކަކީ ދަންނަވަންތޯއެވެ. އެއީ ހަމަ ބަތަލުންނެވެ. ފުރާނަ އަތްމައްޗަށް ލައިގެން، އަނބި ދަރިން ދޫކޮށް، ޚިދުމަތަށް ނުކުތުމަކީ ކުޑަ ކަމެއް ނޫނެވެ. ފުންކޮށް ވިސްނައިލަބަލާށެވެ! އެކި ފަރާތްތަކުން އެކި ސިފައިގައި އަޅުގަނޑުމެންނަށް ފޯރުކޮށްދެމުން އެ ގެންދަނީ، އަގު ނުކުރެވޭ ފަދަ މަތިވެރި ޚިދުމަތްތަކެކެވެ. ސިއްޙީ ދާއިރާގެ ބޭބޭފުޅުންނެވެ. ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރައްވާ ބޭބޭފުޅުންނެވެ. އަދިވެސް އެތައް ފަރާތްތަކެކެވެ.

މީގެ ތެރެއިން ފާހަގަކޮށްލަން ބޭނުންވާ އެއް ފަރާތަކީ، ގެއަށް ބޭނުންވާ އެކިއެކި ސާމާނު ގޭގެއަށް ފޯރުކޮށްދިނުމުގެ ބުރަ އުފުލަމުން ގެންދާ ފަރާތްތަކެވެ. މިއީ ވެސް ލުއި މަސައްކަތެއް ނޫނެވެ. ފަސޭހަ މަސައްކަތެއް ވެސް ނޫނެވެ. އެހެންކަމުން ބޭނުންވާ އެއްޗެއް ބޭނުންވާ ވަގުތު ނުލިބިދާނެއެވެ. ބޭނުންވާ ވަގުތު ބޭނުންވާ ކަމެއް ހާސިލު ވެސް ނުވެދާނެއެވެ. އެހެން އެ ދިމާވަނީ ސަބަބަބެއް ނެތިއެއް ނޫނެވެ. ހަމަ ތި ކަހަލަ އެހެން ފަރުދަކަށް ޚިދުމަތް ދިނުމަށް ވަގުތު ހޭދަކުރަމުން ގެންދާތީއެވެ. އެހެންކަމުން ޚިދުމަތް ލަސްވިޔަސް ހުތުރު ބަހުން އެ ފަރާތްތަކާ މުއާމަލާތު ނުކުރާށެވެ. ހިތުގައިޖެހޭ ފަދަ ކަމެއް ނުކުރާށެވެ. ދިން ޚިދުމަތް ބޮލާލައި ނުޖަހާށެވެ. އަގުނުކުރެވޭ ފަދަ އެ ޚިދުމަތް ހެޔޮ ހިތުން ބަލައިގަންނާށެވެ. ލަހުން ވިޔަސް އެ ޚިދުމަތް ލިބުނުކަމަށް ޓަކައި ޝުކުރުކުރާށެވެ. ދިވެހިންނަކީ ކެތްތެރި އޯގާތެރި ހިތްތިރި ބައެކެވެ. އެ ސިފަ މިއަދު ވެސް ދައްކާށެވެ.

ގައުމަށް ކުރިމަތިވާ ކޮންމެ ހިތާމަވެރި ދަނޑިވަޅެއްގައި ވެސް، ދިވެހިން ތިބެނީ އަތާއަތް ގުޅާލައިގެން އެކަތިގަނޑެއްގެ ގޮތުގައެވެ. މިއީ ވެސްއެ ފަދަ ވަގުތެކެވެ. އަތާ އަތް ގުޅައިލާންވީ ވަގުތެކެވެ. މިކަން ކުރަންވީ ހަމަ އެކަނި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އެކަންޏެއް ނޫނެވެ. ނޫންނަމަ ގައުމީ ސަލާމަތަށް މަސައްކަތް ކުރައްވާ ބޭބޭފުޅުން އެކަންޏެއް ވެސް ނޫނެވެ. ހުރިހާ ދިވެހިންވެސް، އެއް ރޫހެއްގައި މަސައްކަތް ކުރަން އެބަ ޖެހެއެވެ. މިއީ ވަކި ނަސްލަކަށްވަކި ކުލައަކަށް ބެލުމެއް ނެތި، ޚިދުމަތް ކުރަންވީ ވަގުތެވެ. އަމިއްލަ މަސްލަޙަތު ދޫކޮށް، ގައުމު އިސްކުރަންވީ ވަގުތެވެ. މިކަމުން އަރައި ގަތުމަށް ޓަކައި ކުރެވެން ހުރި ހުރިހައިކަމެއް ވެސް ކުރަންވީ ވަގުތެވެ. އެންމެކުޑަމިނުން ސިއްހީ މާހިރުންގެ ބަސް އަހައި، ގައިދުރުކަން އިޚުތިޔާރުކޮށް، ސާފުތާހިރުކަމަށް އިސްކަންދީ، ގޭގައި މަޑުކޮށްލިޔަސް ވަރަށް ބޮޑުކަމެއް ކުރެވުނީއެވެ. މި ފަދަ ގޮތަކަށް މަސައްކަތް ކުރެވިއްޖެ ނަމަ، މި ހާލަތުން އަރައިގަތުން އޮންނާނީ އިރާދަކުރެއްވިއްޔާ ދާދި ގާތުގައެވެ.

ދުނިޔެއަކީ ބަދަލުވަމުން އަންނަ ތަނެކެވެ. އަބަދު އެއް ގޮތެއްގައި ދެމިއެއް ނޯންނާނެއެވެ. އިއްޔެ ކަންތައް ދިމާވި ގޮތަށް މިއަދު ކަންތައް ދިމާނުވެ ހިނގައިދާނެއެވެ. ބޭނުންވާ ކިތަންމެ ކަމެއް ނުފުދިފައި ވެސް ހުރެދާނެއެވެ. ބޭނުންވާ އެތައް އެއްޗެއް ނުލިބި ވެސް ހުރެދާނެއެވެ. އެހެންކަމުން އެ ދުވަހަކު ކުރިމަތިލާން ޖެހުނު ހާލަތަކާއެކު އުޅެން ދަސްކުރާށެވެ. މިއީ ކުރިމަތިވި އިމްތިޙާނެއްކަން ހަނދާން ބަހައްޓައިގެންނެވެ. އިމްތިޙާނުން ފާސްވާނީ އޭރުންނެވެ. ކެތްތެރިކަމުގެ ސިފައަކީ މާތް ﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ސިފައެކެވެ. އިރާދަކުރެއްވިއްޔާ މިކަމުން ވަރަށް އަވަހަށް އަރައިގަނެވޭނެއެވެ. އުއްމީދަކީ އަދި ދުޢާއަކީ ވެސް އެއީއެވެ.


 

SHIUNA