ދިވެހިރާއްޖޭގައި ކާނާގެ ފުދުންތެރިކަން އެބަ އޮތްތަ؟ ނެތް ނަމަ ގާއިމުކުރެވިދާނެބާ؟


Food_Store-01-01

 

ކާނާގެ ފުދުންތެރިކަން އަމިއްލަ ވަތަނުގައި އޮތުމުގެ މުހިންމުކަން އެކި ވަރުގެ ކާރިސާތަކުގައި އަޅުގަނޑުމެންނަށް އިހުސާސްކުރެވޭ އެވެ. އެއީ ދިވެހިރާއްޖޭގެ ވަޒަންވެރީން ކާބޯތަކެއްޗަށް ބުރަވެގެން މިތިބެނީ ފަރަންޖީ ގައުމުތަކުގެ މައްޗަށް ކަމަށް ވާތީ އެވެ. އެހެންކަމުން، އެއްވެސް ކަމަކާ ހެދި އެ ގައުމުތަކުން އަޅުގަނޑުމެންގެ ކާއެތިކޮޅު ފޯރުކޮށް ނުދީފި ނަމަ އަޅުގަނޑުމެން ބަނޑަށް ޖެހޭނޭކަމުގެ ބިރު އަބަދު ވެސް އެބައޮވޭ އެވެ. މިހިނގާ ކޯވިޑް-19 އިގެ ވަބާގައި މި ކަން އަނެއްކާ ވެސް މިއޮތީ ހިތްނުތަނަވަސްކަމާ އެކު އިހުސާސްވާން ފަށައިފައި އެވެ. މި ކަމާ މެދު އެކި އަށިތަކުގައި މިހާރު އެދަނީ ބަހުސުކުރެވެމުންނެވެ. ޗާޕު ނޫސްތަކާއި އޮންލައިން ނޫސްތަކާއި، ޓީވީތަކާއި ރޭޑިއޯތަކާއި މީސް މީޑިއާގައި މި ކަމާ މެދު ކުރެވޭ ބަހުސު މިހާރު ވަނީ ސަރުކާރުގެ ސިޔާސަތު އެކަށައެޅުންތެރީންގެ ކަންފަތްޕުޅާ ހަމަ އަށް ފޯރާފައި އެވެ. އެބޭބޭފުޅުން މި މައްސަލަ އަށް ހައްލު ހޯދޭން ހުރި ބައެއް ގޮތްތޮގުގެ ވާހަކައާއި ބައެއް ހިޔާލުތައް ނުވަތަ ވަގުތީ ރޭވުންތައް އެބަ ހާމަކުރައްވާ ވެސް މެ އެވެ. އެކަމަކު މާ ބޮޑު އަސަރެއް ކުރާނޭ ކަހަލަ ފިކުރެއް ނުވަތަ ރޭވުމެއްގެ ވާހަކަ އެއް އަދިއެއް އަޑެއް ނުއިވޭ އެވެ.

ކާނާގެ ފުދުންތެރިކަން އެނގުން

އެހެންކަމުން، ކާނާގެ ފުދުންތެރިކަން (ފުޑް ސެކިއުރިޓީ) ދިވެހިރާއްޖޭގައި އެބަ އޮތްތޯ އާއި، ނެތް ނަމަ ގާއިމުކުރެވިދާނެތޯ އާއި ކުރެވިދާނޭ ނަމަ އެ ކަން ހާސިލުކުރާނީ ކޮން ގޮތްގޮތަކުންތޯ އާއި އެކަމަށް ބޭނުންވާނީ ކޮންކޮން ވަސީލަތްތަކެއްތޯ، މިއީ ކުރިމަތީގައި ހުރި ސުވާލުތަކެވެ. އެހެންކަމަކު،އަޅުގަނޑުމެންނަށް ފުރަތަމަ ފަހުމުވާން ޖެހެނީ ކާނާގެ ފުދުންތެރިކަމަކީ ކޮބައި ކަމެވެ.

އިއްތިހާދީ ދައުލަތްތަކުގެ (އަލިފުދާލުގެ) ފުޑް އެންޑް އެގްރިކަލްޗަރަލް އޯރގަނައިޒޭށަން (އެފްއޭއޯ)އަމަލުކުރަމުން ގެންދާ މާނައިގައި،ތަނެއްގައި ކާނާގެ ފުދުންތެރިކަންއޮތް ކަމަށް ބެލެވޭނީ ހަރަކާތްތެރި ސިއްހީ ދިރިއުޅުމަކަށް ބޭނުންވާ، ކާނާގެ ބޭނުންތަކާއި ކާނާގެ އިހުތިޔާރުތައް ފުއްދައިދޭ ރައްކާތެރި ފައިދާއީ ކާނާ އެންމެންނަށް ހުރިހައި ވަގުތެއްގައި މާއްދީ، އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ލިބޭންހުންނަ ނަމަ އެވެ (އެފްއޭއޯ، 2015). ގެވެށި ކާނާގެ ފުދުންތެރިކަމަކީ މި މަފުހޫމު އާއިލީ ފެންވަރަށް ހިންގުމެވެ.

ކާނާ ލިބޭންހުރުމުގައި ދެ ބައެއް ވޭ އެވެ. އެއީ އިގުތިސޯދީ ގޮތުން ލިބޭންހުރުމާއި، މާއްދީ ގޮތުން ލިބޭންހުރުމެވެ. އިގުތިސޯދީ ގޮތުން ލިބޭންހުރުމަކީހޭދައީ ފައިސާ އިން ކާނާ ގަތުމުގެ ކުޅަދާނަކަން ލިބިފައިވުމެވެ. މާއްދީ ގޮތުން ލިބޭންހުރުމަކީ ދަތުރުފަތުރުގެ ބިނާއަސާސީ (އިންފްރާސްޓްރަކްޗަރ) ގެ ޒަރީއާ އިން ކާނާގެ މަސްދަރުތަކާ ހަމަ އަށް ވާސިލުވުމުގެ ކުޅަދާނަކަން ލިބިފައިވުމެވެ.

ދިވެހިރާއްޖޭގައި ކާނާގެ ފުދުންތެރިކަން އެބަ އޮތްތަ؟

ދިވެހިރާއްޖެ އަށް ކާނާ ލިބުން ބިނާވެފައި އޮންނަނީ ދެ އުންސުރެއްގެ މައްޗަށެވެ. ފުރަތަމަ އުންސުރަކީ، އިންޕޯޓުކުރާން ޖެހޭތީ އެ ކަމަށް ބޭނުންވާ ހޭދައީ ބޭރު ފައިސާއެވެ. އެންމެ ގިނައިން ބޭރު ފައިސާ ލިބޭ ވަސީލަތަކީ ފަތުރުވެރިކަމެވެ. މިއީ މުޅިއަކުން އަޅުގަނޑުމެންގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫނެވެ. ދެވަނަ އުންސުރަކީ ދިވެހިރާއްޖެ އަށް ކާނާ އެކްސްޕޯޓުކުރާ އެކްސްޕޯޓަރުންގެ އަދި ގައުމުތަކުގެ ހެޔޮކަމެވެ. އެކްސްޕޯޓަރުން އެކްސްޕޯޓުކުރާން ތިއްބަސް އެވެރިންގެ ސަރުކާރުން ހުއްދަކުރަންޏާ މެނުވީ އެކްސްޕޯޓެއް ނުކުރެވޭނެ އެވެ. މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ބާރު ހިނގާ ކަމެއް ނޫނެވެ. އެއްވެސް ސަބަބަކާ ހުރެ (މިސާލަކަށް، ސިއްހީ ވަބާއެއް، ހަނގުރާމައެއް، ސިޔާސީ ހަލަބޮލިކަމެއް، ސިޔާސީ ގުޅުމަށް ބުރޫއެރުމެއްނުވަތަ މި ނޫން އެހެން ކަމަކާ ހެދި ވިޔަސް) އެ ގައުމަކުން ވަކި މުދަލެއް ނުވަތަ މުދާތަކެއްނުވަތަ އެއްވެސް މުދަލެއް ވަކި މުއްދަތަކަށް ވިޔަސް އެކްސްޕޯޓުކުރުން މަނާކޮށްފި ނަމަ ދެން އަޅުގަނޑުމެން ޖެހޭނޭ ހާލު ކޮންމެވެސް މިންވަރަކަށް ހިތަށް އެބަ ގެނެވޭ އެވެ. އެހެންކަމުން، އިގުތިސޯދީ ގޮތުން ކާނާ ލިބޭންހުރުމުގެ މާނަ އަށް ބަލާ އިރު އަޅުގަނޑުމެންގެ ނިކަމެތިކަން ހާމަވެގެން އެބަދޭ އެވެ.

ދެން އޮތީ މާއްދީ ގޮތުން ކާނާ ލިބޭންހުރުމެވެ.މި ކަން ބިނާވެފައި އޮންނަނީ ފަރަންޖީ ގައުމުތަކާއި ރާއްޖެއާ ދޭތެރޭގައި ކުރެވޭ ދަތުރުފަތުރުގެ މައްޗަށެވެ. މި ކަމުގައި ވެސް އަޅުގަނޑުމެންގެ މާ ބޮޑު އަމިއްލަ ބާރެއް އޮތެކޭ ނުދެންނެވޭނެ އެވެ. ރާއްޖެ އަށް މުދާ އިންޕޯޓުކުރާ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން އޮޅުދޫކަރަ (ސްރީ ލަންކާ) އާއި ރާއްޖެއާ ދެމެދުޗާޓަރު އުސޫލަކުން ދުއްވާ ބޯޓެއް ވަރު އޮތެއް ކަމަކު، ކާއެތިކޮޅު އުފުލައިދިނުމުގައި ފަރަންޖީ ބޯޓުފަހަރުތަކުގެ ދައުރު ބޮޑެވެ. އެ ބޯޓުފަހަރު،ކުރީން ދެންނެވިހެން އެއްވެސް ސަބަބަކާ ހުރެ މުދާކޮޅު އުފުލައި ނުދީފި ނަމަ، އަޅުގަނޑުމެންނަށް ބޭނުންވާ ކާއެތިކޮޅު ލިބުން ހުއްޓުމަކަށް އަންނާނެ އެވެ.މި އިން، މާއްދީ ގޮތުން ކާނާ ލިބޭންހުރުމުގެ މާނައަށް ބަލާ އިރު ވެސް އަޅުގަނޑުމެންގެ ނިކަމެތިކަން އެބަ ހާމަވޭ އެވެ.

އެހެންކަމުން، އިގުތިސޯދީގޮތުންނާއި މާއްދީގޮތުން ދިވެހިރާއްޖެ އަށް ކާނާ ފޯރުވުން ވަރަށް މަތީ ދަރަޖައަކަށް ބިނާވެފައި މިއޮންނަނީ އަޅުގަނޑުމެންގެ ބާރު ނުހިނގާ ފަރާތްތަކެއްގެ ނިންމުންތަކެއްގެ މައްޗަށް ކަމަށް ވާތީ، ދިވެހިރާއްޖޭގައި ކާނާގެ ފުދުންތެރިކަން ނެތޭ ދެންނެވުމަކީ ނުވަތަ އޮތިއްޔާ އޮތީ ކުޑަ މިންވަރަކަށޭ ދެންނެވުމަކީ ތެދުބުނުމަށް އިހުމާލުވުން ކަމަކަށް ނުވާނެ އެވެ.

ތަންކޮޅެއް ކުރީން ދިވެހިރާއްޖޭގެ ލަކުޑި ބޯޓުފަހަރު ކައިރި ގައުމުތަކަށް ދަތުރުކޮށް އަޅުގަނޑުމެންގެ ކާއެތިކޮޅާއި އެހެނިހެން ބައެއް ބަރުމުދާ އަމިއްލަ އަށް އުފުލި އެވެ. އެކަމަކު 1990 ގެ އަހަރުތަކުން އަހަރެއްގައި އަވަށްޓެރި ގައުމަކުން ނެރުނު ގަވާއިދަކާ ހެދި އެ ބޯޓުފަހަރުގެ ދަތުރުތައް އެ ގަވާއިދު ހިންގާން ފެށީއްސުރެ މިއޮތީ ހުއްޓިފައި އެވެ. އެ ގަވާއިދު ގައި އޮތީ އެ ގައުމު ފިޔަވައި އެހެން ގައުމުތަކުގެ ލަކުޑި ބޯޓުފަހަރަށާއި ވަކި ވަރަކަށް ވުރެ ކުދި ބޯޓުތަކަށް އެ ގައުމުގެ ބަނދަރަށް ނުވަދެވޭނޭ ކަމަށެވެ.

ރާއްޖެއިން ބޭރުން ރާއްޖެއަށް މުދާގެނައުމަށް އެސްޓީއޯއިން މި ދުވަސްވަރު ޗާޓަރު އުސޫލުން ވިޔަސް އާގުބޯޓެއް ދުއްވާން ފެށި ކަމީ ހަމަގައިމު ވެސް މި ހިނދަށް އިތުރު އެހީއަކަށް ވާނޭ ކަމެއް ކަމަށް ފެނޭ އެވެ. މިއީ ދުރު ރާސްތާއަކަށް ކުރާން އިގުތިސޯދީގޮތުން ދެކޮޅުޖެހޭ ކަމެއްތޯ އެއީ އަދި އެހެން ސުވާލެކެވެ.

ކާނާގެ ފުދުންތެރިކަން އިތުރުކުރުން

ފާއިތުވި އަހަރު ކުރެވުނު ދިރާސާއެއްގައި، ކާނާ (ހަމައެކަނި ކާޑުގެ ބާވަތްތައް، އެއީ ހަނޑޫ، ހަކުރު، ފުށް) އިންޕޯޓުކުރުމަށް ދިވެހިރާއްޖެ ހާރިޖީ މަސްދަރުތަކަށް ބަރުވެފައިވާ ވަރު ދައްކައިދީފައިވޭ އެވެ (ފަޒީލް ނަޖީބް، 2019). 2018 ވަނަ އަހަރު އިންޕޯޓުކުރެވުނު ހަނޑުލުގެ އަދަދުން 94.8 އިންސައްތަ އަދި އަގުން 91.1 އިންސައްތަ އަކީ އުތުރުކަރަ (އިންޑިއާ) ގެ ހިއްސާ އެވެ؛ ހަކުރުގެ އަދަދުން 46.8 އިންސައްތަ އަދި އަގުން 49.4 އިންސައްތަ އަކީ އިއްތިހާދީ އަރަބި އަމީރާތްތަކުގެ (ޔޫއޭއީގެ) ހިއްސާ އެވެ؛ ހަކުރުގެ އަދަދުން 37.9 އިންސައްތަ އަދި އަގުން 38.4 އިންސައްތަ އަކީ އުތުރުކަރައިގެ ހިއްސާ އެވެ؛ފުށުގެ އަދަދުން 79.8 އިންސައްތަ އަދި އަގުން 70.4 އިންސައްތަ އަކީ ތުރުކީވިލާތުގެ ހިއްސާ އެވެ. މި ހިސާބުތަކުން، ދިވެހިރާއްޖޭގެ ވަޒަންވެރީންގެ ބަނޑުފުރާނަ މުއްތިކުރުން ބިނާވެފައި މިއޮތީ މައިގަނޑުގޮތެއްގައި އެއް ގައުމެއްގެ ނުވަތަ ދެތިން ގައުމެއްގެ ހެޔޮކަމުގެ ނުވަތަ ރަހުމުގެ މައްޗަށް ކަމަށް ބުނެވޭނޭ ޖާގަ އެބަ އޮތެވެ. އެހެންކަމުން އެ ދިރާސާގެ މައި ހުށަހެޅުމަކީ، ދިވެހިރާއްޖެ އަށް އިންޕޯޓުކުރާން ކާނާ ހޯދާ މަސްދަރުތައް ފުޅާކުރުމެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހިސާބުތަކުން، 2019 ވަނަ އަހަރު ދިވެހިރާއްޖެ އަށް ޖުމުލަ 546.2 މިލިއަން ޑޮލަރުގެ ކާނާ އިންޕޯޓުކުރެވިފައިވާ ކަމަށް ދައްކާ އެވެ (ކަސްޓަމްސް، 2020). މިއީ ޖުމުލަ އިންޕޯޓުގެ 18.9 އިންސައްތަ އެވެ. އަދި އިޖުމާލީ ރަށްވެހި އުފެއްދުން (ޖީޑީޕީ) ގެ 11.2 އިންސައްތަ އާ އެއްވަރު އަދަދެކެވެ (އެމްއެމްއޭ، 2020). 2019 ވަނަ އަހަރު އިންޕޯޓުކުރެވުނު ޖުމުލަ ކާނާގައި 30.5 މިލިއަން ޑޮލަރުގެ ހަނޑޫ، ހަކުރު، ފުށް ހިމެނޭ އެވެ. މި ތިން ބާވަތަކީ ސަރުކާރުން އަގު މަތަކޮށްފައިވާ އަދި ސަބްސިޑީ ދޭ ބާވަތްތަކެކެވެ. 2019 ވަނަ އަހަރު، 258.6 މިލިއަން ރުފިޔާގެ ކާނާގެ ސަބްސިޑީ ސަރުކާރުން ދީފައިވޭ އެވެ (މިނިސްޓްރީ އޮފް ފިނޭންސް، 2019). އަދި 2020 ވަނަ އަހަރަށް 254.3 މިލިއަން ރުފިޔާގެ ސަބްސިޑީ ބަޖެޓުގައި ހިމަނާފައިވޭ އެވެ.

މި ހިސާބުތަކުގެ އަލީގައި، ދިވެހިރާއްޖޭގައި ކާނާގެ ބޭނުން އޮތް މިންވަރު ބޮޑުކަން އެބަ ހާމަވޭ އެވެ. މި ބޭނުން އުފެދެނީ ދެ މަސްދަރަކުންނެވެ. އެއީ ރަށްވެހި ބޭނުމުންނާއި، ފަތުރުވެރިކަމުގެ ބޭނުމުންނެވެ. އެހެންކަމުން ވިސްނާންވީ ފުރަތަމަ ރަށްވެހި ބޭނުމުގެ ކޮންމެވެސް މިންވަރެއް ރަށްވެހި އުފެއްދުމުން ފުއްދޭ ވަރު ކުރެވޭތޯ އެވެ. މި ކަމަށް ސަބްސިޑީ ވެސް ދީގެންނެވެ. ހަނޑޫ، ހަކުރު، ފުށް އިންޕޯޓުކުރުމަށާއި ސަބްސިޑީ ދިނުމަށް 2019 ވަނަ އަހރު ހޭދަވި ޖުމުލަ 728.9 މިލިއަން ރުފިޔާގެ މިންވަރެއް، މިސާލަކަށް ތިންބައިކުޅަ އެއްބައި (243 މިލިއަން ރުފިޔާ) ވަރު މި ފަދަ ބާވަތްތައް ހެއްދުމުގެ ސަބްސިޑީއަށް ކަނޑައެޅިދާނެ އެވެ. މިއީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައެޅިފައިވާ 208 މިލިއަން ރުފިޔާގެ އިތުރުން ކުރެވޭ ހޭދައަކަށް ވާން ވާނެ އެވެ. މި ފަދަ ސިޔާސަތެއްގެ ދަށުން، އަމާޒުކުރާންވީ ކުރިއަށް އޮތް ހަތަރު، ފަސް އަހަރެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ކާނާގެ ފުދުންތެރިކަން މަދުވެގެން ތިން މަސްދުވަހާއި ހަ މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ވާ ވަރަށް ރަށްވެހި އުފެއްދުމުން ފުއްދުމަށެވެ.

ހައްދާންވީކޮންމެހެން ހަނޑުލަށް ނުވަތަ ފުށަށް ވާކަށް ނުޖެހޭ އެވެ. ދިވެހީންގެ އަސާސީ ކާނާއަކީ ހަނޑޫ، ހަކުރު ފުށް ކަމަށް އޮންނަ އޮތުމުގެ ބަދަލުގައި ރާއްޖޭގައި ކުރީ ޒަމާންތަކުގައި އަސާސީ ކާނާގެ ގޮތުގައި ކައިއުޅުނު ބަނބުކެޔޮ، އަލަ، ކައްޓަލަ، ދަނޑިއަލުވި، ކާށި ފަދަ ބާވަތްތަކަކީދިވެހީންގެ އަސާސީ ކާނާ ކަމަށް ހަދާން އަމާޒުކުރެވިދާނެ އެވެ. އަދި މި ލިސްޓަށް އަލުވި އަދި މިނޫން ވެސް ފަސޭހައިން ހެއްދޭ އެހެންކަމަކު ބަނޑުހައިކަން ފަސޭހައިން މުއްތިކޮށްދޭއިސްތިވާއީ ބާވަތްތަކާއި ތަރުކާރީގެ ބާވަތްތައް ވެސް އިތުރުކުރެވިދާނެ އެވެ. އެކަމަކު މިއީ ހިންގޭނޭ ސިޔާސަތަކަށް ވާނީ މި ބާވަތްތައް އެކަށީގެންވާ މިންވަރަކަށް ހެއްދިގެން، މި ބާވަތްތައް ފަސޭހައިން ވިއްކޭނޭ އަދި ދިމަދިމާލަށް ފޯރުކޮށްދެވޭނޭ ދެމެހެއްޓެނިވި ނިޒާމަކާއި މި ފަދަ ކަންތައްތައް ތަރުތީބުކުރެވިގެންނެވެ. އަދި، ދިވެހީންގެ، ހާއްސަކޮށް މި ފަހުގެ ޖީލުތަކުގެ މީސްތަކުން މި ބާވަތްތަކުގެ ރަހަތަކަށް ހިތްޖެއްސުމަށާއި ހޭނުވުމަށް ފުޅާ ކޭންޕޭންތަކެއް ވެސް ކޮށް ގެންނެވެ.


About_FazeelDhi-10