ކޮވިޑް-19: ބަލިން ރައްކާތެރިވެ ތިބުމުގެ މުހިއްމުކަން


MNUBANNERNEWS_0-01

 

“މޫދަށް ވެއްޓިގެނބެމުންދާ ތުއްތު ކުއްޖަކު އަޅުގަނޑަށް ފެނުނެވެ. އަޅުގަނޑު ވަގުތުން މޫދަށް ފުންމާލައި އެކުއްޖާ ސަލާމަތް ކުރީމެވެ. އަނެއްކާ ހަމަ އެވަގުތު ދެވަނަ ކުއްޖެއް އަދި ތިންވަން ކުއްޖެއް ގެނބޭތަން ފެނިއްޖެއެވެ. މިގޮތަށް އެއްކުއްޖަކަށް ފަހު އަނެއް ކުއްޖެއް ސަލާމަތް ކުރަމުންގޮސް ވަރުބަލިވެ ގޮތް ހުސްވިފަހުން މައްޗަށް ބަލައި ލެވުނު އިރު މިއެނގުނީ އިސްކޮޅުނުކާ ހިސާބަށް ކުދިން ވެއްޓޭ ގޮތަށް ހުރި ސްލައިޑަކުން ކުދިން އަރާ އިސްކޮޅު ނުކާހިސާބަށް ވެއްޓި ގެނބޭކަމެވެ.”

މިދެންނެވުނު ވާހަކަ ކޮޅަކީ ބަލިވުމަށްފަހު ބޭސްފަރުވާ ކުރުމަށްވުރެ ބަލިން ރައްކާތެރިވާން އަޅާ ފިޔަވަޅު މުހިއްމުކަން ދައްކައިދޭން އާއްމު ޞިއްޙަތުގެ މާހިރުން ބޭނުން ކުރައްވާ މިސާލެކެވެ. ބަލިންރައްކާތެރިވުމަށްޓަކައި އެޅޭ ފިޔަވަޅު ތަކަކީބަލިޖެހުމަށްފަހު އެބައްޔަށް ބޭސްކުރުމަށްވުރެ އާއްމުންގެ ގިނަބަޔަކު ސަލާމަތްކުރެވި ކުޑަޚަރަދެއް ދާކަމެކެވެ. އަދި ބައްޔެއް ޖެހުމަށްފަހު ރަނގަޅުވުމުންވެސް ދެންވެދާނެ އުނދަގޫ ތަކަކުން ސަލާމަތް ކޮށްދޭނެ ކަމެކެވެ.

އަޅުގަނޑުގެ މިލިޔުންކޮޅުގެ އަމާޒަކީ ދުނިޔޭގައި މިހާރު ފެތުރެމުން މިދާ ކޮވިޑް 19 އިން ރައްކާތެރިވުމުގެ މުހިއްމު ކަމަށް އަލި އަޅުވާލުމެވެ. ސަބަބަކީ ކޮބައިތޯއެވެ. އާދެ! ބައެއް ބޭފުޅުން ވިދާޅުވަނީ ބިރު ނުގަންނާށެވެ. މިއީ ގިނަމީހުންނަށް ހަމަ އާދައިގެ ރޯގާއެކެވެ. މިބަލި ވުޖޫދު ވެގެން އައި އިރު ގިނަ ޤައުމު ތަކަށް ސިފަ ކުރެވުނީވެސް މިހެންނެވެ. ނަމަވެސް މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާލައިފިނަމަ މީ އާދައި ރޯގާއެއްނޫންކަން އެނގެއެވެ. 07 އޭޕްރީލް 2020 ވީ އާދީއްތަ ދުވަހުގެ 14:50 އާ ހަމައަށް ދިޔައިރު ދުނިޔޭގެ 1،358،248 މީހުން ކޮވިޑް 19ގެ ބަލީގައި ޕޮސިޓިވް ވެފައިވެއެވެ. 7،5809 މީހުން ނިޔާވެފައިވެއެވެ. ތަފާސް ހިސާބުތަކަށް ބަލައިލައިފިނަމަ މާގިނަދުވަހެއްނުވެ މަރުގެ ޢަދަދު 100000 އަރާނެ ކަމަށް ލަފާކުރެވެއެވެ. ނިޔާވެފައިވާ މީހުންގެ ޢަދަދު މިހާވަރަށް އިތުރު ވެފައިވާއިރު މިއީ އާދައިގެ ރޯގާއެއް ގޮތަށް ފެންނަން ޖެހޭނެ އެއްވެސް ސަބަބެއް ނެތެވެ. މިގޮތަށް ކުރިން ވިސްނުނު އެއްސަބަބަކީ ބަލިޖެހޭ މީހުންގެ ތެރެއިން މަރުވީ ނުވަތަ “ކޭސް ފެޓާލިޓީ ރޭޓް” އަކީ ގާތްގަނޑަކަށް 3 އިންސައްތަ ކަމުގައި ވާތީއެވެ. ނަމަވެސް ވިސްނަންވީ މީ ކިހާ ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔެއްތޯއާ އާބާދީގެ ކިތައް މީހުންނަށް މިބަލި ފެތުރިގެން ދޭތޯއެވެ.

މިމޭރުމުން ވިސްނާލައިފިނަމަ އާބާދީގެ 50 ޕަސެންޓަށްވުރެ ގިނަ ބަޔަކަށް މިބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އާބާދީގެ މިހާބޮޑު ބަޔަކަށް ބަލިޖެހިއްޖެއްޔާ ބަލިޖެހޭ މީހުންގެ އެއްމެ 3 އިންސައްތަ މީހުން މަރުވިޔަސް އެއީ ނަންބަރުން ގުނާނަމަ ވަރަށް ބޮޑު ޢަދަދެކެވެ. ސާރސް ނުވަތަ މާރސް ކޯވް ފަދަ ބަލިތަކުގެ “ކޭސް ފެޓާލިޓީ ރޭޓް” މަތިކަމުގައި ވިޔަސް އާބާދީގެ ތެރެއިން ބަލިޖެހޭ މީހުންގެ ޢަދަދު މަދެވެ. ކޮވިޑް 19 ގައި އާބާދީގެ ތެރެއިން ބަލިޖެހޭ މީހުންގެ ޢަދަދު މާބޮޑަށްވެސް ގިނައެވެ.

އަޅުގަނޑު މިހެން މިގޮތަށް ދެންނެވިޔަސް މިކަމުގެ ސީރިޔަސްކަން އިޙްސާސް ކުރައްވަން ދަތިފުޅު ވެދާނެއެވެ. ވަރަށް ސާފު އިބާރާތުން ދަންނަވާ ނަމަ އަޅުގަނޑުގެ މުޅި ޙަޔާތުގަވެސް މިފަދަ ކަމެއް އަދި ނުދެކެމެވެ. ފެންނަނީ ދުނިޔޭގެ އެއްމެ މުއްސަނދި ޤައުމުތައްވެސް ގޮތް ހުސްވެފައިވާ ތަނެވެ.ގޮތް ހުސްވާން ޖެހުން ސަބަބަކީ ކޮބައިތޯއެވެ. އާދެ! ތިހުރިހާ ބޭފުޅުންވެސް ވާނީ”ފްލެޓްނިންގް ދަ ކާރވް” މިއިބާރާތް އަޑުއައްސަވާފައެވެ. ނުވަތަ ވާނީ ތިރީގައިވާ ގްރާފް ފެނިވަޑައިގެންފައެވެ!

DR RAhee

މީ ގްރާފްގައިވާއެންމެ މުހިންމު އެއްބަޔަކީ ތިކި ޖަހައިގެން ކުރަހާލާފައިވާ ރޮނގެވެ.އެރޮނގުން ހާމަކޮށްދެނީ ޤައުމެއްގައި ބަލިވެގެން ބޭސްފަރުވާ ކުރެވޭނެވަސީލަތްތައް އެންމެ ގިނައިން ބޭނުން ކުރެވެން ހުރި ޢަދަދެވެ.މިވަސީލަތްތަކަކީ ބަލިވެ ހާލު ބޮޑުވުމުން ލާނޭ އައި.ސީ.ޔޫ އެނދު ތަކެވެ. ވެންޓިލޭޓަރ ހުރި ޢަދަދެވެ. ޑޮކްޓަރުންނާއި ނަރުހުން ތިބި ޢަދަދެވެ. އެޤައުމެއްގައި މިވަސީލަތްތައްހުރި މިންވަރަށް ވުރެ ކޮވިޑް19ގައިބަލިވާ މީހުންގެ ޢަދަދު ކުއްލިއަކަށް އިތުރު ވެއްޖެނަމަ އެއްވެސް ޞިއްޙީ ވުޒާރާއަކަށް ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. މިބައްޔަކީ މިގޮތަށް ފެތުރިގެން ދާ ބައްޔެކެވެ. ބަލިޖެހޭ ފުރަތަމަ މީހާގެ ފަރާތުން 60 އަކަށް މީހުނަށް މި ބަލިޖެހެއެވެ. އެ 60 މީހުން ކޮންމެ މީހަކު 60މީހުންނާ ގާތް ވެވިއްޖެނަމަ މިނަންބަރު 3600އަށް އަރައެވެ. އަދި ހަމަ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މިނަންބަރު ވަރަށް އިތުރު ވެގެން ދެއެވެ. މީގެތެރޭން ސީރިއަސް ހާލަތައް ތިން އިސްސައްތަ މީހުން ދިޔަކަމުގައި ވިޔަސްވެސް ހޮސްޕިޓަލަށް ބޭނުންވާނެ އެނދުތަކަށް ނުވަތަ ބައްޔަށް ފަރުވާ ކުރައްވާނެ ޑޮކްޓަރުންނަށްވިސްނާލިޔަސް އެއީ ދުނިޔޭގެ މުއްސަނދި ޤައުމުތަކަށްވެސް ކުޑަހިނދު ކޮޅެއްގެ ތެރޭގައި ހޯދައި ތައްޔާރު ކުރެވޭނެ ވަސީލަތްތަކެއްނޫނެވެ. އެމެރިކާ އާއި އިޓަލީ ފަދަ ޤައުމުތަކަށް ވެގެން ދިޔަގޮތަކީ މީއެވެ. އެހެންކަމުން އަޅުގަނޑުމެން ދިވެހިން އަޅުގަޑުމެންގެ ހާލަތަކީ ކޮބައިތޯ ވިސްނާ ފިކުރު ކޮށް “ކާރވް ފްލެޓްން” ކުރަން ވިސްނަން ޖެހެއެވެ. އެއީ ކިހިނެއްތޯއެވެ. ޖަވާބަކީ ކޮވިޑްގެބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމެވެ. ނުވަތަ ބަލިޖެހިފައިވާ މީހުން އަޅުގަނޑުމެންގެ “ހެލްތު ސިސްޓަމްގެ ކެޕޭސިޓީ” ހުރިވަރަށްވުރެ އިތުރު ނުވޭތޯ ހިފަހައްޓަން ކޮންމެ ފަރުދަކުވެސް ހިއްވަރުލާ މަސައްކަތް ކުރުމެވެ. އެއީ ކިހިނެއް ކަންތައްކޮށްގެންތޯއެވެ. އެގޮތަކީ ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ) އިރުޝާދު ދެއްވާ ގޮތަށް ކަންތައް ކުރުމެވެ. ތިމާގެ އަތުން ޖަރާސީމު ނުފެތުރޭވަރަށް އަތްދޮވެ އަތް ސާފުކޮށް އަބަދުވެސް ބެހެއްޓުމެވެ. ގިނަމީހިން އެއްވެ ނޫޅުމެވެ. ފިހާރަޔަކަށް ނުވަތަ ބޭންކެއް ފަދަތަނަކަށް ދިޔަޔަސް ޖަރާސީމު ނުފޯރާހާ ދުރުމިނުގައި (6 ފޫޓު ދުރުމިނުގައި) ތިމުބުމަށް މަސައްކަތް ކުރުމެވެ. ބަލީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ އަމިއްލައަށް އެކަހެރިވެ ވަގުތުން 1676 އަށް ގުޅުމެވެ. އަދިވެސް މީގެ އިތުރުން އެޗް. ޕީ. އޭ އިން ދެއްވާ އިރުޝާދުތަކަށް ބޯލެނބުމެވެ. މިގޮތަށް ކަންތައް ކުރުމުންއިރާދަކުރެއްވިއްޔާ “ކާރވް ފްލެޓްން” ކުރެވޭނެއެވެ. ނުވަތަ އެއްވަގުތެއްގައި ބަލި ތަޙައްމަލު ކުރަމުންދާ މީހުން ގެ ޢަދަދު މަދުކުރެވި މިބަލި، ގިނަމީހުންނަށް ފެތުރުނަ ނުދީ ހިފެހެއްޓޭނެއެވެ. އަދި ޞިއްޙީ ވުޒާރާތަކުން ބައްޔަށް ފަރުވާ ކުރުމަށް ތައްޔާރުވެލެއްވުމަށްޓަކައި ވަގުތު ދެވޭނެއެވެ. ވަކި ވަކި ރަށްތަކެއްގެ ގޮތުގައި މިޖަޒީރާ ރާއްޖެ މާތް ﷲ ލެއްވިކަމީމިބަލިން ރައްކާތެރި ވުމުގައި އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ނިޢުމަތެކެވެ. އެއީ އެއްރަށުގައި އުޅޭމީހުންގެ ގައިން އަނެއް ރަށުގައި އުޅޭ މީހުންގެ ގަޔަށް އެބަލި އެރުމުގެ ފުރުސަތު ކުޑަވާނެތީއެވެ. އަދި މިއާއެކު މިހާތަނަށް އެޅިފައިވާ ފިޔަވަޅު ތަކުން އާއްމުންގެ ތެރެއަށް މިބަލި ފެތުރުނަ ނުދީ ވަކިވަރަކަށްވަނީ ހިފެހެއްޓިފައެވެ. މީގެއިތުރުންއަޅުގަނޑުމެން އަދާކުރަންޖެހޭފަރުދީ ޒިންމާ އަދާކުރުމުން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ މިޤައުމު މިބަލީގެ ބިރުވެރިކަމުން މަތް ﷲ ސަލާމަތްކުރައްވާނެއެވެ.

އަޅުގަނޑު މިލިޔުން ނިންމާލުމުގެ ކުރިން ތިޔަބޭފުޅުން ބަލިން ރައްކާތެރި ވުމަށްޓަކައި އެއްބާރުލުންދެއްވަމުންދާތީ ޝުކުރުއަދާ ކުރަމެވެ. އަދި މިބަލިން ޤައުމު ރައްކާތެރި ކުރުމަށްޓަކައި އެޗް.ޕީ.އޭ އާއި އެކީއެމް.އެން.ޔޫގެ ސްޓާފުންނާއި ލޮބުވެތި ދަރިވަރުން ސާމްޕަލް ނެގުމުގަޔާއި، ކޮންޓެކްޓް ޓްރޭސިންގްގަޔާއި، ތަފާސް ހިސާބުތައް ބެލެހެއްޓުންފަދަ ކަންކަމުގައި ކުރައްވާ މިންނެއް މަސައްކަތް ފާހަގަކޮށް ވަރަށް ހޫނު ތަރްޙީބެއްދެމެވެ.


ރިފަރެންސް ލިސްޓް

  1. ވާރލްޑޮމީޓަރ.(7އޭޕްރިލް 2020). ކޮވިޑް 19: ކޮރޯނާ ވައިރަސް ޕެންޑަމިކް.ނަގާފައިވަނީinfo/coronavirus/?
  2. ދުނިޔޭގެ ޞިއްޙަތާ ބެހޭ ޖަމިއްޔާ.(7އޭޕްރިލް 2020).ކޮރޯނވައިރަސް ޑިސީސް (ކޮވިޑް- 19 )ޕެންޑަމިކް. ނަގާފައިވަނީ https://www.who.int/emergencies/diseases/novel-coronavirus-2019

 

Dr Raheema-about-06-06