ކޯވިޑް-19އާ ގުޅިގެން ކޮންޓްރެކްޓާއި ޚިލާފުނުވެ، ކޮންޓްރެކްޓް ނިންމާލެވިދާނެތަ؟

Posted on 09-06-2020 at 20:04 in COVID-19 MNU UPDATES

Fathimath-waheedha

 

ކޯވިޑް-19 ގެ ބިރުވެރިކަން މުޖުތަމަޢަށް ދިމާވެ، މިބަލި މުޖުތަމަޢުގައި ފެތުރުން ހުއްޓުވުމުގެ ގޮތުން، އިޖުތިމާޢީ ގައިދުރުކުރުމުގެ ހަރުކަށި ފިޔވަޅުތަކެއް ވަނީ އަޅާފައެވެ. ފުރަބަންދުކޮށް، ބޯޑަރު ބަންދުކޮށް، ވިޔަފާރި މުޢާމަލާތާއި ހަރަކާތްތައް މަޑުޖައްސާލައިފައިވާ ދަނޑިވަޅުގައި، ވިޔަފާރިއާއި އާއްމުފަރާތްތަކުގެ މެދުގައިވެފައިވާ ވިޔަފާރީގެ މުޢާމަލާތައް ކުރިޔަށް ގެންދިޔުމުގައި، ހުރަސްތައް ދިމާވެ، ވަނީ ހުއްޓިފައެވެ. މިފަދަ ހާލަތެއްގައި، އެއްބަސްވުމުގެ ބައިވެރިންނަށް އެންމެ މުހިންމުވެގެންދަނީ، އެއްބަސްވުމުގެ ދަށުން ބައިވެރިންނަށް ލިބިފައިވާ ޙައްގުތަކާއި ޒިންމާތައް ކުރިޔަށް ނުގެންދެވޭ ޙާލަތުގައި ދެންވާނޭ ގޮތަކާއި މެދުއެވެ. މިލިޔުމުގައި ބަލައިލާނީ، އެއްބަސްވުން ތަކަށް އަމަލު ނުކުރޭ ޙާލަތުގައި ދިމާވެދާނެ ޤާނޫނީ ނަތީޖާ، ތިން ދާއިރާއެއްގެ ތެރެއިންނެވެ. މިގޮތުން އެއްބަސްވުމުގައި އެކުލެވިފައިވާ މެޓީރިއަލް އެޑްވާރސް ކްލޯސް (“އެމްއޭސީ”)، ފޯރސް މެޖޯރކްލޯސް އަދި ޑޮކްޓްރިން އޮފް ފްރަސްޓްރޭޝަން، ތެރެއިން ބަހުސްކުރެވިގެންދާނެއެވެ. މީގައި ބަލާނީ މިކަންތައްތަކުގައި ކޮމަންލޯ ޖުރިސްޑިކްޝަންއާއި ޢާއްމު އުސޫލާއި، އަދި ދިވެހި ރާއްޖޭގައި ޢަމަލު ކުރެވޭގޮތަށެވެ.

މުޖުތަމަޢު ބިނާ ވެފައިވާނީ ކޮންޓްރެކްޓް ނުވަތަ ކޮންޓްރެކްޓް ޤާނޫނުގެ މައްޗަށް ކަމަށް ބުނަނީ،މުޖުތަމައެއްގެ ހުރިހާ މުޢާމަލާތެއް، މުދާލާއި ޚިދުމަތްތައް، އުފައްދާ އަދި ފޯރުކޮށްދެނީ ކޮންޓްރެކްޓެއްގެ ދަށުންކަމަށްވާތީއެވެ. ޚާއްސަކޮށް ވިޔަފާރި މުޢާމަލާތް ތަކުގައި ކޮންޓްރެކްޓް ބޭނުންކުރުމުގެ ފައިދާ، ދެމެހެއްޓޭނީ އާއްމު ގޮތެއްގައި ކޮންޓްރެކްޓްގެ އުޞޫލުތަކަށް ތަބާވެ، ޚިލާފުވާ ހިނދު އެއްބަސްވުން ތަންފީޒް ކުރެވޭނަމައެވެ. މިގޮތުން ކޮންޓްރެކްޓެއް އުފެދެނީ ދެފަރާތުގެ ރުހުމާއި އެކު އެއްބަސްވާ މާއްދާތައް “ޓާރމްސް އެންޑް ކޮންޑިޝަންސް” ގެ މައްޗަށެވެ. އެހެންކަމުން އޭގައިވާ ވާޖިބްތަކާއި ޒިންމާތައް، އަދާނުކޮށްފިނަމަ، އެއްބަސްވުމާއި ޚިލާފުވީ ކަމަށް ބަލާ، އެއްބަސްވުން ނިންމާލައި، ލިބފައިވާ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދެވޭނެއެވެ (ބީޓްސަން، 2016). ހަމައެއާ އެކު ގަބޫލުކުރެވޭ ހާލަތެއް (“ލޯފުލް އެކްސްކިއުސް”) ދިމާވެއްޖެ ނަމަ އެއްބަސްވުމާއި ޚިލާފުވީކަމަކަށް ނުބެލެވޭނެއެވެ(މެކެންޑްރިކް، 2017). އޭގެ ބަދަލުގައި ވާނީ އެއްބަސްވުން ނިންމާލެވޭ ޙާލަތަކަށެވެ. ކޯވިޑް-19 ގެ ޙާލަތުގައި، އެއްބަސްވުމާއި ޚިލާފުނުވެ، ނިންމާލެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައެވެ.

(1) އެއްބަސްވުމުގެ ބައިވެރިން، އެއްބަސްވުމުގެ ޒިންމާތަކާއި ވާޖިބްތައް ދޫކޮށްލުމަށް، “އެކްސް ޕޯސްޓް ފެކްޓޯ” ދޫކޮށްލުމަށް، ހީނުކުރެވޭ، އަމިއްލަ އިޚްތިޔާރުން ބޭރުގެ ކަންތައްތަކެއް ކޯވިޑް-19ގެ ސަބަބުން ދިމާވުމުން، އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތަކާއި، އުފުލަން ޖެހޭ ޒިންމާތައް ދޫކޮށްލަން ދެފަރާތުން އެއްބަސްވުން؛

(2) އެއްބަސްވުމުގައި ހިމެނޭ (“ޕްރީ އިގްޒިސްޓިން”) މާއްދާއެއް، މިސާލަކަށް އެމްއޭސީ ނުވަތަ ފޯސް މަޖޯރ މާއްދާއެއް ހިމެނިފައިވުން، އަދި

(3) ކޮންޓްރެކްޓުން އެއްބަސްވެވިފައިވާ ކަމަކީ އެކަމެއް ކުރުން މުސްތަހީލު ކަމަކަށް ވުމުން ކޮންޓްރެކްޓް ނިމުމުމަކަށް ގެނައުން، މިއެއެވެ.

 
މެޓީރިއަލް އެޑްވާރސް ޗޭންޖްކްލޯސް (“އެމްއޭސީ”)

ވިޔަފާރީގެ އެއްބަސްވުމުގެ މައިގަނޑު އެއްމަޤްސަދަކީ އެކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ރިސްކްތައް ބަހާލައި، އަދި ޙާލަތު ބަދަލުވާ ފަހަރުގައި ނުވަތަ ނޭދެވޭ ކަމަކާއި ގުޅިގެން، ރިސްކް މަތިވެގެންދާއިރު،އެކަމުގެ ސަބަބުން ލިބޭ ގެއްލުން އެންމެ ކުޑަކުރުމެވެ (ހާޕިއޯ، 2013). އެމްއޭސީ ކްލޯސްއަކީ ހާލަތަށް އަންނަ ބަދަލެއްގެ ސަބަބުން، އެއްބަސްވުމުގެ ބައިވެރިއެއްގެ މާލީ ހާލަތަށް ނުވަތަ ބަޔާން ކޮށްފައިވާ އެހެންކަމަކަށް މައިގަނޑު ނޭދެވޭ ތަފާތެއް އަންނަހިނދު، އެއްބަސްވުމުން ލާޒިމްކުރާ ކަންތައް ދޫކޮށްލުމުގެ އިޚްތިޔާރު ލިބިދޭ މާއްދާއެކެވެ (ކޯޑެރާ-މޮސް،2011).

އާއްމު ގޮތެއްގައި އެމްއޭސީ ކްލޯސް ހިމަނާފައި ހުންނަނީ ޕްރޮޖެކްޓް ފައިނޭސިންގ އަދި ކްރެޑިޓް އެއްބަސްވުން ތަކުގެ އިތުރުން މާރޖަސް އެންޑް އެކްއިސިޓަންސްގައެވެ. އެމްއޭސީ ކްލޯސްއެއް، ކޯވިޑް-19 އާގުޅިގެން ބޭނުންކުރެވޭނީ، އެ މާއްދާ ޑްރާފްޓްކޮށްފައިވާ ގޮތުގެ މައްޗަށް ބަލާފައެވެ. މިގޮތުން، އެއްބަސްވުން ނިންމާލުމުގެ ޙައްގު، ޢަމަލުކުރުން ހުއްޓާލުމަށް ޚިޔާރުކުރުން، ނުވަތަ އެއްބަސްވުމުގެ ދަށުން ޒިންމާތައް ކުރިޔަށް ނުގެންދިޔުމަށް ނިންމިދާނެއެވެ.

ކޮމަންލޯ ޖުރިސްޑިކްޝަންސް އޮންނަ ގައުމުތަކުގައި، އެމްއޭސީ މާއްދާމާނަކުރަނީ، އެހެން މާއްދާތަކެކޭ އެއްފަދައިން ކޮންޓްރެކްޓް ލޯގެ އާއްމުއުސޫލުތަކުގެ ދަށުންނެވެ. މިގޮތުން ކޯޓުތަކުން މާނަކުރުމުގައި ދެފަރާތުގެ ނިޔަތް ނުވަތަ މަޤްޞަދު ދެނެގަންނަންނަން ބަލަނީ މިމާއްދާ ޑްރާފްޓް ކުރުމުގައި ބޭނުންކޮށްފައިވާ ބަހުރުވައާއި ބަސްތަކަކަށެވެ. މިމާއްދާއަކީ ކުރިޔާލާ، ކޮންޓްރެކްޓްގެ ބައިވެރިން އެއްބަސްވެ، ދިމާވެދާނެ ޙާލަތެއް އެކަށައަޅާ ޢަމަލު ކުރެވޭނެ ގޮތް ބަޔާންކޮށްފައިވާ، ނޭދެވޭ ޙާލަތެއްގައި ބޭނުންޖެހޭ މާއްދާއެކެވެ. އެމްއޭސީ ފަރުމާކުރުމުގައި މިމާއްދާ ބޭނުންކުރެވޭނެ ޙާލަތްތައް، ނުވަތަ ޙާލަތްތަކުގެ ލިސްޓެއް އެކަށައެޅުމަކީ ވަރަށް މުހިންމުކަމެކެވެ. ކޯވިޑް-19 ފެށިފައިވަނިކޮށް ޑްރާފްޓްކުރެވިފައިވާ މާއްދާއެއްނަމަ، އެއްބަސްވުމުގައިވާ މިމާއްދާގެ ބޭނުން ހިފުމަށް ހުރަހަކަށް ވެގެންދިޔުމަކީ އެކަށީގެންވާކަމެކެވެ. އެއީ ޕެންޑަމިކްގެ އަސަރު، މިއެއްބަސްވުން ސޮއިކުރެވުނު އިރު، ހީނުކުރާ ކަމަކަށް ނުވާނެތީއެވެ. މިމާއްދާ ބޭނުންކުރުމުގެ ދެވަނަ ހުރަހަކަށް ވާނީ، މިމުހިންމު ނޭދެވޭ ގެއްލުމަކީ، ކޯވިޑް-19 ޕެންޑަމިކްގެ ސަބަބުން ދިމާވެފައވާ ކަމެއްކަމުގައި ސާބިތުކުރުމެވެ. އުދަގޫ ވެގެން ދަނީ މިކަމާއި ގުޅޭ އެހާ ސާފުނޫން ކަންކަން، މިސާލަކަށް ކޯވިޑް-19  ޕެންޑަމިކްގެ މުއްދަތާއި، މިކަމުގެ އަސަރު، އަދި މިކަމުގެ ގެއްލުމުން ވިޔަފާރިތަކަށް ސަލާމަތްކުރުމަށްޓަކައި ސަރުކާރުގެ އެހީ ލިބިދޭ މިންވަރު، ފަދަ ކަންތައް އެކުލެވޭތީއެވެ.

 

“ފޯސް މެޖޯރ” މާއްދާ

ކޮމަންލޯ ޤައުމުތަކުގައި ފޯސް މެޖޯރގެ ވަކި ޑޮކްޓްރިންއެއްނެތް ކަމުގައިވިޔަސް، ފޯސް މެޖޯރއަކީ ކޮންޓްރެކްޓްތަކުގައި އާއްމުގޮތެއްގައި ބޭނުންކުރާ ބަހެކެވެ. އިގިރޭސި ކޯޓުތަކުން މިމާއްދާ މާނަކުރަނީ ހާދިސާއެއް ފޯސް މެޖޯރއެއްކަމުގައި ވާނީ ކޮންޓްރެކްޓަށް ޢަމަލު ކުރުމުގައި ޤާނޫނީ ނުވަތަ ފިޒިކަލް ހުރަހެއް ދިމާވެ، ކޮންޓްރެކްޓް ގައި ހިމެނިފައިވާ ފަރާތްތަކުން ހީނުކުރާ އަދި ނުހުއްޓުވޭފަދަ ކަމެއްކަމުގައިވެ، އެކަންދިމާވީ އިހްމާލެއް، އޮމިޝަންއެއް، ނުވަތަ ކޮންޓްރެކްޓްގެ ބައިވެރިޔެއްގެ ސަބަބުން، ކަމަކަށްވެގެން ނުވާނެއެވެ (މެކެންޑްރިކް، 2014). މިމާއްދާ ބޭނުންކުރުމަކީ ދެފަރާތުގެ އަތްމަތީގައިވާ ކަމަކަށްވާތީ، މިމާއްދާ މާނަކުރެވޭނީ، އެހެން މާއްދާތަކޭ އެއްފަދައިން، ކޮންޓްރެކްޓް މާނަކުރުމުގެ އާއްމު އުސޫލުތަކާއި އެއްގޮތަށެވެ. މިއުސޫލުތަކުގެ ތެރެއިން “ކޮންޓްރާޕްރޮފެރަންޓަމް ރޫލް” ބުނާ ގޮތުގައި ބައިވެރިޔެއްގެ ޒިންމާއިން ބަރިއްޔަ ކުރެވޭ ފަދަ މާއްދާއެއް މާނަކުރަން ޖެހޭނީ ވަރަށް ހަނިކޮށްކަމަށެވެ(ރިޗަޑްސް، 2017). މީގެ އިތުރުން އެމާއްދާ އަކީ، ސާފު އިބާރާތުން ވާ މާއްދާއަކަށް ނުވާނަމަ،  މާއްދާ މާނަކުރަންޖެހޭނީ މިމާއްދާ ތަންފީޒްކުރަން ބޭނުންވާ ފަރާތާއި ޚިލާފަށެވެ. އަދި މީގެ އިތުރުން ފޯސް މެޖޯރ ހާދިސާއެއް ހިނގައިފި ކަން ސާބިތުކުރުމުގެ ބުރަ، އޮންނާނީ، އެމާއްދާ ތަންފީޒް ކުރަން ބޭނުންވާ ފަރާތަށެވެ (ސްޓޯން، 2013).

މިއުސޫލަށް ޢަމަލުކުރުން ބިނާވެފައި އޮންނަނީ ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ މާއްދާތަކަށް ކަމަށްވާތީ، މިމުހިންމު މާއްދާގައި ފޯސް މެޖޯރ ކަމަށް ބެލެވޭ ކަންތައްތައް ލިސްޓުކުރެވިފައިވެއެވެ. މިގޮތަށް ހިމެނޭ ބައެއް ކަންތައްތަކުގެ ތެރޭގައި: (1) އެކްޓް އޮފް ގޯޑް ކަމުގައިވާ ޤުދްރަތީ ހާދިސާއެއް؛ (2) ޤާނޫނު ނުވަތަ ޤާނޫނަކަށް އަންނަ ބަދަލެއްގެ ސަބަބުން، އެއްބަސްވުމަށް ޢަމަލުކުރުމަށް ހުރަހަކަށްވުން؛ (3) ހަނގުރާމައާއި މަދަނީ ހަމަނުޖެހުން (4) އެޕިޑަމިކް؛ އަދި (5) ހަޅުތާލު ފަދަ ކަންތައް ހިމެނެއެވެ (މެކެންޑްރިކް، 2014). ފޯސް މެޖޯރ މާއްދާއެއްގެ ޤާނޫނީ ނަތީޖާ ބިނާ ވެގެންވަނީ މާއްދާ ފަރުމާކުރެވިގެންވާ ގޮތުގެ މައްޗަށެވެ. މިސާލަކަށް ފޯސް މެޖޯރ ޙާލަތުގައި، އެމުއްދަތުގައި އެއްބަސްވުމަށް ޢަމަލުކުރުން މެދުކަނޑާލުމަށް އެ މާއްދާއިން ކަނޑައަޅާފައިވުން، ނުވަތަ ދެފަރާތުން ކުރެ ފަރާތަކަށް، ވަކި މުއްދަތެއް ހަމަވުމުން، އެއްބަސްވުން ނިންމާލުމުގެ ހައްޤު، އެއްފަރާތައް ނުވަތަ ދެފަރާތަށް ދެވިދާނެއެވެ (މެކެންޑްރިކް، 2014). އާއްމުގޮތެއްގައި މިމާއްދާގައި، މިކަމުން އަސަރުކުރާ ފަރާތުން، އަނެއް ފަރާތަށް އެންގުމާއި، ފޯސް މެޖޯރގެ ސަބަބުން ލިބޭ ގެއްލުން ދަށްކުރުމަށް އެންގުން ހިމެނޭނެއެވެ. އެމްއޭސީ މާއްދާއާއި އެއްފަދައިން ފޯސް މެޖޯރ ޙާލަތަކާއި ގުޅިގެން ޢަމަލުކުރުން ލަސްވުން ނުވަތަ ހުރަސްއެޅިފައިވާކަމަށް އެކަށައަޅާ ނިންމުން އުދަގޫ ވެގެން ދަނީ މިކަމާއި ގުޅޭ އެހާ ސާފުނޫން ކަންކަން ކަމުގައިވާ ކޯވިޑް-19  ޕެންޑަމިކްގެ މުއްދަތާއި، މިކަމުގެ އަސަރު، އަދި މިކަމުގެ ގެއްލުމުން ވިޔަފާރިތައް ސަލާމަތްކުރުމަށްޓަކައި ސަރުކާރުގެ އެހީ ލިބިދޭވަރު ދެނެގަތުން، ފަދަ ކަންތައް އެކުލެވޭތީއެވެ.

ދިވެހިރާއްޖޭގައި ކޮމަން ލޯ ޤައުމު ތަކެކޭ އެއްފަދައިން ފޯސް މެޖޯރ، ކޮންޓްރެކްޓް ޤާނޫނުގައި ބަޔާން ކޮށްފައެއްނެތެވެ. ނަމަވެސް ފޯސް މެޖޯރ މާއްދާތަކަކީ، ޢާއްމުކޮށް، އެއްބަސްވުންތަކުގައި ބޭނުންކުރާ މާއްދާއެކެވެ. ދިވެހި ރާއްޖޭގައި އެކުލަވާ ލެވިފައިވާ ރަދީފުގައި، މިބަސް މާނަކޮށްފައިވަނީ ޤުދުރަތީ ހާދިސާއެއްގެ ސަބަބުން ނުވަތަ ދެ ފަރާތަކަށް އެނގިފައިނުވާ ބޮޑުކަމެއް ޖެހުމުގެ ސަބަބުން، ކޮންޓްރެކްޓްގެ ދަށުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރުމުން މައާފުކުރުމަށް ބޭނުންކުރާ މަފްހޫމެއްކަމަށެވެ (ޤާނޫނީ ރަދީފް، 2018). އެހެން މާއްދާތައް މާނަކުރާ އުސޫލުން، ފޯސް މެޖޯރވެސް މާނަކުރުމުގައި ބޭނުންކުރަނީ ދިވެހިރާއްޖޭގެ ކޮންޓްރެކް ޤާނޫނާއި އުސޫލުތަކެވެ. މިގޮތުން، މިހާތަނަށް ނިންމާފައިވާ، ކޭސްތަކުގައި، އެހެން މައްސަލައެއް ދިމާނުވާ ހިނދު، ފޯރ މެޖޯރ ކްލޯސްގައިވާ ގޮތަށް ޢަމަލުކުރެއެވެ. މުޙައްމަދު ވަޙީދު ވ. އަލްމާކް މޯލްޑިވްސް ޕވޓ ލޓޑ /HC-A/183)2007(ގައި އަލްމާކަށް ކުއްޔައްދީފައވާ ދޯނި ވަނީ ކަނޑަށް ފެތިގެއްލިފައެވެ. މިމައްސަލައިގައި، މިދެފަރާތުގައި ވާ އެއްބަސްވުމުގެ މާއްދާއެއް ކަމުގައިވާ “ޤުދްރަތީގޮތުން ކުރިމަތިވާ ޙާދިސާއަކާއި ގުޅިގެން ދޯންޏެއް ލިބޭ ގެއްލުންތަކުގައި ކުއްޔަށް ހިފާފަރާތް ޒިންމާވާކަށް ނުޖެހޭނެއެވެ” ކަން ބަލައިގަނެ، އިހްމާލެއް ނެތް ޙާލަތުގައި ކުއްޔަށް ހިފިފަރާތް ޒިންމާކުރެވޭނެ ހަމައެއް ނޯންނާނޭކަމަށް ނިންމާފައެވެ.

 

ޑޮކްޓިރިން އޮފް ފްރަސްޓްރޭޝަން

ފްރަސްޓްރޭޝަން އަކީ ދިމާވާ ޙާލަތެއްގެ ސަބަބުން، އެއްބަސްވުމަށް އަމަލުކުރުން މުސްތަހީލުވުން ނުވަތަ ކޮންޓްރެކްޓް ކުރިއިރު ބައިވެރިންނަށް ތަސައްވަރުކުރެވިފައި ނުވާކަމެއް ހިނގުމުގެ ސަބަބުން، އެގްރިމެންޓް ކުރުމުގެ މަގްސަދު ގެއްލިގެންދިޔުމެވެ. މިޑޮކްޓްރިންގެ ނަތީޖާ އަކީ އަސަރުކޮށްފައިވާ މާއްދާތަކާއި ޒިންމާތައް ދޫކޮށްލުމެވެ. އެގްރިމެންޓެއްގައި ފޯސް މެޖޯރ މާއްދާގައި ހިމަނާފައިވާ ހާދިސާއެއް ދިމާވެއްޖެނަމަ، މި އެއްބަސްވުމަށް ފްރަސްޓްރޭޝަންގެ އުސޫލުތަކެއް ނުހިނގާނެއެވެ. އެހެނީ މިކަމަކީ ބައިވެރިންނަށް ތަސައްވަރު ކުރެވި، ދެފަރާތުގެ ޒިންމާތައް ކަނޑައެޅިފައިވާ ކަމަކަށް ވާތީއެވެ. މިގޮތުން  ފޯސް މެޖޯރ މާއްދާ ފުޅާކޮށް ޑްރާފްޓްކުރާވަރަކަށް، ފްރަސްޓްރޭޝަން ބޭނުންކުރުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ. ދިމާވާ ޙާލަތަކީ ތަސައްވަރު ކުރެވޭ ފަދަ ޙާލަތެއް ނަމަ، އެހާދިސާއަކީ އެއްބަސްވުން ފްރަސްޓްރޭޓްކުރެވޭ ކަމަކަށް ނުވާނެއެވެ. އެހެން ކަމުން، މީގެ ކުރިން ދިމާވެފައިވާ، ސާރސް، މާރސް އަދި އެބޯލާ ވައިރަސް ފެތުރިފައިވާތީ، ކޯވިޑް-19ފަދަ ޕެންޑަމިކް ތަކަކީ ހީނުކުރެވޭ ހާލަތްތަކެއް ނޫންކަމަށް ދެކެވިދާނެއެވެ. ހަމައެއާއެކު ކޯވިޑް-19 ފްރަސްޓްރޭޓިން ހާދިސާއަކަށްކަމަށް ބެލޭނީ އެއީމިޕެންޑަމިކްގެ ދިގުމިނާއި ނުރައްކާތެރިކަން، މިއީ ހީކުރެވި ތަސައްވަރުނުކުރެވޭ ފަދަ ކަމަކަށް ވާތީއެވެ.

ދިވެހިރާއްޖޭގައި ފްރަސްޓްރޭޝަންއަކީ ކޮބައިކަން، ކޮންޓްރެކްޓް ޤާނޫނުން ބަޔާން ކޮށްދީފައިވެއެވެ. ދިވެހިރާއްޖޭގެ ކޮންޓްރެކްޓްއާ ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) އާއި 22 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވަނީ، ޤާނޫނެއް ހިންގުމުގެ ސަބަބުން ނުވަތަ އެއްބަސްވުމުގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން، އޭގެ ބައިވެރިންނަށް ލާޒިމްކުރާ ޢަމަލެއް ކުރެވެން ނެތް ހިނދެއްގައި ބެލޭނީ އެއެއްބަސްވުން ނިމުމަކަށް ދިޔައީކަމަށެވެ. މި ޑޮކްޓްރިން ބޭނުންކުރެވޭނީ އެގްރިމެންޓް ކުރުމަށްފަހު، ކުރިމަތިވާ މުސްތަހީލު ޙާލަތެއްގެ ސަބަބުން އެއެއްބަސްވުމުގެ މަގްޞަދު ނުވަތަ އެއިން ކުރަން ލާޒިމްކުރާ ކަންތައްތައް ކުރެވެން ނެތުމުންނެވެ (ސުޢޫދް، 2016). އެއެއްބަސްވުން ވެވޭ ފަހުން އެކަމެއްކުރުން މުސްތަހީލުވުމުގެ މާނައަކީ، އެއެއްބަސްވުމުގެ ފަހުން އެކަމެއްކުރުން މުސްތަހީލުވުމެވެ.

މުސްތަހީލުވުން ކަމަށް ނުބެލެވޭ ޙާލަތްތަކުގެ ތެރޭގައި ޢަމަލުކުރުން ދަތިވުން ހިމެނެއެވެ. ދިވެހިރާއްޖޭގެ ކޮންޓްރެކްޓްއާ ބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ، ކޮންޓްރެކްޓަކުން އޭގެ ބައިވެރިންނަށް ލާޒިމްކުރާ ޢަމަލެއްކުރުން ދަތިވުމަކީ ނުވަތަ އެކަމަށް ހިނގާ ޚަރަދު ބޮޑުވުމަކީ އެޢަމަލެއް ކުރެވެންނެތީ ކަމަކަށް ނުބެލެވޭނެއެވެ. އޭޑީކޭ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓަޑް ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓާޑް /HC-A/97)2010(ގައި ފްރަސްޓްރޭޝަން އާ މެދު މަޝްވަރާކުރައްވާ، އަގަށް ބަދަލުއައުން ފަދަ ކަންތައްތަކަކީ ފްރަސްޓްރޭޓް ވާ ޙާލަތެއްނޫންކަމަށް ބަޔާންކޮށްފައިވެއެވެ. މުޙައްމަދު ވަޙީދު ވ. އަލްމާކް މޯލްޑިވްސް ޕވޓ ލޓޑ /HC-A/183)2007(ގައި މުހައްމަދު ވަހީދު، އަލްމާކަށް ކުއްޔައްދީފައވާ ދޯނި ވަނީ ކަނޑަށް ފެތިގެއްލިފައެވެ. މީގައި ކޯޓުން ބުނެފައިވަނީ، ދޯނި އަޑިއަށް ގޮސްފައިވަނީ، އަލްމާކުގެ އެއްވެސް އިހްމާލެއްނެތި، ދިމާވެފައިވާ ޤުދްރަތީ ހާދިސާއެއްގެ ސަބަބުންކަމަށްވާތީ، ކުއްޔަށް ހިފިފަރާތް ޒިންމާކުރެވޭނެ ހަމައެއް ނޯންނާނެކަމަށެވެ. ދިވެހިރާއްޖޭގެ ކޮންޓްރެކްޓްއާ ބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ، ކޮންޓްރެކްޓެއްގެ ބައިވެރިންގެ އިހްމާލުން، ނުވަތަ އޭނާގެ އަމިއްލަ ކަމަކުން މެދުވެރިވާ ޙާލަތަކާހުރެ، އެކޮންޓްރެކްޓަކުން އޭނާގެ މާއްޗަށް ލާޒިމްކުރާ ޢަމަލެއް ކުރެވެންނެތީ ކަމަކަށް ނުބެލެވޭނެއެވެ. ހަމައެއާއެކު، ސަލްޓްން އޮފް ދަ ސީ ވ. މުޙައްމަދު ނާސިރު /HC-A/145)2008(ގައި ހައިކޯޓުން ބަޔާންކޮށްފައިވަނީ “މުހަންމަދު ނާސީރު މައްޗަށް ލާޒިމްކުރާ ރަޖިސްޓްރީ ބަދަލުކުރުމުގެ ޒިންމާ، އެފަރާތުންކޮށްފައިވާ ޢަމަލެއްގެ ސަބަބުން ފުރިހަމަކުރެވެން ނެތުމާއިއެކު، އެއްބަސްވުމެއްގެ ދަށުން އެއްފަރާތަކުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމުގެ ސަބަބުން އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނުވަތަ ބާތިލް ކުރުމަށް އެދުމަކީ އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ލިބިގެންވާ ޙައްޤެއް” ކަމަށެވެ.

ކޮންޓްރެކްޓް ވެވިފައިވާ ކަމެއް ކުރުން މުސްތަހީލުވުމުގެ ސަބަބުން އެކޮންޓްރެކްޓް ބާތިލްވާނެއެވެ. ދިވެހި ރާއްޖޭގެ ކޮންޓްރެކްޓްއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ލާޒިމްކުރާ އަމަލެއް ކުރެވެންނެތްކަން އެންގުމުގެ ކުރީގައި، އޭނާއަށް ލިބެން އޮތް ފައިސާއެއް ނުވަތަ އޭނާދިން ފައިސާއެއް ހޯދުމަކީ ކުރެވިދާނެއެވެ. ނަމަވެސް އަމަލެއް ކުރެވެން ނެތުމާއި ހިސާބުން، އޭނާގެ  މައްޗަށް ލާޒިމްކުރާކަމަކުން ބަދެވިގެން ނުދާނެއެވެ.

މިލިޔުމުގައި މިބަލާލެވުނީ، ކޯވިޑް-19 ޕެންޑަމިކްގައި ކޮންޓްރެކްޓްގެ ދަށުން ހަވާލުވެފައިވާ ޒިންމާތައް، ކުރިޔަށް ނުގެންދެވޭ ހާލަތުގައި،  މިކަން ހައްލުކުރުމުގައި ބޭނުންކުރެވިދާނެ ތިން ގޮތްކަމުގައިވާ، އެމްއޭސީ އާއި ފޯސް މެޖޯރ މައްދާއާއި ފްރަސްޓްރެޝަންގެ އުސޫލުތަކަކަށެވެ. މިއީ އެއްބަސްވުން ދޫކޮށްލުމުގައި ބެލޭނެ ކަންތައްތައް ކަމުގައި ވިޔަސް، ކޮންޓްރެކްޓް ޤާނޫނުގައި ބަޔާންކޮށްފައިވާ ހާލަތުގަޔާއި، އެ ނޫން ހާލަތުގައި މިކަންތައްތައް ދެނެގަތުމުގައި ކޮންޓްރެކްޓް މާނަކުރުމުގެ އުސޫލުތައް ބޭނުންކޮށް ނިންމާނީ ކޮންމެ އެއްބަސްވުންގެ މާއްދާތަކަށް ބަލާ، ކޮންމެ އެއްބަސްވުމެއްގެ ގައި ހުންން ޚާއްސަކަންތައްތައް ބަލާފައެވެ.

 

REFERENCE:

 

  1. Beatson, J, Burrow, A, Cartwright, J (2016), Anson’s law of contract, Oxford University Press, 30th
  1. Cordero-Moss (2011), G, Boilerplate Clauses, International Commercial Contracts and the Applicable Law: Common Law Contract Models and Commercial Transactions Subject to Civilian Governing Laws, Cambridge University Press.
  1. Haapio, H, Siedel, G.,J. (2013), A Short Guide to Contract Risk, Gower Publishing
  1. Macintyre, E. (2016), Business Law, Pearson Education, 8th
  1. McKendrick, E (2014), Force Majeure and Frustration of Contract, Informa Law from Routledge
  1. McKendrick, E (2017), Contract Law, Palgrave Law Masters, 12th ed.
  1. Richards, P (2017) Law of Contract, Pearson Education Limited
  1. Stone, R (2013), The Modern Law of Contract, Routledge, 10th
  1. Suood, H (2016) Understanding Maldivian Law of Contract Law, Maldives Law Institute
  1. Qaanoonee Radheef (2018), Maldives Law Institute

 

F.waheedha