ކޮވިޑް 19 ފަދަ، ޢާލަމީ ވަބާތަކުން ލިބިގަންނަންޖެހޭ ފިލާވަޅުތައް
Posted on 09-05-2020 at 22:51 in COVID-19 MNU UPDATESކޮވިޑް 19، އެންމެފުރަތަމަ، ފެތުރިގެން އައިއިރު، ޔުނައިޓެޑް ނޭޝަންސް ހެލްތު އެޖެންސީއިން، މިބަލިމަޑުކަން ސިފަކުރަމުން އައީ، ވަބާ(Epidemic)އެއްގެ ގޮތުގައެވެ. ނަމަވެސް ޖޯގްރަފީގޮތުން ދުނިޔޭގެ އެތައްބައްރެއް ހިމެނޭގޮތަށް، ބޮޑުސަރަޙައްދަކަށް ބަލިފެތުރިގެން ހިނގައްޖެކަން ރަސްމީގޮތުން ޤަބޫލުކުރެވުމާއެކު، މިވަބާގެ ދަރަޖަ، ވަބާއަށްވުރެމަތިކޮށް، ޖާއިޙާ(Pandemic) ނުވަތަ “ޢާލަމީ ވަބާ”އަކަށް ބަދަލުކުރިއެވެ.(1)
ކޮވިޑް 19 ފަދަ ނުރައްކާތެރި ވަބާއެއް ފެތުރި، މުޅި ދުނިޔެ ނާޒުކު ޙާލަތަކަށް ގޮސްފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ ތާރީޚުގައާއި، ދިވެހިރާއްޖޭގައި ހިނގާފައިވާ، ނުރައްކާތެރިބައެއް ވަބާތަކުން ފިލާވަޅުތައް ލިބިގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވީމާ، މިހާހިސާބުން، ކިތައްމެ ކުރުކޮށްނަމަވެސް އެފަދަ ބައެއް ވަބާތަކަށް އަލިއަޅުވާލަން ގަސްތުކުރަމެވެ.
-
އެތެންސްގެ ޠާޢޫނު:
ޤަދީމީ ގްރީކްގެ މަޝްހޫރު ސިޓީއެއްކަމުގައިވާ އެތެންސް އަށް ދިމާވި ނުރައްކާތެރި ޠާޢޫނުގެ ސަބަބުން އެ ރަށް ހަލާކުވެ ދިޔައީ، ޢީސާ ޢަލައިހިއްސަލާމްގެ 430 އަހަރު ކުރިން، ޕެލޮޕޮނޭޝިއަން ހަނގުރާމައިގެ ދެވަނަ އަހަރުއެވެ. މި ޠާޢޫނުގެ ސަބަބުން، ހަތްދިހަ ފަސްހާހާއި އެއްލައްކައާދެމެދުގެ އަފްރާދުން މަރުވެގެން ދިޔައެވެ. އަދި މި ނުރައްކާތެރި ވަބާއާ، އެ ރަށުގެ މީހުން، ދެފަހަރެއްގެ މަތިން ކުރިމަތިލާން ޖެހުނުކަމުގައި ވެއެވެ.
ތާރީޚުގައި މި ޠާޢޫނު ލިޔެވިފައިވަނީ، އެންމެ ޒަމާންވީ، އަދި ގޮތްނޭނގޭ ވަބާގެ ގޮތުގައެވެ. މި ނުރައްކާތެރި ވަބާގެ ޚަބަރު، މީސްތަކުންނާ ހަމައަށް ގެނެސްދީފައިވަނީ، މި ވަބާ ފެތުރިގެންދިޔަ ގޮތް ލޮލުން ދެކެފައިވާ، ގްރީކްގެ މަޝްހޫރު މުއައްރިޚު، ތޫސިޑިޑީސް (Thucydides)(2)، އޭނާގެ ފޮތް،[ޕެލޮޕޮނޭޝިއަން ހަނގުރާމައިގެ ތާރީޚް] (History of the Peloponnesian WarThe)ގައެވެ. މި ހަނގުރާމައަކީ ހަތާވީސް އަހަރަށް ދެމިގެންދިޔަ ހަނގުރާމައެކެވެ. މި ހަނގުރާމަ ހިނގާފައިވަނީ އެތެންސްގެ ރަންޒަމާނުގައެވެ. އިސްވެ ދެންނެވުނު ވަބާ، އެތެންސަށް ކުރިމަތިވީ، މި ހަނގުރާމައިގެތެރޭގައެވެ. ތޫސިޑިޑީސް، މި ވަބާގެ ބިރުވެރި ދުވަސްތަކުގެ ޚުޠޫރަތްތެރި ވާހަކަ، މީސްތަކުންނާ ހަމައަށް ގެނެސްދީފައިވަނީ، އޭގެ ފަންސަވީސް އަހަރު ފަހުންނެވެ. އޭނާގެ ބޭނުމަކަށްވީ، މި ބަލި، އެނބުރި އަޔަސް، މީސްތަކުންނަށް، އެއީ ކޮން ބައްޔެއްކަން އެނގޭވަރުގެ ފުރިހަމަ ތަޞައްވުރެއް، ބައްޔާ ބެހޭގޮތުން ގެނެސްދިނުމެވެ.
އިސްވެ ދެންނެވުނު ތާރީޚްފޮތުގައި، ފޮތުގެ މުއައްލިފު ލިޔެފައިވާގޮތުން، ބަލި ޖެހޭ މީހުންގެ ޝަކުވާއަކަށް ވެފައި އޮތީ، ބޮލަށް ތޫނު ތަދު ވެއްދުމާއި، ދެ ލޯ، އަންދާހެން ހީވުމާއި، ކެއްސުމާއެކު އަނގައިން ލޭ އައުމެވެ. އެއަށްފަހު، ކެއްސައި ކިނބިހި އެޅި، މޭގައި ރިއްސުމެވެ. އަދި މައިދާގެ އުނދަގޫތައް ކުރިމަތިވުމާއި، ގަދައަށް ހޮޑުލެވި ބޭރަށް ހިންގުމާއި، ފެންބުއިމުގެ އަލާ ނުކެނޑުމެވެ. އަދި ގައިގެ ހަންގަނޑު ރަތްވުމާއެކު، ފާރުހެދި އުމަގުވުމެވެ. މި ބަލީގެ ޝިކާރައަކަށްވާ މީހުން، ވަރަށް ގަދަ ހުމެއް އަންނަން ފަށައެވެ. ހުމުގެ ގަދަފަދަކަމުން، ލައިގެން ހުންނަ ހެދުމުންވެސް ހަށިގަނޑު ނިވާކުރަން ކުޅަދާނަނުވާ ހިސާބަށް ދެއެވެ. އަދި ގަދަ ހުމާއި ފެންބޮވައިގަތުން ބޮޑުވެގެންދިއުމުން، ކެތްނުކުރެވިގެންގޮސް، ޢާއްމުން ބޭނުންކުރުމަށް ހަދާފާހުންނަ ފެންބިލިގާތަކުގެތެރައަށް ފުންމާލައެވެ. ބަލިޖެހޭ ގިނަ މީހުންގެ ބުއްދި ހުންނަނީ ފިލައިގެން ގޮސްފައެވެ. އަދި ބަލީގެ ޢަލާމާތްތައް ފެންނަން ފަށާތާ ހަތްދުވަސް ނުވަތަ އަށްދުވަހުގެތެރޭގައި، ޙަޔާތަށް އަލްވަދާޢު ކިޔަން ޖެހެއެވެ. އަދި މިބަލިން ފަސޭހަވި މީހުންގެތެރެއިން ގިނަ މީހުން ތިބީ، އަތްފައި ހަލާކުވެ، ބޭނުންނުކުރެވޭވަރު ވެފައެވެ. ނުވަތަ ހަނދާން ގެއްލިފައެވެ. ނުވަތަ ދެ ލޮލުގެ ފެނުން ގޮސްފައެވެ.
އެތެންސްގެ މީހުންނަށް، މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއްކަން އެނގުމާއެކު، ބަލި ނުޖެހޭ މީހުން، ބަލި ޖެހޭ މީހުނާ އެކަހެރިވެ އުޅެން ފެށިއެވެ. އަދި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައްވެސް މެދުކަނޑާލިއެވެ. އަދި އެ މީހުންގެ ހަށިތައް، މަގުމައްޗަށާއި ފައްޅިތަކުގެތެރެއަށް ދޫކޮށްލިއެވެ. މި ކަންކަން މިހެންހުރުމުގެ އިތުރުން، ހުޅުފަޅައި ރޯވެފައިވާ ހަނގުރާމަ ވެގެންދިޔައީ، މި ނުރައްކާތެރި ވަބާ، އިތުރަށް ފެތުރެން މެދުވެރިވި ސަބަބަކަށެވެ. ކަން މިހާ ހިސާބަށް ގޯސްވެގެން ދިއުމުން، ގްރީކްގެ އެންމެ ބާރުގަދަ ޖެނެރަލް ޕެރިކްލެސް(Pericles) (3)، އެ ޤައުމުގެ ނުފޫޒު ގަދަ އެއްސިޓީ ކަމުގައިވާ [ސްޕާރޓާ] (Sparta) (4)ގެ ލަޝްކަރުން ތަކުރާރުކޮށް އެތެންސަށް ދެމުންދިޔަ ޙަމަލާތަކަށް ޖެހިލުންވެ ބިރުގަތެވެ. އެހެންކަމުން، ރަށްފުށުގެ އަހުލުވެރިންނަށް، ވަށައިގެން އުސް ފާރުލެވި ރައްކާތެރިކުރެވިފައިވާ ސިޓީގެތެރެއަށް ވަދެ، ސަލާމަތްކަން ހޯދުމަށް އެންގިއެވެ. ނަތީޖާއަކަށްވީ، އެތެންސް ތޮއްޖެހި، ދިރިއުޅުމަށް ދަތިވާ ހިސާބަށް ކަންތައްތައް ގޯސްވެގެން ދިއުމެވެ. މި ހިސާބަށް ކަންތައްތައް ދިޔައިރު، އެއްކޮޅުން އެސިޓީ ވަނީ، އިދިކޮޅު ލަޝްކަރުން ޙިޞާރުކޮށްފައެވެ. އަނެއްކޮޅުން އެއީ ހޫނު މޫސުމުގެ ހޫނުގަދަ ދުވަސްވަރެވެ. ނަތީޖާއަކަށްވީ، ކުރިމަތިވެފައިވާ ނުރައްކާތެރި ވަބާ، އެއްވެސް ހިފެހެއްޓުމެއްނެތި ފެތުރިގެން ދިއުމެވެ. އަދި ޖެނެރަލް ޕެރިކްލެސް، މި ވަބާގެ ޝިކާރައަކަށްވެ، ދުނިޔެ ދޫކޮށް ދިއުމެވެ.
އެތެންސަށް ކުރިމަތިވި މި ނުރައްކާތެރި ވަބާގެ ވާހަކަ، އިތުރަށް ތަފްޞީލްކުރަމުން، ތޫސިޑިޑީސް ބުނެފައިވަނީ، އޭނާއަކީވެސް މި ވަބާގެ ޝިކާރައަކަށްވުމަށްފަހު، ސަލާމަތްވި މީހުންގެތެރެއިން އެކަކު ކަމަށެވެ. އަދި އޭނާ ބުނާގޮތުން، މި ވަބާ އައިސް ކުރިމަތިވީ، ކުއްލިއަކަށް، ހީވެސް ނުކުރާހާ ވަރުގަދައަށެވެ. އެހެންކަމުން ޑޮކްޓަރުން ވެސް މި ބަލިމަޑުކަމުގެ ކުރިމަތީގައި ގޮތްހުސްވެފައި ތިއްބާ، އެ ސިޓީގެ އަހުލުވެރިންގެ ހަތަރުބައިކުޅަ އެއްބައި މީހުންގެ ފުރާނައާއިގެން ވަބާ ދަތުރުކޮށްފިއެވެ.
ކޮރޯނާ ވައިރަސް ޗައިނާގައި ފެތުރެން ފެށުމާއެކު، ޔޫ.އެސް. ނޭވަލް ވޯރ ކޮލެޖްގެ ޗެއަރ، ޕްރޮފެސަރ ޖޭމްސް ހޯލްމްސް ވަނީ، ގޮތްނޭނގޭ މި ވަބާއާ ބެހޭގޮތުން، ވަރަށް ފަހުން، ވާހަކަ ދައްކާފައެވެ. އަދި އޭނާގެ ވާހަކައިގައި، ޤަދީމީ ޒަމާނުގައި އެތެންސްގައި ހިނގި، އިސްވެ ދެންނެވުނު ބޮޑު ވަބާއަށް އިޝާރާތްކުރަމުން ދައްކާފައިވާ ވާހަކައިން ފާހަގަކުރެވޭ ކަންތައްތަކަކީ:
ހ- މިފަދަ ބޮޑު ވަބާތަކުގެ ވަގުތުގައި މީސްތަކުން އެއްތަނަކަށް ތޮއްޖެހުމުގެ ނުރައްކާތެރިކަން؛
ށ- ބަނދަރުތަކުން އުޅަނދުފަހަރު ފުރައިގެންގޮސް އައިސްވުމުގެ ނުރައްކާތެރިކަން؛
އެހެނީ، ފަހުން ކުރެވުނު ދިރާސާތަކުން އެނގުނީ، މި ބަލި އެތެންސަށް އެތެރެވީ، ދަތުރު ފަތުރުގެ ސަބަބުން ކަމެވެ.(5)
-
އެންޓޯނިންގެ ޠާޢޫނު(Antonine Plague)190-165
މިއީ، އެންޓޯނިން ދަރިފަސްކޮޅުގެ ނިމުމާއެކު، ރޯމަން އެމްޕައަރ އަށް ކުރިމަތިވި ވަރަށް ނުރައްކާތެރި ވަބާއެކެވެ. މި ޠާޢޫނަށް ނަންދެވިފައިވަނީ، އެންޓޯނިން ދަރިފަސްކޮޅަށް ނިސްބަތްކޮށެވެ. މީލާދީން 96ވަނަ އަހަރާއި192 ވަނަ އަހަރާ ދެމެދު، ރޯމަން އެމްޕައަރގެ ވެރިން އައިސްފައިވަނީ މި ދަރިކޮޅުންނެވެ.
މި ނުރައްކާތެރި ވަބާއައިސް ކުރިމަތިވީ، [މާރކަސް އޮރިޔަސް] (Marcus Aurelius)(6)ގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އަދި [ކަމަޑަސް] (Commodus)(7)ގެ ވެރިކަމާ ހަމައަށް މި ވަބާ ދެމިގެން ދިޔައެވެ. މި ޠާޢޫނަށް [ޖާލީނޫސް ޠާޢޫން] ގެ ނަމުންވެސް ނަން ދެވިފައި ވެއެވެ. އެއީ، ރޫމީންގެ މަޝްހޫރު ޑޮކްޓަރ [ޖާލީނޫސް] (Galen)(8) އަށް ނިސްބަތްކޮށެވެ.
މުއައްރިޚުން ބުރަވާ ގޮތުގައި މި ޠާޢޫނަކީ ސްމޯލް ޕޮކްސް އެވެ. އެންމެ ފުރަތަމަ މި ވަބާ ފާޅުވީ، ރޫމީންގެ ލަޝްކަރު، ޢިރާޤުގެ ޤަދީމީ ރަށެއްކަމުގައިވާ [ސަލޫޤިއްޔާ] ޙިޞާރުކޮށްގެން ތިބި ތިބުމުގެތެރޭގައެވެ. އަދި މި ވަބާ، އިރުމަތީގެ ރަށްތަކުގައި ފެތުރިގެންގޮސް، މިޞްރަށް ފޯރިއެވެ. އަސާރީ ތަންތަން ހެކިދޭގޮތުން، މި ވަބާ ހުޅަނގަށް އައީ، މި ވަބާގެ ސަބަބުން ހަލާކުވެގެންދިޔަ ރަށްފުށުގެ ރަށްތަކާއި، ރޫމީންގެ ލަޝްކަރުތަކުގެ ސަބަބުންނެވެ. ރޫމީންގެ ލަޝްކަރުތައް، ހަނގުރާމައިން އެނބުރި ރޫމަށް ދާ ދިއުމުގައި، ލަޝްކަރުގެތެރެއިން، ބަލީގެ ޝިކާރައަށް ވެފައިވާ މީހުންގެ ފުށުންނެވެ. މީގެ ނަތީޖާއަކީ، އެ ލަޝްކަރުގެ ދަތުރުގައި ދިޔަ ހުރިހާ ދިމާއަކަށް، ވަބާ ފެތުރިގެން ދިއުމެވެ.
މި ވަބާގެ ރާޅު އެންމެ ބޮޑަށް އުފުލުނުއިރު، ދުވާލެއްގެ މައްޗަށް ދެހާސް މީހުން މަރުވާކަމުގައި ވިއެވެ. އަދި ޖުމްލަކޮށް ބަލާއިރު މި ވަބާގައި ގާތްގަނޑަކަށް ފަސް މިލިޔަން އިންސާނުންގެ ފުރާނަ ގެއްލިގެން ދިޔައެވެ. އަދި މި ވަބާ ވެގެން ދިޔައީ، ރޫމީންގެ ވެރިކަން އޭގެ އެންމެ އުސް ކުންނުގައި ވަނިކޮށް، އެ ވެރިކަން ވީދައި ކުދިކުދި ކޮށްލި ވަބާއަށެވެ.(9)
-
ކަޅު ޠާޢޫނު(Black plague)
މިއީ، މީލާދީން 1347 އާއި 1352 އާ ދެމެދު ޔޫރަޕްގެ ކަންކޮޅުތަކަށް ފެތުރުނު ނުރައްކާތެރި ޠާޢޫނެވެ. މި ޠާޢޫނުގެ ސަބަބުން އެ ބައްރުގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ މަދުނޫން ޢަދަދެއް މަރުވެދިޔައެވެ. އަދި ހަމަ އެހެންމެ، މި ވަބާއާ އެއްގޮތް ވަބާތަކެއް، ހަމަ އެ ދުވަސްވަރު، އޭޝިޔާއާއި، ކައިރި އިރުމަތީގެ ރަށްތަކުގައި ފެތުރުނު ފެތުރުން ހެކިދެނީ، ޔޫރަޕްގައި ފެތުރުނު ވަބާއަކީ، ފުޅާ ދާއިރާއެއްގައި ފެތުރިގެންދިޔަ، ޢާލަމީ ވަބާއެއްކަމެވެ.
ބެލެވޭ ގޮތުގައި މި ވަބާ އުފެދިގެން އައީ، އޭޝިޔާގައެވެ. އަދި ބޮޑަށް ބުރަވެވޭ ގޮތުން މި ވަބާ ފެތުރިގެން ދިޔައީ، ވިޔަފާރި މުދާ އުފުލާ ކަނޑު އުޅަނދުފަހަރުގައި ދިރިއުޅެމުންދިޔަ މީދަލުގެ ގައިގައި އުޅުނު ސެއްޅީގެ ފަރާތުންނެވެ. މި ބަލި އަރާފައިވާ މީދާތަކުގެތެރެއިން ގިނަ މީދާތައް، މަރުވާން ނަގަނީ، 10 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެކެވެ. ދެން، އެ މަރުވާ މީދާތަކުގައި ހުންނަ ސެއްޅިތައް، ލޭ ބޯން ނުލިބި،3 ދުވަސް ވާއިރު ތިބެނީ، ވަރަށް ބޮޑަށް ބަނޑުހައިގެންފައެވެ. މިހެންވުމުން، އެ ސެއްޅިތައް އިންސާނުންގެ ގަޔަށް އަރައި، ގައިގައި ހަފަން ފަށައެވެ. އަދި އެ ސޮރުމެން ހަފާ ތަންތަން ދުޅަވާން ފަށައެވެ. ގިނަފަހަރަށް މި ޢަލާމާތް ފެންނަނީ، މާ ކަޅުވާއާއި، ކިހިލިފައްޗާއި، ކަނދުރާއިންނެވެ.
މި ދެންނެވި ކަޅު ޠާޢޫނުގެ ވަބާ، ތަފާތު ދުވަސްވަރުގައި މިޞްރަށް ކުރިމަތިވެފައި ވެއެވެ. މިގޮތުން ބަލާއިރު، މީލާދީން 1347 އާއި 1349 ވަނައަހަރާ ދެމެދު، ކައިރޯއާއި، މިޞްރުގެ ނީލަކޯރުގެ ކައިރީގައި އޮންނަ ރަށެއްކަމުގައިވާ ބެލްބެސް (Belbeis)އާ ދެމެދު، ޤާފިލާތައް ދަތުރުކުރާ މަގުމައްޗަށް، ގާތްގަނޑަކަށް، ދެ ލައްކައެއްހާ މީހުން މަރުވެފައި ވެއެވެ. ބުނެވޭ ގޮތުގައި މަރުވި މީހުންގެ ހަށިތައް ހުރީ، އެ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ފެތުރިފައެވެ. އަދި މި ވަބާގައި މަރުވި މީހުންގެ ހަށިތައް، ވަޅުލުމަށްޓަކައި، ކޮންމެ ދުވަހަކު ކައިރޯއިން 800 މީހުންގެ ހަށިގަނޑު ނެރެވޭކަމުގައި ވިއެވެ. އަދި އެންމެ ފަހުން، ބާޒާރުން ކަފުން ހުސްވިއެވެ. އަދި ހިނެވުމެއް، ކަށުނަމާދު ކުރުމެއް، ކަފުން ކުރުމެއް ނެތި، ހަށިތައް ވަޅުލަމުން ގެންދެވުނެވެ.(10)
-
ސްޕެއިންގެ ފުލޫ(Spanish flu)
1918 އާއި 1920 އާ ދެމެދު ފެތުރުނު، އިންސާނުންގެ ފުރާނައަށް ނުރައްކާތެރި މި ބޮޑު ވަބާ، ޔޫރަޕާއި ދުނިޔެއަށް ފެތުރިގެން ދިޔައީ، ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނު ދުވަސްވަރުގައެވެ. މިއީ، ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ވައިރަސްއަކުން ފެތުރިގެން ދިޔަ ވަބާއެކެވެ. އެހެނިހެން އިންފްލުއެންޒާ ހުމާ ޚިލާފަށް، މި އިންފްލުއެންޒާގައި، ކުޑަ ކުދިންނާއި މުސްކުޅިންނަށްވުރެ ގިނައިން، މަރުވެގެން ގޮސްފައިވަނީ، ޒުވާނުންނާއި ޞިއްޙަތު ރަނގަޅު މީހުންނެވެ.
ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ގާތްގަނޑަކަށް، 500 މިލިޔަން މީހުންގެ ގަޔަށް މި ބަލި ނަގުލުވެފައި ވެއެވެ. އަދި އޭގެތެރެއިން 50 މިލިޔަނާއި 100 މިލިޔަނާ ދެމެދުގެ ޢަދަދަކަށް، މި ވަބާގައި މީހުން މަރުވެފައި ވެއެވެ.(11)
- ހޮންގކޮންގގެ ފުލޫ(Hong Kong flu)
ހޮންގކޮންގ ގައި މި ވަބާގެ ފުރަތަމަ ކޭސް ރިޕޯރޓް ކުރެވުނީ، 13 ޖުލައި 1968 ގައެވެ. އަދި މި ވަބާ، ސިންގަޕޫރާއި ވިއެޓްނާމަށް ފޯރަން ނެގީ، އެންމެ 17 ދުވަހެވެ. އަދި އެއަށްފަހު، 3 މަހުގެތެރޭގައި ފިލިޕިންސްއާއި، އިންޑިޔާއާއި، އޮސްޓްރޭލިޔާއާއި، ޔޫރަޕާއި، އެމެރިކާއަށް މި ވަބާ ފެތުރިގެން ދިޔައެވެ. މި ވަބާގެ ވައިރަސްގެ ސަބަބުން މިލިޔަނަކަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިގެން ދިޔަކަމަށް ވެއެވެ. އަދި އޭގެތެރެއިން 5 ލައްކަ މީހުންނަކީ، ހޮންގކޮންގ ގެ އަހުލުވެރިންނެވެ. މިއީ އޭރު، އެ ޤައުމުގެ އަހުލުވެރިންގެ %15 އެވެ.(12)
-
ކޮލެރާ:
ކޮލެރާގެ ތާރީޚަށް ބަލާއިރު، ގާތްގަނޑަކަށް 150 އަހަރުގެތެރޭގައި މި ވަބާގެ ބޮޑު7 ރާޅެއް ދުނިޔެ ދެކެފައިވެއެވެ. މި ދެންނެވި މުއްދަތުގެތެރޭގައި، މިވަބާ ވަނީ ދުނިޔޭގެ ބޮޑެތި ބައްރުތަކަށް ފެތުރި، 26 އަށްވުރެ ގިނަ ޤައުމަށް، އޭގެ ސަބަބުން، ބޮޑެތި ގެއްލުންތައް ދީފައެވެ. އަދި މި ޤައުމުތަކުން ވަނީ، އިސްވެ ދެންނެވުނު މުއްދަތުގެތެރޭގައި ހަތަރު މިލިޔަނަށްވުރެ ގިނަ މީހުން މަރުފައެވެ.(13)
-
ސްމޯލް ޕޮކްސްގެ ވަބާ:
ސްމޯލްޕޮކްސް ހިމެނިގެން ދަނީ، އިންސާނީ ނައުޢު އެންމެ ބޮޑަށް، ހަލާކުކޮށްލި ވަބާތަކުގެތެރޭގައެވެ. އަދި ހަމަ އެހެންމެ، މި ވަބާ ވެގެން ދިޔައީ، އިންސާނީ ނައުޢުގެ ތާރީޚުގެ އަމާޒު ބަދަލުކޮށްލި ވަބާއަކަށެވެ. އަދި ޙަޟާރަތްތައް ސުންނާފަތިކޮށް، ފުނޑުފުނޑުކޮށްލި ވަބާއަކަށެވެ. އަނެއްކޮޅުން، މި ވަބާ ވެގެން ދިޔައީ، ކެނޑިނޭޅި ކުރެވުނު ބުރަ މަސައްކަތާ ގުޅިގެން، މި ވަބާއިން ދިފާޢުވުމަށް، ދޭނެ ވެކްސިނެއް ތައްޔާރުކުރެވި، ޞިއްޙީ ރޮނގުން އެހާތަނަށް ދުނިޔެ ހޯދާފައިނުވާފަދަ ކުރިއެރުމެއް، އިންސާނުންނަށް ލިބެން މެދުވެރިވި ވަބާއަކަށެވެ.
ބެލެވޭގޮތުން ސްމޯލްޕޮކްސްގެ ވަބާ، އެންމެ ފުރަތަމަ ފާޅުވީ، އިންޑިޔާނުވަތަ މިޞްރުންނެވެ. އެއަށްފަހު، މާގިނަ ދުވަހެއްނުވެ، އޭޝިއާއާއި، އެފްރިކާއާއި، ޔޫރަޕްގެ ވިޔަފާރި ދަތުރުގެ ޙަރަކާތްތައް ހިނގާ ސަރަޙައްދުތަކަށް މިބަލި ފެތުރިގެން ދިޔައެވެ.
ބެލެވޭ ގޮތުގައި، ސްމޯލްޕޮކްސް ޔޫރަޕަށް ވަނީ، މީލާދީން 5 ވަނަ ޤަރުނާއި 7 ވަނަ ޤަރުނާ ދެމެދު ފެތުރުނު ވަބާތަކުގެތެރެއިންނެވެ. އަދި ޔޫރަޕްގެ މުސްތަޢްމިރުން (colonists)، މީލާދީން15 ވަނަ ޤަރުނާއި 18 ވަނަ ޤަރުނާ ދެމެދު، މި ވަބާ، ދެ އެމެރިކާއަށާއި އެފްރިކާއަށާއި އޮސްޓްރޭލިޔާއަށް ވެއްދިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި ވަބާ އެ ޤައުމުތަކަށް ފެތުރި، ހަމަ އެކަނި ދެ އެމެރިކާއިންވެސް 20 މިލިޔަން މީހުންގެ ފުރާނަ ގެއްލިގެން ދިޔައެވެ. އެއީ، ގާތްގަނޑަކަށް، އެ ބައްރުގައި ދިރިއުޅޭ މީހުންގެ %90 އެވެ. މި ވަބާގެ ސަބަބުން، ޔޫރަޕްގެ މުސްތަޢްމިރުންނަށް މި ޤައުމުތައް އިސްތިޢްމާރުކޮށް، އެ ބިންބިމަށް ވެރިވެގަތުމަށް މަގު ފަހިވެގެން ދިޔައެވެ.(14)
ބުނެވޭ ގޮތުގައި، ސްޕޭންގެ މަޝްހޫރު ހަނގުރާމަވެރިޔާ ހެރްނަން ކޯރޓެސް (Hernán Cortés) މީލާދީން 15 ވަނަ ޤަރުނުގައި، މެކްސިކޯއަށް ވެރިވެގަތުމުގައި، ބައިލޮޖިކަލް ހަތިޔާރެއްގެ ގޮތުގައި، ސްމޯލްޕޮކްސް ގެ ވައިރަސް ބޭނުންކޮށްފައި ވެއެވެ. އަދި މީލާދީން 1763 ގައި، އިނގިރޭސި ވިލާތުގެ ލަޝްކަރު، އެމެރިކާގެ ރެޑް އިންޑިއަނުންނާ ދެކޮޅަށް، ހަމަ މި ވައިރަސް ބޭނުންކޮށްފައިވާ ކަމަށް ވެއެވެ.(15)
-
އެއިޑްސްގެ ވަބާ:
އެޗް.އައި.ވީ އެއިޑްސް އެންމެފުރަތަމަ ފެނިފައިވަނީ 1976 ވަނައަހަރު، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. އަދި މާގިނަ އަހަރުތަކެއް ނުވެ، ދުނިޔޭގެ ގިނަ ޤައުމުތަކަށް މި ބަލި ފެތުރި، ޢާލަމީ ވަބާއަކަށް ބަދަލުވެގެން ދިޔައެވެ. އަދި މިހާތަނަށް މިވަބާގައި، މުޅިދުނިޔެއިން، 36 މިލިއަނަށްވުރެ ގިނަމީހުންމަރުވެފައިވެއެވެ. އެހެންކަމުން، އެޗް.އައި.ވީއަށް ލޯހުޅުވި، ހޭލުންތެރިވުމުގެ ނަތީޖާއެއްގެގޮތުން މިބަލި މެނޭޖްކުރެވޭނެފަދަ ފަރުވާތަކެއް މިހާރުވަނީހޯދިފައެވެ.2005 އަކާއި 2012 ވަނައަހަރާއި ދެމެދު އެޗް.އައި.ވީއިން މަރުވިމީހުންގެ ޢަދަދުވަނީ 2.2 މިލިއަނުން 1.6 މިލިއަނަށް ދަށްވެފައެވެ.(16)
-
ދިވެހިރާއްޖެއަށް ކުރިމަތިވި، ނުރައްކާތެރި، ބައެއް ވަބާތައް:
ކޮލެރާ:1978
ކޮލެރާގެ ބަލިމަޑުކަން އެންމެ ފުރަތަމަ ބޯ ހިއްލާލީ، ލ.އަތޮޅުންނެވެ. މިކަން، ސަރުކާރުގެ ސަމާލުކަމަށް ގެންނެވީ، އޭރު، ލ.އަތޮޅުގައި ހުންނެވި ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާ، ޙަސަން މޫސާއެވެ. އޭނާގެ ވާހަކަ އޭރު ސަރުކާރަށް ޤަބޫލު ކުރަން ދަތިވިކަމުގައިވިޔަސް، އަދި، އޭގެ ސަބަބުން އޭނާ މާލެ ގެނެވި، ބަޔާން ނެގުމަށްފަހު، ވ.އަތޮޅަށް ބަދަލުކުރެވުނު ކަމުގައި ވިޔަސް، ކޮލެރާގެ ވަބާ ފެތުރެމުންގޮސް، ފުރަ މާލެއާ ހަމައަށް އައުމުން، ސަރުކާރަށްވެސް، ޙަސަން މޫސާގެ ވާހަކަ ޤަބޫލުކުރަން މަޖުބޫރުވިއެވެ. އަދި މި ކޮލެރާގެ ޚަބަރު، އޭރު މާލޭގައި ނެރޭ ހަފްތާ ނޫހުގެ 7 އޭޕްރީލް 1978 ގެ ޢަދަދުގައި ޝާއިޢުވެސް ކުރެވިއްޖެއެވެ.
އެހާ ހިސާބުން، ރާއްޖޭގައި ކުއްލި ޙާލަތު އިޢުލާންކުރެވި، ރައީސް އިބްރާހީމް ނާޞިރުގެ ސީދާ ބެއްލެވުމުގެ ދަށުން، މި ބަލިމަޑުކަމުން އަރައިގަތުމަށް، މަސައްކަތް ފެށިއެވެ .މި މަސައްކަތް ކުރަމުން ދިޔައީ، ހުއްޓުމެއް ނެތި 24 ގަޑިއިރުއެވެ. އަދި މި މަސައްކަތުގައި ސަރުކާރުގެ މުވައްޒަފުންގެ އިތުރުން، ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ މީހުންގެ ސަފުތައްވެސް ރުކުރުވާލިއެވެ. ވަރަށް ހަލުވިކަމާއެކު، ކޮލެރާއަށް ވެކްސިން ދިނުމާއި، ބޭހާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޖަމާއާތުގެ ޞިއްޙީ އެހީތެރިން ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ހިނގައިގަތެވެ.
އަނެއްކޮޅުން، ރޭޑިޔޯއާއި، ނޫސްތައް މެދުވެރިކޮށް، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދެވުނެވެ. އަދި މާލެތެރެ ސާފުކުރުމާއި ވަޅުތަކާއި ހަނޑަސްބުރިތަކަށް “ކްލޮރިން” އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ދިޔައެވެ. އަދި ރަށްރަށުގެ އަތިރިމައްޗަށް، ވަޅު ޖަހައިގެން ނޫން ގޮތަކަށް، ބޮޑުކަމު ދިއުމާއި، ސައި ހޮޓާތަކުގައި މެހިދާ ޖަހައި، މެހި ނުވަންނަ ގޮތަށް ބަންދުކޮށްގެންނޫނީ، އެތަންތަނުގެ ޚިދުމަތް ދިނުން މަނާކުރެވުނެވެ. މިކަން މި ހިސާބަށް ދިޔައިރު، ރާއްޖޭގައި ކޮލެރާ ފެތުރެމުންދާކަމުގެ ޚަބަރު، ބައިނަލް އަޤްވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުގެ ސަމާލުކަމަށް ގެނެވުނެވެ. ޑަބްލިޔޫ.އެޗް.އޯ އާއި، އެފަދަ އެހެނިހެން ޖަމާޢަތްތަކުން، ޑޮކްޓަރުންނާއި ބޭހުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދެވުނެވެ. ގާތްގަނޑަކަށް 6 މަސްދުވަހުގެ މުއްދަތަށް ދިގުދެމިގެންދިޔަ ކޮލެރާގެ ވަބާއިން ސަލާމަތްވެ، ރާއްޖެއަށް ހިންދަމައިލެވުނީ، ﷲ ތަޢާލާގެ ރަޙްމަތްފުޅަށްފަހު، ކަށިން ހިތްވަރުނެރެގެން، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި ބުރަ މަސައްކަތުންނެވެ. އަދި ރައްޔިތުން ސަރުކާރަށް ދިން ފުރިހަމަ އެއްބާރުލުމާއި، ސަރުކާރުގެ އެންގެވުންތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމުގައިނަމޫނާ ދެއްކުމުގެ ސަބަބުންނެވެ.
1983 ގެ ތަފާސް ހިސާބު ދައްކާ ގޮތުން، 1978 ގައި ފެތުރުނު ކޮލެރާގެ ޝިކާރައަކަށް ވެފައިވަނީ، ޖުމްލަ 11303 މީހުންނެވެ. އޭގެތެރެއިން ނިޔާވެފައިވަނީ ޖުމްލަ 252 މީހުންނެވެ. އަދި މި ކޮލެރާ، ރާއްޖޭގެ 119 ރަށަކަށް ފެތުރިގެން ދިޔައިރު، ކޮލެރާއިން ސަލާމަތްވީ، ސަރުކާރުގެ ސަމާލުކަމަށް މި ވަބާ ގެންނެވި، ޖަމާއާތުގެ ޞިއްޙީ އެހީތެރިޔާ، ޙަސަން މޫސާ މާލެ ގެންދެވި، ބަޔާންނެގުމަށްފަހު ފޮނުވުނު ވ.އަތޮޅެވެ. ކޮންމެއަކަސް އެނާއާއި މެދު، ކަންވެގެން ގޮސްފައި އޮތީ، ޗައިނާގައި ފެތުރެނީ”ކޮރޯނާ ވައިރަސް” ކަމަށް، ހާމަކުރި ޑޮކްޓަރަށް ކަންތައްތައް ދިމާވި ގޮތަށެވެ. ޙަސަން މޫސާގެ ތަޖުރިބާއާއި އިރުޝާދުގެދަށުން، އޭރު އެ އަތޮޅުގެ އަތޮޅުވެރިޔަކަށް ހުންނެވި، ހުރާ ޢަބްދުއްސައްތާރު ޙަސަން، ދުރާލާ، އަތޮޅު ކަރަންޓީނުގެ ޙާލަތަށް ގެންނެވުމަށްފަހު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަކީ، ވ.އަތޮޅު މި ބަލިން ސަލާމަތްވުމަށް މެދުވެރިވި އެންމެ މުހިއްމު އެއް ސަބަބެވެ.(17)
-
ޝިގެއްލާ:1982
ޝިގެއްލާގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށި ޚަބަރު، އޭރު މާލޭގައި ނެރުނު ދުވަހުނޫސް “ހަވީރު” ގެ ފަލަ ސުރުޚީއަށް އެރީ، 1 ޖޫން 1982 ގައެވެ. މި ޚަބަރު ނޫހާހަމައަށް ދިޔައިރު، ޝިގެއްލާގެ 22 ބަލި މީހަކު، ސެންޓްރަލް ހޮސްޕިޓަލްގައި އެދުމަތިކުރެވިފައި ވެއެވެ. އަދި އޭރު ވަނީ، ރާއްޖޭގެ އެހެނިހެން ރަށްތަކުގައިވެސް މި ވަބާ ފެތުރެން ފަށާފައެވެ.ރާއްޖޭގެ ޞިއްޙީ ވުޒާރާ އާއި، ކަމާބެހޭ އެހެނިހެން އޮފީސްތަކުން، މި ބަލިމަޑުކަމާ ދެކޮޅަށް، ކިތަންމެ މަސައްކަތެއް ކުރަމުން ދިޔަކަމުގައި ވިޔަސް، މި ބަލީގެ ރާޅު ދިޔައީ، މުޅި ރާއްޖޭގައި ނަގައި ބޯމަތިކުރަމުންނެވެ.
އެހެންކަމުން މިޚުޠޫރަތްތެރި ވަގުތުގައި، މިކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުއްވުމުގެގޮތުން، އޭރުގެ ރައީސް، އަލް އުސްތާޒް މައުމޫނު ޢަބްދުލް ޤައްޔޫމުގެ ސީދާ ބެއްލެވުމުގެދަށުން، ޓާސްކްފޯސް އުފައްދަވައި، މި ބަލިމަޑުކަން ނައްތާލުމަށް ކުރާ މަސައްކަތް ވިލަރެސްކުރާ މައި އިދާރާއަކަށް، “އިންޑޯ ސްޓޭޑިއަމް” ހެއްދެވިއެވެ. އަދި މި ޓާސްކްފޯސް އަށް ބޭނުންވާ ޢަދަދަށް، ސަރުކާރުގެ އޮފީސްތަކުން މުވައްޒަފުން، މި މަސައްކަތަށް، ދޫކުރެއްވިއެވެ. އަދި، ހިލޭސާބަހަށް މަސައްކަތް ކުރުމަށްޓަކާ، ރައްޔިތުންގެތެރެއިން ގިނަ ބަޔަކު، ވޮލަންޓިޔަރުންގެ ގޮތުގައި ނުކުތެވެ. މިދެންނެވި، ހުރިހާ ކަމެއް ހިނގަމުން ދިޔައީ، ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންނެވެ.
1983 ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭއިން، ޝިގެއްލާ ބޭރަށްހިންގުން ޖެހުނު މީހުންގެ ޢަދަދަކީ، 13752 އެވެ. މީގެތެރެއިން، ނިޔާވީ، 197 މީހުންނެވެ. މި ޢަދަދަށް ބަލާއިރު ފާހަގަކުރެވޭ އެއްކަމަކީ، މި ނުރައްކާތެރި ވަބާ ކުރިމަތިވި މީހުންގެތެރެއިން ބޮޑު ޢަދަދެއް ސަލާމަތް ވެފައިވާކަމެވެ. އަދި އެއަށްވުރެވެސް ބޮޑަށް ފާހަގަކޮށްލަންޖެހޭ ކަމަކީ، މި ފަދަ ވަބާތަކުން ރައްކާތެރިވުމަށް އަޅާނެ މާސްކެއް، ޝީލްޑެއް، ހެދުމެއް ނެތް ދުވަސްވަރެއްގައި، އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން، ބަލި ޖެހޭ މީހުން، ފަތްޖެހި އެނދުގައާއި، އަތްދަނޑިމަތީގައި، ފަރުވާދޭ މަރުކަޒުތަކަށް އުފުއްލީ ހިއްވަރުގަދަ ދިވެހިންކަމެވެ. އަދި އެ މަރުކަޒުތަކުން އެ މީހުންނާ ޙަވާލުވަނީ، އަމިއްލަ ފުރާނައަށް ބެލުމެއްނެތި، 24 ގަޑިއިރު، ބަލި މީހުންނަށް ފަރުވާ ދެމުން ގެންދިޔަ، ޑޮކްޓަރުންނާއި ނަރުހުންނާއި، ޞިއްޙީ އެހީތެރިންނެވެ. މި ދެންނެވި ފަރާތްތަކުގެ އިތުރުން، ފައިސާގެ އެހީއާއި، ފަރުވާދޭ ވަފުދުތައް ރަށްރަށަށް ދަތުރުކުރާނެ އުޅަނދުތައްވެސް، ދީލަތިކަމުގެ އަހުލުވެރިން ފޯރުކޮށްދެމުން ގެންދިޔައެވެ.(18)
-
މި ވަބާތަކުގެ ތާރީޚުން ލިބިދެވޭ ފިލާވަޅުތައް:
2019 ވަނަ އަހަރުގެ ޑިސެމްބަރުމަސް ނިމެން އުޅެނިކޮށް، ކޮވިޑް 19 އިގެ ރާޅުބާނިތައް، ސީނުކަރައިން ފާއްދަން ފެށިތާ މަހެއްހާ ދުވަހުގެތެރޭގައި، އެ ބާނިތަކުން ނެގިރާޅު ބިޔަވެ، ދުނިޔޭގެ ހަތަރުބިތައް އެ ރާޅު ބިންދާލީ، މާއްދީގޮތުން އިންސާނުން، ދުވަހަކުވެސް ކުރިއަރާފައިނުވާ މިންވަރަށް، ކުރިއަރާފައިވާ ޒަމާނެއްގައެވެ. ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ހޯދުނު ބޮޑެތި ކާމީޔާބީތަކާއި ބާރުތަކުގެ ސަބަބުން، ހެއްދެވި ފަރާތް ހަނދުމަނެތިކޮށް، މާއްދިއްޔަތަށް އަޅުކަންކުރަމުންދިޔަ ދުވަސްވަރެއްގައެވެ. ޤައުމުތަކުގެ ހުރިހާ ކޮންޓްރޯލެއް ވަނީ، އިނގިލި ކުރީގައެވެ. ބޮޑެތި ޤައުމުތަކުގެ އިން ހުރަސްކޮށް، މެއްސެއް ނުވަތަ މަދިރިއެއް ވަންނަން ދިމާކުރިކަމުގައިވިޔަސް، އެ އެއްޗަކަށް ވަގުތުން ހަމަލާ ދެވޭފަދަ ސްމާރޓް މިސައިލް ސިސްޓަމްތައް ޤާއިމުކުރެވިފައިވާ ޒަމާނެއްގައެވެ.
ނަމަވެސް މި ދެންނެވި ޤައުމުތައް ސިއްސުވާލީ، މައިކްރޮސްކޯޕުން އެއްހާސް ގުނައަށް ބޮޑުކޮށްގެންނޫނީ، އިންސާނުންގެ ލޮލަށް ނުފެންނަހާ ކުޑަކުޑަ ވައިރަސް އެކެވެ. އެ ކުޑަކުޑަ ވައިރަސްގެ ސަބަބުން މުޅިދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. މިހާތަނަށް، އެކި ޤައުމުތަކުން، 3 މިލިޔަނަށްވުރެ ގިނަމީހުން ވަނީ، މި ވައިރަހުގެ ޝިކާރައަކަށްވެ، އެނދުމަތިވެފައެވެ. 2ލައްކަ މީހުންގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ. ބޮޑެތި ޤައުމުތަކުގެ ލީޑަރުންގެ ވާހަކަތަކުންނާއި، ޤައުމުތަކުގެ މަސްއޫލުވެރިންގެ ލޯތަކުން އޮހެމުންދިޔަ ކަރުނަތަކުން ލިބުނު މެސެޖަކީ، މި ކުޑަކުޑަ ވައިރަސްގެ ކުރިމަތީގައި ގޮތްހުސްވެފައި ތިބި މިންވަރުގެ ބޮޑުކަމެވެ.
ކުރީގެ ޒަމާންތަކުގައި ހިނގާފައިވާ މިފަދަ ވަބާތަކުގެ ތާރީޚުންވެސް ފެންނަން އޮތީ ހަމަ އެއް މަންޒަރެކެވެ. ލިބެން އޮތީ ހަމަ އެއް ނަތީޖާއެކެވެ. އެއީ، ﷲ ތަޢާލާގެ އިންތައް ފަހަނަޅައި، އިންސާނުން ދިއުމެވެ. އަދި، ދުނިޔަވީ ބާރާއި ޖާހަށްޓަކައި އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަކޮށް، ލޭ އޮހޮރުވައި، އަނިޔާވެރިކަމުގައި ހައްދު ފަހަނަޅައި ދިއުމެވެ. އިންސާނުން މިފަދަ ދަށު ދަރަޖައަކަށް ވެއްޓިގެން ދިއުމުން، ﷲ ސުބްޙާނަހޫ ވަތަޢާލާ، އެމީހުންގެ މައްޗަށް، މިފަދަ ވަބާތަކާއި ކޯފާތައް ފޮނުއްވައި އެ ބަޔަކު ނެތިކުރައްވައެވެ.
މި ޙަޤީޤަތް ކީރިތި ޤުރްއާނުގައި ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވައި، ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
فَلَمَّا نَسُوا مَا ذُكِّرُوا بِهِ فَتَحْنَا عَلَيْهِمْ أَبْوَابَ كُلِّ شَيْءٍ حَتَّىٰ إِذَا فَرِحُوا بِمَا أُوتُوا أَخَذْنَاهُم بَغْتَةً فَإِذَا هُم مُّبْلِسُونَ ﴿٤٤﴾(سورة الأنعام). މާނައީ:[ދެންއެއުރެންނަށްހަނދާންކޮށްދެއްވިކަންތައް،އެއުރެންހަނދާންނައްތައިފިހިނދު (އިމްތިޙާނެއްގެގޮތުން) ހުރިހާކަމެއްގެދޮރުތައްތިމަންރަސްކަލާނގެއެއުރެންނަށްހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާގޮތަކުންތަނަވަސްކަމާއިތިޔާގިކަންދެއްވީމެވެ.) ދެންއެއުރެންނަށްދެއްވިކަންތަކާމެދުއެއުރެންއުފަލުގައިތިއްބާކުއްލިއަކަށްތިމަންރަސްކަލާނގެއެއުރެންހިއްޕެވީމެވެ. އެހިނދު، އުއްމީދު ކެނޑިފައިތިބިބަޔަކުކަމުގައިއެއުރެންވިއެވެ.] އަދިހަމަ މިއާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ، މިފަދަ ބޮޑެތި ވަބާތައް ކުރިމަތިވާ ކޮންމެ ބަޔަކީ، ނުބައި ބަޔަކަށްނުވެ ހިނގައިދާނެ ކަމެވެ. އަދި ކީއްތޯއެވެ؟ ﷲ ގެ އަޅުތަކުންގެތެރެއިން ހެޔޮ އަޅުންގެތެރެއަށްވެސް މިފަދަ ވަބާތައް ފޮނުއްވާކަމެވެ. އެއީ، އެބައި މީހުންގެ ކެތްތެރިކަން އިމްތިޙާނުކުރައްވައި، ކެތްތެރިވެ، ވަކީލުކުރާ މީހުންގެ ޘަވާބާއި ދަރުމަ އިތުރުކުރައްވައި، ދަރަޖަ މަތިވެރިކުރެއްވުމުގެ ގޮތުންނެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ، ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައި ވެއެވެ. وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ ﴾(سورة البقرة)މާނައީ:[ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނުކުރައްވާ ހުށީމެވެ. އެއީ،ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރި ކުރެއްވުމުންނެވެ. އަދިމުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދިކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނުދެއްވާށެވެ!]
ﷲ ތަޢާލާގެ މި މަތިވެރި ބަސްފުޅުގައި އަންގަވާފައިވާ ކަންތައްތަކާއި މިއަދުގެ ޙާލަތު އެއްގޮތްނުވަނީ ކޮންކަމަކުންތޯއެވެ؟ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ބިރުވެރިކަމުގެ ޙާލަތު ނެތްތޯއެވެ؟ ކާބޯތަކެތީގެ ދަތިކަން ނެތްތޯއެވެ؟ އިޤްތިޞާދީ ދަތިކަން ނެތްތޯއެވެ؟ އަނބިދަރިންނާއި ގާތްތިމާގެ މީހުންގެ ފުރާނަ ގެއްލިގެން ހިނގައިދާނެކަމުގެ ހިތާމަ ނުކުރެވޭތޯއެވެ؟ ދިވެހިންނަށް މިކަންކަން ކުރިމަތިވެފައިވާ މިންވަރު، އަދި މިހާތަނަށް ކިތަންމެ ކުޑަކަމުގައިވިޔަސް، ދުނިޔޭގެ ގިނަ ޤައުމުތައް އެދަނީ، މި ހުރިހާކަމެއް ތަޙައްމަލު ކުރަމުންނެވެ.
ވީމާ، ﷲ ތަޢާލާ އަޅުގަނޑުމެންނަށް ކުރިމަތިކުރައްވާފައިވާ މި ބޮޑު އިމްތިޙާނުގައި، ކެތްތެރިކަމާއި ﷲ އަށް ވަކީލުކުރުމާއި، އެ އިލާހުގެ ޙަޟްރަތަށް ތައުބާވެ، މި ބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުންއެދި، އެ އިލާހަށް ގިނަގިނައިން ދުޢާ ދެންނެވުމަކީ، މި ދަތި އުނދަގޫ ވަގުތުގައި އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ މުހިއްމު ކަންތަކެވެ.
ދިވެހި ރާއްޖެއަށް ކުރިމަތިވި މިފަދަ ވަބާތަކާއި ކާރިޘާތަކުގެ ތާރީޚުން ފެންނަންއޮތް ޙަޤީޤަތަކީ، އެފަދަ ކާރިޘާތަކުން ދިވެހިންނަށް ލިބިގެންދިޔަ ގެއްލުން ކުޑަކަމެވެ. ވީއިރު، ދިވެހިންނަށްވުރެ ބޮޑަށް ﷲ ތަޢާލާއަށް ޝުކުރުވެރިވުން ޙައްޤު ބަޔަކީ،މިއަދު ކޮބައިތޯއެވެ؟
މިފަދަ ވަބާތަކުގެ ތާރީޚުން ފެންނަންއޮތް އަނެއްކަމަކީ، އޭގެ ސަބަބުން، ބައެއްކަންކަމުގައި، ނޭނގިތިބެގެން ނަމަވެސް، އިސްލާމްދީނުގެ ރީތި އުޞޫލުތަކުގައި ހިފަން މަޖުބޫރުވުމެވެ.
މިސާލަކަށް ކޮލެރާއާއި، ކޮވިޑް 19 އާއި، މިފަދަ ކޮންމެ ވަބާއެއް ކޮންޓްރޯލް ކުރުމަށް އޮތް އެންމެ މުހިއްމު އެއްކަމަކީ، ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމެވެ. އިސްލާމް ދީނުގައި ސާފުތާހިރުކަން ގުޅިފައި އޮންނަނީ އެ ދީނުގެ ޢަޤީދާއާއި އަޅުކަންތަކާއެވެ. އަދި އަޚްލާޤާއި ރީތި އާދަކާދަތަކާއެވެ.
ދެން އޮތީ، “އިޖްތިމާޢީ ގައިދުރުކުރުމާއި]، [ފުރަބަންދު] ގެ ވާހަކައެވެ. މިފަދަ ބަސްތައް ދިވެހިވެގެން ފެންނަން މިފެށީ ކޮވިޑް 19 އިގެ ތެރޭގައެވެ. ނަމަވެސް މިކަންކަން ދުނިޔޭގެ ޞީއްޙީ އިދާރާތަކުން މީސްތަކުންނަށް ތަޢާރަފްކޮށްދިނުމުގެ އެތައް ޤަރުނެއްގެ ކުރިން، މި އުއްމަތުގެ މާތް ރަސޫލާ ﷺ ވަނީ، މި ކަންކަމުގެ އިރުޝާދު، އުއްމަތަށް ދެއްވާފައެވެ. އޭގެތެރޭގައި، ބަލި މީހުން ޞިއްޙަތު ސަލާމަތުންތިބޭ މީހުންނަށް ހުށަހޮޅިނުގަތުމަށް ދެއްވާފައިވާ އިރުޝާދާއި، ރަށެއްގައި ޠާޢޫނެއް ފެތުރެން ފަށައިފިނަމަ، އެ ރަށަކުން ނުނިކުތުމަށާއި، އަދި އެހެންރަށެއްގެ ބަޔަކު އެރަށަށް ނުދިއުމަށް ދެއްވާފައިވާ އިރުޝާދު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. މިއަދު މިވަނީ، އެކަލޭގެފާނުގެ މި ހުރިހާ އިރުޝާދުތަކަށް، މުސްލިމުން ފިޔަވައި، ޣައިރު މުސްލިމުންވެސް ޢަމަލުކުރަން ޖެހިފައެވެ.
ކޮވިޑް 19 އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް، ބޮޑެތި ޤައުމުތަކުން ދަނީ، ކެނޑިނޭޅި ކުރަމުންނެވެ. މިކަން މިހެން ހިނގަމުން ދާއިރު، އެފަދަ ވެކްސިނެއް ބޭނުންކުރަން ފެށޭނެ ތާރީޚެއް، ކަނޑައެޅިގެން އެނގޭކަށް ނެތެވެ.
އަނެއްކޮޅުން، ޗައިނާއާއި އެމެރިކާއިން ދަނީ، ކޮވިޑް 19 އިގެ ވައިރަހަކީ، އެ ޤައުމަށް ހަމަލާ ދިނުމަށް އުފެއްދި، ބައިލޮޖިކަލް ހަތިޔާރެއްކަމަށް ހަދައި، އެއްޤައުމު އަނެއް ޤައުމަށް، އިނގިލި ދިއްކުރަމުންނެވެ. ނަމަވެސް މިހާތަނަށް ކުރެވުނު ދިރާސާތަކުން، މިކަން ޔަޤީންކުރެވޭފަދަ ދަލީލެއް ލިބިފައެއް ނުވެއެވެ. އަދި ނަފީކުރެވޭވަރުގެ ދަލީލެއްވެސް ލިބިފައެއް ނުވެއެވެ. ނަމަވެސް މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިފަދަ ޖަރީމާއެއްގެ އިޙްތިމާލު އޮތް އޮތުން، ކަނޑައެޅިގެން ނަފީކުރެވޭނެ ޖާގައެއް ނެތެވެ.
ދިވެހި ރާއްޖޭގައި ހިނގާފައިވާ، މިފަދަ ބަލިމަޑުކަމުގެ ވަބާތަކަށް ބަލާލުމުން ފެންނަނީ، ކޮލެރާއާއި ޝިގެއްލާގެ ބަލިމަޑުކަމުގައި، ސަރުކާރުގެ އެންގެވުންތަކަށް ރައްޔިތުން ފުރިހަމައަށް އިޖާބަ ދީފައިވާތަނެވެ. އަދި ރައްޔިތުންގެ ސަފުތަކުގެ ބަދަހިކަމާއި، ތިމާގެ އަޚާއަށްޓަކައި ފުރާނައިން ޤުރުބާންވާން ތައްޔާރަށް ތިބި ތަނެވެ. އެ ދުވަސްވަރަކީ، މިޒަމާނުގައި މި ބޭނުންކުރާފަދަ ރައްކާތެރިކަމުގެ އެއްވެސް ވަސީލަތެއް ނެތް ދުވަސްވަރަކަށްވެފައި، ބަލި މީހުން އުފުލަން ޖެހުނީ އަތްދަނޑިމަތީގައެވެ. ނަމަވެސް ދިވެހިން ދައްކާދީފައިވަނީ، އިންސާނިއްޔަތުގެ ވަރަށް އަގުހުރި ނަމޫނާއެކެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން، ވެރިންގެ ޙިކްމަތު ޢަމަލީގެ ދަށުން، ޑޮކްޓަރުންނާއި ނަރުހުންނާއި ކަމާ ބެހޭ މާހިރުންނާއި ރައްޔިތުންނާ، އެންމެން ގުޅިގެން ކުރި މަސައްކަތަށް، އައްސަރިބަހާއި ސާބަސް ޙައްޤެވެ.
ކޮވިޑް 19 އިގެ ޢާލަމީ ވަބާގެތެރޭގައިވެސް، ފެނިގެން މި ދަނީ އެއްމަންޒަރެކެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ތަފާތުތަކަކާ އެކުގައެވެ. އޭރަށްވުރެ ހުރިހާ ގޮތަކުންވެސް ވަސީލަތްތަކާއި ޑޮކްޓަރުންނާއި ނަރުހުންނާއި ކަމުގެ މާހިރުން ގިނައެވެ. ދައުލަތުގެ ވެރިންނާއި މި ދެންނެވި ފަރާތްތައް، ފުރާނަ އަތްމައްޗަށް ލައްވައިގެން ރެއެއް ދުވާލެއްނެތި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެއަގު، ރައްޔިތުންގެތެރެއިން ގިނަބަޔަކު ވަޒަންކުރާއިރު، ކަމާބެހޭ އިދާރާތަކުން އަންގަވާ އެންގެވުންތަކަށް ސަމާލުކަން ނުދޭ މަދު ބަޔަކު، ދިވެހިންގެ ސަފުގައި މިއަދު ތިބިކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.
އަދި ހަމަ އެހެންމެ، މިބަލި ޖެހުމަށްފަހު، ބަލިން ފަސޭހަވެގެން އަންނަ މީހުންނަކީ ބޮޑު ބިރެއްގެ ގޮތުގައި ދެކޭ މަދު ބަޔަކުވެސް މި ދިވެހި މުސްލިމުންގެތެރެއިން ފާހަގަވެގެން ދިއުމަކީ ހިތާމަހުރި ކަމެކެވެ. މިކަންކަމުގެ އެންމެ މުހިއްމު ސަބަބަކީ، ސިޔާސީ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، ޘަޤާފީ ގޮތުން، ވޭތުވެދިޔަ މަދު އަހަރުތަކުގެތެރޭގައި ދިވެހިންނަށް އައިސްފައިވާ ބަދަލުކަމަށްވުމަކީ، ދުރުގައިވާ ކަމެއްނޫނެވެ.
ކޮވިޑް 19 އިގެ ސަބަބުން ދިވެހިންނަށް ލިބެމުން މިދާ އާ ތަޖުރިބާގެ އަލީގައި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް، މިހާރުވެސް ބޮޑެތި ބަދަލުތައް އަންނަން ފަށައިފިއެވެ. މި ލިބުނު އާ ތަޖުރިބާގެ އަލީގައި، ދެން ކުރަހަންވީ، ވިހި ތިރީހުގެ މުޅިން އާ ތަޞައްވުރެކެވެ. އެ ތަޞައްވުރުގެ ނާރެހަކަށް ވެގެންދާނީ، ދިވެހިންގެ ދީނާއި ޘަޤާފަތާއި ރީތި އާދަތަކާއި ފުޅާ އަދި ހަރުދަނާ އިޤްތިޞާދެކެވެ.
ދުޢާއަކީ، މި ޚުޠޫރަތްތެރި ވަގުތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ، ދިވެހިޤައުމުގެ ވެރިންނަށް ހެޔޮ ވިސްނުން މިންވަރުކުރައްވައި، މިކަމުން އަރައިގަތުމަށް، ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންނާއި ފަންނީ މާހިރުންނާއި، މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުން ކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވައި، އެ ބޭފުޅުންނަށް، ރައްކާތެރިކަން ދެއްވުމެވެ. އަދި ކޮވިޑް 19 އިގެ ވަބާއިން މުޅި ދުނިޔެ ސަލާތްކުރައްވައި، ޞިއްޙަތާއި ޢާފިޔަތުގެ ނިޢްމަތް މިންވަރުކުރެއްވުމެވެ.
*********
ރިފަރެންސް:
- https://news.un.org/ar/story/2020/03/1051101
- https://en.wikipedia.org/wiki/Thucydides
- https://en.wikipedia.org/wiki/Pericles
- https://en.wikipedia.org/wiki/Sparta
- com/culture/ طاعون-أثينا/18/3/2020
- https://en.wikipedia.org/wiki/Marcus_Aurelius
- https://en.wikipedia.org/wiki/Commodus
- https://en.wikipedia.org/wiki/Galen
- https://ar.wikipedia.org/wiki/الطاعون_الأنطوني
- https://www.youm7.com/story/2020/2/7/7-4621434/ أوبئة-دمرت-العالم-أسوأ-من-كورونا-الطاعون-دمر-روما
- https://ar.wikipedia.org/wiki/الإنفلونزا_الإسبانية
- https://www.youm7.com/story/2020/2/7/7-4621434/ أوبئة-دمرت-العالم-أسوأ-من-كورونا-الطاعون-دمر-روما
- https://www.history.com/topics/middle-ages/pandemics-timeline
- https://www.aljazeera.net/news/healthmedicine/2017/6/20/قصة-الجدري
- https://mob.tahrirnews.com/Story/357244/الجدري-القاتل-سلاح-بيولوجي-تحت-سيطرة-أمريكا-وروسيا-يهدد-البشرية/عرب
- https://sun.mv/132834
- https://raajje.mv/73103
- https://raajje.mv/73017