ކޮވިޑް-19 ނައްތާލެވިދާނެތަ؟


MNUBANNERNEWS_DrSheeza-01

 

ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑުބަދަލެއް އައިސްފައި މިވަނީ އިންސާނުންގެ ދިރިއުޅުމަށެވެ. ކުރިން ފަސޭހަކަމާއިއެކު ކޮށްއުޅުނު އެތައް ކަމެއް މިހާރު ކުރުމަކީ ބޮޑު ގޯހަކަށް ވަނީ ވެފައިއެވެ. ކޮންމެހެން ބޭރަށް ނުކުންނަންޖެހިގެން މެނުވީ ބޭރަކަށް ނުނުކުމެވެއެވެ. ސްކޫލް ތަކާއި ޔުނިވަރސިޓީތަކާއި މިނޫންވެސް ކިޔަވާދޭ ތަންތަނަށް ދިއުމާއި، އޮފީސްތަކަށް މަސައްކަތު ދިއުމާއި، ކެފޭތަކަށް ދިއުމާއި، ކުޅިވަރު ކުޅެން ދިއުމާއި، ކުޅިވަރު ބަލަން ދިއުމާއި، ޕާރކަށް ދިއުމާއި، ދަތުރު ދިއުންވެސް މިވަނީ މަނާކުރެވިފައިއެވެ. މާތްވެގެންވާ ހަރަމްފުޅުވެސް ބަންދުކޮށް މިއަހަރު ހައްޖަށް ދިއުމުގެ ތައްޔާރީތައްވެސް މިވަގުތަށް މަޑުޖައްސާލަން ސަޢޫދީ ސަރުކާރުން ވަނީ އަންގާފައިއެވެ.

ސަލާމްކުރަން އާދަވެފައި ހުންނާތީ މީހަކާ ސަލާމް ކޮށްލަން އަތް ދިއްކޮށްލެވުނަސް އަނެކާ ހުންނަނީ ހިތްހަމަޖެހިގެނެއް ނޫނެވެ. ދޮރެއްގެ ތަޅެއްގައި، އެއްޗެއްގެ މުއްގަނޑެއްގައި، ގޮނޑިއެއްގެ އަތްގަނޑެއްގައި، ފިހާރައެއްގެ ހަރުގަނޑެއްގައި ހުންނަ ދަޅެއް ނުވަތަ ފުޅިއެއްގައި ވެސް އަތްލެވެނީ ޝައްކެއްގެމަތީ ހުރެއެވެ. ބަހަކަށް ނުވަތަ ފެރީ އަކަށް އެރިއަސް އިންނަންޖެހެނީ ބިރުންނެވެ. ޖެހިގެންއިންމީހާއާއި ދެމެދު ބަހައްޓަންވީ ގައިދުރުމިން ހިތާހިތުން ނަމަވެސް ވަޒަންކުރެވެއެވެ. މަގެއްގެމަތީ ހިނގާފައިދާއިރުވެސް ކައިރިން ދާމީހާއާއި އެއްހަމައެއްގައިވާ ވަގުތުކޮޅަކީ ވީހާވެސް މަދު ސިކުންތުކޮޅަކަށް ހެދޭތޯ ބެލެއެވެ. އަވަސްވެގަނެވެނީ އެމީހަކާ ދުރަށް ދިއުމަށެވެ.

މިއީ މިއިން ދުވަހަކުވެސް މީހުން ދުނިޔޭގައި އުޅުނު ގޮތެއް ނޫނެވެ. ނަމަވެސް މިއަދު މުޅި ދުނިޔޭގައި ފެތުރެމުންދާ ވަބާއިން ރައްކާތެރިވުމަށް މިއީ  ކޮންމެ ރައްޔިތަކުހެން އަޅަންޖެހިފައިވާ ފިޔަވަޅުތަކެކެވެ. މި ފިޔަވަޅުތައް ނާޅައިފިނަމަސާރސް-ކޯވީ-2 އޭ ކިޔާ ބާވަތުގެ ކޮރޯނާވައިރަސް އަރާ ސީދާ ފުއްޕާމޭގައި ތަތްކޮށްލަފާނެތީއެވެ. ކޮރޯނާވައިރަހުގެ މިބާވަތުން ޖެހޭ ކޮވިޑް-19 އޭކިޔާ ބަލި ޖެހިދާނެތީއެވެ.

 

ކޮވިޑް-19 ހަނގުރާމަ

2020 ވަނަ އަހަރަށް ކުރިމަތިލިއިރު، ދުނިޔެ މިވަނީ ވަރަށް ހައިރާންކުރުވަނިވި ބީދައަކުން ހިނގާ ތަނަކަށްވެފައިއެވެ. ވަރަށް ތަފާތުކޮށްކުރާ ހަނގުރާމައެއްގެ މައިދާނަކަށް ދުނިޔެ ވަނީ ބަދަލުކޮށްލާފައިއެވެ. ހުރިހާ ގައުމުތައް އެއްފަރާތުގައެވެ. އަނެއްފަރާތުގައި 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފާޅުވިދުޝްމަނެކެވެ. ހަމަލޮލަށް ފެންނަވަރަށްވުރެން ކުޑަ، މި ދުޝްމަނު މަހެއްހާ ދުވަހުގެތެރޭގައި މުޅި ދުނިޔެ މިވަނީ ހިސޯރުކޮށްފައިއެވެ. ކޮރޯނާ ވައިރަހުގެ ބާވަތެއްކަމުގައިވާ މި ދުޝްމަނަށް ސާރސް-ކޯވީ-2 އޭ ކިޔާ ސައިންސުވެރިން ނަންދިނެވެ. މި ވައިރަސް މިހާތަނަށް ދެ މިލިއަނަށްވުރެން ގިނަ މީހުންނާއި ހަނގުރާމަކޮށްފިއެވެ. އަދިމިހަނގުރާމައިގައި ދުނިޔެދޫކޮށް ދިޔަ މީހުންގެ އަދަދު އެއް ލައްކަ ތިރީސް ހާހާއި ގާތްކުރެއެވެ. މި އަދަދުތައް ދުވަހެއް ދުވަހަކަށްވުރެން މައްޗަށް ދާތީ ރާއްޖޭގައިވެސް ރައްކާތެރިވުމުގެ ފިޔަވަޅުތަކެއް އަޅަމުންދަނިކޮށް، މިއަދު މިއިވުނީ ކޮވިޑް-19 ޖެހިފައިވާ މީހަކާ ގުޅުމެއް ނުވާ މީހަކު މާލެއިން ފުރަތަމަފަހަރަށް ފައްސިވީ ޚަބަރުގެ އަޑެވެ.

ކޮވިޑް-19 ބަލި ފެތުރުމުގައި ވަކި ގައުމެއް، ވަކި ބައްރެއް، އިސްތިސްނާވެފައިއެއް ނުވެއެވެ. އަދި ވަކި ނަސްލެއް، ވަކި ނަސަބެއް، ވަކި ދީނެއް ވަކި ހައިބަތެއް މީހާގެ ހުރީތީ ބަލިނުޖެހިއެއްވެސް ނުދެއެވެ. މިބަލިޖެހުމުގައި ރާނީއެއް، ބޮޑުވަޒީރެއް، ސަފީރެއް، ރައްޔިތުންގެ މަޖިލިސްގެ މެމްބަރެއް، މުއްސަންޖެއް ފަގީރެއް ތަފާތެއް ނުކުރެއެވެ. މި ވައިރަހާއި ބައްދަލުކުރާ ކޮންމެ މީހަކީ އެއާއި ހަނގުރާމަކުރަންޖެހިދާނެ މީހެކެވެ.

ހުރިހާ ހަނގުރާމައަކީ ކަނޑިއާއި ބަޑިން ކުރާ ހަނގުރާމައެއް ނޫންކަން މި ވައިރަސް ސާބިތުކޮށްދީފިއެވެ.އަދި ގައުމެއްގެ ރައްޔިތުން ސަލާމަތްކޮށްދިނުމަށް ހުރިހާފަހަރަކު ބޭނުންވަނީ ސިފައިންނާއި ބަރު ހަތިޔާރެއް ނޫންކަންވެސް މި ކުޑަކުޑަ ވައިރަސް ސާބިތުކޮށްދީފިއެވެ. ބަޑިއާއި، މިސައިލާއި، ބޮމާއި، ޓޭންކަރާއި، ހަނގުރާމަމަތީ މަނަވަރާއި، ސަބްމެރިނާއި، މަތިންދާބޯޓުތައް ގިނަކޮށްގެން ތިބި ބޮޑެތި، މުއްސަނދި ގައުމުތައްވެސް މަދު ހަފްތާތަކެއްގެތެރޭގައި މި ކުޑަ ކުޑަ ވައިރަސް އާހެދި ގޮތްހުސްވެގެން އުޅެން ޖައްސައިފިއެވެ.

އިންސާނުންނަށް ބަލިޖައްސާ އެހެން މަސްދަރުތަކާއި ކުރާ ހަނގުރާމަތަކެކޭ އެއްފަދައިން ސާރސް-ކޯވީ-2 އޭކިޔާކޮރޯނާ ވައިރަހާއި ހަނގުރާމަކުރަންވެސް ކުރީސަފުގައި ތިބެނީ ސިއްހީ ޚިދުމަތްތެރިންނެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި، ހެލްތުވޯކަރުންނާއި، ލެބޯޓަރީ ޓެކްނީޝަނުންނާއި މިނޫންވެސް އެހެނިހެން ސިއްހީ ޚިދުމަތްތެރިންނެވެ. ބަރު ހަތިޔާރުއަޅައިގެން ހަނގުރާމަކުރަން ދަސްކޮށްގެން ތިބި ސަފައިންނާއި، ފުލުހުންވެސް ނުކުންނަން ޖެހިފައިމިވަނީ ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތް ދަސްކޮށްގެން ނުވަތަ އެމަސައްކަތް ކުރާބަޔަކަށް އެހީތެރިވެދޭށެވެ.

ކޮވިޑް-19 އާއި ދެކޮޅަށްކުރާ ހަނގުރާމައަކީ ދުނިޔޭގެ 200 އަށްވުރެން ގިނަ ގައުމު މިއަދުކުރަމުންދާ ހަނގުރާމައެކެވެ. އެބަޔަކު އެބައެއްގެ ރައްޔިތުން ސަލާމަތްކޮށްދިނުމަށެވެ. އެގައުމުތަކުގެ ރައްޔިތުން ދިފާއުކުރަންފޮނުވާ ލަޝްކަރުގެ ހަށިސަލާމަތަށް ހޯދަން ޖެހިފައި މިވަނީ ވަޒަންނާރާފަދަ ފޭރާމެއް ނޫނެވެ. ރައްޔިތުން ރައްކާތެރިކުރަންބޭނުންވަނީ މިސައިލާއި ބޮމުން ރައްކާތެރިވާން ވަންނާނޭފަދަބަންކަރުތަކެއްވެސް ނޫނެވެ. އަދި ކޮވިޑް-19 އާއި ދެކޮޅަށް ހަނގުރާމަކުރަން ބޭނުންވަނީ ކަނޑިއާއި ބަޑިއެއް ނޫނެވެ. ޒަމާނީ ނިއުކުލިއަރ ހަތިޔާރެއްވެސް ނޫނެވެ. ހަނގުރާމައިގެ މައިދާނަށް ފޮނުވަންޖެހެނީ ދަގަނޑާއި އެނޫންވެސް އެފަދަ މައުދަނުތަކުން ހަދާފާއި ހުންނަ ބަރު އުޅަނދުތަކެއްވެސް ނޫނެވެ.

މި ހަނގުރާމައިގައި އިންސާނުންގެ ލަޝްކަރުގެ ހަށި ސަލާމަތަށް ހޯދަން ޖެހެނީ އިންތިހާއަށް ބަލިކަށި، އެހެންނަމަވެސް އެހާމެ މުހިންމު ތަކެއްޗެވެ. މާސްކާއި، އަންގިއާއި، ރައްކާތެރިވުމަށް އަޅާ ޚާއްސަ ފޭރާމެވެ. މިއީކީ އަގުގެ ގޮތުން ބެލިއަސް ނިސްބަތުން މާކަ ބޮޑު ހޭދައެއް ކުރަންޖެހޭ ތަކެއްޗެއް ނޫނެވެ.

ރައްޔިތުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަފު ފޫއަޅުވާލާފައި، ނުވަތަ އެނޫންވެސް ގޮތަކުން މީހެއްގެ ހަށިގަނޑަށް ސާރސް-ކޯވީ-2 ވައިރަހަށް ވާސިލްވެވިއްޖެ ނަމަ ބޮޑު ހޭދައެއް ކުރަން ޖެހޭ ފަހަރު މަދެއް ނޫނެވެ. އަދި އަމުދުން ވައިރަހުގެ ސަބަބުން މީހާގެ ހާލު ދެރަކޮށްލާ، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ބަލަންޖެހިއްޖެނަމަ، އަގުބޮޑު މެޝިނަރީތަކުގެ އެހީ ހޯދަންޖެހެއެވެ. މިއީ ރާއްޖޭގައި އުފައްދާ އެއްޗިއްސެއް ނޫނެވެ. އަމުދުން މިދުވަސްވަރު ރާއްޖެއިން ބޭރުން ވެސް ފަސޭހައިން ގަންނަން ލިބޭ އެއްޗިއްސެއް ނޫނެވެ. ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުން މުހިންމުވާ އެއް ސަބަބަކީ މިއެވެ. ފަރުވާދިނުމަށް ބޭނުންކުރާ މެޝިނަރީއާއި އާލާތްތައް ގައުމުގައި ހުރި މިންވަރަށްވުރެން ގިނައިން ބަލިމީހުން އެނދުމަތިކުރަން ޖެހިދާނެތީއެވެ. އަދި ފަރުވާ ދޭންތިބި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިންނަށް ކުޅަދާނަ ނުވާހާ މިންވަރަށް ބަލިމީހުން ބަލަން ޖެހިދާނެތީއެވެ. ހަނގުރާމައިގެ ލަޝްކަރު ކަމުގައިވާ ސިއްހީ ޚިދުމަތްތެރިން ރައްކާތެރިވުމަށް އަޅާފޭރާން ހުސްވެގެން އުޅެންޖެހިދާނެތީއެވެ. ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރޭ ގިނަ ގައުމުތަކުގައި ވަނީ މި ބިރުވެރި އަދި ހިތާމަވެރިހާލަތާއި ވެސް ކުރިމަތިލާންޖެހިފައިއެވެ. މި ހާލަތް މެދުވެރިވެއްޖެނަމަ، ގިނަ ރައްޔިތުންތަކަކަށް ބަލިޖެހި، އެކަށީގެންވާ ފަރުވާ ނުލިބި، ދުނިޔެދޫކޮށްދާން ޖެހެއެވެ.

 

ރައްކާތެރިވުމުގެ ފިޔަވަޅުތައް

ގައިދުރުމިން ބެހެއްޓުމާއި، އަތް ދޮވުމާއި، އެއްވެ ނޫޅުމަކީ އެކަކުގެ ފަރާތުން އަނެކަކަށް ވައިރަސް ވާސިލްވުމަށް އެޅޭ ހުރަހެކެވެ. އަދި ސަރުކާރުން ވަގުތީގޮތުން އަޅާފައިވާ އިތުރު ފިޔަވަޅުތަކަކީވެސް ރައްޔިތުންގެ ރައްކަލަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ. ގަބޫލުކުރެވޭނެ ކަމަކީ މި ފިޔަވަޅުތަކަކީ ތާ އަބަދަށް ދަމަހައްޓަން އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަމެވެ. އަދި ތާއަބަދަށް ދެމެހެއްޓޭނެ ފިޔަވަޅުތަކެއްވެސް ނޫންކަމެވެ. ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން އަންނަ މަތިންދާބޯޓުތައް ޖެއްސުން މަނާކޮށްގެން އަބަދު ތިބެވޭނެތޯއެވެ؟ ވަކި ގައުމުތަކަކުން އެކަނިވިއަސް ފަތުރުވެރިންނަށް އައުން މަނާކޮށްގެން އަބަދު ތިބެވޭނެތޯއެވެ؟ އޮފީސްތަކާއި ކިޔަވާދޭ ތަންތަނާއި ވިޔަފާރިތައް ބަންދުކޮށްގެން އަބަދު ތިބެވޭނެތޯއެވެ؟

ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި އަދި ގައުމު މިނިވަން ގައުމެއްގެގޮތުގައި ދެމެހެއްޓުމަށްޓަކައި ގައުމުގެ އިގްތިސާދާއި، މުޖުތަމައުގެ ދިރުން ދަމަހައްޓަންޖެހެއެވެ. މިހާރު މިއޮތް ފަދައިން ހުއްޓުމެއްގައި ގައުމު އޮންނަ ކޮންމެ ދުވަހަކީ ގައުމުގެ ތަރައްގީގެ ދުވެލި ފަހަތަށްދާން މަގުފަހިކުރުވާނެ ދުވަހެކެވެ. އަދި މި ހާލަތު ދިގުލައިފިނަމަ ދަރަނި ބޮޑުވެ، ރައްޔިތުންގެ އަތްމަތި ތާށިވެ ބަނޑަށްޖެހޭ ހިސާބަށް ދިއުންވެސް އޮންނާނީ މާދުރުގައެއްނޫނެވެ. ވުމާއިއެކު މި ވަބާއިން އަރައިގަނެ، ދިރިއުޅުމުގެ ހާލަތު އާންމުހާލަތަށް ރުޖޫއަކުރުމަށް ކުރާ މަސައްކަތްތަކަކީ މިއަދު ކޮންމެ ގައުމަކުންވެސް ކެނޑިނޭޅި ކުރަމުންގެންދާ މަސައްކަތްތަކަކަށް ވަނީ ވެފައިއެވެ.

ކޮވިޑް-19 އިން އަރައިގަތުން

މިވަބާއިން ސަލާމަތްވާން ގިނަ މަސައްކަތްތަކެއްކޮށް، ބައެއް ގައުމުތަކުން ވަނީބަލިފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލު ކޮށްފައިއެވެ. އަނެއްބައި ގައުމުތަކުގައި ވައިރަސް ހަލުވިކަމާއިއެކު ފެތުރެމުންދެއެވެ. ބަލި ކޮންޓްރޯލުކޮށްފައިވާ ގައުމުތަކަށް ބަލާލާނަމަ، ބަލި ކޮންޓްރޯލުކުރެވިފައިވަނީ އެގައުމުތަކުގެ ސަރުކާރުތަކުން އަންގާ އެންގުންތަކަށް ރައްޔިތުން ކިޔަމަންތެރިވެ، އެ އެންގުންތަކާއި އެއްގޮތަށް ރައްޔިތުންގެ އަމަލުތައް ބެހެއްޓުމުންނެވެ. އަތްދޮވުމާއި، ޖިސްމާނީ ގައިދުރުމިން ބެހެއްޓުމާއި، އެއްވެ ނޫޅުމަށް ދީފައިވާއިރުޝާދުތައް ކަނުލާ އަޑުއަހައިގެންނެވެ. ގިނަބަޔަކު ޓެސްޓުކޮށް ފައްސިވާ މީހުންނާއި، އެބައްޔަކާއި އެއްތާވި ހުރިހާ އެންމެން ހޯދާ ޓެސްޓުކޮށް، ޓެސްޓުގެ ނަތީޖާއަށް ބިނާކޮށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުގެ ފަރާތުންވެސް އެޅުމުންނެވެ. ބަލިޖެހިފައި ތިބި މީހުން އެކަހެރިކޮށް ފަރުވާދިނުމާއި، ބައްޔަށް ޝައްކު ކުރެވޭމީހުން ޓެސްޓުކުރުމާއި، ހައި ރިސްކު މީހުން ކަރަންޓީނުކުރުމުންނެވެ. މީގެ އިތުރުން ގައުމުތަކުން އަޅާފައިހުރި ފިޔަވަޅުތަކުގެތެރޭގައި ވިޔަފާރިތަކާއި، އޮފީސްތަކާއި، ސްކޫލްތައް ބަންދުކުރުމާއި، ރައްޔިތުން ފުރަބަންދުގައި ބައިތިއްބުމާއި، ބޯރޑަރުތައް ބަންދުކުރުމާއި، ގައުމަށް އެތެރެވާމީހުން ކަރަންޓީނުކުރުން ހިމެނެއެވެ.

އެކަށީގެންވާ މުއްދަތެއް ކަނޑައަޅައި އެމުއްދަތެއްގެތެރޭގައި ދުނިޔޭގައި ބަލި އުޅޭ ހުރިހާ ގައުމަކުން އެއްފަހަރާ މިފަދައިން މަސައްކަތްކޮށްފިނަމަ، ދުނިޔޭގައި މި ބަލި ކޮޓްރޯލުކުރެވިދާނެއެވެ. ނަމަވެސް މިއީ ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އެކި ގައުމުގެ ހާލަތާއި ކަންތައްތައް ހުންނަގޮތުން މިފަދައިން މަސައްކަތް ކުރެވޭނީ އެކި މިންވަރަށް ކަމުގައިވާތީއެވެ. އަދި ގިނަ ގައުމުތަކެއްގައި މިބަލި ކޮންޓުރޯލުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއްކުރި ކަމުގައިވިޔަސް، ވައިރަސް ކޮންޓުރޯލު ނުކުރެވި، ފެތުރެމުންދާތީއެވެ.

ދެވަނަގޮތަކީ ވައިރަސް އޭގެ އަމިއްލަ ޒާތުގައި ނިމުމަކަށް އައުމެވެ. މިއީ އަހަރުތަކަކަށްދެމިގެން ހިނގައިދާނެ ކަމެކެވެ. އެހެނީ މިގޮތަށް ވައިރަސް ނިމުމަކަށް އަންނާނީ އެތައްބަޔަކަށް ބަލިޖެއްސުމަށްފަހު، ދުނިޔޭގައި ބަލިނުޖެހޭ މީހުންގެ އަދަދު ވަރަށް މަދުވާފަހުންކަމުގައިވާތީއެވެ. އަދި މިގޮތަށް ނިމޭއިރު ގިނަބަޔަކު ވާނީ ބަލީގެ ސަބަބުން ދުނިޔެދޫކޮށްދާންވެސް ޖެހިފައިއެވެ. ވީމާ މިއީވެސް އެދެވިގެން ވާ ގޮތެއް ނޫނެވެ.

ތިންވަނަ ގޮތަކީ ރައްޔިތުން މި ވައިރަހަށް ރައްކާތެރިވާން ވެކްސިންއެއް ޖެހުމެވެ. ވެކްސިން އަކީ އޭގެ ސަބަބުން ވަކި ބައްޔަކުން ރައްކާތެރިވާން ހަށިގަނޑުގެ ދިފާއީބާރު ވަރުގަދަކުރާ އެއްޗެކެވެ. މިގޮތަށް ދިފާއީބާރު ވަރުގަދަ ކުރުމުން ވައިރަހަށް ހަށިގަނޑުގައި ގަދަކޮށެއް ނުލެވޭނެއެވެ. އަދި ވެކްސިން ޖެހުމުން ގިނަ ރައްޔިތުންތަކެއް ބަލި ނުޖެހި، ނުވަތަ ބަލި ޖެހުނަސް މާ ހާލުދެރކޮށްނުލާ ވައިރަހުން ސަލާމަތްކުރެވެއެވެ. މިއީވެސް ފަސޭހައިން ކުރެވިދާނެ ކަމެއްނޫނެވެ. އެހެނީ ރައްކާތެރި ވެކްސިންއެއް ތައްޔާރުކޮށް ބާޒާރަށް ނެރުމަކީ މަދުވެގެން އަހަރު ދޮޅުއަހަރު ނަގާ ކަމަކެވެ. ނަމަވެސް ކުރިން ދުނިޔެއިން ފެނިފައިވާ ކޮރޯނާ ވައިރަހުގެ ބާވަތްތަކަށް ވެކްސިން ތައްޔާރުކުރަން މަސައްކަތްތަކެއްމީގެކުރިން ކުރެވިފައިވާތީ، ސާރސް-ކޯވީ-2 އަށް ވެކްސިންއެއް އުފެއްދުމުގެ މުއްދަތު ވަނީ ކުރު ކުރެވިފައެވެ. އަދިވެކްސިން އެއް ޓެސްޓު ކުރުމުގެ މަރުހަލާވަނީ ފެށިފައިއެވެ. މިއީ އާންމުކޮށް އެންމެނަށް ޖަހަން އެކަށީގެންވާ ވެކްސިންއެއްކަން ނުވަތަނޫންކަން ދެނެގަންނަން އަދި ދުވަސްތަކެއް ނަގާނެއެވެ.

ކޮވިޑް-19 ނައްތާލެވޭނެ ފަސޭހަ ނުވަތަ ކުރު އެއްގޮތް ވެސް ނެތެވެ. މުޅިދުނިޔެއިން މި ވައިރަސް ނައްތާލެވުމަކީ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެކަމެކެވެ. އަދި ގިނަ އަހަރުތަކެއްވެސް ނަގާފާނެ ކަމެކެވެ. އިންސާނުންނަށް ބަލިޖައްސާ އެހެން ވައިރަހެކޭ އެއްފަދައިން މި ވައިރަސްވެސް ގާތީ ދުނިޔޭގެ އެކި ގައުމުތަކުގައި އެކި ދުވަސްވަރު މުސްތަގުބަލުގައި ފެންނަމުންދާނެ އެއްޗަކަށްވުމެވެ. ގައުމުތަކުން ކުރެވެން އޮތް ކަމަކީ ވައިރަހާއި ހަނގުރާމަކޮށް ކުރިހޯދޭތޯ މަސައްކަތްކުރުމެވެ. މިކަމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. ވާންޖެހޭ ތައްޔާރީތައް ވުމެވެ.

ފުލައިޓުތައް ބަންދުކުރުމާއި، ރައްޔިތުން ގޭބަންދުގައި ބޭތިއްބުން ފަދަ ފިޔަވަޅުތައް ދެމެހެއްޓުމުގައި ރައްޔިތުންނާއި ގައުމުގެ ހާލަތަށްވެސް ވިސްނަންޖެހެއެވެ. ރައްޔިތުންނަށް އާންމުދަނީ ހޯދޭނެ ދޮރުތައް ބަންދުކޮށްގެން ތިބުމާއި، ގައުމުގެ އިގުތިސާދަށް ގެއްލުންވާނެ ފިޔަވަޅުތަކެއް ގިނަދުވަސްވަންދެން ދެމެމެހެއްޓުމަކީ ބުއްދިވެރިކަމަކަށް ނުވެދާނެއެވެ. އަނެއްކޮޅުން ކޮވިޑް-19 ފެތުރުމަކީވެސް އޭގެސަބަބުން އެތައް ނޭދެވޭ އަސަރުތަކެއް ރައްޔިތުންނަށާއި ގައުމަށް ކުރާނެ ކަމެކެވެ. ވީމާ ވައިރަހުން ރައްކާތެރިވުމަށް ރާއްޖެއިން މިހާރު އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމާއި އެއަށް ދޫދިނުމާއި ދެމެދު އޮތީ ވަރަށް ހަނި ޖާގައެކެވެ. މަސައްކަތް ކުރަންވީ ފިޔަވަޅުތަކެއް އަޅާފައިވީނަމަވެސް، ކުރިންވެސް ކުރަމުންދިޔަ މަސައްކަތްތައް ވީވަރަކުން ކުރެވޭތޯބެލުމަށެވެ. އަރާފާނެ ލޮޅުން ވީހާވެސް ކުޑަވާނެ ގޮތަކަށް ގައުމުގެ ދުވެލި ދެމެހެއްޓޭތޯ ބެލުމަށެވެ. ނުވަތަ އިހު އުޅުނުގޮތަށް ދިރިއުޅުން ރުޖޫއަ ކުރެވެންދެން މަޑުކުރަންވީތޯއެވެ؟ މިހާލަތުގައި އިހު އުޅުނުގޮތަށް ދިރިއުޅުން އަވަސް މުސްތަގުބަލެއްގައި ރުޖޫއަ ކުރެވިދާނެކަމާއިމެދު ސުވާލު އުފެދެއެވެ. ދުނިޔޭގައި މީހުން ދިރިއުޅެމުން އައިގޮތް ބަދަލުކޮށްލަންޖެހިއްޖެއެވެ. ދުނިޔެ ބަދަލުވެއްޖެއެވެ.

 


Ref_Covid19_DrSheeza

About_DrSheeza-04