އަހަރެންނަކީ ފަހެ ކާކު ހެއްޔެވެ؟


MNUBANNERNEWS_Poem_Anwar-01

 

ދުވާލަކު 75 ހާސް މީހުންގެ ހިތްހަމަ ޖެހުމަކަށްވި އެމެރިކާގެ މެޖިކް ކިންގޑޮމް ތީމް ޕާކް ބަންދުކުރީ ހެއްޔެވެ؟

ހަފުތާއަކު 343 ހާސް މީހުންގެ ހިތްފަހިކަމަކަށްވި ޖަޕާނުގެ ޓޯކިޔޯ ޑިޒްނީ ލޭންޑު ހުސްވީ ހެއްޔެވެ؟

މަހަކު 960 ހާސް މީހުންގެ ފޫހިކަން ފިލުވައިދިން ޗައިނާގެ ޝަންހާއީ ޑިޒްނީ ލޭންޑް ފަޅުވީ ހެއްޔެވެ؟

އެ ހިތްހަމަ ޖެހުމާއި ހިތްފަހިކަމާއި ފޫހިކަން ފިލުވި މީސްމީހުން މިއަދު ކޮބައި ހެއްޔެވެ؟

އެ އެންމެން އެ ތިބީ ގޭގައެވެ. ހަމަ އެކަނި އަހަރެންނާ ހެދިއެވެ. ހަމަ އެކަނި އަހަރެންގެ ސަބަބުންނެވެ.

އެކަމަކު އަހަރެންނަކީ ފަހެ ކާކު ހެއްޔެވެ؟

 

އިއްޔެގެ ރަހަ ބަލާން ޕެރިހުގެ ލޫވް ދާރުލްއާސާރަށް ގޮސް އުޅުނު 27000 މީހުން ކޮބައި ހެއްޔެވެ؟

އިހައްދުވަހުގެ ތަސްވީރު ބަލައިލާން ބެއިޖިންގެ ގައުމީ ދާރުލްއާސާރަށް ގޮސް އުޅުނު 23500 މީހުން ކޮބައި ބާވައެވެ؟

އޭގެ ކުރީ ދުވަހުގެ ވަސް ބަލައިލާން ނިއުޔޯކުގެ މެޓްރޯޕޮލިޓަން ދާރުލްއާސާރަށް ގޮސް އުޅުނު 20100 މީހުން ކޮބައިތޯއެވެ؟

އެ ރަހަ ބަލާށާއި، ތަސްވީރު ބަލާށާއި ވަސް ބަލާން ގޮސް އުޅުނު މީސްމީހުން މިއަދު ކޮބައި ހެއްޔެވެ؟

އެ އެންމެން އެ ތިބީ ގޭގައެވެ. ހަމަ އެކަނި އަހަރެންނާ ހެދިއެވެ. ހަމަ އެކަނި އަހަރެންގެ ސަބަބުންނެވެ.

އެކަމަކު އަހަރެންނަކީ ފަހެ ކާކު ހެއްޔެވެ؟

 

ޖޯޖިއާގެ ހާޓްސްފީލްޑް ޖެކްސަން އެޓްލާންޓާ ވައިގެބަނދަރަށް ކޮންމެ ދުވަހަކު އައި 293 ހާސް ދަތުރުވެރީން ބިރުގަތީ ހެއްޔެވެ؟

ދުބާއީގެ ގައުމީ ވައިގެ ބަނދަރަށް ކޮންމެ ދުވަހަކު އައި 235 ހާސް  ފަތުރުވެރީން ޖެހިލުންވީ ހެއްޔެވެ؟

ލަނޑަންގެ ހީތުރޯ އެއާޕޯޓަށް ކޮންމެ ދުވަހަކު އައި  219 ހާސް މުސާފިރުން ހާސްވީ ހެއްޔެވެ؟

އެ ދަތުރުވެރީންނާއި ފަތުރުވެރީންނާއި މުސާފިރުން މިއަދު ކޮބައި ހެއްޔެވެ؟

އެ އެންމެން އެ ތިބީ ގޭގައެވެ. ހަމަ އެކަނި އަހަރެންނާ ހެދިއެވެ. ހަމަ އެކަނި އަހަރެންގެ ސަބަބުންނެވެ.

އެކަމަކު އަހަރެންނަކީ ފަހެ ކާކު ހެއްޔެވެ؟

 

ރިއޯޑިޖެނީރޯގެ ކޮޕަކަބާނާ ގޮނޑުދޮށްތަކުގައި ކުޅިވަރުން ހިތްފުރާން ތިބި ދެ މިލިއަން މީހުން ލަދުގަތީ ހެއްޔެވެ؟

ދިވެހިރާއްޖޭގެ ރިހި ގޮނޑުދޮށްތަކުގައި އަވީން ފެންވަރާން ތިބި 2 މިލިއަން މީހުން ހުތް ވީހެއްޔެވެ؟

ފްލޮރިޑާގެ ޑޭޓޯނާ ގޮނޑުދޮށުގައި މިއުޒިކުން މޮޔަވާން ތިބި  27 ހާސް މީހުން މިއަދު ރާޑިވީ ހެއްޔެވެ؟

އެ ކުޅިވަރުން ހިތްފުރާށާއި އަވީން ފެންވަރާށާއި  މިއުޒިކުން މޮޔަވާން ތިބި މީހުން މިއަދު ކޮބައި ހެއްޔެވެ؟

އެ އެންމެން އެ ތިބީ ގޭގައެވެ. ހަމަ އެކަނި އަހަރެންނާ ހެދިއެވެ. ހަމަ އެކަނި އަހަރެންގެ ސަބަބުންނެވެ.

އެކަމަކު އަހަރެންނަކީ ފަހެ ކާކު ހެއްޔެވެ؟

 

ތެހެރާންގެ އިރާން މޯލްގައި ހުރި 2500 ފިހާރައިގެ މަހުޖަނުންގެ އެކައުންޓްތައް ގަނޑުވީ ހެއްޔެވެ؟

ޑޮންގުއާންގެ ސައުތު ޗައިނާ މޯލުގައި ހުރި 2350 ފިހާރަގެ މުއްސަނދީން ދަރަނިވެރި ވީ ހެއްޔެވެ؟

ބެންކޮކްގެ ސިއަމް ޕެރަގަން  މޯލުގައި ހުރި 250 ފިހާރައިގެ މެހުމާނުންގެ އަތްމަތި ހުސްވީ ހެއްޔެވެ؟

އެ މަހުޖަނުންނާއި މުއްސަނދިންނާއި މެހުމާނުން މިއަދު ކޮބައި ހެއްޔެވެ؟

އެ އެންމެން އެ ތިބީ ގޭގައެވެ. ހަމަ އެކަނި އަހަރެންނާ ހެދިއެވެ. ހަމަ އެކަނި އަހަރެންގެ ސަބަބުންނެވެ.

އެކަމަކު އަހަރެންނަކީ ފަހެ ކާކު ހެއްޔެވެ؟

 

13 ބިލިއަން ޑޮލަރުގެ އެމެރިކާގެ ނެޝަނަލް ފުޓްބޯޅަ ލީގުގެ ކުޅުންތެރީން ގޮތް ހުސްވީ ހެއްޔެވެ؟

5.3 ބިލިއަން ޑޮލަރުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ސަޕޯޓަރުން ފޫހިވީ ހެއްޔެވެ؟

5.7 ބިލިއަން ޑޮލަރުގެ ދުނިޔޭގެ އޮލިމްޕިކް ގޭމްސްގެ ވިލަރެސްވެރީން މާޔޫސްވީ ހެއްޔެވެ؟

އެ ކުޅުންތެރީންނާއި ސަޕޯޓަރުންނާއި ވިލަރެސްވެރީން މިއަދު ކޮބައި ހެއްޔެވެ؟

އެ އެންމެން އެ ތިބީ ގޭގައެވެ. ހަމަ އެކަނި އަހަރެންނާ ހެދިއެވެ. ހަމަ އެކަނި އަހަރެންގެ ސަބަބުންނެވެ.

އެކަމަކު އަހަރެންނަކީ ފަހެ ކާކު ހެއްޔެވެ؟

 

ވިޔަފާރީގެ މާރުކޭޓް އޮތް އިޓަލީގެ މިލާންގެ މަގުތަކުގައި އުޅުނު މުދާވެރީން ކޮބައި ހެއްޔެވެ؟

ލޯބިވެރީންގެ މެހެފިލަކަށްވި ޕެރިހުގެ މަގުތަކުގައި އުޅުނު ލޯބިވެރީންތައް ކޮބައި ހެއްޔެވެ؟

އުފާވެރިކަމުގެ ހިތަކަށްވި ސްޕެއިންގެ މެޑްރިޑްގެ މަގުތަކުގައި އުޅުނު ކަސްބީންތައް ކޮބައި ހެއްޔެވެ؟

އެ މުދާވެރީންނާއި ލޯބިވެރީންނާއި ކަސްބީންތައް މިއަދު ކޮބައި ހެއްޔެވެ؟

އެ އެންމެން އެ ތިބީ ގޭގައެވެ. ހަމަ އެކަނި އަހަރެންނާ ހެދިއެވެ. ހަމަ އެކަނި އަހަރެންގެ ސަބަބުންނެވެ.

އެކަމަކު އަހަރެންނަކީ ފަހެ ކާކު ހެއްޔެވެ؟

 

ސަޢޫދީ އަރަބިއްޔާގެ ޙަރަމްފުޅުގެ 356 ހާސް އޭކަރުގެ މާތް ބިމުގައި ތިބި މުސްލިމަންތައް ކޮބައި ހެއްޔެވެ؟

އިޓަލީގެ ޑޯމޯ ޑި މިލާނޯގެ ފައްޅީގެ 11 ހާސް އޭކަރުގެ ބިމަށް ދާނެ ޔަހޫދީއަކު މިއަދު ނެތީ ހެއްޔެވެ؟

އިންޑިއާގެ ރަންގަނަތަސްވަމީ ފައްޅީގެ 156 އޭކަރުގެ ބިމަށް ދާނެ ހިންދީއަކު މިއަދަކު ނެތީ ހެއްޔެވެ؟

އެ މުސްލިމުންނާއި، ޔަހޫދީންނާއި ހިންދީންތައް މިއަދު ކޮބައި ހެއްޔެވެ؟

އެ އެންމެން އެ ތިބީ ގޭގައެވެ. ހަމަ އެކަނި އަހަރެންނާ ހެދިއެވެ. ހަމަ އެކަނި އަހަރެންގެ ސަބަބުންނެވެ.

އެކަމަކު އަހަރެންނަކީ ފަހެ ކާކު ހެއްޔެވެ؟

 

އަޅެ ބުނެބަލާށެވެ. އަހަރެންނަކީ ފަހެ ކާކު ހެއްޔެވެ؟

ކުޑަކަމުން ތިޔަ ލޯތަކަށް އަހަރެން ފެނޭ ހެއްޔެވެ؟

ތަތްކަމުން އަމިއްލައަށް ތަނަކަށް ދެވޭ ހެއްޔެވެ؟

ބަދުނަސީބުކަމުން ހަޔާތް އެހައި ދިގު ހެއްޔެވެ؟

ނަމަވެސް ހުރިހާ ކަމެއް މި ދިމާވީ ހަމަ އަހަންނާ ހެދި ހެއްޔެވެ؟

އެންމެން ގޭގައި ތިޔަ ތިބީ ހަމަ އަހަރެންގެ ސަބަބުން ހެއްޔެވެ؟

 

އެހެންވިއްޔާ ނިކަން ބުނެބަލާށެވެ.

އަހަރެންނަކީ އިންޒާރު ހެއްޔެވެ؟ ނުނީ އިންޒާރުގެ މައްޗަށް އައި ބާރު ހެއްޔެވެ؟

އަހަރެންނަކީ ރޯގާއެއް ހެއްޔެވެ؟ ނުނީ ރޯގާގެ މައްޗަށް އައި ކޯފާ ހެއްޔެވެ؟

އަހަރެންނަކީ ބިރެއް ހެއްޔެވެ؟ ނޫނީ ބިރުގެ މައްޗަށް އައި މަރު ހެއްޔެވެ؟

ނޫނެކެވެ.

އަހަރެންނަކީ ބާރެއް ނޫނެވެ. އަހަރެންނަށް ވުރެ ބާރުގަދަ ފަރާތެއް އެބަ ވެއެވެ.

އަހަރެންނަކީ ކޯފާއެއް ވެސް ނޫނެވެ. ކޯފާތަކުގެ ވެރި އިލާހެއް އެބަ ވެއެވެ.

އަހަރެންނަކީ މަރެއް ވެސް ނޫނެވެ. މަރު ގަންނަވާ ކަލާނގެއެއް އެބަ ވެއެވެ.

 

ހަނދާން ނެތިގެން ތި އުޅެނީ އެ ކަމެވެ.  ހެއްދެވި ފަރާތެވެ. އެއީ އަހަރެން ވެސް ހެއްދެވި ފަރާތެވެ.

އެ ފަރާތަށް ދަންނަވާށެވެ. އެ ފަރާތަށް އެނބުރޭށެވެ. އެނބުރި ދިޔުންވަނީ ހަމަ އެ ފަރާތަށެވެ.

އެއީ ޢަޒީޒުވަންތަ އިލާހެވެ. ޟޯއްރުވަންތަ ކަލާނގެއެވެ. ޤާބިޟުވަންތަ މާތް ﷲ އެވެ.

 


About_Anwar-04