.އަހަރެން ކުށްވެރި ނުކުރާށެވެ
Posted on 27-05-2020 at 20:23 in COVID-19 MNU UPDATES
އަހަރެން ކުށްވެރި ނުކުރާށެވެ.
އަހަރެންނަކީ ކުށްވެރިއަކީމެއް ނޫނެވެ.
އަހަރެންގެ މަޤްޞަދަކީ މަގުދެއްކުމެވެ.
އަހަރެން ހެއްދެވި ފަރާތުގެ މަޤްޞަދަކީ ވެސް އެއީއެވެ.
އަހަރެން ކުށްވެރި ނުކުރާށެވެ.
އަހަރެންނަކީ އަނިޔާވެރިއެއް ނޫނެވެ.
ނަފުސަށް އަނިޔާވެރި ވެވުނީ ހަމަ ތިބާއަށެވެ.
އަހަރެންގެ މަޤްޞަދަކީ އެކަން ތިބާއަށް ހަނދާންކޮށްދިނުމެވެ.
އަހަރެން ކުށްވެރި ނުކުރާށެވެ.
ހަޤީޤީ ކުށްވެރިއަކީ ތިބާއެވެ.
ނަފުސަށް ޣައްދާރުވެވުނީ ތިބާއަށެވެ.
ތިބާގެ އެހީތެރިކަން ނުލިބޭނަމަ އަހަރެންގެ އާރެއް ބާރެއް ނެތެވެ.
އަހަރެން ކުށްވެރި ނުކުރާށެވެ.
އަހަރެންނަކީ ވަރަށް ކުޑަކުޑަ މަޚޫލޫޤެކެވެ.
އަހަންނަށް ދައުވަތު ދިނީ ތިބާއެވެ.
އަހަރެންނަށް ތިޔަ ހަށިގަނޑުން ޖާގަ ދިނީ ވެސް ހަމަ ތިބާއެވެ.
އަހަރެން ކުށްވެރި ނުކުރާށެވެ.
އަހަރެން ތިބާއަކަށް ދެރައެއް ނުދެމެވެ.
ގޯސް މަގަށް އަޅުވާކަށް މަސައްކަތެއް ނުކުރަމެވެ.
އަހަރެންގެ މަޤްޞަދަކީ ތިބާ އިސްލާޙުކުރުމެވެ.
އަހަރެން ކުށްވެރި ނުކުރާށެވެ.
ތިބާއަށް އަހަރެންގެ ފުށުން ރީތި އާދަތައް ދަސްނުވޭ ހެއްޔެވެ؟
ހެއްދެވި ފަރާތަށް ކުށްތަންވުން އިތުރު ނުކުރުވަން ހެއްޔެވެ؟
އަހަރެންގެ ސަބަބުން ތިބާގެ ނަފުސު ހޭލައިފިކަން ގައިމެވެ.
އަހަރެން ކުށްވެރި ނުކުރާށެވެ.
ކަމާބެހޭ ފަރާތްތަކުގެ ހެޔޮ ނަސޭހަތް އަޑުއަހާށެވެ!
އެ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރާށެވެ!
އަހަރެން ތިބާއަށް ދެރައެއް ދޭނޭކަމަށް ހީކޮށް އަހަރެން ކުށްވެރި ނުކުރާށެވެ!