ރާއްޖޭގެ ސްކޫލުތަކުގައި ދަނޑުވެރިކަމުގެ ތަޢުލީމު ކިޔަވައިދޭންޖެހެއެވެ


MNUBANNERNEWS_Article_Anwar-01

 

ބޮޑުހަނގުރާމަ ފެށުމާއެކު އޭރުގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށަށް ވަފުދުތައް ފޮނުވިއެވެ. ހަނގުރާމައިން ލިބޭ ގެއްލުން ކުޑަކޮށް ކާބޯތަކެތީގެ ބާވަތްތައް ހައްދާން ރައްޔިތުންނަށް ނަސޭހަތްތެރިވުމަށެވެ. ކާބޯތަކެތި އަޅާ ގަސް އިންދުމުގެ ޕްރޮގުރާމުތައް ފެއްޓުމަށެވެ.  މުޅި ދުނިޔެއަށް ކުރިމަތިވި ތަދުމަޑުކަމުން އަރައިގަތުމަށް ދިވެހީން ހޭލުންތެރި ކުރުވުމަށެވެ. ނަމަވެސް އެކަން ކުރެވުނުލެއް އޭރު ވެސް އޮތީ ލަސްވެފައެވެ. ޢަމަލީ މަސައްކަތް ފެށުނުލެއް އޮތީ ފަސްވެފައެވެ. ވަގުތު އޮތީ ފާއިތުވެފައެވެ. ގިނަ ރައްޔިތުންތަކެއް މަގޫފަތް ކާންޖެހި، ބައެއް ރައްޔިތުން ބަނޑަށް މަރުވީ އެހެންވެއެވެ. އެ ހިތި ތަޖުރިބާ ތަހައްމަލު ކުރިތާ 70 އަހަރު ފާއިތުވީއެވެ. ނަމަވެސް ދަނޑުވެރިކަމަށް އޭރު ފެށި މަސައްކަތް އޮތީ ހުއްޓިފައެވެ. ދަނޑުވެރި ވިސްނުންވަނީ ގައުމީ ފާލުން ނެއްޓިފައެވެ. އެކަމާމެދު ދެކޭ ގޮތް އޮތީ ހީނުކުރާހައި ދަށަށް ވެއްޓިފައެވެ. މި ހާލަތަށް ދިވެހި ގައުމު ދިޔައީ އެތައް ޖީލަކަށް މުޑުވައްކޮށްދޭން ޖެހޭ ދަނޑުވެރިކަމުގެ ވިސްނުމަށް އިހުމާލު ވެވުނީތީއެވެ. މި އިހުމާލުގެ ހަގީގީ ކައްފާރާއަކީ ދަނޑުވެރިކަމުގެ ތަޢުލީމު ރާއްޖެއަށް ޢާއްމުކުރުމެވެ. ތަޢުލީމީ ނިޒާމުން ދަނޑުބިންތަކާއި ދަނޑުވެރިކަމަށާއި ދަނޑުވެރީންނަށް ލޯބި އުފެއްދުމެވެ. މިއީ ދިވެހި އިގުތިޞާދީ ދަމަނަކުރުމަށާއި ވަޒީފާގެ ފުރުޞަތު އިތުރު ކުރުމަށާއި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ވެސް މިއަދު ކުރަންޖެހޭ ކަމެކެވެ.

ސްކޫލުތަކުގައި ދަނޑުވެރިކަމުގެ ޢިލްމު އުނގަންނައިދިނުމޭ ބުނުމުން މޭކަރާ ކިތަންމެ ބަޔަކު ތިބެދާނެއެވެ. އެއީ މުޅި ދުނިޔޭގައި ވެސް އިއްޔެއާ ޖެހެންދެން ކަން އޮތްގޮތެވެ. ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ކަން ހިނގި ގޮތެވެ. ގިނަ ބަޔަކު ނަމޫނާއެއްގެ ގޮތުގައި ބަލައި އެމެރިކާގައި ވެސް ކަން ހިނގި ގޮތެވެ. ދަނޑުވެރިކަމާ މެދު ޒަމާނުއްސުރެ އެމެރިކާގައި ގަބޫލުކުރަމުން އައިސްފައިވަނީ އެއީ ރަށްފުށު ހިސާބުތަކުގެ މަސައްކަތެއްގެ ގޮތުގައެވެ. އަދި އެކަމާމެދު ބެލެވެމުން އައީ އެއީ އިގުތިސާދީ މަސައްކަތަކަށް ވުރެ ބޮޑަށް އާދަކާދަ ހިފެހެއްޓުމަށް ކުރަމުން އައި މަސައްކަތެއްގެ ގޮތުގައެވެ (ފްރެޑްރިކް ބޫޓެލް، 2011). ރާއްޖޭގައި ވެސް ކަން އޮތީ މި ކަހަލަ ގޮތަކަށެވެ. ގަބޫލުކުރެވެނީ މި ވިސްނުމެވެ. ނަމަވެސް ނޭނގެނީ މި ވިސްނުން ބާވެ، ތަރައްގީވެފައި ގައުމުތަކުން ދެކޭ ގޮތް ބަދަލުކުރުމަށް މަސައްކަތް ފެށިތާ އެތައް އަހަރެއް ވެއްޖެކަމެވެ. ދަނޑުވެރިކަމުގެ ޢިލްމު ސްކޫލުތަކުގައި ކިޔަވައިދެން ފަށައި އެ ތަޖުރިބާ އެކި މިންވަރަށް އެކި ގޮތްގޮތަށް ތަޢުލީމީ ނިޒާމުގެ ތެރޭގައި ކުރަމުން އަންނަ ކަމެވެ.

ދިވެހިރާއްޖޭގައި މި މަގުން މި ކަންކަން ކޮށް އިގުތިޞާދު މޭ ކަރަކަރާ އޮންނަ އޮތުން ހުއްޓުމަކަށް ގެންނާން ޖެހެއެވެ. ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދަނޑުވެރިކަމުގެ ތަޢުލީމު ކިޔަވާ ދަރިވަރުންނަށް ދޭން ޖެހެއެވެ. މިކަމުގެ މިސާލުތައް ދުނިޔެގެ ކަންކޮޅުތަކުން ވެސް ނަގާންޖެހެއެވެ. ކުރަންޖެހޭ ކަމަކީ ކިޔަވައިދޭ އެހެން މާއްދާތަކާ ދަނޑުވެރިކަމާ ހުރި ގުޅުން ބުނެދޭންވީއެވެ. މިސާލަކަށް “ފުޑް، ހެލްތު އެންޑް އެގްރިކަލްޗާ” ގެ ގޮތުގައި މާއްދާއެއް ކިޔަވައިދެވިދާނެއެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ބައެއްގެ ގޮތުގައި ވެސް ދަނޑުވެރިކަން ކިޔަވައި ދެވިދާނެއެވެ.

މި ދެންނެވި ގޮތަށް ކާމިޔާބު ތަޢުލީމެއް ތަޖުރިބާ ކުރި އެއް ގައުމަކީ ކިރްގިސްތާނެވެ. ކިރްގިސްތާނުގައި ދަނޑުވެރިކަމުގެ ތައުލީމު ތައާރަފުކުރީ ތިއަރީ ކުލާސްތަކާއި ޢަމަލީ މަސައްކަތާ ވެސް އެކުގައެވެ. ދަރިވަރުން ދަސްކުރީ މަސައްކަތެއްގެ ގޮތުގައި “އެގްރިބިޒްނަސް” ކުރެވޭނެ ގޮތްތަކާއި އުކުޅުތަކެވެ. (ޑޭވިޑް އޭކަރ، ލަވިނިއާ ގަސްޕިރީނި، 2009). ފާހަގަކޮށްލެވޭ ކަމަކީ ކިރުގިސްތާނުގައި އެ ގޮތަށް ކިޔަވައިދޭން ފެށުމުން ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމަށް ބޮޑަށް ޝައުގުވެރިވީ ރަށްފުށަށް ވުރެ ބޮޑަށް ސިޓީތަކުގެ ސަރަހައްދުތަކުގެ ދަރިވަރުންކަމެވެ. މިއީ މި ރާއްޖޭގައި ނުކުރެވޭނެ ކަމެއް ނޫނެވެ. ތެދެކެވެ. މާސިންގާ ބޮޑެތި ބިންތަކެއް ނެތެވެ. މިލިއަން މިލިއަންގެ އާބާދީއެއް ނެތެވެ. ނަމަވެސް ކޮންމެ 513 މީހަކަށް ފަޅުރަށެއް އެބަ އޮތެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އުގަންނައި ދެވޭނެ ގޮތްތައް ފަހިވެފައި އެބަ ވެއެވެ. އެހެންކަމަށް ވާނަމަ ދިވެހީންނަށް ބޭނުންވާ މިންވަރަށް ކާނާގެ ބައެއް ވައްތަރުތައް ނުއުފެއްދެން ވީ ކީއްވެ ހެއްޔެވެ؟ މި ވިސްނުން މުޑުވައް ނުކުރެވެންވީ ކީއްވެ ބާވައެވެ؟

މި ދުވަސްވަރު އެންމެ ބޮޑަށް އިވެނީ ދަނޑުވެރިކަން ކުރުމަށް ގޮވާލާ އަޑެވެ. އެންމެ ބޮޑަށް ދެކެވެނީ ދަނޑުވެރި އުފެއްދުންތައް ނެރުމަށް ހިތްވަރު ދެއްވައި އެފަދަ އުފެއްދުންތައް ގަނެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާނެކަމުގެ ވާހަކައެވެ. އެއްބަހެވެ. ހަމަ މުޅީން އެއްބަހެވެ. ދަނޑުވެރިކަމަށް އިންތިހާއަށް ސަމާލުކަން ދޭންޖެހެއެވެ. ނަމަވެސް ސަމާލުކަން ދޭންވީ ހަމައެކަނި ވުނަކުރާކަށް ނޫނެވެ. ހަމައެކަނި ހުސްބިންތަކެއް ދަނޑުވެރީންނާ ހަވާލު ކުރާކަށް ވެސް ނޫނެވެ. ހަމައެކަނި ލުއިލޯނު ދޫކުރާކަށް ވެސް ނޫނެވެ. ހަގީގަތުގައި ދަނޑުވެރިކަމަށް ކުރަންވީ އެންމެ މުހިންމު އެއް ވުނައަކީ ސްކޫލު މަދަރުސާތަކަށް ކުރަންވީ ވުނައެވެ. ދަނޑުވެރިކަން ކިޔަވައި ދެވޭނެ ފަދަ އެދުރުން އުފެއްދުމަށް ކުރަންވީ ވުނައެވެ. ދިރާސާތައް ކުރުމަށާއި މުގައްރަރުތަކަށާއި ދަރިވަރުންގެ ފޮތްތަކަށް ގެންނަންވީ ބަދަލުތައް ގެނައުމަށް ކުރަންވީ ވުނައެވެ. ކިޔަވައިދެވޭ ގޮތްތަކަށް ބަދަލުތަކެއް ގެނެސް ދަނޑުވެރިކަމަށް ޝައުގުވެރިކަން އުފެދޭނެ ގޮތްތަކެއް ހޯދުމަށް ކުރަންވީ ވުނައެވެ. މިއަދު ދޫކުރާ ދަނޑުތަކަށް މާދަމާ ނުކުންނާނެ ދަރީންތަކެއް ތައްޔާރު ނުކުރާ ނަމަ ކުރާ ހޭދައިގެ ބޭނުމަކީ ކޮބައިތޯއެވެ؟ ބިދޭސީން ވަކިހިއްޕާލާން ވަންނާނެ އިތުރު ދޮރެއް ހުޅުވާލުމުގެ މާނައެއް އެބަ އޮތްތޯއެވެ؟

ދަނޑުވެރިކަމަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ވަރަށް އާދައިގެ ކުޑަކުޑަ ކަމަކަށް ވީނަމަ ވެސް ދުނިޔޭގެ ނަޒަރުން މިއީ އިންތިހާއަށް މުހިންމު ބޮޑު ކަމެކެވެ. 1980ގެ އަހަރުތަކާ ހަމައަށް ވެސް ދަނޑުވެރިކަމަކީ އެންމެ ގިނަ ބަޔަކު އާމްދަނީ ހޯދާން ކުރި މަސައްކަތެވެ (ކްރިސްޓަލް ޖޯންސް، ރެބެކާ ޖޭ ވިލިއަމްސް، ތޯމަސް ބީ ގިލް، 2017). އދ.ގެ ދަނޑުވެރިކަމާއި ކާނައާ ބެހޭ ޖަމިއްޔާ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން، އެފްއޭއޯ (2015) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރު ދުނިޔޭގެ އާބާދީގެ 38 ޕަސެންޓް މީހުން އާއްމުދަނީ ހޯދުމަށް ކުރި މަސައްކަތަކީ ދަނޑުވެރިކަމެވެ. އަދި މި އަހަރު ވެސް އެ ނިސްބަތް 36 ޕަސެންޓްގައި ހުންނާނެ ކަމަށް އެފްއޭއޯ އިން ލަފާކޮށްފައި ވެއެވެ. މިއީ ބައެއް ގައުމުތަކުގެ އާބާދީގެ ބޮޑު އިންސައްތައެއް ކުރާ މަސައްކަތްތަކަށް ވާތީ އެ މަސައްކަތް ކުރި އަރާ ނަމަ ގައުމީ އިގުތިސާދަށް އޭގެ ހެޔޮ އަސަރުކޮށް، ގައުމީ އާމްދަނީގެ މިންވަރު އިތުރުވެ، މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެއެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު އަޅުގަނޑުމެންގެ ދަނޑުވެރި ހަޔާތެއް ނެތެވެ. ދިވެހި ބާޒާރަށް އެކަށީގެންވާ މިންވަރަކަށް ދަނޑުވެރި އުފެއްދުންތަކެއް ނުނެރެވެއެވެ. މިގައުމުގައި އުފެއްދިދާނެހެން ހީވާ ތަކެތި ވެސް ގެނެވެނީ ބޭރު ކަރަތަކުންނެވެ.

2019 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި ބައެއް ބާވަތްތަކަށް ބަލައިލަމާތޯއެވެ؟ މޯލްޑިވްސް ކަސްޓަމްސް ސަރވިސް (2020) ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ކުރެހުން 1 ގައިވާ ބާވަތްތަކަށް އެކަނި 653 މިލިއަން ދިވެހި ރުފިޔާ ހަމައެކަނި އެ އަހަރު ޚަރަދުކޮށްފައި ވެއެވެ.

graph

ސޯސް: މޯލްޑިވްސް ކަސްޓަމްސް ސަރވިސް. (2020). ޖުމުލަ އިމްޕޯޓްސް 2019

ދޮންކެޔޮ، ކާށި، އަނބު، ފަޅޯ، ފެޝަންފުރުޓް އަދި ޓޯމާޓޯ ރާއްޖެއިން ބޭރުން ގެނައުމަށް 288 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، ކައްޓަލައާއި އަލައާއި ބަނބުކެޔޮ އެތެރެކުރުމަށް 12 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ފާގަ ޗިޗަންޑާގެ ބާވަތްތަކާއި ލެޓިއުސްގެ ވައްތަރުތަކާއި ކިއުކަންބާއާއި މުރަނގަ ތޮޅިއާއި ލުނބޯ ފިޔާ އަލުވި އަދި ބަރަބޯ އެތެރެކުރުމަށް 353 މިލިއަން ދިވެހި ރުފިޔާ ޚަރަދުވެފައިވެއެވެ. މިދަންނަވަނީ މިލިއަނުން ކުރެވޭ ޚަރަދު ރާއްޖޭގައި ނުހިފެއްޓޭ ވާހަކައެވެ. ދިވެހި އިގުތިސާދުން އެތައް ފައިސާއެއް ބޭރުވާ ވާހަކައެވެ. ސުވާލަކީ އެ ރަހަތައް އުފެއްދުމުގެ ގާބިލުކަން ދިވެހި ފަސްގަނޑުގައި ނެތީ ހެއްޔެވެ؟  ނުވަތަ ދިވެހި ހިތްތަކުގައި އެ ރޫހު ނެތީ ބާއެވެ؟ ޔަގީންވާކަމަކީ ދަނޑުވެރިކަމުގެ ބައެއް ބާވަތްތައް މި ރާއްޖޭގައި ހެއްދޭނެކަމެވެ. މަސައްކަތް ކޮށްފިނަމަ ދިވެހީންނަށް ބޭނުންވާ މިންވަރަށް ބައެއް ބާވަތްތައް އުފެއްދިދާނެކަމެވެ. ނަމަވެސް މި ވިސްނުން ގެނެވޭނީ ސްކޫލު ފެންވަރުގައި ކަމުގެ މުހިންމުކަން ކިޔަވައިދެވި، އެފަދަ ޖީލެއް އުފަންވެގެންނެވެ. ދަނޑުވެރިކަމަށް ލޯބިކުރާނެ ބަޔަކު އުފެއްދިގެންނެވެ. ތައުލީމީ ނިޒާމުގެ ތެރެއިން ދަނޑުވެރިކަމަށް ޖާގައެއް ފަހިކޮށްގެންނެވެ.

ސްކޫލުތަކުގައި ދަނޑުވެރިކަމުގެ ޢިލްމު ފަތުރަން ޖެހެނީ ވަޒީފާތަކުގައި ލެވިފައިވާ ތަޅު ހުޅުވޭނެ ތަޅުދަނޑިއަކަށް އެކަން ވާތީއެވެ. ދަނޑުވެރިކަމަކީ ތަފާތު އެކި ފެންވަރުގެ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ދާއިރާއެކެވެ. އަމިއްލަ މަސައްކަތުން ކެއިން ބުއިން ހަމަޖެއްސިދާނެ ދާއިރާއެކެވެ. މުޑުވައްކުރުމާއި، މުޑުވައް އިންދުމާއި ދަނޑުތައް ހައްދައި ބެލެހެއްޓުމާއި، ވިޔަފާރިއަށް ކަމުދާ ގޮތަކަށް އުފެއްދުންތައް މާކެޓްކުރުމާއި ދަނޑުވެރި ތަކެތި ވިއްކުންފަދަ އެތައް ކަމެއް ކުރެވެން އެބަ ހުއްޓެވެ. ދިވެހިރާއްޖެއަށް ބަލާއިރު ދިވެހި އަންހެނުންގެ އާބާދީގެ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއްބަޔަކީ ވަޒީފާއެއް ނެތް ނުވަތަ ވަޒީފާ ހޯދަން މަސައްކަތް ނުކުރާ މީހުން ކަމަށާއި ޒުވާނުންގެ ތެރެއިން ވެސް 15.3 އިންސައްތަ މީހުންނަކީ ވަޒީފާ ނެތް މީހުން ކަމަށް ވޯލްޑް ބޭންކާ ހަވާލާދީ މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް (2019) ހާމަކުރެއެވެ. މި އާބާދީ މަދުކުރުމަށް ޓަކައި ކުރެވިދާނެ އެއްކަމަކީ ދަނޑުވެރިކަމުގެ މުހިންމުކަން އަދުގެ ދަރީންނަށް ވިސްނައިދިނުމެވެ. ވަޒީފާއަކީ ހަމައެކަނި ސަރުކާރުގެ އިދާރީ ކަންކަން ބެލެހެއްޓުން ނޫންކަން ހަނދާންކޮށްދިނުމެވެ.

ރާއްޖެއަށް ވަޒީފާގެ ބާޒާރުން ހައްލުކުރަން އެންމެ އުނދަގޫވެފައިވާ އެއް މައްސަލައަކީ ސިވިލްސާވިސްގެ އާބާދީ ބޮޑު މައްސަލައެވެ. ރާއްޖޭގެ މަސައްކަތް ކުރާ ދިވެހި އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތައަކީ ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ކަމަށްވާ އިރު މި ނޫން ގޮތެއް ހޯދާންޖެހެއެވެ. އެ ގޮތް ހޯދޭނީ އާ ދާއިރާއަކުން ވަޒީފާގެ ފުރުޞަތުތަކެއް ފަހިވެގެންނެވެ. މި ކަމަށް ޓަކައި ދަނޑުވެރިކަމުގެ ތަޢުލީމު އާއްމު ކުރަންޖެހެއެވެ. މި ހާލަތު ބަދަލުކޮށް އާ ދާއިރާއަކަށް ދިވެހިރާއްޖެ މިސްރާބު ޖަހަން ވިސްނާއިރު އިގުތިސާދީ ދުރުމިއަށް އެންމެ ފަސޭހައިން އަރާނީ ދަނޑުވެރިންގެ ދަނޑުތަކާއި މަސްވެރިންގެ ކަނޑުތަކެވެ. އަޅުގަނޑުމެން ކުރާންވީ ކަމަކީ ކިޔަވާ ނިމިގެން ނުކުންނަ ދަރިވަރުންގެ ދުރުމިއަށް މި ދަނޑުތަކާއި ކަނޑުތައް އަރާނެ ގޮތެއް ހޯދަންވީއެވެ. އެ ކުދީންގެ ސިކުނޑިތައް މި ދާއިރާތަކަށް މިސްރާބު ކުރުވަންވީއެވެ. އެ ކުދީންގެ ހިތްތައް މިދާއިރާތަކަށް އެނބޭރޭނެ ގޮތެއް ހަދަންވީއެވެ. މި ގޮތް ކަމު ނުދާނަމަ މިއަދު ވެސް މި ތިބިހެން ބޭރުތަކެއްޗަށް ރޭރުވެގެން ތިބެވިދާނެއެވެ.

ދަނޑުވެރިކަމަކީ ގައުމެއް ހަމަޖެހުމާއެކު އޮންނަ ހާލަތުގައި އެ ގައުމުގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ އެންމެ މުހިންމު މަސައްކަތެވެ. މިކަމުގެ ސަބަބުން ކާނާ މަދުވުމުގެ ބަލިން ގައުމު ސަލާމާތްވެ ގައުމުގެ ތަރައްގީއަށް އެޅޭ ގިނަ ހުރަސްތަކެއް ނެތިގެން ދެއެވެ. ހިތާމައަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ނެތްކަމެވެ. އޮތްކަމަށް ބުނިނަމަ ވެސް އެއީ ވަގުތީ ރައްކާތެރިކަމެއް ކަމެކެވެ. މުނާ މުޙައްމަދު (2016) ހާމަކުރައްވާ ގޮތުގައި “ރާއްޖޭގެ ފުޑް ސެކިއުރިޓީއަކީ ނުވަތަ ކާބޯތަކެތީގެ ޔަގީންކަން ހޯދުމަކީ އަދި މި ވީހައިތަނަށް ގައުމީ ފެންވަރެއްގައި ސީރިއަސް މައްސަލައެއްގެ ގޮތުގައި މި ފަހުގެ ސަރުކާރުތަކުންނާއި މަޖިލީހުން އަދި އަތޮޅުތަކުގެ ރައްޔިތުން ވެސް ނަގާފައިވާ މައްސަލައެއް ކަމަކަށް ނުފެނެއެވެ” (ޞ.250).

މި ހާލަތުގައި ވިސްނުން ބަހައްޓަންވީ ދުރު މުސްތަގު ބަލަށެވެ. އެ މުސްތަގުބަލު ފެންނަނީ މިއަދުގެ ޅަ ޖީލަށް ދަނޑުވެރިކަމުގެ ޢިލްމު އުނގަންނައި ދެވިގެންނެވެ. ސްކޫލުގައި ދަނޑުވެރިކަން ކިޔަވައިދިނުމުގެ މާނައަކީ ހުރިހާ ދަރިވަރުން ދަނޑުވެރިންނަށް ހެދުމެއް ނޫނެވެ. އެއީ އެއަށް ވުރެ މާ ފުޅާ ދާއިރާއެއްކަމާއި އެތައް ފުރުސަތުތަކެއް ހުޅުވިފައިވާ ދާއިރާއެއްކަން ވިސްނައިދޭން ޖެހެއެވެ. ޖުންކޫ ލީ، ގެރީ ޖެރެފީ، ޖެނެޓް ބުވޭ (2012) ވިދާޅުވާ ގޮތުގައި  ދަނޑުވެރިކަން ކިޔަވައިދޭންވީ ކުރިއެރުމުގެ ބައެއްގެ ގޮތުގައެވެ. އެގޮތަށް ކިޔަވައި ދެވޭ ނަމަ އެ ދަނޑުވެރިކަމާއި ތައުލީމީ އަދި ވަޒީފާގެ ފުރުސަތުތަކާ ގުޅުން އޮން މިންވަރު މީހުންނަށް ވިސްނައިދެވި، ދެކޭ ގޮތް ބަދަލުކުރެވޭނެއެވެ. މިއަދު ކުރާންވީ ކަމަކީ ދަނޑުވެރިކަމުގެ މަސައްކަތަކީ މުހިންމު މަސައްކަތެއްކަމަށް ދެކި އެ ދާއިރާ ފުޅާކޮށް، ކުރިއަރަމުން އަންނަ އިގުތިސާދެއްގައި ދަނޑުވެރިކަމުގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް ފުންކޮށް މާނަކޮށްދެންވީއެވެ. އެއީ ހަމައެކަނި  ކަތިވަޅި ހިފައިގެން ދަނޑަށް ދިއުން ނޫންކަން ވިސްނައިދޭންވީއެވެ.

ދަނޑުވެރިކަން ފުޅާކުރުމަށް ސަރުކާރުގެ ވިސްނުން އެބަ ހުއްޓެވެ. މެނިފެސްޓޯގައި ވެސް އެކަން ވަނީ ލިޔެފައެވެ. އެ ނިޔަތުގައި ބިން ހުރި ރަށްރަށުން، ކުއްޔަކާ ނުލައި ތިން އަހަރަށް ދަނޑުވެރިކަމަށް ބިން ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ (އާސިމާ ނިޒާރު، 2020). ނަމަވެސް ދެމެހެއްޓެނިވި ގޮތަކަށް މި ކަން ކުރަން ވިސްނާ ނަމަ އެންމެ ފުރަތަމަ ވެސް ތަރަހައިން މި ކަން ފަށަންޖެހެއެވެ. ސްކޫލު މަދަރުސާތަކާ ހަމައިން މައްސަލައަށް ބޭނުންވާ ހައްލުގެ އޮށް އިންދައި ހަގީގީ ބައްޔަށް ފަރުވާ ކުރާންޖެހެއެވެ. އެހެން ނޫންނަމަ އަނެއްކާ ވެސް ފެންނާނީ ބިދޭސީންނަށް ހުޅުވޭ އިތުރު ދޮރެކެވެ. ދިވެހިރާއްޖޭގައި 2018 ވަނަ އަހަރު، މަސައްކަތްތެރީންގެ ގޮތުގައި 145،862 ބިދޭސީން ހަރަކާތްތެރިވެފައި ވެއެވެ (މަރްޔަމް ވަފާ 2019). މިއަދު މި އުޅެނީ އެ މީހުންގެ ކިބައިން ގައުމު ސަލާމަތް ނުވެވިގެންނެވެ. އެ މީހުންގެ އަމިއްލަ ވަޒަނަށް އެ މީހުން ފޮނުވާލެވޭނެ ގޮތެއް ވެސް ނުހޯދިގެންނެވެ. މި ހާލަތުގައި އެ މީހުންނަށް އިތުރު ފުރުޞަތެއް ފައިކޮށްނުދީ ދަނޑުވެރިކަން ފުޅާ ކުރެވޭނެ ގޮތްތަކެއް ހޯދާން ޖެހެއެވެ. ދުރު މުސްތަގުބަލަށް ވިސްނާއިރު އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންގެ ރުހުން އެ މަސައްކަތަށް ހޯދުމެވެ. އަމަލީ ތަޖުރިބާއިން އެ މޭވާގެ ފޮނި ރަހަ އިހުސާސް ކުރުވުމެވެ.

އެއްބަހެވެ. ދަނޑުވެރިކަމުގެ ޢިލްމު މުޅި ރާއްޖެއަށް އާއްމުވާނޭހެން ހުރިހާ ސްކޫލެއްގައި ފެށުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. އެކަމަށް ބޭނުންވާ ޓީޗަރުން ކޮބައި ހެއްޔެވެ؟ އެކަމަށް ބޭނުންވާ މުގައްރަރު ކޮބައި ހެއްޔެވެ؟ އެކަން ކުރެވޭނެ ދަނޑުތައް ކޮބައި ހެއްޔެވެ؟ އެކަން ކުރާނެ ޚަރަދު ކޮބައި ހެއްޔެވެ؟ މި ހުރިހާ ސުވާލަކަށް ވެސް ދޭން އޮތީ އޮތީ އެންމެ ޖަވާބެކެވެ. ސަރުކާރުން ބޭނުން ނަމަ މިކަން ކުރެވޭނެއެވެ. ކުރިމަގަށް ވިސްނާ ނަމަ މިކަން ކުރާންޖެހެއެވެ. އިގުތިސާދަށް ދަމަނަކަން ގެންނަން ބޭނުންވާ ނަމަ މި ވިސްނުން ގެންގުޅޭން ޖެހެއެވެ. ވަޒީފާގެ ފުރުޞަތު އިތުރު ކުރުމަށް މި މަގުން ހިނގާން ޖެހެއެވެ. އަދި ކާނާގެ ރައްކާތެރިކަން ހޯދަން ބޭނުންވާ ނަމަ މި ގޮތް އިޚުތިޔާރުކުރުން މާ މުހިންމެވެ.

 

ހަވާލާ ލިސްޓް

ކްރިސްޓަލް ޖޯންސް، ރެބެކާ ޖޭ ވިލިއަމްސް، ތޯމަސް ބީ ގިލް. (2017). “އިފް ޔޫ ސްޓަޑީ، ދަ ލާސްޓް ތިންގް ޔޫ ވޯންޓް ޓު ބީ އިޒް ވޯކިންގ އަންޑަރ ދަ ސަން:” އެން އެނަލިސިސް އޮފް ޕަރސެޕްޝަންސް އޮފް އެގްރިކަލްޗަރަލް އެޑިއުކޭޝަން އެންޑް އޮކިއުޕޭޝަންސް އިން ފޮރ ކަންޓްރީސް. އެގްރިކަލްޗަރ އެންޑް ހިއުމަން ވެލޫސް 34، 15-25. https://doi.org/10.1007/s10460-016-9685-4 ން.

އާސިމާ ނިޒާރު. (2020 އޭޕްރީލް 11). ކުއްޔާ ނުލައި ތިން އަހަރަށް ދަނޑުވެރިކަމަށް ބިން ދޫކުރަނީ. މިހާރު. ނެގީ https://mihaaru.com/news/72327 އިން.

އެފްއޭއޯ. (2015). ޕޮޕިއުލޭޝަން ސްޓެޓިސްޓިކް ޑިވިޝަން، އެފްއޭއޯ. ނެގީ  http://faostat3.fao.org. ން.

ފްރެޑްރިކް ބޫޓެލް. (2011). ސަމް ރިފްލެކްޝަން އޮން ލޭޓް ޓްވެންޓީތް ސެންޗަރީ އެގްރަރިއެން ޕޮލިޓިކަލް އިކޮނޮމީ.

ސޯސިއޯލޮޖިއާ ރޫރަލީސް 41(2): 165-181.

މަރްޔަމް ވަފާ. (2019، ޖުލައި 13). 254 ވަނަ އަހަރު ދިވެހީންގެ އާބާދީ މިލިއަނަކަށް، ބިދޭސީންގެ އާބާދީ 4 ލައްކައަށް އިތުރުވާނެ. ޕީއެސްއެމް ނިއުސް. ނެގީ https://psmnews.mv/53653 އިން.

މުނާ މުޙައްމަދު. (2016). ފަޅު އަލި ރަންމުތް. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާޒް ޕވޓ. ލޓޑ.

މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް. (2019 އޮކްޓޯބަރ 19). ވަޒީފާ ހޯދަން ދިވެހި ޒުވާނުންނާއި އަންހެނުންނަށް އުނދަގޫ: ވޯލްޑް ބޭންކް. މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް. ނެގީ https://mbsnews.mv/11159 އިން.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް. (2020). ޖުމުލަ އިމްޕޯޓްސް 2019. ނެގީ https://www.customs.gov.mv/dv/Media/Documents/downloads ން.

ޑޭވިޑް އޭކަރ، ލަވިނިއާ ގަސްޕިރީނި. (2009). އެޑިއުކޭޝަން ފޮރ ރޫރަލް ޕީޕަލް: ދަ ރޯލް އޮފް އެޑިއުކޭޝަން، ޓްރެއިނިންގ އެންޑް ކެޕޭސިޓީ ޑިވެލޮޕްމެންޓް އިން ޕަވަޓީ ރިޑަކްޝަން އެންޑް ފުޑް ސެކިއުރިޓީ. ރޯމް: ޔުނައިޓެޑް ނޭޝަންސް ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން.

ޖުންކޫ ލީ، ގެރީ ޖެރެފީ، ޖެނެޓް ބުވޭ. (2012). ގްލޯބަލް ވެލޫ ޗެއިން އެންޑް އެގްރިފުޑް ސްޓޭންޑާރޑްސް: ޗެލެންޖެސް އެންޑް ޕޮސިބްލިޓީސް ފޮރް ސްމޯލް ހޯލްޑާރސް އިން ޑިވެލޮޕިންގ ކަންޓްރީސް. ޕްރޮސީޑިންގސް އޮފް ދަ ނޭޝަނަލް އެކެޑެމީ އޮފް ދަ ސައިންސް 109(31)، 12326 -12331.

 

 


 

About_Anwar-04